ވާހަކަ

ރަސްގެފާނާއި ޖާދޫގަރު(5ވަނަ ބައި)

ރަސްގެފާނާއި ޖާދޫގަރު(5ވަނަ ބައި) ކުޑަކުދިންގެ ވާހަކަ

ބިންބާދު ސާހް ނިކަން އުފަލުން ހުރެ ރަސްގެފާނުގެ ގަނޑުވަރަށް ދިޔައެވެ. ނަމަވެސް އޭރު ހުރިހާ ކަމެއް ވަނީ ބަދަލުވެފައެވެ. ރަސްކަން ވަނީ ބަދަލުވެފައެވެ. ނަވާބު ސާހް ރަސްގެފާނު އަވަހާރަވުމާއި ގުޅިގެން މިހާރު އެ ޝަހަރުގައި ރަސްކަން ކުރަމުން ދަނީ ރަސްގެފާނުގެ ދޮށީ ދަރިފުޅު ނައުޖާދު ސާހެވެ. އޭނާގެ އަނިޔާވެރިކަން މުޅި ޝަހަރަށް ވަނީ ފެތުރިފައެވެ. ބިންބާދު ސާހް އޭނާގެ އެއްމާބަނޑު އަޚް ފެނުމުން ނިކަން އުފަލުން ހުރެ އޭނާގެ ކައިރިއަށް ދިޔައެވެ. ގަނޑުވަރުތެރޭގައި ރަސްގެފާނު އިންނަވާ ޖަވާހިރުން ޒީނަތްތެރިކޮށްފައިވާ ގޮޑިކޮޅުގައި ވަރަށް ބޮޑާކަމާއެކު ނައުޖާދު ސާހް އިންނެވިއެވެ. ރަސްގެފާނުގެ ކައިރިއަށް ގޮސް ސަލާމްކުރުމުގެ ގޮތުން ބޯގުދުކޮށްލިތަނާ ވަޒީރުގެ ކަނޑިކޮޅުން ބިންބާދު ސާހްގެ ކަނދުރާގައި ޖައްސަވާ ބޯކަނޑާލެއްވިއެވެ.

 ދެން އެ ބޯ ގެންގޮސް ނައުޖާދު ސާހަށް އެރުވުމުން ނިކަން ރުޅިވެރިކަމާއެކު ބޮލުގެ އިސްތަށިގަނޑުގައި ހިފިއެވެ. އަދި ކަނޑިކޮޅުން އިސްތަށިކޮޅެއް ބުރިކޮށްލުމަށްފަހު ބުންޏެވެ. ” އަހަރެންގެ ރަސްކަން ފޭރިގަތުމަށް މަސައްކަތް ކުރާ ހަމަ ކޮންމެ މީހަކަށް ވާނީ މިހެން. އެންމެ އިސްތަށްޓެއްގެ ހިޔަނިވެސް މި ރަސްކަމަށް އެޅުނަކަ ނުދޭނަން.” މިހެން ބުނެފާ ވަޒީރުންނާއި ދިމާލަށް އެ ބޯ އެއްލާލެއްވިއެވެ.

އެހިނދު ބިންބާދު ސާހަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. އޭރު މީހާ ހުރީ ފެނުނު ހުވަފެނުގެ ސަބަބުން ގައިން ދާހިތްލާ ފޯވެފައެވެ. ދަތުރު ދިގުވުމާއި ގުޅިގެން އަރާމުކޮށްލުމަށް ތަނެއްގައި މަޑުކޮށްލި ވަގުތު އޭނާއަށް ނިދުނީއެވެ. ޖާދޫގަރުގެ އަސް ވިނަ ކާން އޭރު އޭނާ ކައިރީގައި އޮތެވެ. މި ފެނުނު ހުވަފެނާއި މެދު އޭނާ ނިކަން ފިކުރު ބޮޑުވެއްޖެވެ. އެ ހުވަފެނުން އަންގައިދެނީ ކޮންމެވެސް ނުރައްކަލެއް އަތުވެދާނެކަމުގެ އިންޒާރެވެ. ބިންބާދު ސާހު ހިތާ ހިތާ ބުނެލިއެވެ. “އަވަހަށް އެ ޝަހަރަށް ދާންވީ. ނޫންނަމަ ކަންކަން މާ ގޯސްވެދާނެ. މި އަހަކީ އުދުހެވޭ އެއްޗެއް ނަމަ މިހާރު ވަރަށް ހަލުވިކަމާއެކު އެޝަހަރަށް ދެވިދާނެ.”

މިހެން ހިތާ ޖާދޫގަރު ދިން ޖާދޫގެ ފަށް ކަރުގައި އެޅުމަށްފަހު އަހުގައި ފިރުމާލިއެވެ. އަދި އަހާއި ވާހަކަ ދައްކަން ފެށިއެވެ. ކުޑައިރުކޮޅަކުން އަސް ދެފަރާތަކަށް ހޫރިހޫރިފައި ކޮންމެވެސް އެއްޗިހި ތަކެއް އެބަ ކިޔައެވެ. ނަމަވެސް އަސް ކިޔާ އެއްޗެއް ބިންބާދު ސާހަކަށް ދޭހައެއް ނުވިއެވެ. އެހެނީ އަސް ވާހަކަ ދައްކަނީ ޖަނަވާރުންގެ ބަހުންނެވެ. ދެވަނަ ފަހަރަށް ޖާދޫގަރު ދަސްކޮށްދިން ލަފުޒުތަކެއް ކިޔުމަށްފަހު އަހުގައި ފިރުމާލިއެވެ. އެއާއި އެކު އަސް ދައްކަމުން ދިޔަ ވާހަކަތައް ރަނގަޅަށް އެނގިއްޖެއެވެ. އަދި އެހިސާބުގައި އުނދުހެމުން ދިޔަ ދޫނިތައް ދައްކަމުން ދިޔަ ވާހަކަތައްވެސް ދޭހަވިއެވެ. އެޖާދޫގެ ސަބަބުން މިހާރު ބިންބާދު ސާހަށް ޖަނަވާރުންގެ ބަސް އެނގުނީ ކަމުގައި އޭނާ ނިންމިއެވެ.

ބިންބާދު ސާހް: “އަހަރެން ވީއެންމެ އަހަވަށް ރަސްގެފާނުގެ ގަނޑުވަރަށް ދާން ބޭނުން.”

އަސް: ” އަހަރެންގެ ބުރަކަށިމައްޗަށް އަރާ ކަރުގައި ތިވާ ފަށް އަހަރެންގެ ކަރުގައި އަޅުވާ!”

ބިންބާދު ސާހް: “ނޫން ނޫން. ތިޔަކަމެއް ނުކުރެވޭނެ. ޖާދޫގަރު ބުނެފައި އޮތީ މިފަށް އަހަރެންގެ ގައިން ވަކިކޮށްގެން ނުވާނެކަމަށް”.

އަސް: ” ތިޔަހާ ބިރުގަންޏާ ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ނުކުރެވޭނެ.”

ބިންބާދު ސާހް: ” ބޭނުންވަނީ އަހަރެންގެ އަތުން މިފަށް އަތުލަންތަ؟ ނޫނީ އަހަރެންނަށް ލަނޑެއްދީފަ ފިލަންތަ؟”

އަސް: ” މިހިރަ މޮޔަ ރަސްގެފާނުގެ ދަރިފުޅާ! އަހަރެން ކަލެއަށް ދެރައެއް ދިނުމުގެ ބޭނުމަކީ ކޮބާ؟ އަހަރެންނަށް އޮތީ ކޮން ފައިދާއެއް؟ އަހަރެން ކަލޭގެ ކިބައިގެން ފިލައިގެން ސަލާމަތް ވިޔަސް ޖާދޫގަރު އަހަރެން ހޯދާނެ. އަދި އަހަރެންގެ ވާޖިބު އަދާނުކުރިކަމަށްޓަކައި އެކަމުގެ އަދަބު ލިބޭނެ”

ބިންބާދު ސާހް: :އެންމެ ރަނގަޅު! ކަލޯ ބުނާ ގޮތަކަށް ހަދާނަން. އެކަމަކު އަހަރެންގެ އަމިއްލަ ރައްކަލަކަށްޓަކައި ފަށުގެ ފުލުގައި މިވާ މުތީ އަހަރެންގެ އަތުގައި ބާއްވާނަން. އެންމެ ރަނގަޅުތަ؟”

އަސް އެސޮރުގެ މޮއްގަނޑުން އިޝާރާތްކޮށް އެގޮތް އެންމެ ރަނގަޅު ކަމުގައި ބުންޏެވެ. ބިންބާދު ސާހު ޝަރުތުކުރިގޮތަށް އެއްބަސްވުމުން އަހުގެ ބުރަކަށި މައްޗަށް އަރާ އޭގެ ކަރުގައި ޖާދޫގެ މޫތީގެ ހާރު އަޅުވާފިއެވެ. އެހިނދު ހުދުކުލައިގެ ވަރަށް ބިޔަ ދެ ފިޔަގަނޑު އަހުގެ ދެފަރާތުން ނިކުމެއްޖެއެވެ. ބިންބާދު ސާހު ބަލާކަށް ނުހުރެ އަހުގެ ލަގަނަށް ދަމާލުމާއި އެކު އަސް ދުވެލި ބާރުކޮށްލިއެވެ. އަދި އުނޑުގެ ވިލާތަކުގެ ތެރެއިން ލާފައި އަސް ވަރަށް ހަލުވިކޮށް ދަތުރުކުރަން ދިޔައެވެ.

 ބިންބާދު ސާހު އަހުގައި އުނދުހޭ މަންޒަރު އެހިސާބުގައި އުޅޭ އެންމެ ބާރުގަދަ ޖިންނީގެ ދަރިފުޅަށް ފެނިއްޖެއެވެ. އެ ޖިންނި ވަގުތުން ކަޅުކުލައިގެ އުދުހޭ އަހަކަށް ބަދަލުވެ ބިންބާދު ސާހާއި ހަމަލާދިނުމަށް ތައްޔާރުވިއެވެ. އަދި ހުދުއަހާއި ހަމައަށް ގޮސް އޭގެ ކުރިމައްޗަށް އަރާފައި ނިކަން ރުޅިވެރި ރާގެއްގައި އެބަ ބުނެއެވެ.

ޖިންނި އަސް: “އަހަރެންގެ ހުއްދަ ނެތި މިޝަހަރުގައި ދަތުރު ކުރަނީ ތީ ކާކު؟”

ޖާދޫގަރުގެ އަސް: “އަހަރެންގެ ބުރަކަށިމަތީގައި މިވަނީ ނަވާބު ސާހުގެ ދަރިކަލުން. އޭނާއަށް މި ޝަހަރުތަކުގައި ދަތުރުކުރުމުގެ ހުއްދަވަނީ ލިބިފަ.”

ޖިންނި އަސް: ” ރަސްގެފާނުގެ ދަރިކަލުންނޭ! އަހަރެންނަކީވެސް މި ޝަހަރުގެ އެންމެ ބާރުގަދަ ޖިންނީގެ ދަރިފުޅު. އެކަމަކު އަހަރެންނަކަށް ބޭނުން ޝަހަރަކަށް ދަތުރު ކުރުމުގެ ހުއްދައެއް ލިބިފައެއް ނޯވޭ! ވީއިރު ކަލޭއަށް ވަކިން އެ ޙައްޤު ލިބިގެން ނުވާނެ!”

ބިންބާދު ސާހް: ” އަހަރެމެން މިތަނުގައި މަޑުނުކުރުވާ! އަހަރެމެން މިދަނީ ވަރަށް ބޮޑު ބޭނުމަކު ވަރަށް އަވަހަށް އަހަރެމެންގެ ޝަހަރަށް ދާން”

ޖިންނި އަސް: ” އަހަރެންގެ ކިބައިން ތިޔަހާ ފަސޭހައަކުން ސަލާމަތެއް ނުވެވޭނެ. ހުއްދަ ނުހޯދި ކަމުގެ އުޤޫބާތް ކަލެއަށް ލިބެންޖެހޭނެ”

މިހެންބުނެ އެކަޅުކުލައިގެ އަސް ނިކަން ބިޔަ ބިރުވެރި ސިފައަކަށް ހުރި ފުރޭތައަކަށް ބަދަލުވިއެވެ. އަދި ބިންބާދު ސާހު އަތުލައިގަތުމަށް އަހާއި ދިމާލަށް އުދުހިގަތެވެ. އެވަގުތު ….. (ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close