މަރަށް މަރު ( ކުރުވާހަކަ )
މިއިމާރާތުގެ ތެރެއަށް އަހަންނަށް ވަދެވުނީ ކިހިނެއް ކަމެއްވެސް ނޭންގުނެވެ. ވަށައިގެންވަނީ އަނދިރިކަމެވެ. އިވޭ ތަފާތު އަޑުތަކުން ހީވަނީ ބިރުން ފިއްކެނޑިދާނެ ހެންނެވެ. ދުވާވަހުން ނޯއްދަމާލަށް ނުކެރެއެވެ. މިއެކަނިވެރިކަމާއިއެކު ލޮލަށް އިނގިލި ކޮއްޕާލިޔަސް ނޭންގޭހާ އަނދިރިކަމުގައި މިރޭ ހަތަރުދަމު މިތާ ހުންނަށް ޖެހިދާނެ ތީ އަދި މާ ކަންބޮޑުވެއެވެ. މިތަނުން ނުކުމެގެ ދިޔަސް ސަލާމަތެއް ނެތެވެ. ވަށައިގެންވަނީ ބެދިފައެވެ. އެންމެންވެގެން އެހޯދަނީ އަހަންނެވެ.
ދެންފަހެ އަހަރެން ކަންތައް ކުރާނީވެސް ކިހިނެއް ހެއްޔެވެ. މުޅިތަންވަނީ މަކުނުވަލުން ފުރިފައެވެ. މުޅި ގައިންވަނީ ހީބިހި ނަގައިގަންފައެވެ. ކުރިމަތީގައި އެވަނީ މީގެ 3 ދުވަސް ކުރިން އަހަރެން މަރާލި އަހަރެންގެ އެކުވެރި އިނާޔާގެ މުޅަވެފައިވާ ފުރާނަނެއް މަސްގަނޑެވެ. މިއަދު އަހަންނަށް އުނދަގޫ ކުރަމުން އެދަނީ އޭނާގެ ރޫހެވެ. ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ކުރިމަތީގައި ހުރި ގަހުގެ ފަހަތުން ކަޅު ހިޔަންޏެއް ހުރަސް ކޮށްލުމުންނެވެ.
ބޯހަމަޖެހޭތޯ ދެލޯމަރާލިޔަސް ލޯ މަރާލާ ކޮންމެ ފަހަރަކު އަހަރެންގެ މޫނު މައްޗަށް ސިފަވެގެންދަނީ އެ އަނިޔާވެރި މަންޒަރެވެ. އެއީ މީގެ 3 ދުވަސް ކުރިއެވެ. އަހަރެމެންގޭގައި ގެންގުޅޭ މަސައްކަތު ކުއްޖެއް ނަމަވެސް އަހަރެންގެ އެކުވެރިއެއްވެސްމެއެވެ. އަހަރެންނާއި އިނާޔާ ފުރަތަމަވެސް ދިމާވީ އަހަރެމެންގެއިންނެވެ.
އަހަންނަށް އިނާޔާ ވަރަށް ރަނގަޅެވެ. ވާނީވެސް އެހެންތާއެވެ. އިނާޔާއަކީ ހިތްހެޔޮ ރަނގަޅު ކުއްޖެކެވެ. މަޑުމައިތިރި ކުއްޖެކެވެ. ހެޔޮވަރުގެ އިސްކޮޅަކާއި ރޫފައެކެވެ. އަހަރެންނެކޭ ދާދީ އެއް އިސްކޮޅެއްގެ ވެރި މި އަންހެނާގެ ސިފައިގައި އަހަންނާއި ކުޑަނަމަވެސް ވައްތަރުކަމެއް ހުންނަކަމީ ހުދު އަހަރެންވެސް ޤަބޫލުކުރާ ހަގީގަތެވެ. ނަމަވެސް އަހަރެން އަބަދުވެސް ރުޅިއަންނަ އެއްކަމެއް އޮވެއެވެ. އެއީ އަހަރެންގެ މަންމަ އަހަންނާއި އިނާޔާ އާއި ހަމަހަމަކުރާތީއެވެ. އަހަރެންނަށް ހޯދައިދޭ ކޮންމެ އެއްޗެއް އޭނާއަށް ހޯދައިދެއެވެ. އެއީ ކީއްވެ ހެއްޔެވެ؟ އަހަރެންނަކީ މަންމަގެ ދަރިއެކެވެ. އޭނާއަކީ މީގޭގައި އުޅޭ މަސައްކަތު ކުއްޖާއެވެ. އާދައިގެ މަތިން ރެއެކެވެ. ރީތި ހަނދުވަރުގައި އަހަރެންގެ މަންމައާއި ބައްޕަ ތިބީ ގޭގެ މެދުގައި އެލުވާފައިވާ ބޮޑު އުނދޯލީގައި އޮލަ ވާހަކައެއްގައި ޖެހިފައެވެ.
އަހަރެން ވަގުވަގަށް މަންމަ ދައްކާ ވާހަކަ އަޑުއެހީމެވެ. އެމީހުން ދައްކަމުންދާ ވާހަކައަކީ އަންނަ މަހު އަހަރެން އިންޑިޔާއަށް ކުރާ ދަތުރުގައި އިނާޔާވެސް ބައިވެރިކުރާ ވާހަކައެވެ. އަހަރެންގެ ކައިރިއަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ހިތާހިތާ ކިޔާލެވުނެވެ. ކޮން ފަދަ މުސީބާތެއް ހެއްޔެވެ. އަހަރެންނަށްވުރެއް ގޭގައި އުޅޭ މަސައްކަތު މީހާގެ ގަދަރު ބޮޑު ވާންވީ ކީއްވެހެއްޔެވެ. އައިރުޅީގައި ގޮސް ނިދިފައިއޮތް އިނާޔާގެ އެއްއަތުގައި ހިފާ ދަމާ ކޮށްޕަމުން ގެނެސް ގޭގެ އެއްފަރާތުގައި ހުރި ފަޅުގެ ތެރެއަށް ހޫރާލީމެވެ.
ރުޅިގަދަވެފައިވާ އަހަރެންގެ ހިލަ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތް ކަހަލައެވެ. އަތަށް ހެޔޮވަރުގެ ގާގަނޑެއް ނަގައިގެން އެފުރާނަ ދުއްވާލުމަށް އެދިމާއަށް ހިނގަމުން ދިޔައިރު މީހާ ހީވަނީ އުވަވަޅަކުން ތެދުވެހުރިހެންނެވެ. މުޅިގައިގާ ވަނީ ހިރަފުހެވެ. ދާތިކިތައް ހީވަނީ ގައިގައި ފަނިތަކެއް ދުވާހެންނެވެ.
ދިޔަބާރުމިނުގޮސް ގާގަނޑުން އިނާޔާގެ ނޭފަތްމަތީގައި ޖަހާ އޭނާ މަރާލީމެވެ. މިހިޔާލުތަކުގެ ތެރެއަށް ގެއްލިފައި ހުރެ އަހަރެން ސިއްސައިގެން ދިޔައީ ފަޅު އެއަނދިރި އިމާރާތުގެ އެއްފަރާތަކުން އަލިކޮޅެއްގެ ހިޔަނި އެޅުމުންނެވެ. ގައިހުރި ބާރެއް ލާފައި އެދިމައަށް ދުއްވައިގަތީމެވެ.
މުޅިތަން ނާމާންވާން ފަށައިފިއެވެ. ބާރުވަމުންއައި ވައިގަނޑު ހީވަނީ ގަސްތަކާއި ރުއްތައްވެސް މުލުން ލުހެލަން އުޅޭހެންނެވެ. އިރުއިރުކޮޅާ އަހަރެންގެ ކުރިމަތި ހުރަސްކުރާ ކަޅު ހިޔަންޏަކީ އަހަރެންގެ ނިމުމޭވެސް ބުނެވިދާނެއެވެ. މުޅި މާހައުލު ސިފަކޮށްދެނީ އަހަންނަކީ ކުށްވެރިއެއް ކަމަށެވެ. ޖެހެމުންދިޔަ ބާރުވައި ހިސާބަކަށް މަޑޮކޮށްލިނަމަވެސް އިވެމުންދިޔަ އަޑުތަކަށް ބަދަލެއްވެސް ނާދެއެވެ.
އަނެއްކާވެސް ކުރިމަތިން ހިޔަންޏެއް ހުރަސް ކޮށްލިހެން ހީވުމަށްފަހު ބޮލަށް ފާޑެއްގެ ގޮތެއް ވާންފެށިއެވެ. ފާޑަކަށް އެނބުރުން އަރަން ފަށައިފިއެވެ. ދެންވީނުވީއެއް އަހަރެންނަކަށް ނޭންގުނެވެ. ހޭވެރިކަމެއް ވީއިރު އޮތީ ފަޅުގޭގެ ކުރިމަތީގައި ހުރި ހިކިފަތްތަކުގެ ތެރެއަށް ވެއްޓިފައެވެ. ބޯބަރު ގޮތަކަށް ތެދުވުމަށްފަހު ހިނގައިގަންނަށް މަސައްކަތް ކުރިތަނާ ލޮލުގައި އަޅައިގަތީ ވަޔާ ވިހުރެވުން އައި ސިޓީއެވެ. ލޯބިވާ ދަރިފުޅާއެވެ. މަންމަ މަރުވެދިޔަދުވަހަކުންވެސް ދަރިފުޅުގެ ދައްތައަށް އަޅާލައްޗެވެ. އިނާޔާއަކީ ދަރިފުޅުގެ އެއްބަނޑު ދައްތައެވެ. އެއީ މަސައްކަތު މީހެއް ނޫނެވެ. މަންމަ މިވާހަކަ ދަރިފުޅާއި ހިއްސާނުކުރީ އެއީ މަންމަގެ ދަރިއެއްކަން ދަރިފުޅުގެ ބައްޕައަށް އެނގިއްޖެނަމަ އެގޭގައި އޭނާ ގެންގުޅުނަ ނުދޭނެތީއެވެ.
އަހަރެންގެ ގައިގައި ސިޓީ އިތުރަށް ކިޔާނެ ހިތްވަރެއް ނެތެވެ. މުޅި ގައިން ހީވަނީ ވާގިދާހެންނެވެ. އަހަރެންނަށްވެސް އަހަރެންގެ ނަފްސު ކުށްވެރިކުރެވުނެވެ. މިދުވަހަށްފަހުވެސް އަހަރެން އަހަރެންގެ މުޅިދިރިއުޅުން ވޭތުކޮށް ދުނިޔެއާ އަލްވަދާއު ކީވެސް ހަމަ މި އުނދަގުލުގައެވެ. އޭނާގެ މަރުގެ ބަދަލަކީ ހަމަ މަރެވެ.
ވާހަކަ އަޑުއަހަން އިން ޒާރާ ވާހަކަ ނިމުމާއިއެކު ފާޑަކަށް ތުން އަނބުރާލިއެވެ. އެއީ އަދިވެސް އަޑުއަހާ ހިތް އޮތްލެއް ބޮޑުކަމުންނެވެ. މިއަދު ޒާރާ އެއަޑުއެހީ 1439 ވަނަ އަހަރުގެ ކުރުވާހަކަ މުބރާތުގެ 3 ވަނަ ވާހަކައެވެ. ރޭޑިޔޯ ނިއްވާލުމަށްފަހު ޒާރާ ހިނގައިގަތީ ގޭގެ މަސައްކަތާއިގެން ކުރިއަށް ދިޔުމަށެވެ.
ނޯޓް: މިއީ 22 އޮކްޓޯބަރ 2018 ގައި ނާރެސް.ކޮމް ގައި ޝާއިޢުކޮށްފައިވާ ވާހަކައެކެވެ. މިވާހަކަ މިވަނީ ރިޕަބްލިޝްކޮށްފައެވެ.
