ކުރުވާހަކަ : ކަޅު ފަރުދާ
އަހަރެން ބާރު ބާރަށް އޭނާގެ ފަހަތުން ދުވަމުން ދިޔައީމެވެ. އަހަރެންގެ އަތުގައި އޮތް ވަޅިވެސް އޭނާޔާ ދިމާލަށް އެއްލީމެވެ. ނަމަވެސް އޭނާގެ ގައިގާ ޖެހޭގޮތެއް ނުވިއެވެ. އޭނާ އެދަނީ އަހަރެންގެ މަންމަ، އަހަންނާއި މުޅި އުމުރަށް ވަކިކޮށްފައެވެ. އަހަރެންގެ ހިތުގައި އެވަގުތު ރަހުމުގެ އެންމެ ފުއްކަރެއްވެސް ނެތެވެ. ހަނި ގޯޅިތަކުންނާ ފުޅާ ގޯޅިތަކުން އަޅަމުންގޮސް އަހަރެން ވެއްޓުނީ، އޭނާ އަތުވާން ކާވަތެއްހާ ތަންކޮޅެއް އިންދައެވެ. ދެން އަހަރެން ލޯ ހުޅުވާލި އިރު، އަހަރެންގެ މަންމަ އައިސް އަހަންނަށް ފަތިސް ނަމާދަށް ދާން ގޮވާލިއެވެ.
ފުންމައިގެން ތެދުވެ މަންމަގެ ގައިގާ ބައްދާލީމެވެ. އަދި އަހަރެން ދޫކޮއްފަ ނުދިޔުމަށް ބުނެލާ، މަންމަގެ މޫނަށް ހިނިތުންވުން ގެނައީމެވެ. މަންމައަކީ އަހަރެންގެ ހުރިހާވެސް މީހާއެވެ. ބައްޕަ އަހަންނާއި އަލްވަދާޢު ކިޔާފައިވާ، މި ރަހުމުކުޑަ ދުނިޔޭގައި އަހަރެން ބަލަނީ އެ ލޮބުވެތި މަންމަޔާއި އަހަރެންގެ ދެވަނައެއްނުވާ ދައްތަ، މީރަމްއެވެ. އަހަރެން ކިތަންމެ އުފަލުގައި އުޅުނު ކަމުގައި ވިޔަސް، އަހަރެންގެ މަންމައާއި، ދައްތަވެސް އަހަންނާއި ފޮރުވާ ވަރަށް ބޮޑު ވާހަކައެއް އޮވެއެވެ. އިނގޭހާވެސް ކަމަކީ މިކަމެށް މި ހިނގަނީ ބައްޕަގެ އެންމެ ފަހު ނޭވާން ފެށިގެން ކަމެވެ.
އެއްދުވަހަކު، އިއްތިފާގަކުން އަހަރެން ފުޓުބޯޅަ ކުޅެނިންމައިގެން އައިގަޑީ ދެމައިން ތިބީ އެ ހަގީގަތެއް ނޭންގޭ ވާހަކައިގެ އެންމެ ފުނުގައެވެ. އަހަރެން ފެނުމާއިއެކު ދެމީހުންވެސް ކަރުނަ ފޮހެލާ، އަނެއްކާވެސް ފަރުދާ ދަމާލިއެވެ. ކިހިނެތްތޯވީ އަހާލާނެ ފުރުސަތެއް ނުދީ ފެންވަރަން ދާން ބުނެލިއެވެ. ކުރަކި އަޑަކުންނެވެ. ބިރުވެރި ގޮތަކަށެވެ. ވާހަކައެއް ބުނަން ބޭނުންވާ ފާޑަކަށެވެ. ނަމަވެސް ވެފަ ހުރި ވަރުބަލީގެ ސަބަބުން އަހަރެން ވަދުނީ ފާހާނަޔަށް ފެން ވަރާށެވެ. ފެންވަރައިގެން ނިކުމެ އެ ފަރުދާ ކަހާލުމުގެ ނިޔަތުގައެވެ. ނަމަވެސް ކަންތައް ހިނގީކީ އެހެނަކުން ނޫނެވެ.
އަހަރެން ނިކުއިން އިރަކު މަންމަ ގެޔަކު ނޫޅެއެވެ. ގޭ ބޭރު ޖޯލިފަތީގައި އޮށޯވެގެން އޮތީ ހޫނު އަރާފައި އޮތް މީރަމްއެވެ. ހީވަނީ ބިރެއް ފެނިފަ އޮތް މީހެއްހެނެވެ. އަހަރެން ފެނުމާއެކު ބާރު ހިނގުމެއްގައި އައިސް އަތުގައި ހިފައިގެން ގޭތެރެއަށް ވައްދާ، ފައްޖެހެނދުގައި ބޭންދިއެވެ. އަދި އަހަރެންނަށް އެންމެ ހަތަރު މަހުގައި ނިޔާވި، ބައްޕަގެ މަރުގެ ހާދިސާ ކިޔައިދިނެވެ. ދައްތަގެ ވާހަކައިން އެނގުނު އެއްޗަކީ ބައްޕަ މަރުވީކީ ނޫންކަމާއި، ބައްޕަ މަރާލީކަމެވެ. ނަމަވެސް ދައްތަގެ މި ވާހަކައިން އަހަންނަކަށް ޤާތިލެއް ނޭންގުނެވެ. އަހަރެން މި ސުވާލު ދައްތަގެ ކުރިމަތީގައި ފަތުރާލީމެވެ.
ނަމަވެސް ދައްތަ ސުވާލަކަށް ޖަވާބު ނުދީ، ސުވާލަކަށް ސުވާލެއް އުފެއްދިއެވެ. “މީރަފްއަށް އެ ޤާތިލް އިނގިއްޖެނަމަ މާފު ކުރާނަންތަ؟”. އެވަގުތު އަހަރެން ތެދުވެ ހިތާ ދެކޮޅަށް، ދައްތަޔާ ދިމާލަށް ހަޅޭތް ލަވައިގަތީމެވެ. އަދި އެމީހަކީ ކާކުކަން ނުބުނެފިއްޔާ، މަންމަ ކައިރީ ބުނާނަމޭ ކިޔައިގެން ބިރުގަންދުވާލެވޭތޯ މަސައްކަތް ކުރީމެވެ. އަހަރެންގެ ގާތަށް އެހާ ރުޅި އައީ، ދައްތަ ބުނިގޮތުން ހީވީ، ބައްޕަގެ މަރުގެ ހާދިސާގައި ދައްތަގެ ހިއްސާއެއް އޮތްކަމަށެވެ.
އެވަގުތު ދައްތަ ކުކުރަމުން ކަހަލަ ގޮތަކަށް ބުންޔެވެ. “މަން…މަމް…މަންމަ”. މި ބަހާއެކީ އަހަރެންގެ ހިތް އަތަށް އައިހެން ހީވިއެވެ. އަދި މަންމަ ކޮބައިތޯ އެ ކުށެއްނެތް ދައްތަގެ ކައިރި މާފަށްއެދޭ ހާލު ބުނެލީމެވެ. ޖަވާބު އަދި އެއައްވުރެ މާ ހިއްޗެ، “މަންމަ ދިޔައީ ބައްޕަގެ މަރާ ގުޅިގެން، ބައްޕަގެ އާއިލާގެ އެންމެން އެއްބަސްވުމާއިއެކު، މަރަށް މަރުގެ ޙުކުމް ތަންފީޒުކުރުމުން، އެ އަދަބު ލިބިގަންނާށެވެ”.މުޅި ދުނިޔެ އެފުށް މިފުށަށް ޖެހުން ކަހަލައެވެ. އަދި އަހަރެން އެވަގުތު ހޭނެތިގެން ވެއްޓުނީ ދައްތަގެ އަތްމައްޗަށެވެ.
ހޭލެވުނީ އަނެއްދުވަހު ދައްތަ ބަލައި ފުލުހުން އައިސް އުޅޭ އަޑަށެވެ. ކަންތައްތައް އޮޅުމެއް ނުފިލައެވެ. އަހަރެންވެސް ދައްތަޔާ އެއްކޮށް ގެންގޮސް ކުޑަކުދިންގެ ހިޔާއަށް ލިއެވެ. އަހަރެން ކެތްތެރިކަމާއިއެކު ހިތުގައި ބޭއްވީ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅައް ކަމަށެވެ.
އެއައްފަހު ދުވަސްތައް ހޭދަކުރަންޖެހުނީ އެކަނިވެރި ދުނިޔޭގައެވެ. އަހަރެންގެ ސުވާލުތަކަށް ޖަވާބުދޭނީ ފަހެ ކާކު ހެއްޔެވެ؟ މަންމަ އެހާގިނަ ދުވަހު މިނިވަންކަންމަތީ ހުރީ ކިހިނެއްހެއްޔެވެ؟ ދުވަހަކުވެސް އަހަރެންގެ ލޮލަށް ނުފެންނަ އެ ބައްޕަ، މަންމަޔަށް މަރާލަން މަޖުބޫރުކުރުވީ ކާކު ހެއްޔެވެ؟ އެންމެ ބޮޑު ސުވާލަކީ، “އަސްލަށްވެސް ބައްޕަ މަރާލީ ހަމަ މަންމަ ހެއްޔެވެ؟.” ކޮންމެސް ދުވަހަކުން އަދި މިކަމުގެ ހަޤީގަތް ހޯދާނަމެވެ. މިއީ އަބަދުވެސް ހިތާ ހިތާ އަހަރެން ކިޔާ ރައިވަރެކެވެ.
-ނިމުނީ-

Vrah Hadi mi vaahaka thanakun thaaku nujehi nimunee adhivex mi inee vaanuvaaga