ވާހަކަ

ކަރުނަ (އެއްވަނަބައި)

ހަނދުގެ އަލިވަރު ހިތާ ކުޅެލަނީ  އިންތިހާއަށެވެ. އެހާވެސް ޗާލެވެ .އޭގެ އަލިވަރު  އަހަރެންގެ ހިތާ ކުޅެލީ އެހާވެސް ފަސޭހަކަމާ އެކުއެވެ. ހަނދުގެ ވިދުމަށް  ބަބުޅާ ތަރިތަށް  އިޖާބަދޭލެއް ފުރިހަމަކަމާއެވެ. އެހާވެސް ފުރިހަމައެވެ.  ކުއްލިއަކަށް ހަނދުގެ ވިދުން ފަނޑުވާން ފަށައިފިއެވެ. ހަނދުގެ ފުރިހަމަ ވިދުމާ ކުޅެލީ ހަނދާ ދިމާއަށް މިސްރާބު ހިފާާފައި ހުރި ކަޅުވިލާގަނޑު ހަނދާއެޅި ފޮރުވުނު ހިސާބުންނެވެ. ޖެހެމުންދިޔަ އަރާމު ވައިރޯޅީގެ ދުވެލި ހަލުވިވީ  އިންތިހާއަށެވެ. އެވަގުތު ވިދާލި ވިދުވަރާއި ޖަހާލި ބާރު ގުގުރި ވެގެން ދިޔައީ އަހަރެންގެ ހިޔާލީ ދުނިޔޭގެ ފިކުރުތަކާއި ދުރުކޮށްލަ ދިން ކަމަކަށެވެ. ހަމަމިޔާއެކު އަހަރެންގެ ބާރުދުވެލީގެ މިސްރާބަކަށް ވެގެންދިޔައީ ކައިރީ ހުރި އަހަރެންގެ ގެއަށެވެ.

ގެއަށް ވަނުމަށް ގޭގެ މައި ދޮރާށި ތަޅުގައި ހިފާލީމެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނުމަށް ކަނާތު ފައި އިސްކުރީމެވެ. އިސް އުފުލާލައި ކުރި ބަލައިލީމެވެ. އެވަގުތު މަންމަ ” ދަރިފުޅާ ކާން އަންނާކަށް ނުވޭތަ! ” މިހެން ކިޔައި ކާ ގަޑި ޖެހުނު ކަމުގެ އިސާރަތެއް ދިނެވެ. ” ނޫނޭ މަންމާ އަޅުގަނޑު މިދަނީ ” މިހެން ބުނެ އަހަރެން މަންމަގެ އިޝާރީ ސުވާލަށް ޖަވާބު ދިނީމެވެ.

ގެއަށް ވައިންތާ މާ ގިނަ އިރެއް ނުވެއެވެ. އުޑު މައްޗައް ބަރާވަމުންދިޔަ  ކަޅު އަނދިރި ވިލާތައް އޭގެ ކުޅިގަނޑު ދައްކާންފެށިއެވެ. ކަންފަތުން ފުރޭނެމުން ދަނީ ވިއްސާރަތިކި ފުރާޅުގައި ޖެހުމުން އުފައްދައިދޭ އަރާމު ރާގެވެ. އެ ރާގު ގަނޑުތެރޭގައި އަހަންނަށް ގަނޑުވެފައި ހުރެވުނީ އަހަރެންގެ ބޭ އިޚްތިޔާރުގައެވެ. އެ އަރާމު ރާގު ގަނޑުގެ ހުރަހަކަށްވެސްވީ މަންމައެވެ. ” ދަރިފުޅާ އަވަސް ކޮށްބަލަ. ކައިގެން ފިލާވަޅު ދަސް ކުރަންވެސް އެބަޖެހެއެންނު؟ ” އެވަގުތު އަހަރެން ގޮސް ސުފުރާ މަތީގައި ކާން ތައްޔާރު ކޮށްފައިހުރީ ކޮންއެއްޗެއްތޯ ބެލުމަށް ކަޅި ހިންގާލީމެވެ. އެހިނދު ލޮލުގައި އަޅައިގަތީ ހަދާފައި ހުރި ޕާސްތާ ތައްޓެވެ.

ކައިނިމިގެން ކޮޓަރިއާއި ދިމާލަށް ދާން މިސްރާބު ޖަހައިލީމެވެ. ދޮރު ހުޅުވާލުމާއެކު ކަހަލަ ގޮތަކަށް ކޮޓރީގެ ދިއްލުންތައް ދިއްލައިލީމެވެ. އެޔައަށްފަހު ސުކޫލުން އައިސް ބެޑު މައްޗައް އަތުރާލި ފޮތްތައް ތަރުތީބު ކޮަށްލީމެވެ. މާ ގިނަ އިރުތަކެއް ނުވަނީސް ނިދި އައިސް އަހަރެންގެ ލޮލާއި ހަމަކުރިއެވެ. އެހިނދު މީހާ ކަންނެތްވާން ފެށިއެވެ. ގައި ވަރު ދެރަވެ އަރާމުކުރާން ޖައްސާލަންދާން ބޭނުންވިޔެވެ. އެވަގުތު އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. ދެފަހަރެއްގެ މަތިން ރިންގު ވެލިތަނާހެން އެ ފޯނަށް އަހަރެން އިޖާބަ ދިނީމެވެ. ނިދަން ކެތްމަދުވެފައިވާ އަހަރެންގެ ހުރަހަކަށްވީ އެ ފޯނު ކޯލެވެ.

ފޯނު ކަންފަތުން ނައްޓާލުމަށްފަހު އަވަސްވެ ގަނެވުނީ ހިސާބު ފޮތް ހޯދުމަށެވެ. މުޅި ދަބަސްތެރެ ބަލާބަލާ ނުފެނުނެވެ. އެހެންވުމުން މުޅި ކޮޓަރިތެރެ އެއްފުށުން އަނެއް ފުށަށް ޖެހީމެވެ. ނަމަވެސް ހިސާބުފޮތެއް ނުފެނުނެވެ. އަހަރެންނަށް އަވަސްވެ ގަނެވުނީ އޭނާއަށް ގުޅާށެވެ. ފޯނު ނަގައި ނަންބަރު ހޯދާލުމަށްފަހު ގުޅާލީމެވެ. ” ހަލޯ އަލްވާ ! އަހަރެންގެ ހިސާބު ފޮތެއް ނުފެނުން! ދެން ކިހިނެތް ހަދާނީ؟. މަށަކަށް ނޭންގެދެން” ހިނި އައިސްފައި ހުރި ފާޑަކަށް އަލްވާ ބުނެލިޔެވެ. އެހިސާބުން ނުބައެއް އުޅޭކަމަށް އަހަރެންގެ ޒަމީރު ދިޔައީ އަހަރެންނަށް އިޝާރަތްކުރަމުންނެވެ.

އައު ދުވަހަކަށް ފެށުމަށް އިރު އޭގެ މަސަތްކަތް ފަށައިފިއެވެ. މަޑު އަލިކަމަކުން ފެށިދަތުރު އޭގެ ފުރިހަމަ ދިއްލުމާއި އައިސް ހަމަކުރީއެވެ. ގަޑިން ހެނދުނު 6:30 ވީއެވެ. ސުކޫލަށްދާން ހޭލައްވަން މަންމަ އައިސް އަހަރެނަށް ގޮވަން ފަށައިފިއެވެ. ދެފަހަރަކު މަތިން ގޮވާލިތަނާހެން އަހަރެންގެ ނިދި ފިލައިގެން ދިޔައެވެ. އަވަސްވެ ގަނެވުނީ ފެންވަރަން ފާހާނައަށް ވަނުމަށެވެ. ފެންވަރައިގެން އައިސް ޔުނީފޯރމް ލީމެވެ. އެވަގުތު މަންމަ ” ދަރިފުޅާ މޭޒުމަތީގައި ސައި ތަށިހުންނާނެ އަވަހަށް ދޭ! ” ސައި ތަށި ބޮއިގެން އަވަސްވެ ގަނެވުނީ ސުކޫލަށް ދާށެވެ.

ސުކޫލުގެ މައި ދޮރާށި ގިރާކުރެވުނީ 7:10 ވީ އިރުއެވެ. ގަޑިޖެހެން ބާކީ އޮތީ އެންމެ ފަސް މިނެޓެވެ. އަހަރެންގެ ބާރު ހިނގުމުގައި ގޮސް ކުލާސް ރޫމަށް ވަދެވުނީ ހަމަ ކިރިޔާއެވެ. އޭރު ގަޑިން 7:14 ވީއެވެ. ގޮނޑީގައި ދަބަސް ބާނދާލުމަށްފަހު މޭޒުމަތީ ފޮތިގަނޑު އަޅައިލީމެވެ. އެވަގުތު އަހަރެންގެ ނަމުން ހާޒިރީ ބަލަން ގޮވާލިއެވެ. ގޮވައިލުމައި ކަހަލަ ގޮތަކަށް އެޔަށް އިޖާބަދިނީމެވެ.

ގަޑިން 7:30 ވީއެވެ. ހީސާބު ޓީޗަރު ކުލާހަށް ވަދެގެން އަންނަތަން އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެހިސާބުން އަހަރެންގެ ހިތް ނުތަނަވަސްވާން ފަށައިފިއެވެ. ގައިންފައި ހުރި ބިރުން ކުލާހުން ބޭރަށްދާންވެސް ބޭނުންވިޔެވެ. އެކަމުވެސް ކުރާނީ ވަކި ކީންހެއްޔެވެ. އަހަރެންގެ ހިސާބު ފޮތްވީ ކޮންތާކުބާއެވެ. މިފަދަ އެތައް ސުވާލެއް އެވަގުތު އަހަރެންގެ ހިތުގައި ދިޔައީ ފުނިޖެހެމުންނެވެ. އެވަގުތު ހިސާބު ޓީޗަރު އަހަރެންނާއި ގޮވާލައިފައި ޓީޗަރުގެ މޭޒުމަތީގައި ހުރި ފޮތްތައް ބަލައި ދިޔުމަށް އަހަރެންގެ ގާތުގައި އެދުނެވެ. އެހިސާބުން ހިތަށް ފިނިކަމެއް ލިބުނަސް ރުޅި އައީ އިންތިހާއަށެވެ. ދެން ދުވަހަކުވެސް އަލްވާއާއި ވާހަކަ ނުދެއްކުމަށް އެހިސާބުން ފެށިގެން އަޒުމު ކަނޑައެޅީމެވެ.

(ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close