ތަރުޖަމާ
މި ލިއުމަކީ ލަންދޫއިންފޯގައި ކުރިން ޕޯސްޓްކޮށްފައިވާ ލިޔުމެކެވެ. އިތުރު ބަދަލަކާއި އެކު މިލިޔުން އަލުން ޕޯސްޓް ކުރުމުގައި މަޤްސަދެއްވެއެވެ. މިދުސްވަރު ގޭގައި ގިނަ ވަގުތުހޭދަ ކުރާއިރު މިލިޔުމުގައި އިޝާރާތްކުރާ ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ކިޔާލުމަކީ މިއަދު އަޅުގަނޑުމެން ކޮށްލުން ބުއްދިވެރި އަޅުކަމެކެވެ. ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމުން، ކިލަނބު ވެފައިވާ ހިތްތައް އީމާންތެރިކަމުން އުޖާލާކޮށްލުމަށް ކީރިތި ޤުރުއާނުގެ ތަރުޖަމާ ކިޔާލުމަކީ މުހިންމުކަމެކެވެ.
އެހެންމީހުންގެ ނަޒަރުގައި އަހަރެންނަކީ ނުލާހިކު މަޤްބޫލުމީހެކެވެ. އަހަރެން ވާހަކަ ދައްކާއިރު އަނގަޔަށް ފޮނިގޮތް ގޮތް ހަދާލުމުން ކައިރީގައި ތިބޭ އެކުވެރިން ފާޑަކަށް ހީގަނެއެވެ. އަހަރެންނަށް ހީވެފައި އޮންނަނީ އެއީ އަހަރެން ދައްކާ ވާހަކަތައް މޮޅުކަމުން އެކަމާ ހެނީ ކަމަށެވެ. ވާހަކައެއް ދެއްކިޔަސް ކުދި ދޮގު ހަދާ ނުލާ ފަރުޖައްސާނުލަމެވެ. އެއީ އަހަރެންގެ އާދައެކެވެ. އަހަރެންގެ އައިލާ މީހުން ބުނާގޮތުން އަހަރެންނަކީ “ފޮނި” މީހެކެވެ. އެކަމެއް އަހަރެން ޤަބޫލެއް ނުކުރަމެވެ. ދިރިއުޅުމުގައި ދިމާވާ މައްސަލަތަކުގައި އެހެންމީހުންގެ އެހީތެރިކަމަށް އެދެނީ މަދު ފަހަރަކުއެވެ. އަހަރެން ދެކެނީ އެއީ އެހެން މީހުންގެ ދަށުވުން ކަމުގައެވެ. މީހަކު ކިންތަމެ ރަނގަޅަށް ރީއްޗަށް ކަމެއް ކޮށްދިނަސް، އެކަމަށް ފާޑެއް ކިޔުން އެއީ ކޮންމެހެންވެސް އަހަރެން އަދާކުރަންޖެހޭ ވާޖިބެއް ފަދަ ކަމެކެވެ.
އަހަރެންނަކީ މޮޅަށް ކިޔަވައިގެން ހުރި ޒުވާނަކީމެވެ. ނަމަވެސް މީކަށް އެއްޗެއް ބުނެދިނުމަކީ އަހަރެން މާ ގަޔާވާ ޒާތުގެ ކަމެއް ނޫނެވެ. މީހަކު ކަމެއް ކޮށްދިނުމަށް އެދިފި ޙާލަތެއްގައި އެކަމެއް ފުރިހަމައަށް ކޮށްދެވޭތޯ ބަލަމެވެ. އެހެނަސް އެމީހަކަށް އެކަންކުރީ ކިހިނެއް ކަމެއްވެސް ނޭނގޭފަދަ ގޮތަކަށެވެ. އެކަމާ މެދު ސުވާލެއް ކޮށްލުމުން އަނެކާ ދެރަކޮށްލާފަދަ ހިނިތުންވެލުމަކުން ނިންމާލަމެވެ. އެއީ އަހަރެންގެ މިޒާޖުކަމުގައި ވެދާނެއެވެ. އެހެން މީހުންގެ އުނި ސިފަތަކަށް ފާޅުގައި މަލާމާތް ނުކުރިޔަސް، ނުސީދާ ރާގަކުން ނަމަވެސް އޮންނަކީ ފުރައްސާރަ ކުރެވިފައެވެ. އެހެން މީހުންގެ ހުންނަ ކޫސަނި ކަންތައްތަކުގެ ފަލްސަފާ ނިއުޅުވާލައިގެން އަނެކުންގެ ގާތުގައި ޙިއްސާ ކުރުމަކީ އަހަރެންނަށް ލިބޭ ކޮޅުނެތްފަދަ ހިތްހަމަޖެހުމަކާއި އުފަލެކެވެ. އެކަން ކުރުމަކީ ފޫހިވެގެން މީހަކު ވާހަކަފޮތެއް ކިޔުން ފަދަ ކަމެއްކަމުގައި އަހަރެން ދެކެމެވެ. އެކަމުގައި މާ ބޮޑު މައްސަލައެއް ނެތެވެ. އެއީ ޙަޤީޤަތެވެ.
ދުވަސްތައް ނަލަ ފިނި ރޯޅިތަކާއި ވިއްސާރަ ކަނިތަކާއި އަވާމެންދުރު ހޫނުކަމާއި ތުރުތުރުއަޅާ ފިނިކަމާއެކު ފާއިތު ވަމުންދެއެވެ. އަހަރެންނަކީ މިބުނި ނުރަނގަޅު ސިފަތައް ހުރި މީހެއް ނަމަވެސް އެހެންމީހުންގެ ނަޒަރުގައި މުރާލި ކެރޭ މީހެކެވެ. ބަރާބަރަށް މިސްކިތައް ގޮސް ރުކޫޢުކޮށް ސަޖިދަ ކުރާމީހުންނާއެކު ވަމެވެ. އެހެނަސް އެއީ އެހެން މީހުންނަށް ދެއްކުމަށޭ ބުނުމަކުން މުޅިން ދޮގަކަށް ނުވާނެއެވެ. ޤުރުޢާންވެސް ކިޔަވަނީ ރީތިކޮށް ފޮނިކޮން އަޑުވިއްލާ ބާރަށެވެ. މިސްކިތުގައި ތިބޭ އެހެން މީހުންނަށް އަހަރެންގެ ކިޔެވުމުގެ ރީތިކަން ހާމަކޮށްދިނުމަށެވެ. ޖަމާޢަތުގައި ނުކުރެވުނު ނަމާދެއް ކުރާކަށް ތިން މިނެޓްވެސް ނުނަގާނެއެވެ. ރީތިކޮށް ފޮނިކޮށް ހަށިގަނޑުގެ ގުނަވަންތަކަށް ރީތި ބައްޓަމެއް ގެންނަން ކޮށްލާ ކަސްރަތެއްގެ ގޮތުގައި އެކަންވެސްކުރަމެވެ. މީހަކަށް އެއްޗެއް ދިނަސް، އޭގެ ވާހަކަ އިރު އިރުކޮޅާ ގޮސް އެހެން މީހުން ކައިރީ ދައްކަމެވެ. އަދި އަހަރެންނަކީ އަނެކުންނަށް އިޙްސާންތެރި ހިތްހެޔޮ މީހެއް ކަމުގައި ބޮޑާވެ ފަޙްރުވެރިވަމެވެ.
މިހެން ދުވަސްތައް ހިނގަމުން ގޮސް ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލު ވެއްޖެއެވެ. އަހަރެންގެ އަޅުކަންތައް އިތުރުކޮށްލަން ލިބުނު ރަނުގެ ފުރުޞަތެކެވެ. ބަންގި ގޮވުމުގެ ފަނަރަ ވަރަކަށް މިނެޓްކުރިން މިސްކިތާ ދިމާލަށް ހިނގަންފަށަމެވެ. ހިނގުމުގައިވެސް އިރުއިރުކޮޅާ އެއްފައިން ފާޑަކަށް ފޮނިގޮތަކަށް ބޮޑާކަމާއެކު ނޫނީ ނުހިނގޭ ފަހަރު މަދެއް ނުވާނެއެވެ. މަގުމަތިންދާ މީހުންނާ ފޮށުމަކީ އެހެންޏާވެސް ރޯދަމަހު އަހަރެން މަނާ ކޮށްގެން ހުންނަ ކަމަކަށްވާތީ އެ އުސޫލާ ޙިލާފެއް ނުވަމެވެ. ނަމަވެސް އަބަދުވެސް ތިމާގެ މޮޅުކަމާއި ރީތިކަމަށް ނަފުސުން ފަޙްރުވެރިވެ ހިނިތުންވެފައި ހުރެވެއެވެ. ސައިކަލަށް އެރިއްޖެނަމަ ރާސްލާފައި ތަންތަނަށް ދިއުމަކީ އާންމުކަމެކެވެ. މިސްކިތުގައި މީހުން ނަމާދުކުރަން ތިއްބަސް ” ބޫން ބޫން” އަޅުވައިފާ ދިޔުމަކީ ސައިކަލަށް ފަރިތަކަމުގެ ސިގްނަލެކެވެ. ޚާއްސަކޮށް ކުޅިވަރުތަކާއި ދުރުހެލިވެ ނަމާދުކޮށް އަވަދިވެގެންވެސް މިސްކިތުގައި ޤުރުޢާންކިޔެވުމަށް ގިނަ ވަގުތު ހޭދަކުރަމެވެ. މަސްދެބައި ވީއިރު ދެ ހަތިމް ކުރެވިއްޖެއެވެ. އެކަމާ އުފާވެ މީހުންކައިރީ އެވާހަކަވެސް ނުބުނެ ނުހުރެވެނީ ހަމަ ކިރިޔާއެވެ.
ކުޅިވަރާ ދުރުވިޔަސް ހަވީރު ވަގުތު ފުޓްބޯޅަ ކުޅެލަން ދަނީ ބޯޅަކުޅުމުގެ ހުނަރުވެރިކަން ހުރި މިންވަރު އެހެން މީހުންނަށް އަންދާޒާ ކޮށްދިމަށް ކަމަށް ވެދާނެއެވެ. ފޮނި މޮޅު ގޮތަކަށް ނޫނީ ބޯޅައެއްގައި ފައި ޖައްސާލުމަކީ ކަޑަގޮތެއްކަމުން ލިބުނު ހިލޭޖެހުމުގައި ޖަހާލެވުނު ބޯޅަ ގޮސް ގޯލުގެދެކުނު ކަނަށް ވަނެވެ. ނަމަވެސް އަހަރެން ވެއްޓި ފަޔަށް ލިބުނު ގެއްލުން ހައްލުކުރަން ޖެހުނީ ދިވެހި ބޭސްވެރިކަމުންނެވެ. އެކަމުންވެސް ލިބުނު އެހެންމީހުންގެ ތަރުޙީބާއި ދޭތެރެ ނިކަން ބޮޑާވެވުނެވެ. ފައި ކުޑަހުޅުން ބިންދައިގެން ދިޔުންވީ، މިސްކިތުގައި ހޭދަކުރާ ވަގުތު މަދުވުމަށް މެދުވެރިވި ސަބަބަކަށެވެ. އެހެނަސް އަހަރެން ކޮންމެވެސް ގޮތަކަށް ބައެއްފަހަރު ނަމާދު ކޮށްލައިގެން ފަރުޖައްސަމެވެ.
އޭގެ ފަހުން ހަމައެކަނި ޤުރުޢާން ކިޔެވުމުގެ ބަދަލުގައި އޭގެ މާނަ ކިޔުމަށް ޝައުޤުވެރިވާން ފެށިއެވެ. އެއީ ދީނީ ދަރުސްދެއްވާ ބޭފުޅުން އެކަމަށް ބާރު އަޅާތީއެވެ. އަހަރެން ކިޔަވަމުންގޮސް ސޫރަތުއް މުއުމިނޫންގެ ފުރަތަމަ ތިން އާޔަތުގެ މާނަކިޔާ ލުމަށްފަހު ފިކުރުކުރަން ފެށުނެވެ. ” مؤمن ން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ.” އަދި 60 ވަނަ އާޔަތުގެ މާނައާ ހިސާބުން ހިތަށް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. “އަދި އެއުރެންނީ އެއުރެންގެ ވެރިރަސްކަނލާންގެ ޙަޟަރަތައް ހަމަކަށަވަރުން، އެއުރެން އެނބުރިދާނޭކަމާމެދު އެއުރެންގެ ހިތްތައް ބިރުވެތިވެގެންވާ ޙާލު ޞަދަޤާތުގެ ގޮތުން އެއުރެން ދޭ އެއްޗެއް ދޭމީހުންނެވެ”. މިހެންގޮސް ލުޤްމާން ސޫރަތުގެ ފަސްވަނަ އާޔަތުން ފެށިގެން އެސޫރަތުގެ ނިޔަލަށް ކިޔާލުމުން ނޭނގި ކުރެވިފައިވާ ކުދި ފާފަތަކާއި ބޮޑެތި ފާފަތައްވެސް ފަހްމުވެގެން ދިޔައެވެ. ޤުރުޢާނުގެ މާނައެގުމަކީ އޭގެ ސަބަބުން އަދަދު ނުކުރެވޭހާ ފައިދާތައް ލިބޭކަމެއްކަން އެހިނދު ވިސްނެންފެށިއެވެ. އެޤުރުޢާނުގެ ތަރުޖަމާވީ އަހަރެން އިޞްލާޙްވާން ލިބުނު ދެދުނީޔޭގެ ބާއްޖަވެރިކަމާ ގުޅިފައިވާ ފިލާވަޅަކަށެވެ. (ނިމުނީ)
