ރާއިން – ރިޔާ
(ކުޑަކުދިންގެ ވާހަކަ28 )
ރަން ދޯދިތަކާއިއެކު އިރުއަރަފިއެވެ. ރިޔާދޯނިތައް މަހަށް ފުރައިފިއެވެ. ރަށަށް އެނބުރި އަންނާނީ ހަވީރުވުމުންނެވެ. ރާއީގެ މަންމަ އުޅެނީ މިރުސް ފުނޑާށެވެ. ބައްޕަމަހުން އަންނަންވާއިރަށް މަސްފިހާށެވެ. އޭރު ރާއީ އޮތީ ސްކޫލުން ދިން ފިލާވަޅު ހަދާށެވެ. ރާއީގެ ފިލާވަޅަކީ ރާއިން ފެށޭ ތަކެތި ފާހަގަކޮށް ކުލަޖެއްސުމެވެ.
ރާއީ ކުލަފޮށި ނަގާ ފޮޓޯތަކަށް ބަލަން ފެށިއެވެ. ރުމާ ފެނުމުން އޭގައި ރަތް ކުލަ ޖައްސާލިއެވެ. އަދި ރާމާމަކުނާއި ރަތަފަ، ރާބަދި، ރޭޑިޔޯ، ރިމޯޓް އަދި ރަންބުސްތާނުގައިވެސް ކުލަ ޖެއްސިއެވެ. ރާއީއަށް ފިނިވުމުން ގައިގާ ރަޖާ އޮޅާލިއެވެ. އެ ރަޖާގެ އަރިމަތީގައި ރެބަނާއި ރޭނދާ އަޅާފައި ހުއްޓެވެ.
ރާއީގެ މަންމަ ގޮވާލިއެވެ. ދޮންތައާއި އެކު ފިހާރައަށް ދިއުމަށެވެ. މަންމަ 50 ރުފިޔާ ދިނެވެ. ރަންގާއި ރީނދޫ ޕެކެޓެއް ގަތުމަށެވެ. ހަވީރު ވެއްޖެއެވެ. ރާޅުތައް ކަފަމުން ރިޔާ ދޯނި ރަށަށް އަތުވެއްޖެއެވެ. ރާނީ އާއި ރާއީ މަންމައަށް އެހީވުމުގައި ބަދިގެ ފަރާތުގައި އުޅުނެވެ. ރާނީ ރުނބައިން ރިހާކުރު ނަގާ ބޯތައްޓަށް އެޅިއެވެ. އަދި އޭގެ ރަހަ ބަލައިލިއެވެ. ރުނބާގައި ރެނދުލާފައި ހުރިތަން ފެނުމުން އެވާހަކަ މަންމަ ކައިރީ ރާނީ ބުންޏެވެ.
ބައްޕަ ގެނައި ރާގޮނޑީގައި މަންމަ ރިހަ ކެއްކިއެވެ. އަދި މަސްފިހަން އުޅެނިކޮށް ރާނީ އަތުގައި އޮތް ރިހި ކެވެލިގަނޑު ގެއްލިގެން ހޯދާ ވާހަކަ ރާނީ ބުންޏެވެ. މަންމަ ރާނީ ކުރެން ކެވެލި ގެއްލުނީ ކޮންއިރަކުތޯ ސުވާލުކުރިއެވެ. އޭރު އިރުއޮއްސި އަނދިރިވަނީއެވެ. ބައްޕައާއި އެކު ރާނީ އުޅުނު ތަންތަން ބަލަން ދިޔައެވެ. ރާއީ ނުލައި ދިއުމުން އެކަމާ ރާއީ ހުރީ ރުޅި އައިސްފައެވެ. ބައްޕައާއި އެކު މޫދުކައިރިޔަށްވެސް ދިޔައެވެ. އޭރު މޫދުގައި ރިދަން ލާފައި ހުއްޓެވެ. ވަރަށް ގިނައިރު ވީ ފަހުން ކެވެލިގަނޑު ފެނުނެވެ. އޭތި އޮތީ ގޮނޑުދޮށުގައި އޮތް ރިނދައްޔެއް ކައިރީގައެވެ. އެރޭ ރާއީގެ އާއިލާ ރޭގަނޑުގެ ކެއުން ނިމުމަށްފަހު ނިދީއެވެ. (ނިމުނީ)
ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދޭށެވެ!
- ވާހަކައި އުޅެނީކިތައް މީހުންތަ؟
- ރާއީއަށް ސްކޫލުން ދީފައި އޮތީ ކޮން ފިލާވަޅެއް؟
- ރާއީގެ މަންމަ ފިހާރައަށް ފޮނުވީ ކޮންއެއްޗެއް ގަންނަންތަ؟
- ވާހަކަގައި ރާ އަކުރުން ފެށޭ އެއްޗިހީގެ ތެރެއިން 5 އެއްޗެއްގެ ނަން ލިޔޭ!
- ރާނީ އުޅުނީ ކޮން އެއްޗެއް ގެއްލިގެންތަ؟