ކުރުވާހަކަ: މަންމާ މަގޭ
ވިންޓޭޖްގެއަށް އިރުއެރީ ލިލިއަން ގޭދޮށް ކުނިކަހަން އޮއްވައެވެ. ދިގު އިސްތަށިގަނޑާކާއި ރީތި ހަށިގަނޑިގަނޑެއް ލިބިފައއިވާއިރު ރާޅުބާނި އިސްތަށިގަނޑު ވަނީ ވޫލުކޮޅަކުން އައްސާލެވިފައެވެ. ދޮން އޮމާން މޫނަކާއި ކަޅިރަވަ ރީތި ދެލޮލެވެ. ލައިފައިވަނީ ހުދު ޓީޝާޓަކާއި ނޫ ޖިންސެކެވެ. ބަލާބެލުމަށް 15 އަހަރު ވާނެހެން ހީވެއެވެ.
ކުނިކަހާ ނިމުމުން ގޭތެރެއަށް ލިލިއަން މިސްރާބު ޖެހިއެވެ. އެތެރެއަށް ވަންއިރު އޭނާގެ މަންމަ ލީޒާ އާއި ދޮންބެ ލޫކަސްގެ އިތުރުން ބައްޕަ ލުޒްމާނު ވެސް އިނެވެ. ފަރުވާކުޑަ ގޮތަކަށް ލީޒާ ލިލިއަން އަށް ބަލާލުމަށްފަހު ކޮޓަރިއަށް މިސްރާބު ޖެހިއެވެ.މަޑު ހިނގުމެއްގައި ލިލިއަން ވެސް ކާކޮޓަރިއަށް ވަނީ އޭނާގެ މަންމަގެ އަޅާލުން ކުޑަކަމުން ފެންކަޅިވެފައިވާ ހާލުގައެވެ.
އެ އަޅިފެހި ދެލޯ ވަގުތުން ކަރުނައިން ފުރުނެވެ. އިނގިލީގެ ކުރިން ކަރުނަ ފޮހެލުމަށްފަހު ލިލިއަން އަވަސްވެގަތީ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށެވެ. 7:30 ގައި ސްކޫލަށްދާން ޖެހޭއިރު މިހުރިހާ ކަމެއް ކުރަން އެވަރު ކުއްޖަކަށް ބުރަވާނެކަން ލީޒާއަށް ނޭނގެނީ ހެއްޔެވެ؟
ނަމަވެސް އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އޭނާ ގޭގެ ހުރިހާ މަސައްކަތެއް ކުރަނީވެސް ކިޔަވައިގެން ރަނގަޅު ނަތީޖާ ހޯދަނީވެސް އެންމެ މަގުސަދެއް ހޯދުމަށެވެ. އެއީ އޭނާގެ މަންމަގެ ލޯތްބެވެ. މައެއްގެ ލޯތްބަށް ފެންބޮވައިގަނެފައިވާލެއް ބޮޑުކަމުން އޭނާ އެދަނީ ކޮންމެ ކަމެއްވެސް ކުރަމުންނެވެ.
ލިލިއަންގެ އުމުރުން މިހާ ދުވަސް ވީއިރު މަންމަގެ އެއްވެސް އަޅާލުމެއް ނުލިބެއެވެ . ދުވަހަކުވެސް އޭނާއަށް ރަނގަޅަކަށް ކަމެއް ނުކުރެވެއެވެ. ކިތަންމެ ބުރަމަސައްކަތެއް ކުރިޔަސް ލީޒާއަށް އެތަން ފެންނަތަނެއް ނާދެއެވެ.
ލޫކަސް އާއި ލިލިއަން އެތަށް ހާސް ބައި ތަފާތުކުރެއެވެ. ލޫކަސްއަށް ގޯސްކޮށް ކުރެވޭ އެއްވެސް ކަމެއް ނޯވެއެވެ. ބޭނުންހާ ކަމެއް ކޮށްދެއެވެ. އަބަދުވެސް ލޯބިން ވާހަކަ ދައްކާ ފިރުމާ ހަދާ މަންޒަރު ލިލިއަން އަށް ފެނެއެވެ.
ގަޑިން ދަންވަރު 1 ޖަހަނީއެވެ. ކޮޓަރީގައި އިން ލިލިއަން އޭނާގެ ޑައިރީ ފުރަމުން އެދަނީ އޭނާގެ މަންމަ ދެކެވާ ލޯބި ހާމަކޮށްދެމުންނެވެ. އެ މަންމަ އާއި މެދު އޭނާގެ ހިތުގައި އެއްވެސް ޝަކުވާއެއް ނުވާކަން ހާމަކޮށްދެމުންނެވެ. ގިނަ ރޭރޭ ލިލިއަން އަށް ނިދެނީ މިފަދައިން ކަރުނައަޅަން އިނދައެވެ.
ބަންދު ދުވަހެކެވެ. ހެނދުނުގެ ނާސްތާ ނިމުމުން ވެފައިހުރި ވަރުބަލިން ލިލިއަން އޭނާގެ ކޮޓަރިއަށް ވަދެ އެނދުގައި އެށޯވެލިއެވެ. އިރުކޮޅަކުން ލީޒާ ބާރުބާރަށް އޭނާއަށް ގޮވަމުން ދޮރުގައި ތަޅަން ފެށިއެވެ. ދޮރު ހުޅުވިއިރު ކުރިމަތީގައިހުރި ލީޒާގެ ރުޅިވެރި މޫނު ފެނުމުން ލިލިއަން އިސްޖަހާލިއެވެ. ރުޅިއައިސްގެން ރަތްވެފައި ހުރި ލީޒާ ލިލިއަންގެ އަތުގައި ލިފައިގެން ގެންގޮސް ކާގެތެރެއަށް ހޫރާލިއެވެ. ބިއްލޫރި ތަށިތައް މުށިގަނޑު މައްޗަށް ވެއްޓި ތަޅައިގެން ދިޔައެވެ. ގައިގެ އެތަންމިތަނަށް ތަށިމުށި ވަން ނަމަވެސް ލިލިއަން އެކައްޗެކޭވެސް ނުބުނެއެވެ. ލީޒާ ހަޅޭއްލަވަމުން ފިހިގަނޑުން ލިލިއަން ގައިގައި ތަޅައިގަތެވެ.
” ކިތަށް ފަހަރު ބުނާނީ މިރުސް ކޮށާފަ ވަޅި ދޮންނާށޭ! ދުވަހަކުވެސް އެއްޗެއް އޮންނަ ތަނަކަށް ނުލާނެ. ކަލެއަށް އިނގޭތަ ކަލޭ ދޮންބެ އަތުގައި މިރުސް އެޅިގެން އެދިޔައީ ކަލޭ ވަޅި އެތާ ބާއްވާފައި އޮއްވަ އެ ސޮރަށް އޭގައި އަތްލެވުނީމަ . ހުވާ އަހަންނަށް ހުރި ބޮޑު އުނދަގުލެކޭ. ހިތަށްއަރާ ކުރީބައިގައި މަރާލެވުންނަމައޭ! ކަލޭ ތީ އަހަރެން ބޭނުންވި ކުއްޖެއް ނޫން . އަހަންނަށް ހެޔޮ ކަލޭ ކޮންމެ ހާލެއްގަ އުޅެން ޖެހުނަސް . ހިތަށްއަރާ ހަމަ މިހިރަ ވަޅި ހަރާފަ މަރާލަންވެސް . ކަލޭތީ އަހަރެން ކުއްޖެއްވެސް ނޫން . އަހަރެން ހުންނާނީ އެންމެ ކުއްޖެއް . އެއީ ލޫކަސް އެކަނި ކަލޭ ތީ ނެތް މީހެއް .” ހިތުހުރި އެއްޗެއް ލިލިއަން އާއި ދިމާލަށް ކިޔާލިއެވެ.
ލިލިއަން ހިތް ކުދިކުދި ވިއެވެ. އޭނާގެ މަންމަގެ ދުލުން އޭނާއަކީ އެމަންމަގެ ދަރިއެއް ނޫންކަމަށް ބުނެއްޖެއެވެ. އޭނާ މަރުވެއްޖެ ކަމަށް ބުނެފިއެވެ. އިންސާނަކަށް ކެތްވާނީ ވަކި ވަރަކަށެވެ. މޭޒުމަތީގައި އޮތް ވަޅި ނަގައި ލިލިއަން ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު ތޫނު ވަޅީގެ މިޔައަށް އޭނާ ބަލާލިއެވެ. ލިލިއަން ވަޅި ހިފައިގެން ކޮޓަރިއަށް ވަން މަންޒަރު އޭނާގެ ކޮޓަރިން ނުކުތް ލުޒްމާން ދޮރުގައި އަޅައިގަތެވެ.
އަވަސް އަވަހަށް އައިސް ދޮރުގައި ތަޅަން ފެށިއެވެ. ދޮރު ހުޅުވުމަށް އެދި އާދޭސް ކުރިއެވެ. ލޫކަސްވެސް ވެގެންއުޅޭ ގޮތް އެނގުމުން ތަޅުދަނޑި ހިފައިގެން އައިސް ދޮރު ހުޅުވޭތޯ އުޅުނެވެ. ވަރަށް ހާލުން ދޮރު ހުޅުވުނެވެ. ލުޒްމާންގެ ދެފައިން ވާގިދޫވީ ފެނުނު މަންޒަރުންނެވެ. މުށިގަނޑުމަތީ ލޭގެ ކޯރެއް ހެދިފައިވީއިރު އަމިއްލަ މެއަށް ވަޅިޖަހާފައި އެއޮތީ ލިލިއަންގެ ފުރާނަ ނެތް މަސްގަނޑެވެ.
ކައިރީގައި ވެއްޓިފައި އޮތް ޑައިރީ ލުޒްމާންގެ ލޮލުގައި އަޅައި ގަތެވެ. އެވަގުތު ކޮޓަރިއަށް އައިސް ވަން ލީޒާއަށްވެސް ހުއްޓުން އެރިއެވެ. ލުޒްމާން ޕޮލިހުންނަށް ގުޅިއިރު ލީޒާ ލިލިއަންގެ ޑައިރީ ކިޔަންފެށިއެވެ. ކޮންމެ ގަނޑެއްވެސް ފުރިފައި އެވަނީ އޭނާދެކެވާ ލޯބި ބަޔާންކޮށްދީފައި އެވެ. އެ ހިތުގައި އޭނާ އާއި މެދު ހުރި ޝަކުވާއެވެ. އޭނާގެ އުފަން ދަރިފުޅު ބީވެ އެދިޔައީ އޭނާގެ ކުށުންނެވެ. އަމިއްލަ މީހާގެ ކުށް ފެނުނީ ވަގުތު ފާއިތުވުމުންނެވެ.
