ވާހަކަ

ސިލްސިލާ ވާހަކަ – އެ ހިނދުކޮޅު …

(ތިންވަނަބައި)

ގުޅުންހުރި ލިޔުންތައް

ޖެހިގެންއައި އާދީއްތަ ދުވަހު މާލެދިޔައިރު މާޝާއާއި ޙަލީމަކީ ދެހިތެއްގައި ޖަހަމުންދާ އެއްވިންދުކަމުގައި ވަނީވެފައެވެ. ފެކަލްޓީގެތެރޭގައި ދެކުދިންގެވާހަކަ ވަރަށްބާރަށް ފެތުރިގެން ހިނގައްޖެއެވެ. ނަމަވެސް ޙަލީމަކީ ޔުނިވަރސިޓީގެ ދަރިވަރަކަށް ނުވުމާއެކު މިކަމުގެއަސަރު މާޝާއަށް ކުރާލެއް ބޮޑުވާނެތާއެވެ.

ދެކުދިންގެވާހަކަ ފެކަލްޓީން ބޭރުވެ މާޝާގެ މަންމަގެކަންފަތުގައިވެސް ޖެހިއްޖެއެވެ. ޖެހެމުންދިޔަ ވައިރޯޅީގެ ޒަރީޢާއިން ރަށުގައި ދިރިއުޅެމުން ދިޔަ މަންމައަށް މިއަޑު އިވިފައިވަނީ ވަރަށް އެހެންކަހަލަ ގޮތަކަށެވެ. މަސްތުވާތަކެތީގެ އަވައިގައިޖެހި އެތަކެއްފަހަރު ހައްޔަރުކޮށް މިރާއްޖޭގައި ބޮޑެތި ޖަރީމާތަށް ހިންގާފައިވާ މުޖުރިމުންގެ ލިސްޓްގައި ހިމެނޭ މަޝްހޫރު ބަރަބޯ ޙަލީމާއި މާޝާ މޮޔަވެގެން އުޅޭ ވާހަކައެވެ.

މާޝާގެމަންމަ މިޙަލީމުއާއި ބެހޭ ހުރިހާ މަޢުލޫމާތެއް ހޯދައިފިއެވެ. މިގޮތުން ޙަލީމަކީ ޢުމުރުގެގޮތުންވެސް މާޝާއަށްވުރެ އެތައްތަނެއް ދޮށީ މީހެއްކަމާއި އެތައްބައިވަރު ޖިންސުއްލަޠީފަކަށް އޭނާވަނީ ލަނޑުދީފައެވެ. އަދި ޙަލީމަށް ތުހުމަތުކުރެވޭ ބައްޕަނެތްކުއްޖެއްވެސް ކުޑަކުދިންގެ ހިޔާގައި އުޅޭކަމުގެ މަޢުލޫމާތުވެސް މާޝާގެމަންމަ ކުރި މަސައްކަތުން ހޯދައިފިއެވެ.

މާޝާގެ މަންމަ ޙަރީރާ އެންމެ ފުރަތަމަވެސް ބެލީ މިވާހަކަތައް މާޝާއަށް ފޯނުންކިޔައިދީގެން އޭނާ ހަމައަކަށް އެޅުވުމަށެވެ. މިގޮތުން މައެއްގެ އަސަރުންފުރިފައިވާ ބަސްތަކުން އޭނާއަށް ވިސްނައިދިނުމަށް ކުރިމަސްއަކަތްވީ ފޫނެތްފަޔަށް ފެންފުރުންކަމުގައެވެ. މާޝާއަށް ތަށަށްކިޔަނީ މަރިޔަނބުހޭވެސް ހިތައްނޭރިއެވެ. އެންމެފަހުން މިކަމުގައި މާޝާގެ މަންމައަށްޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

ބައްޕައަކާނުލައި މާޝާ ބަލާބޮޑުކުރަމުންދާ ޙަރީރާ ރަށުބޯޓުން މާލެދިއުމަށްޓަކައި ފުރައިފިއެވެ. އިރުވައިމޫސުމުގެ ހަޅަޖަހާފައިވާތީ ކަނޑުވެސް ވަރަށްގަދައެވެ. ވިއްސާރައާއި ވައިގެ ނާމާންކަމަށްވުރެވެސް ޙަރީރާއަށް ކުރިމަތިވެފައިވާ ދިރިއުޅުމުގެ ތޫފާން މައިތިރިކޮށް ހަމަޔަކަށް އެޅުވޭތޯ ކުރަންވެފައިވާ މަސައްކަތް މާބޮޑުކަން އެމަންމައަށް ވިސްނެއެވެ. ވަރަށްގަދައިގައި ދަތުރުކޮށްފައި އައުމުގެ ސަބަބުން ޙަރީރާ ބޯޓުގައި އިންދާ މާޝާ ކިޔަވަންހުންނަގޭ ދެމަފިރިން އޭނާބަލައި އަތުވެއްޖެއެވެ. އެމީހުން ޙަރީރާއަށް ކިޔަނީ ޙައްރައްތައެވެ.

ހަތަރުވަނަ ބަޔަށް

 = އިންތިޒާރުކޮށްލައްވާ =

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close