ކުރުވާހަކަ: އަނިޔާ
ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އިޒިއަލްއަށް ހޭލެވުނެވެ. ގަބުވެލައިން އެނދުމަތީ އިށީނދެލައިގެން އިނދެ ފިކުރު ކުރަމުން ދަނީ އިއްޔެ ހިނގި ހާދިސާއާއި މެދުގައެވެ. ހިތް ބިރުގަންނަނީއެވެ. އިޒިއަލްގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް މިނިވަންކަމާއެކު އެ މައުސޫމު ކޯތާފަތް ތެންމަމުން ދިޔައެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެމުންގޮސް ފާޚާނާއަށް ވަދެ ފެންވަރައި ތާޒާ ވެލިއެވެ. މާޔޫސްވެފައިވާ އެ މޫނުމަތި ފެންނަނީ ކިލަނބުކޮށެވެ. ހުދުކުލައިގެ ޓީޝާޓަކާއި މަޑު ނޫކުލައިގެ ޖިންސެއް ލުމަށްފަހު އިޒިއަލް އަވަސްވެގަތީ ނަމާދު ކޮށްލުމަށެވެ. ނަމަވެސް ބިރުވެރި ވަގުތުތައް އަބަދުމެ އާވެ އާލާވެ ހިތުތެރޭގައި ހުރެއެވެ. ނަމާދުކޮށް ނިމުމުން ދެއަތް އުފުލައި ﷲ ގެ ހަޟްރަތަށް ދުޢާ ދެންނެވިއެވެ.
އިޒިއަލްގެ އުމުރުން 9 އަހަރުގައި ބައްޕަވަނީ ކެންސަރުބަލީގައި ނިޔާވެފައެވެ. އެއަށްފަހު އުޅެ ބޮޑުވީ ބައްޕަގެ ލޯތްބާއި ނުލައި މަންމައާއި އެކު އުފަން ރަށް ކަމުގައިވާ ނ.ހޮޅުދޫ ގައެވެ. ބައްޕަގެ އެއްބަނޑު ބޭބެ ފަރާތުން އެހީ ލިބޭތީވެ އުޅުމަށް ފަސޭހައެވެ. ލަންކާގައި ކިޔަވަން ހުރުމަށްފަހު ބޭބެ އިއްޔެ ރަށަށް އައެވެ. އެހެންކަމުން އިޒިއަލް ހުރީ ވަރަށް އުފާވެފައެވެ. ނަމަވެސް އެ ރެއަކީ އޭނާއަށް ބިރުވެރި ނާމާން ރެއަކަށް ވިއެވެ.
އިޒިއަލް ރޭގަނޑު 9 ޖެހުމުން ނިދަން އޮށޯތެވެ. ނިދަނީ އެކަނިން ކޮޓަރިއެއްގައި ކަމަށްވާތީވެ ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ދޮރު ތަޅުލައެވެ. އިޒިއަލް ނިދިނިދި އޮއްވައި މީހަކު ދޮރުގައި ޓަކި ޖެހިއަޑު އިވުނެވެ. މާބޮޑު ކަމަކަށް ނުހަދައި ދޮރު ހުޅުވާލިއެވެ. ހަމަ އެވަގުތު ބޭބެ ވަރަށް އަވަސް އަރުވައި އެތެރެއަށް ވަނެވެ. އަދި ދޮރު ތަޅުލިއެވެ. އިޒިއަލް އިނީ ވާނުވާއެއް ނޭނގިފައެވެ. އިޒިއަލް އަނގަމަތީ އަތް އެޅުމަށްފަހު އެނދުމައްޗަށް ވައްޓާލިއެވެ. އަދި އަނިޔާކުރަން ފެށިއެވެ. އިޒިއަލްއަށް ވަގުތުން ރޮވެން ފެށުނެވެ.
އަހަންނަށް ތިހެން ހަދަނީ ކީއްވެ؟ އިޒިއަލް ތަކުރާރުކޮށް ސުވާލުކުރިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ބޭބެ ވަނީ އިޒިއަލްއަށް އަނިޔާކުރި ވާހަކަ އެކަކު ކައިރީވެސް ނުބުނުމަށް އަނގާފައެވެ. އަދި ބުނެފި ކަމުގައިވާނަމަ އިޒިއަލްގެ މަންމައަށް އިތުރުތަކުލީފެއް އުފުލަން ޖެހޭނެ ކަމުގެ އިންޒާރެއްވެސް ދީފައެވެ.
މުޅިން އާދުވަހަކަށް މަރުހަބާ ކިޔައިފިއެވެ. ފަތިސްނަމާދުކޮށް އިޒިއަލް ﷲ ގެ ހަޟްރަތަށް ދުޢާ ދެންނެވިއެވެ. އަދި ނަމާދުކޮށް ނިމުމުން އިރުކޮޅަކު ކޮންމެވެސް ވިސްނުމަކަށް ގެއްލި ހުރެފައި މަންމަ ގޮވާލިއަޑަށް ސިއްސައިގެން ދިޔައެވެ. އިޒިއަލް ނިކުތްއިރު މަންމަ ކައިރީގައި ބޭބެ ހުރިތަން ފެނުމުން ހުއްޓުން އެރިއެވެ. ލޮލަށް ކަރުނަ ޖަމާވިއެވެ. ނަމަވެސް ބޭބެ ބުނި ވާހަކަ ހަންދާން ނައްތާލައިފި ނަމަ ދެން ވާނެ ގޮތެއް ނޭނގޭނެތީ އަވަހަށް މަންމައަށް ޝައްކުނުވާނެހެން އަތުގެ ނުފުށުން ކަރުނަތައް ފޮހެލައި ހަމަޖެހިލިއެވެ.
ސައިބޮއެ ނިންމުމަށްފަހު އަނެއްކާވެސް ކޮޓަރިއަށް ވަނެވެ. މިހާރު ބޭނުންވަނީ ގިނައިރު އެކަނިން ހުންނާށެވެ. ކޮޓަރިއަށް ވަދެވުމާއެކު އިޒިއަލްގެ ކޯތާފަތް މައްޗަށް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައިގަތެވެ. އެ ރޭގެ ފަހުން ކޮންމެ ރެއަކުވެސް އިޒިއަލްއަށް ބޭބެ ފަރާތުން އަނިޔާ ލިބެއެވެ.
ދެތިންދުވަސް ފަހުން އިޒިއަލް މަންމައަށް އިޒިއަލް ތަފާތުކަން ފާހަގަ ވެއްޖެއެވެ. އެހެންކަމުން އެދުވަހު ހެނދުނު އިޒިއަލް ގާތު މަންމަ އެހިއެވެ. ” ދަރިފުޅު ރަނގަޅު ތަ؟ މަންމައަށް މިހާރު ދަރިފުޅު ބަދަލުވަމުން އަންނަކަން ފާހަގަ ކުރެވޭ.. މަންމައަށް އެއްވެސް ކަމެއް ސިއްރު ނުކުރައްޗޭ ! ބޭބެ އައިފަހުން ދަރިފުޅު މާ މަޑުމައިތިރިކަން ފާހަގަ ވޭ ” މަންމަ ބުނި ފަހު ޖުމްލައިން އިޒިއަލްއަށް ދެފަރާތަށް ބަލާލެވުނެވެ. އެއްވެސް މީހަކު ހުރިތޯއެވެ. ނަމަވެސް އެކަކުގެވެސް ހިލަމެއް ނެތުމުން ބޭބެ ކޮބާތޯ އަހާލެވުނެވެ. މަންމަ ބުނުއްވި ގޮތުގައި ބޭބެ ވަނީ ރޭ ފަތިހު ރައްޓެހިންނާއެކު ރަށުން ބޭރަށް ދަތުރު ގޮސްފައެވެ. އަދި އަންނާނީ ދެ ދުވަސް ފަހުން ކަމަށް ބުނުއްވިއެވެ. މިހެން ބުނުމާއެކު އިޒިއަލްއަށް އަށް ގިސްލާ ރޮވެން ފެށުނީ އެއްވެސް އިޚްތިޔާތަކާއި ނުލައެވެ. މަންމަ ހީކުރީ ބޭބެ ދިޔުމުން އިޒިއަލް ދެރަވީ ކަމަށެވެ. ” ބޭބެ ދިޔައީމަ ދަރިފުޅު ދެރަވީތަ ؟ ބޭބެ އަންނާނޭ ދެދުވަސް ފަހުން .. ” އިޒިއަލްގެ ބުރަކަށީގައި ފިރުމާލަމުން މަންމަ ބުންޏެވެ.
” ނޫން މަންމަ. ބޭބެ ނެތިއްޔާ އަޅުގަނޑަށް މާ ރަނގަޅު އަދި މާ ރައްކާތެރި … މަންމާ! އަޅުގަނޑު ސަލާމަތް ކޮށްދީ .. ބޭބެ ބުނުއްވީ މި ވާހަކަ އެކަކު ކައިރީ ބުންޏަސް މަންމައަށް އިތުރު ތަކުލީފެއް އުފުލަން ޖެހޭނެ ޔޭ… އަޅުގަނޑު ނޭދެން މަންމަ އަށް ދެރައެއް ވާކަށް.. މަންމަ ތީ އަޅުގަނޑު އެންމެ ލޯބިވާ މީހަކީ .. މަންމަ!
އަޅުގަނޑަކަށް ދެން ކެތެއް ނުވާނެ .. ބޭ….ބޭ، ބޭބެ އަޅުގަނޑަށް ކޮންމެ ރެއަކު އަނިޔާކުރޭ… ބޭބެ ރަށަށް ދުރުވި ދުވަހުގެ ރެއިން ފެށިގެން އަޅުގަނޑަށް ކޮންމެ ރެއަކު އަނިޔާ ކުރޭ.. މަންމަ ބަލާބަ، މިހިރީ ބޭބެ އަޅުގަނޑަށް އަނިޔާ ކުރި ކަމުގެ ހެކި ..” އިޒިއަލް ގެ ގައިގައި ނޫފައި ގަނެފައާއި ރަތް ވެފައި ހުރި ތަންތަން ދައްކާލަމުން ބުންޏެވެ.
އިޒިއަލް ގެ މައުސޫމު ދެލޯ ވަނީ ރޮއެރޮއެ ރަތްވެފައެވެ. މަންމަ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަމަ އެވަގުތު ޖެންޑާ އަށާއި ސިފައިންނަށް ގުޅާ މައްސަލަ ހުށަހެޅިއެވެ. އަދި ކުޑަކުއްޖަކަށް އަނީޔާ ކުރި ކަމުގެ މައްސަލައިގައި ހުކުމް ކޮށް 3 އަހަރުގެ ޖަލު ހުކުމެއް ބޭބެއަށް ކުރިއެވެ . ނިމުނީ

Wow