ޢިބްރަތްތެރި ވާހަކަ – ދުނިޔަވީ ޙަޔާތް
އަހަރެމެންގެ ދިރިއުޅުމުގެ މައިދާނުގައި ބައެއްފަހަރު ހިތްނުތަނަވަސްވެ ކުރަން އުނދަގޫ ކަންކަމާއި، ދިމާވެއެވެ. އަދި މިފަދަ ކަންކަމާއި، ދިމާވުމުން ބައެއްމީހުން އެކަމާ ދެރަވެ ހިތްހަމަ ނުޖެހި ބޯގޮވާ ހިސާބަށްވެސް ދެއެވެ. އަދި ބައެއް ފަހަރަށް އަމިއްލައަށް މަރުވާ ހިސާބަށްވެސް އާދެއެވެ. މިކަމާމެދު އަޅުގަނޑު މެންގެ ތެރެއިން ވިސްނައިލަނީ ކިތައް މީހުން ބާއެވެ. މިއީ މިއަދު އަޅުގަނޑު ހިތަށްއެރި އެއްޗެކެވެ. ތިރީގައި މިލިޔާ ހާދިސާ ވިދާޅުވެ ލައްވަމާތޯއެވެ.
ބައިލޮޖީ ގަޑިއެއް ނަގައިދެމުން ދިޔަ ޓީޗަރެކެވެ. އޭނާގެ އާދައިގެ މަތިން މިއަދުވެސް ކްލާހަށް އައީ މިއަދުގެ ފިލާވަޅާ ގުޅޭ އެކްސްޕެރިމެންޓް ހެދުމަށް ބޭނުންވާ ސާމާނު ހިފައިގެންނެވެ. ޓީޗަރުގެ މިއަދުގެ ފިލާވަޅަކީ ކޮކާލެއް އުފަންވަނީ ކިހިނެތް ކަން ކުދިންނަށް ދަސްކޮށްދިނުމެވެ. އެކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމެވެ. އެހެންވެގެން މިއަދު ކްލާހަށް ޓީޗަރު ގެނައީ ދެންމެ ދެންމެ ވިހާފާނެހެން ހީވާ ވަރަށް ފައްކާވެފައިވާ ކޮކާލެއްގެ “ކޮކޫން” އެކެވެ.
ކްލާހުގެ ދަރިވަރުންވެސް ތިބީ ވަރަށް ބޮޑަށް ޝައުޤުވެރިވެގެންނެވެ. ހުރިހާ ކުދިންވެސް އިންތިޒާރު ކުރަމުން ދިއައީ ކޮކޫން ގެ ތެރެއިން ކޮކާ އުފަންވާނެ ވަގުތަކަށެވެ. ކޮކާލެއް އޭގެ ކޮކޫން ތެރެއިން ނިކުމެގެން ދުނިޔެއަށް އުފަންވާ ތަނަކީ ވަރަށްމަދުންނޫނީ އެއްވެސް މީހަކަށް ނުފެންނާނެ މަންޒަރަކަށް ވާއިރު ހުރިހާ ކުދިންވެސް ތިބީ ކަޅިވެސް ޖަހައިނުލައި ބަލާށެވެ.
ކަންދިމާކުރި ގޮތުން ވަރަށް ބޮޑުކަމެއް ޖެހިގެން ކުއްލިއަކަށް ޓީޗަރު ކްލާހުން ބޭރަށް ދާންޖެހިއްޖެއެވެ. އަދި އޭރު ކޮކާލެއް ނުވިހައެވެ. އެހެންނަމަވެސް ހަމަ ކޮންމެހެންވެސް ނުގޮސް ނުވާވަރު ކަމެއް ޖެހުނީ މާ ޓީޗަރަށް ޖެހުނީ ކުދިންނާ އެކު ކޮކޫންވެސް ދޫކޮށްލައިފާ ކްލާހުން ބޭރަށްދާށެވެ.
އެކަމަކު ކްލާހުން ޓީޗަރު ނުކުންނެވުމުގެ ކުރިން ހުރިހާކުދިންނަށް ވެސް އިންޒާރު ދިނެވެ.
“މިސް އެބައަންނަން ވަރަށް އަވަހަށް. ހަދާންކުރާތީ އެއްވެސް ކުއްޖަކު ކޮކޫން އާއި، ނުބެހޭތި. ކޮކާ ދެން ވަރަށް އަވަހަށް ވިހާފާނެ. ކޮކާލަށް ތިކުދިންގެ ފަރާތުން އެހީތެރިކަން ބޭނުންވާނެ އެއްވެސް ކޮންޑިޝަނެއް ނާންނާނެ.”
މިހެންބުނެ އެއްވެސް ކުއްޖަކު އެއާ ނުބެހުމަށް ތަކުރާރު ކޮށް ނަސޭހަތް ދީ އިންޒާރު ދިނުމަށްފަހު ޓީޗަރުމީހާ ކުޑަވަގުތު ކޮޅަކަށް ބޭރަށް ނުކުތެވެ.
ޓީޗަރުމީހާ ހަމަ ދިޔަތަނާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެއްކަލަ ކޮކާ ބޭރަށް ނުކުތުމަށް މަސައްކަތްފެށިކަހަލައެވެ. ކުދިންތައް ބަލަން ތިބެއެވެ. އެތަނުން ކުއްޖަކު ކޮކާލަށް އެހީތެރިވެދީފިއެވެ. އެއީ ކޮކޫން ފަޅާލައިފާ ކޮކާ ނިކުންނަށް އުޅުނު އުޅުމުގެ ތެރޭގައި ކޮކާ ކުޑަކަމާ ޅަކަމާ ހުރެ ކޮކޫން ފަޅާލަން ކޮކާލަށް އުނދަގޫވެދާނެހެން ހީވާތީ މަޑުމަޑުން ވަރަށް ފަރުވާތެރިކަމާއެކު ކޮކޫން ގެ ކުޑަތަންކޮޅެއް ފަޅާލަ ދިނީއެވެ. އިތުރު މާބޮޑު ކަމެއްވެސް ނުކުރެއެވެ.
ޓީޗަރު އެކުރާ ކަމެއް ކޮށް އަވަދިވެގެން ކްލާހަށް އައިއިރު ކޮކާ އޮތީ ވިހާފައެވެ. އެކަމަކު ކޮކާ އޮތީ އުދުހިގަނެގެން ނުދެވިފައެވެ. ކޮކާއޮތީ ވެއްޓިފައެވެ. ކޮކޫންވަނީ ފަޅާލައިފައެވެ. ޓީޗަރަށް ލިބުނީ ހައިރާން ކަމެކެވެ.
ކޮންކުއްޖެއް ކޮކާލަށް އެހީތެރިވެ ދިނީ؟ ޓީޗަރު މުޅިކްލާހާ ސުވާލުކުރިއެވެ.
އަޅުގަނޑު. ކުއްޖަކު އަތްހިއްލާލުމަށްފަހު ވަރަށް ހިތާމަވެރި ރާގަކަށް ޖަވާބުދިނެއެވެ.
ޓީޗަރު ބުންޏެވެ. ތިކުދިން އެކޮކާލަށް އެހީތެރިވެ ދިނީ ރަގަޅު ވަގުތެއްގައެއް ނޫނެވެ. އެކޮކާލަށް އެހީތެރިވެ ދިނުމުގެ ސަބަބުން އޭގެ ދިރިއުޅުމުގެ ފުރަތަމަ ގޯލްވެސް ފެއިލްވީއެވެ. ކޮކާލަށް އުދުހިގަނެގެން ދުނިޔޭގެ ތެރެއަށް ނުދެވުނީ ތިކުދިން އެހީތެރިވެ ދިނުމުގެ ސަބަބުން އޭގެ ފިޔަގަނޑަށް ލިބެންވާ ބާރު ނުލިބުމުންނެވެ. ދެނެއް އެސޮރަކަށް އުދުހިގެން ނުދެވޭނެއެވެ. އެސޮރަށް އެއްވެސް އެހީއެއް ނުވުމަށް މިސްބުނީ އެހެންވެގެންނެވެ.
މިހާދިސާއިން އަހަރެމެންނަށް ދަސްވީ ކޮންކަމެއްހެއްޔެވެ؟
އަހަރެމެންގެ ނޯމަލް ލައިފްގައިވެސް އުނދަގޫ ކަންކަމާ ދިމާވަނީ އެހެންވެގެންނެވެ. ކޮންމެކަމެއްވެސް އުދަގުލަކާ ނުލައި ހަމަ ހިތަށް އަރާއިރަށް ކުރެވޭނަމަ ދިރިއުޅުމުގެ މައިދާނުން އަހަރެމެންނަށް ދަސްވާ އެތައް ބައިވަރު ފިލާވަޅުތަކެއް ދަހެއްނުވީހެއެވެ. ކެތްތެރިކަމާއި، މަޑުމައިތިރިކަމާއި، އެހެންމީހުންނަށް އިޙްތިރާމް ކުރުމާއި، މީސްމީހުނާއި، މުއާމަލާތު ކުރުމާއި، މީސްމީހުންގެ ގާތަށް ކަންކަމު ދިއުމާއި، މިފަދަ ހުރިހާކަމަކީ އަހަރެމެންގެ ޢާއްމު ދިރިއުޅުމުން އަހަރެމެންނަށް ދަސްކޮށްދޭ ފިލާވަޅު ތަކެކެވެ.
ދިރިއުޅުމުގެ މިޙަޔާތުގައި މިފަދަ ކަންކަން ކުރިމަތި ނުވާނަމަ ދިރިއުޅުމުގެ އަސްލު މަޤްޞަދެއް ނޯންނާނެއެވެ. ޙާޞިލް ކުރަން ޖެހޭ ލަނޑުދަނޑިއެއް ނުވަތަ ގޯލެއް ނޯންނާނެއެވެ.