ދިޔަރެސް ( 3ވަނަ ބައި)
އިވުނާ އޭނާގެ ފިރިމީހާ ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގައި އީވާންގެ ކޮޓަރީގައި އޭނާ ނިދަންދެން މަޑުކޮށްލައިގެން އޮތެވެ. އިވުނާއަކީ ޤުދުރަތުގެ މާރީތި ސިފަތަކެއް ލިބިފައިވާ އަންހެނެއް ނޫނެވެ. އެހެނަސް އެއީ މާ ހުތުރު މީހެކޭވެސް ނުބުނެވޭނެއެވެ. އެހެނަސް އާރިޒަކީ އޭނާގެ އަޑާއި ސިފަ އާއި އިސްކޮޅާއި ހެދިހުރި ރޫފަ އެހާމެ ފުރިހަމަ އިންސާނެކެވެ. އޭނާގެ ބުޅި އިސްތަށިގަނޑަކީ ވެސް ތައުރީފު ކުރުން ޙައްޤު އިސްތަށިގަނޑެކެވެ. އާރިޒުގެ ރީތި ހުރިހާ ސިފަތަކެއް އެއްވެސް އައިބުކަމެއް ނެތި، ކުޑަކުޑަ އީވާނަށްވަނީ އޭނާގެ ބައްޕަ ފަރާތުން ވާރުތަކޮށްފައެވެ. ދިވެހިންގެ ލޮލުގެ ކަޅި އާންމުކޮށް ނުހުންނަ ނޫކުލައެއްގައި އީވާންގެ ކަޅި ހުރުމުން ގިނަ މީހުންގެ ސަމާލުކަން އޭނާ އަށް ލިބެއެވެ. ކަޅު ވިލާގަނޑެއް ފަދަ ބުޅި އިސްތަށިތަކުން ނިތްކުރި މަތިވަނީ ފަޅުފިލުވާލެވިފައެވެ. ހިނިތުންވެލީމާ ވިދާ ހުދު މުތްތަކެއް ފަދަ ދަތްތައް ފެނެއެވެ.
އާންމު ގޮތެއްގައި ގޭތެރޭގައި ކޮންމެވެސް މަސައްކަތެއްގައި އަވަދިނެތި އުޅެމުންވެސް ދޭތެރެ ދޭތެރެއިން ހެދުން ފަހާ ހެދުމަކީ އިވުނާ ހަމައެކަނި އާމްދަނީއެއް ހޯދުމުގެ ނިޔަތުގައި ކުރާކަމެއް ނޫނެވެ. އެހެނަސް އެކަން ކުރަނީ ކުރާހިތުންނެވެ. ޚާއްޞަ ހަފުލާތަކަށް ހެދުން ފަހަން ވަރަށް ގިނަ މީހުން އާދެއެވެ. މިހާރުވެސް ހައެއްކަ ހެދުން ކަނޑާފައި އެބައޮތެވެ. އެހެނަސް މިރޭ އޭނާއަށް އެލިބުނު ހުސްވަގުތު ކޮޅު ފަހާފޮށިދޮށަށް ދާ ޙިޔާލެއް ނުކުރިއެވެ. އޭނާގެ ސިކުނޑީގައި ދައުރުވަމުން ދަނީ މިރޭ އިވުނު އަޑާއި މެދު ކުރެވޭ ފިކުރުތަކެވެ.
އެޒާތުގެ އަޑުތައް ފުރަތަމަ އިވެން ފެށީ އީވާނަށް 5 އަހަރު ފުރުނު ރެއެވެ. އެރޭ ގޭތެރޭގައި ކުޑަ ޕާޓީއެއްވެސް ބޭއްވިއެވެ. އެރޭ އިވުނު އަޑާއި މެދު ގިނަ މީހުންނަށް ހީވެފައި އޮތީ ކޮންމެވެސް ކުދިބަޔަކު ސަކަރާތް ޖެހުމުގެ ތެރޭގައި ފުރާޅު މައްޗަށް ކޮންމެވެސް އެއްޗެއް އެއްލި އަޑުކަމަށެވެ. އެހެންވެ އެކަން މާބޮޑުކަމަކަށް އެކަކުވެސް ނުހެދިއެވެ. އޭގެ ފަހުން އީވާނުގެ ކޮންމެ އުފަން ދުވަހެއްގެ ރެއެއްގައި އެޒާތުގެ ބާރު އަޑެއް އެ ހިސާބުގަނޑުން އިވެއެވެ. އަވަށުގައި ދިރިއުޅޭ މީހުންވެސް އެކަން ފާހަގަވެގެން އެވާހަކަ ދައްކާ ހަދައެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް އެއިވެނީ ސީދާ ކޮން އަޑެއް ކަމެއް އަދި އަޑު އަންނަނީ ވަކި ކޮންދިމާއަކުން ކަމެއް ބުނާކަށް ނީވެއެވެ. އެހެންވެ އެއަޑަކީ ކޮންމެވެސް ސިއްރެއް އެކަމުގައި އެކުލެވިގެންވާ އަޑެއް ކަމުގައި އިވުނާ ޤަބޫލުކުރެއެވެ.
“ތިޔައީ ދެން މާ ކުރީގެ މުސްކުޅިން ދައްކާ ބޯދާ ވާހަކަ. ކިހިނެތް ޤަބޫލުކުރާނީ.” މިއީ އާރިޒު އެކަމާ ބެހޭގޮތުން ވާހަކަ ދައްކާ ކޮންމެ ފަހަރަކުވެސް ދޭ ޖަވާބެވެ. އިވުނާ ބޮޑަށް އެކަމާ ކަންބޮޑުވާ އެއް ސަބަބެއް އޮވެއެވެ. އެއީ ކޮންމެ ފަހަރަކުވެސް އެޒާތުގެ ބާރު ބިރުވެރި އަޑެއް އީވާންގެ އުފަންދުވަހާއި ގުޅިގެން ތަކުރާރުކޮށް އިވެމުން ދާތީއެވެ. އެހެނަސް އިވުނާ އެވާހަކަ އާރިޒް ފިޔަވާ އެހެންމީހަކާއި ހިއްސާއެއް ނުކުރެއެވެ. އެހެނަސް މިހާރު އިވުނާ އެކަމުގެ ސިއްރަކީ ކޮބައިތޯ ބަލަން ބޭނުންވެއެވެ. (ނުނިމޭ)
