ވާހަކަ

މަންމާއޭ މިހިތުގައި ތިޔަނަމާ ތިޔަސޫރަވޭ – 19 ވަނަބައި

18 ވަނަ ބަޔާ ގުޅޭ

އުނައިޝް ވިސްނުންތެރިކަމާއެކު އޭނާގެ މަޅިފަތި ރާވަމުން ގެންދިޔައެވެ. ތުނޑީގައި ކޯޅިކޯޅިއަށް މީހުންނާއި ކުޑަކުދިން އެއްވެގެން ދަންކަމުން ދިޔައީ މިއަދު ދިމާވި ބިރުވެރި ހާދިސާތަކުގެ ވާހަކައެވެ. އެކަކަށް ވުރެ ތަފްސީލްކޮށް ކިޔައިދެވޭތޯ އަނެކަކު ބަލައެވެ. އަދި އެމީހަކަށް ކުރެވުނު އިހުސާސްތައް ކިޔައިދެމުން ގެންދިޔައެވެ. އުނައިޝް ވެސް އެއިން ކޯޅިވަރެއްގައި ބައިވެރިވެގެން އިނެވެ. ފުން ޚިޔާލަކަށް ގެއްލިފައެވެ. ނަސީބަކުން މިތާކު ނިއަމްއެއް ނެތެވެ. އޭނާ ހުރިނަމަ އުނައިޝްގެ މިޒާޖަށް އައިސްފައިވާ ބަދަލާމެދު ސުވާލު ކުރީސްކަން ޔަގީނެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ ޒަމާލިކްއާ ބައްދަލުކުރެވޭނެ ދަނޑިވަޅެއް ލިބޭތޯއެވެ. ތުނޑީގައި ހިނގަމުންދާ މަންޒަރުތައް ބަލަން ޒަމާލިކް ވެސް ދުރުގައި ހުއްޓެވެ. އޭނާ ވެސް އިންތިޒާރު އެކުރަނީ އުނައިޝްއާ ބައްދަލުވެވޭނެ ފުރުޞަތަކަށް ކަން ކަށަވަރެވެ.

ހަވީރުގެ ވަގުތެވެ. ބޮޑެތި މީހުންގެ ބައްދަލުވުމެއް ރޭވިއްޖެއެވެ. އެއީ ދެން މިދަތުރުގައި ކަންކަން ކުރާނެ ގޮތެއް ކަނޑައެޅުމުގެ ބައްދަލުވުމެކެވެ. އެއްބަޔަކު ބޭނުންވީ ދަތުރު ކުރުކޮށްލާފައި އަވަހަށް އެނބުރި ދިޔުމަށެވެ. އެކަމަކު މިހާރު އިރު އޮއްސެން ކައިރިވެފައި ވުމުގެ ސަބަބުން އެކަން ކުރެވޭކަށް ނެތެވެ. އިތުރު ގޮތެއް ނެތުމާއެކު ބައްދަލުވުން ނިންމާލީ މިރޭ މަޑުކޮށްފައި މާދަން ހެނދުނު ހޮޅުދުވައް ދާން ދަތުރުފެށުމަށް ކަނޑައެޅުމަށް ފަހުއެވެ.

ރީޝްއާއި ނިއަމް ވަނީ ހަމައަކަށް އެޅިފައެވެ. އެކަމަކު އަހަންމައިދީގެ ނުތަނަވަސްކަން ވީ އިތުރެވެ. އޭނާއަށް ފެންނަ ހުވަފެނުގެ ވާހަކަ ހަސީނާއަށާއި ރީޝްއަށް ކިޔައިދިނުމަށް ވަގުތުކޮޅެއް ހުސްކުރިއެވެ. ދެމައިން ގޮވައިގެން ކުޑަކޮށް އެކަހެރި ހިސާބަކަށް އަހަންމައިދީ ދިޔައެވެ. އަދި އޭނާއަށް ފެންނަ ހުވަފެނުގެ ވާހަކަ އެދެމައިންނަށް އަހަންމައިދީ ކިޔައިދިނެވެ. އަދި މިރޭ ނިދާނީ ތިންމީހުން އެއްޓެންޓެއްގައި ކަމުގައި އަހަންމައިދީ ކަނޑައެޅިއެވެ. ދެމައިންނަށް ވެސް އެއީ ރަނގަޅު ގޮތެއް ކަމުގައި ގަބޫލުކުރެވުނެވެ.

ހަނދުގެ ހިތްގައިމު ދޯދިތަކުން ތުނޑިމަތި އުޖާލާކޮށްދީފައި ވީނަމަވެސް މިރެއަކު އެ މަންޒަރު ބަލާނެ މީހަކު ނެތެވެ. އެ ހިތްގައިމު ވެލިގަނޑުގައި ތިބެ ހަނދުވަރުގެ އަލިން ފެންވަރާނެ ޒުވާނެއް ވެސް މިރެއަކު ނެތެވެ. މުޅި ތުނޑިމަތި ވަނީ ހަރަކާތް ހުއްޓިފައެވެ. ކުދިކުދި ރާޅުތައް އައިސް ގޮނޑުދޮށުގައި ބީހިލާ އަޑު ނޫން އެހެން އަޑެއް ތުނޑިމަތިންނެއް ނީވެއެވެ. ކޮންމެ މީހަކުވެސް ބެލީ ރޭގަނޑުގެ ކެއުމަށް އިންސާފުކޮށްގެން އަވަހަށް ޓެންޓްތަކަށް ވަދެ ނިވާވެވޭތޯއެވެ. ރީޝް ހުރީ މާއިޝްއާ ބައްދުކުރުމަށް ކެތްތެރިކަން ކޮޅުންލައިފައެވެ. އެކަމަކު މިރޭ ޓެންޓުން ނުކުންނާކަށް ބައްޕަ ހުއްދައެއް ނުދިނެވެ. މާއިޝް ވެސް ވަނީ ރިޝްއާ ބައްދަލުވެވޭނެ އިރެއްގެ އިންތިޒާރުގައެވެ. އޭނައަށް ވެސް މަޖުބޫރުވެފައި ވަނީ ޓެންޓުގައި އޮށޯވެގެން އޮންނާށެވެ. ލޮލަށް ނިދިނައި ކަމުގައި ވިޔަސް ލޯމަރާލައިގެން އޮތުން ނޫން އެހެން ގޮތެއް ނެތެވެ.

ގަޑިން އެގާރަ ޖެހިއެވެ. އުނައިޝް ތެދުވެ ޓެންޓުގައި ތިބި މީހުންނަށް ނަޒަރު ހިންގާލިއެވެ. އަދި އޭނާގެ ލޮލުން އިޝާރާތެއް ކޮށްލިއެވެ. އެއަށްފަހު މަޑުމަޑުން ޓެންޓުން ނުކުތެވެ. ރީޝްގެ އާއިލާ ނިދަން ތިބި ޓެންޓާ ދިމާއަށް މިސްރާބު ޖެހިއެވެ.

“ރީޝް!” އެއީ މާއިޝްގެ އަޑެވެ. މަޑުމަޑު ވައިއަޑަކުން ގޮވާލި އަޑެވެ. މާއިޝްގެ އިންތިޒާރުގައި ނުނިދިފައި އޮތް ރީޝްއަށް މީހަކު ގޮވާލިހެން ހީވިއެވެ. އަދި އިތުރު އަޑެއް އިވޭތޯ ކަނުލައި އަޑުއަހަން އޮތެވެ.

“ރީޝް! ބޭރަށް ނުކުމެބަލަ!” ދެވަނަ ފަހަރަށް ވެސް ރީޝްއަށް މާއިޝްގެ އަޑު އިވުނެވެ.

“މާއިޝްތަ؟” ރީޝް ވެސް ވަރަށް މަޑުމަޑުން ސުވާލުކުރިއެވެ. އަދި ޓެންޓުގައި ތިބި އޭނާގެ ބައްޕައަށާއި މަންމައަށް ނަޒަރު ހިންގާލިއެވެ. އެމީހުން ނިދާފައި ތިބިކަން ޔަގީންކުރުމަށް ފަހު މަޑުމަޑުން ޓެންޓުން ނުކުތެވެ. އޭރު ރީޝްގެ އިންތިޒާރުގައި މާއިޝް ހުއްޓެވެ.

“އަހަރެން އިންތިޒާރު ކުރާތާ ހާދަ އިރެއް ވެއްޖެއޭ” މާއިޝް ޝަކުވާ ކުރިއެވެ.

“އަހަރެން ވެސް.” މާއިޝްއާ ގާތްވެލަމުން ރީޝް ޖަވާބު ދިނެވެ. “އަހަރެމެން ތިބޭނީ މިތާތަ؟” ރީޝް ސުވާލުކުރިއެވެ.

“ނޫން. މިރޭ ބޭނުންވަނީ ރީޝްއަށް ސަޕްރައިޒްއެއް ދޭން. ރީޝްގެ ހަނދާނުން ދުވަހަކު ވެސް ނުފިލާފަދަ ސަޕްރައިޒްއެއް.” މާއިޝް ޖަވާބުދިނެވެ.

“އަސްލު ވެސްތަ؟” ރީޝްގެ އަޑުން އުފާވެރިކަން ފާޅުވިއެވެ. “ދެން އަވަހަށް ތިޔަ ސަޕްރައިޒް ދީބަލަ!” ރީޝް ކުސްތަޅައިގަތެވެ.

“މިކޮޅަށް އައިސްބަލަ.” ތުނޑީގެ ދެކުނަށް މާއިޝް އިޝާރާތް ކޮށްލިއެވެ. އަދި ހިނގައިގަތެވެ.

އެހިނދު، ރީޝްމެންގެ ކުރިމަތިން ވިދުވަރެއް ފާއްދާލިއެވެ. އަދި މުޅި ދުނިޔެ އަލިވެގެން ދިޔުމާއެކު ކުރިމަތިން މާ ބަގީޗާއެއް ފާޅުވިއެވެ. ބަގީޗާވަނީ ރީތި މާގަސްތަކާއި، ފައްވާރުތަކުން ޒީނަތްތެރި ކުރެވިފައެވެ. ތަފާތު ވައްތަރުގެ ދޫނިތައް އުދުހި އުދުހި ތިއްބެވެ. ބަގީޗާގެ މެދުގައި ރީތި ގަނޑުވަރެއް ހުއްޓެވެ. ރީޝްއަށް މި މަންޒަރު ފެނުމުން އުފަލުން ހުރެ މާއިޝްއަށް ބަލައިލިއެވެ. އެވަގުތު ކުރިޔަށް ދިޔުމަށް މާއިޝްގެ އަތުން އިޝަރާތް ކުރިއެވެ. ރީޝްއަށް މިހާރު ހީވަނީ އޭނާއަކީ ރަސްދަރިކަނބަލެއް ހެންނެވެ. ދެއަތް ހުޅުވާލުމަށްފަހު ދޫނި ފިޔަޖަހާ ފަދައިން ދެއަތުން ހަރަކާތް ކުރަން ފެށިއެވެ. އަދި މިޔުޒިކަކަށް ފައި ހަމަކުރާ ފަދައިން ފިޔަވަޅުތައް އަޅަމުން އެނބުރި އެނބުރިފައި މާއިޝްއާ ދިމާއަށް ބަލަމުން، ލޯބީގެ މެސެޖްތައް ފޮނުވަމުން ގެންދިޔައެވެ. ރީޝް އުފަލުން ފޮޅެމުން، އެއްކަލަ ގަނޑުވަރުގެ ބޮޑުދޮރާ ހަމައަށް ހިންގައްޖެއެވެ. މާއިޝް ވެސް ލަސް ފިޔަވަޅުތަކެއް އަޅަމުން ކުރިޔަށް ދިޔައެވެ. އެ މޫނުގައި ފަތަހައިގެ އަދި އެހާމެ ނުރައްކާތެރި ހިނިތުންވުމެއް ވިދަމުން ދިޔައެވެ. މިހާރު މާއިޝްގެ ސިފަ މަޑުމަޑުން އުނައިޝްއަށް ބަދަލުވަމުން ދިޔައެވެ. ރީޝް ފަސް އެނބުރި ބަލައިލިނަމަ އެ މަންޒަރު ވަރަށް ރީއްޗަށް ފެނުނީހެވެ. ރީޝް ދޮރުގެ ކުރިމައްޗަށް އެރުމުން ދޮރު އަމިއްލައަށް ހުޅުވިގެން ދިޔައެވެ. އެވަގުތު ރީޝް މަޑުމަޑުން އެގަނޑުވަރުގެ ތެރެއަށް ވަނެވެ. ހަމަ ވަނުމާއެކު ދޮރު ލެއްޕުނެވެ.

ކަނު އަނދިރިކަން ރީޝް ވަށާލިއެވެ. ލިބުނު ކުއްލި ސިހުމާއެކު އެނބުރި އައިކޮޅަށް ދިޔުމަށްޓަކައި ދޮރުގެ އަތްގަނޑުގައި ހިފަން މަސައްކަތްކުރިއެވެ. ނަމަވެސް އޭނާއަށް އެދޮރުން އަތްގަނޑެއްގައި އަތެއް ނުލެވުނެވެ. ކަނުއަނދިރީގައި އެއްވެސް އެއްޗެއް ނުފެންނާތީ މާއީޝްއަށް ގޮވަން ފެށިއެވެ. އެތައް ފަހަރަކު ގޮވިއިރު ވެސް މާއިޝްގެ ހިލަމެއް ވެސް ނުވިއެވެ. ދޮރުހުރި ހިސާބުގައި އަތް ކާއްތާލުމުން އޭނާއަށް އިހުސާސްވީ ދަގަނޑު ތޭރިތަކެކެވެ. މިހާރު ރީޝް ހުރީ ބިރުން ގޮސް އަވަދިވާވަރު ވެފައެވެ. އެންމެފަހުން ކުރާނެކަމެއް ނެތުމުން ބިންމަތީގައި އިށީނދެވިއްޖެއެވެ. އޭނާގެ ގިސްލުމުގެ އަޑު އެ އަނދިރިކަމުގެ ތެރެއިން އިރުއިރުކޮޅުން އިވިއިވި ހުއްޓެވެ. “މީތަ މާއިޝް ދިން ސަޕްރައިޒްއަކީ؟ އަހަރެން ޖަލެއްގައި ހައްޔަރު ކުރުންތަ؟ މިއޮއް ހުރިހާ ދުވަހު އަހަރެންނަށް ފޮނި ހުވަފެންތައް ދައްކައިގެން ކުރަން އުޅުނު ކަމަކީ މީތަ؟ މާއިޝް އަޅެ އާދޭސްކޮށްފައި ބުނަން. އަހަރެން މިތަނުން ސަލާމަތްކޮށްދީ! އަހަރެން ބިރުން ގޮސް މިއޮއް މަރުވަނީ!” އާދޭސްކޮށްކޮށް ވަރުބަލިވުމުން އެންމެ ފަހުން ރީޝްގެ އަޑު ކެނޑުނެވެ. އެކަމަކު މާއިޝްގެ އެއްވެސް ހިލަމެއް ނުވިއެވެ. މިފަދަ ދެރައެއް މާއިޝް ދޭނެބާއޭ ރީޝްގެ ހިތަށް އެރަމުން ދިޔައެވެ. އެކަމަކު ހުރިހާ ކަމެއްވެސް ވެގެން ދިޔައީ އޭނާގެ ލޮލުގެ ކުރިމަތީގައެވެ. ޝައްކުކުރާނެ އެއްވެސް ޖާގައެއް ނެތެވެ.

އުނައިޝް ހުރި ދިމާއިން މައްޗަށް އުދުހިގަތެވެ. އަދި ފަޒާގެތެރޭގައި އޮވެ، ބާރުބާރަށް ހޭންފެށިއެވެ. ލިބުނު ކާމިޔާބީއަށްޓަކައި އޭނާ ފަޚުރުވެރިވިއެވެ. އެއްދޮނުގައި ދެބުޅި ޖަހާލެވުނީމައެވެ. މިހާރު ރީޝް އެހެރީ އުނައިޝްގެ ބެލުމުގެ ދަށުގައެވެ. އަދި ރީޝްއާއި މާއިޝްއާ ދެމެދުގައި މިވަނީ އެކަތައިގެ ފާރެއް ބިނާކުރެވިފައެވެ.

(ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close