ވާހަކަ

މަންމާއޭ މިހިތުގައި ތިޔަނަމާ ތިޔަސޫރަވޭ – 18 ވަނަބައި

17 ވަނަބައި ކިޔާލުމަށް

އަހަންމައިދީއަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. އޭރު އަރާމު ނިންޖަކުން ނިދާލާފައި ޙަސީނާ އޮތެވެ. އެހާ އަރާމުގައި ހަސީނާ ނިދާފައި އޮތުމުން އޭނާއަށް ގޮވައި ހޭލައްވާކަށް އަހަންމައިދީއަކަށް ނުކެރުނެވެ. ގަޑި ބަލައިލިއިރު މެންދަމުން އަލިވެ ދެގަޑި ބައި ވަނީއެވެ. އަތިރިއަކަށް ދާން ޖެހިފައި އޮތުމުން މަޑުމަޑުން ތެދުވެ ޓެންޓުން ބޭރަށް ނުކުތެވެ. އެވަގުތު، ޒުވާން ފިރިހެން ކުދިން ނިދާފައިތިބި ޓެންޓުގެ ތެރެއަށް މީހަކު ވަތްތަން އޭނާއަށް ފެނުނެވެ. އެވާނީ އޭނާ ފަދައިން އަތިރިއަކަށް އެރިފައި އައި ކުއްޖެއްކަމަށް އޭނާ ހިތަށް އެރިއެވެ. އަދި އަވަސް އަވަހަށް ޓެންޓްތަކާ ދުރަށް ހިނގައިގަތެވެ.

އަހަންމައިދީ މިދަތުރުގައި ބައިވެރިވީ މިހާރަކަށް އައިސް އޭނާއަށް ދޭތެރެ ދޭތެރެއިން ފެންނަ ހުވަފެނެއްގެ ސަބަބުންނެވެ. މިރޭ ވެސް އެހުވަފެން ތަކުރާރު ވީއެވެ. ކޮންމެވެސް ބޮޑުކަމެއް އޭނާގެ އާއިލާއަށް ކުރިމަތިވާން އުޅޭ ކަމުގެ އިހުސާސް ވާތީ، މާލޭގައި ކުރަން ހުރި ކަންކަން ހަމައަކަށް އަޅުވާލާފައި އަމިއްލަ ލޯންޗެއްގައި ހޮޅުދުވަށް އައި އިރު ހަސީނާމެން ދަތުރުދާން ނުކުންނަނީއެވެ. އެހެންކަމުން ލޯންޗު ހޮޅުދޫގައި ބާއްވާފައި ޙަސީނާމެންނާއެކު ދަތުރުގައި ބައިވެރިވީއެވެ. އަދި ތޮޅެންދޫގައި ދެތިންދުވަހު މަޑުކުރަން ނިންމީ އޭނާގެ އެދުމަކަށެވެ. އަދި އިތުރަށް ބޭނުންވާ ސާމާނު ގެނުވީ ކައިރި ރަށްރަށުންނެވެ. ދަތުރު މިގޮތަށް ދިގުކޮށްލުންވީ ދަތުރުގައި ބައިވެރިވި ކުޑަކުދިންނަށާއި ޒުވާނުންނަށް ލިބުނު އިތުރު އުފާވެރިކަމަކަށެވެ.

އަހަންމައިދީއަށް ފެންނަ ހުވަފެނުގެ ވާހަކަ ޙަސީނާއަށް ކިޔައިދެވޭފަދަ ވަގުތެއް ވެސް އަދި ނުލިބެއެވެ. ތަފާތު ޚިޔާލުތަކުގައި ހުރެ އަތިރިއަށް ގޮސް އަވަދިވެގެން އައިސް އަނެއްކާވެސް އޭނާ އޮށޯވެއްޖެއެވެ.

ރާޅާއަޅަން ދިޔުމުގެ ޕްރޮގްރާމާ މެދު ހެނދުނުގެ ކޮފީގެ ވަގުތުގައި މަޝްވަރާ ކުރެވުނެވެ. ބައެއް ޒުވާނުންނާއި ކުޑަކުދިން ރާޅާއަޅަން ދާން ބޭނުންވިއިރު، ބައެއް ޒުވާނުން ދާން ބޭނުންވީ ރަށުތެރެ ބަލާލާށެވެ. މީހުން ކިޔާ ހުއިފަޅު ކުއްޖާއާއި ނުވަދެވޭ ސަރަހައްދަކީ ތެދެއްތޯ ބަލަންދާން މިމީހުން ވަރަށް ޝައުގުވެރިވިއެވެ.

ރީޝްއާއި ނިއަމް އަދި މާއިޝްއާއި އުނައިޝް އެމީހުންނާ އެކުގައިދާން ބޭނުންވި ކުދިންނާއި ޒުވާނުން ގޮވައިގެން ރަށުގެ އިރުމަތީ ފަރާތަށް ދާން މިސްރާބު ޖެހިއެވެ. ރަށުތެރެ ބަލާލަން ދާން ބޭނުންވި ޒުވާނުން ވެސް ރަށުތެރެއަށް މިސްރާބު ޖެހިއެވެ. ތަފާތު ސަމާސާތައް ކުރަމުން މިޒުވާނުން ރަށުގެ ވަލުތެރެއަށް ވަދެއްޖެއެވެ. އެކަކު އަނެކަކަށް ތަފާތު އަޑުއަޑު ލައްވަމުންނެވެ. ހުއިފަޅު ކުއްޖާ މިހިރީއޭ އެއްބަޔަކު ގޮވަމުން ދިޔައިރު، އަނެއް ބަޔަކު ގޮވަމުން ދިޔައީ ކޮބާހޭ، ކޮބާހޭ އެވެ. ބައެއް ކުދިން ރޯއަޑު ލައްވަމުން ތަފާތު އަޑުއަޑުން މަންމާއޭ ވެސް ގޮވަމުން ދިޔައެވެ. މިޒުވާނުންގެ ސަކަރާތްގަނޑު ބަލަން ތަންކޮޅެއް ދުރުގައި ޒަމާލިކް ހުއްޓެވެ. ރަނގަޅު ދަނޑިވަޅެއްގެ އިންތިޒާރުގައެވެ. ޒުވާނުންތައް ބިރުގަންނަވާލުމުގެ ބޭނުމުގައެވެ.

“މަންމާ!” އެއީ އުމުރުން ހަތަރުވަރަކަށް އަހަރުގެ ކުއްޖެއްގެ އަޑެވެ. އަޑުއައީ ހަލަބޮލިވެފައިވާ ޒުވާނުންތަކުގެ ފަހަތުންނެވެ. އެ ޒުވާނުންގެ ތެރޭގައި އިޒާން ވެސް ހުއްޓެވެ. އޭނާއަށް ފަހަތުން އަޑެއް އިވުނުހެން ހީވެގެން ފަހަތް ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެވަގުތު ކުއްޖަކު ރޮއިގަތް އަޑު ވެސް އިވިއްޖެއެވެ. މިފަހަރު އެއީ ހީއެއް ނޫނެވެ. އެންމެ ގާތުގައި ތިބި ކުދިންގެ ސަމާލުކަން އިޒާނަށް ލިބޭތޯ އޭނާ މަސައްކަތް ފެށިއެވެ. އޭނާގެ މަސައްކަތް ކާމިޔާބުވީ އަހުސަން ހުއްޓުމުންނެވެ.

“ފަހަތުން ކުއްޖަކު ރޯއަޑު އެބައިވޭ. އަހުސަން ނިކަން ރަނގަޅަށް އަޑުއަހަން ހުރެބަލަ!” އިޒާންގެ އަޑުގައި ވަނީ ހާސްކަމެވެ. އަހުސަން ހުއްޓިހުރެ އެއްވެސް އިތުރު އަޑެއް އިވޭތޯ ބެލިއެވެ. އޭރުވެސް އެއްކަލަ ރުއިމުގެ އަޑު އިވެމުން ދިޔައެވެ. އަހުސަންއަށް ވެސް އެއަޑު އިވިއްޖެއެވެ. އަދި ވަރަށް ބިރު ވެސް ގަނެއްޖެއެވެ. އިޒާންއާއި އަހުސަން އެތައް މަސައްކަތެއް ކޮށްގެން ގްރޫޕުގެ  އެހެން ކުދިން ވެސް އެއަޑަށް ސަމާލުކުރުވައިފިއެވެ. އެހެން ކުދިންނަށް ވެސް އެއަޑު އިވިއްޖެއެވެ. އެއްބައިކުދިންނަށް އެއަޑު ވެސް ވީ މަޖާކަމަކަށެވެ. އެކަމަކު ބައެއް ކުދިންނަށް ބިރުން ގޮސް ކުޑަކަމުވެސް ދެވިއްޖެއެވެ.

ބިރުކުޑަ ބައެއް ކުދިން އެއީ ކޮންކުއްޖެއްގެ އަޑުތޯ ބަލަން އެއަޑު އަންނަ ދިމާއަށް ދުއްވައިގަތެވެ. އެއަޑު އައި ހިސާބުކަމަށް އެކުދިންނަށް ގަބޫލުކުރެވުނު ހިސާބަށް ދިޔުމަށްފަހު ފަރާތްފަރާތަށް ބޯދީ ބަލަން ފެށިއެވެ. އޭރު އެ ރުއިމުގެ އަޑެއް ނީވެއެވެ. ދެތިން ޒުވާނުން ފަރާތްފަރާތް ހޯދާ ބެލުމަށްފަހު ކުއްޖެއްގެ އެއްވެސް ހިލަމެއް ނުވުމުން، އެކުއްޖަކު މިހާރު ބޮޑެތި މީހުން ތިބިތަނަށް ދިޔައީކަމަށް ނިންމިއެވެ. އަދި އެހެން ކުދިންގާތު ވެސް ބިރު ނުގަތުމަށް ނަސޭހަތްތެރިވިއެވެ. ޒުވާނުންނަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އެހެން ނަމަވެސް އެ ހަމަޖެހުން އޮތީ ހިނދުކޮޅަކުއެވެ. އަނެއްކާވެސް އެއްކަލަ ރުއިމުގެ އަޑު އެހެން ދިމާލަކުން އިވެން ފަށައިފިއެވެ. ކުރިން ހިތްވަރުކޮށްގެން ތިބި ކުދިންގެ ތެރެއިން ގިނަ ކުދިން މިހާރު ތިބީ ބިރުންނެވެ. ސަކަރާތްޖެހުމާއި މަޖާނެގުން ހުއްޓިއްޖެއެވެ. އެހިސާބުން ގިނަކުދިން ނިންމީ އަވަހަށް ތުނޑިއަށް ދާށެވެ. ނަމަވެސް މިހާރު އެހެން ކަމެއްވެސް ވަނީ ކުރިމަތި ވެފައެވެ. ތުނޑިއަށްދާނީ ކޮން މަގަކުން ކަމެއް މިހާރު އެއްވެސް ކުއްޖަކަށް ނޭނގުނެވެ. ތަފާތު މަގުތައް ހުއްޓަސް ތަންކޮޅަކަށް ދާއިރަށް މަގު އޮންނަނީ ބެދިފައެވެ. މިހާރު އެއްކަލަ ރުއިމުގެ އަޑު އަންނަނީ އެކި ފަހަރު އެކި ދިމާއިންނެވެ. މަދު ކުއްޖަކު ނޫނީ މިހާރު ހަމަ ހޭގައި ހުރިހެނެއް ހިޔެއް ނުވެއެވެ. ހެޔޮ އެއްޗެއް ކިޔަން އުޅެގެން ވެސް އެއެއްޗެއް ކިޔެނީ މަދު ކުއްޖަކަށެވެ.

ޒުވާނުންގެ މިހާލު ފެނިފައި ޒަމާލިކް ގާތަށް ވަރަށް ހިނިއަތުވެއްޖެއެވެ. އެތައް އިރަކު މިކުދިންތައް ގަނަތެޅުވި އިރު ވެސް ޒަމާލިކް ހިތްހަމައެއް ނުޖެހުނެވެ. އޭނާ ބޭނުންވަނީ އަދިވެސް އެކުދިން ތަޅުވާށެވެ. އެކުދިންގެ އެހާލު ދެކިފައި ބިނދިބިނދިފައި ހޭން ހުންނާށެވެ.

ޒުވާނުން ރަށުތެރެ ބަލާލާފައި އަންނާނެ ވަގުތެއްގެ އިންތިޒާރުގައި މެންދުރު ކާން ހަދައިގެން ތުނޑީގައި ތިބި މީހުން ތިއްބެވެ. މެންދުރުން އަނބުރާ ދޭއް ޖެހިއިރު ވެސް އެމީހުންގެ ޚަބަރެއް ނުވިއެވެ. އެހެންކަމުން ބޮޑެތި މީހުންގެ ތެރެއިން ބަޔަކު، ޒުވާނުން ހޯދުމަށްޓަކައި ވަލުތެރެއަށް ވަނެވެ. އެކި ދިމާތައް ހޯދަމުން، އެކި ކުދިންގެ ނަމުން ގޮވަމުން ވަލުތެރޭގައި ހިނގަން ފެށިއެވެ. މިމަންޒަރު ޒަމާލިކަށް ފެނުމުން، އޭނާގެ މަސައްކަތް ހުއްޓާލާފައި އަވަސް އަވަހަށް ވަލުތެރެއަށް ވަދެ ފިލައިފިއެވެ. ބޮޑެތި މީހުންގެ ގޮވުމުގެ އަޑު ޒުވާނުންނަށް އިވެންފެށީ އެހިސާބުންނެވެ. ޒުވާނުންގެ ތެރެއިން އެންމެ ބިރުކުޑަ ކުދިން އެއަޑަށް އިޖާބަދީ އެމީހުންގެ އަޑު ބޮޑެތިމީހުންނަށް އިއްވިއެވެ. ޒުވާނުންނަށް ވާނުވާ އެނގެން ފެށިއިރު އެމީހުންނަށް ތިބެވުނީ ކަށިކުނބުރު ވަލެއްގެ ތެރޭގައެވެ. ބޮޑެތި މީހުންނަށް އެޒުވާނުންނާ ހިސާބަށް ވަންނަން ޖެހުނީ އެ ބޮޑު ކަށިކުނބުރުވާ ކޮށައިގެން މަގެއް ހަދައިގެންނެވެ. ބޮޑެތިމީހުންނަށް ޒުވާނުންނާ ހިސާބަށް ދެވުނު އިރު، ބައެއް ކުދިންގެ ޚަބަރު ހުސްވެއްޖެއެވެ. އަދި ބައެއް ކުދިން ބޮޑެތިމީހުންގެ ގައިގައި އޮޅުލައޮޅުލާފައި ރޯން ފެށިއެވެ.

ވަލުގައި ތާށިވި ޒުވާން ކުދިން ތުނޑިއަށް ގެނެސް، އެމީހުންގެ ކިބައިން ޚަބަރު އޮޅުންފިލުވުމުގެ މަސައްކަތް ބޮޑެތިމީހުން ފެށިއެވެ. ޒުވާނުންނަށް ދިމާވި ބިރުވެރި ހާދިސާ ގިސްލަ ގިސްލާފައި އެކުދިން ކިޔައިދިނެވެ. މި ޚަބަރު އިވުމުން ބޮޑެތި މީހުންގެ ތެރެއިން ވެސް ބައެއް މީހުން ވަރަށް ބޮޑަށް ބިރުގަތެވެ.

ރީޝްއާއި ނިއަމް، ރާޅާއަޅަން ދަސްކުރަނީއެވެ. ރީޝްއަށް ދަސްކޮށްދެނީ މާއިޝްއެވެ. ނިއަމްއަށް އުނައިޝްއެވެ. ކަނދުގައި އޮންނާނެ ގޮތާއި ކަނދު ހިފަހައްޓާނެ ގޮތް ކިޔައިދެމުން ގެންދިޔައެވެ. އަދި ޖައްސަން ރަނގަޅު ރާޅާއި ރަނގަޅު ނޫން ރާޅު ބުނެދިނެވެ. އެއަށްފަހު ދެން އޮތީ ރާޅުތަކުގައި ޖެއްސުމެވެ. ރީޝްއާއި ނިއަމްއަށް މިކަންވީ ވަރަށް ކުރާހިތްވާ ކަމަކަށެވެ. ގިނަ ރާޅުގައި ޖެއްސުނު ވަރަކަށް ބިރު ފިލަމުން ދިޔައެވެ. އެންމެފަހުން ދެން އޮތީ ރީޝްއާއި ނިއަމް ކޮންމެ ކުއްޖެއްވެސް އަމިއްލައަށް ރާޅުގައި ޖެއްސުމެވެ.

އުނައިޝް ހުރީ މިދަނޑިވަޅަށް ބަލަބަލައެވެ. ރީޝްއާއި ނިއަމް، ރަނގަޅު ރާޅެއްގެ އިންތިޒާރުގައި ތިއްބެވެ. ތަންކޮޅެއް ބޭރުން ރާޅެއް އުފުލާލިއެވެ. ދެކުދިން ވެސް ރާޅުގައި ޖައްސަން ތައްޔާރުވިއެވެ. އުނައިޝްގެ ލޮލުން އެރާޅަށް އިޝާރާތެއް ކޮށްލިއެވެ. ވަގުތުން އެރާޅުގެ ދެގުނައަށް އުފުލިއްޖެއެވެ. އަދި ހަލުވި ދުވެއްޔެއްގައި ގޮނޑުދޮށާދިމާއަށް މިސްރާބު ޖެހިއެވެ. ރާޅުގެ ބަޑުދަށަށް ދެކުދިން ދަމައިގަތެވެ. އަވަހަށް އަޑިޔަށް ދިޔުމަށް މާއިޝް ގޮވާލިއެވެ. ދެކުދިންނަށް ބިރުން ހަދާނެގޮތް ހުސްވިއެވެ. ބަލަބަލާ ތިއްބާ ދެކުދިން ގޮސް ރާޅުގެ ހޮޅިދަށަށް ނިވާވެއްޖެއެވެ. މާއިޝް ބަލަން ނުހުރެ ވަގުތުން މޫދަށް ފުންމާލިއެވެ. އަދި ވިދުވަރެއް ފަދައިން ގޮސް ރާޅުގެ ހޮޅިދަށަށް ވަނެވެ. އަދި ރީޝްމެން ފެނޭތޯ ފީނައިގަތެވެ. މިހާރު އުނައިޝް ވެސް އެމަސައްކަތުގައި ބައިވެރިވެއްޖެއެވެ. ދެ ޒުވާނުންގެ މަސައްކަތުން ރީޝްއާއި ނިއަމް ސަލާމަތްކޮށްގެން އެއްގަމަށް ގެނައެވެ. އަދި މާއިޝްގެ އުނގުގައި ރީޝް، އުނައިޝްގެ އުނގުގައި ނިއަމް ބޭއްވިއެވެ. އެދެކުދިންނަށް ވަނީ ވަރަށް ބޮޑަށް ލޮނު ބޮވިފައެވެ. މާގިނަ އިރެއް ނުވެ ދެކުދިން ވެސް ހަމައަކަށް އެޅުނެވެ. އުނައިޝްގެ ރޭވުން ކާމިޔާބުވިކަން ޔަގީންކުރުމަށް ރީޝްގެ ކަނދުރާއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ރީޝްގެ ކަނދުރާގައި އެއްކަލަ ފަށް ނެތްކަން އޭނާއަށް ކަށަވަރުވިއެވެ. އުނައިޝްގެ ހިތް އުފަލުން ނަށައިގަތެވެ. ރޭވުމުގެ ފުރަތަމަ މަރުހަލާ ކާމިޔާބުކަމާއެކު ނިންމާލެވުމުގެ އުފާ ފާޅުކުރަން އޭނާ ބޭނުންވިއެވެ. ރީޝްގެ ފުރާނަ ސަލާމަތް ވުމުން، އެހެން ކަމަކާ ވިސްނާލާކަށް މާއިޝްއަކަށް ވެސް އަދި ރީޝްއަކަށް ވެސް މުހިންމެއް ނުވިއެވެ. ރީޝްގެ ކަނދުރާއިން އެއްކަލަ ފަށް ވަކިވެގެން ދިޔަކަމެއް އެމީހުންނަށް ރޭކާ ވެސް ނުލައެވެ. އޭރު ރާޅާ އަޅަން އުޅުނު އެހެން ކުދިން ވެސް މި ހަތަރު ޒުވާނުންގެ ގާތަށް ޖަމާވެއްޖެއެވެ. ރާޅާއެޅުމުގެ މަޖާކަން މިހާރުވަނީ ކެނޑިފައެވެ. ކޮންމެ ކުއްޖަކު ވެސް ބޭނުންވަނީ އަވަހަށް ތުނޑިއަށް ގޮސް މިހިނގާދިޔަ ހާދިސާގެ ވާހަކަ، ބޮޑެތި މީހުންގެ ގާތުގައި ކިޔައިދޭށެވެ. އޭރު، އިތުރު އެހެން ކަމެއް ހިނގައިގެން އުޅޭކަމެއް މި ކުދިންނަކަށް ނޭނގެއެވެ. ހުރިހާ ކުދިން ވެސް ގެނައި ތަކެތި ހަމަކޮށްގެން އަވަހަށް ތުނޑިޔަށް ދާން ހިނގައިގަތެވެ.

(ނުނިމޭ)

އެއް ކޮމެންޓް

  1. ނާރެސްގެ ޓީމަށް
    މިހުރިހާ ބައިތަކެއް 1 ޕޭޖަކުން ފެންނާނެގޮތް ހަދައިދީބަލަ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close