ހުވަފެނާއި އެކަމާއި ގުޅޭ ޢަދަބުތައް
މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި، އައްރޫމު ސޫރަތުގެ 23 ވަނަ އާޔަތުގައި ވަޙީކުރައްވާފައިއެވެ. وَمِنْ آيَاتِهِ مَنَامُكُم بِاللَّيْلِ وَالنَّهَارِ މާނައީ: ” އަދި ރޭގަނޑާއި ދުވާލުގެ ވަގުތުގައި ތިޔަބައިމީހުން ނިދާ ނިދުމަކީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. “
މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ” ނަބީކަމުގެ ދަރަޖަތަކުގެ ތެރެއިން އަލްމުބައްޝިރާތު މެނުވީ އެހެން އެއްވެސް ދަރަޖައެއް ދެމިއެއް ނެތެވެ. އަޞްޙާބުން ދެންނެވޫއެވެ. މުބައްޝިރާތަކީ، ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެއީ ރަނގަޅު ތެދު ހުވަފެނެވެ. (ޞަޙީޙުލް ބުޚާރީ 6990)
ހަމަ އެކަލޭގެފާނުގެ ކިބައިން (އެބަހީ: މާތް ﷲ، އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން) ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ” ޤިޔާމަތުގެ ވަޤުތު ކައިރިވާ ހިނދު، މުއުމިނާގެ ހުވަފެން ދޮގުނުވުން ގާތްވެގެން ވެއެވެ. އަދި މުއުމިނާގެ (ތެދު) ހުވަފެނަކީ، ނަބީކަމުގެ ދަރަޖަތަކުގެ ތެރެއިން ސާޅީސް ހަބައިކުޅަ އެއްބައެވެ. (މުއްތަފަޤުން ޢަލައިހި)
އަދި (މުސްލިމުގައިވާ) އެހެން ރިވާޔަތެއްގައި ވެއެވެ. (ތިޔަބައިމީހުންކުރެ ތެދު ހުވަފެން ފެނުން އެންމެ ގާތްބަޔަކީ، ތިޔަބައިމީހުންކުރެ އެބައެއްގެ ވާހަކައިގައި އެންމެ ތެދުވެރި މީހުންނެވެ.
ހަމަ އެކަލޭގެފާނުގެ ކިބައިން (އެބަހީ: މާތް ﷲ، އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން) ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ” އެމީހަކަށް ހުވަފެނުގައި ތިމަންކަލޭގެފާނު ފެނިއްޖެ މީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން، އެ މީހަކު ހޭލައިހުރެ (ޤިޔާމަތްދުވަހުން) ތިމަންކަލޭގެފާނު ދެކޭ ހުއްޓެވެ. ނުވަތަ އެކަލޭގެފާނު ޙަދީޘް ކުރެއްވީ (އެމީހަކު ހޭލައިހުރެ ތިމަންކަލޭގެފާނު ދުށްފަދަ މިހެންނެވެ. (ޙަދީޘްކުރެއްވިއެވެ) އެހެނީ، ޝައިޠާނާއަށް ތިމަންކަލޭގެފާނު ސިފައެއް ނުކުރެވޭ ހުއްޓެވެ. (މުއްތަފަޤުން ޢަލައިހި)
މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދުރީގެ ކިބައިން ރިވާވެގެންވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ހަމަކަށަވަރުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ” ތިޔަބައިމީހުންކުރެ މީހަކަށް، އޭނާ އުފާވާފަދަ ރަނގަޅު ހުވަފެނެއް ފެނިއްޖެނަމަ، ހަމަކަށަވަރުން، އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ދައްކަވާ ދެއްކެވުމެކެވެ. ފަހެ، އެކަމަށްޓަކައި، އެމީހަކު ﷲ އަށް ޙަމްދުކުރާ ހުށިކަމެވެ. އަދި އެވާހަކަ (އެމީހަކު އިތުބާރުކުރާ ހެޔޮލަފާ މީހުންނަށް) ކިޔައިދޭށެވެ.
އަދި (މުސްލިމުގައިވާ) އެހެން ރިވާޔަތެއްގައި ވެއެވެ. (ފަހެ، އެވާހަކަ އެބަޔަކުދެކެ ތިބާ ލޯބިވާ ބައެއްގެ ގާތުގައި މެނުވީ ނުދައްކާށެވެ.) އަދި އެކަމާ އެމީހަކު ހިތްހަމަނުޖެހޭފަދަ ހުވަފެނެއް ފެނިއްޖެނަމަ، (ދަންނާށެވެ.) ފަހެ، ހަމަކަށަވަރުން، އެއީ، ޝައިޠާނާގެ ފަރާތުން ފެނުނުކަމެކެވެ. ފަހެ އެކަލޭގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުން އެދި، ﷲ ގެ ޙަޟްރަތުން ދުޢާ ދަންނަވާށެވެ! އަދި އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުދައްކާށެވެ. (އަދި ދަންނާށެވެ.) އޭގެ ސަބަބުން އެ މީހަކަށް އެއްވެސް ގެއްލުމެއް ނުލިބޭހުއްޓެވެ. (މުއްތަފަޤުން ޢަލައިހި)
މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫޤަތާދާގެ ކިބައިން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ހެޔޮލަފާ ހުވަފެނަކީ، އަދި (ބުޚާރީގައިވާ) އެހެން ރިވާޔަތެއްގައި ވަނީ ރަނގަޅު ހުވަފެނަކީ، ﷲ ގެ ޙަޟްރަތުން ފެންނަ ފެނުމެކެވެ. އަދި ނުރަނގަޅު ހުވަފެނަކީ، ޝައިޠާނާގެ ފަރާތުން ފެންނަ ފެނުމެކެވެ. ފަހެ، މީހަކަށް އޭނާ ހިތްހަމަނުޖެހޭފަދަ ހުވަފެނެއް ފެނިއްޖެނަމަ، އޭނާގެ ވާތްފަރާތަށް ތިންފަހަރު، (ތުނިތުނިކޮށް) ކުޅާއެކު ފުމެލާށެވެ. އަދި ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުމަށް އެދޭށެވެ. އޭރުން އޭގެ ސަބަބުން އެމީހަކަށް އެއްވެސް ގެއްލުމެއް ނުލިބޭ ހުއްޓެވެ. (މުއްތަފަޤުން ޢަލައިހި)
މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި ޖާބިރުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ތިޔައިން، މީހަކަށް، އޭނާ ހިތްހަމަނުޖެހޭ ފަދަ ހުވަފެނެއް ފެނިއްޖެނަމަ، އޭނާގެ ވާތްފަރާތަށް ތިން ފަހަރު (ތުނިތުނިކޮށް) ކުޅާއެކު ފުމެލާށެވެ. އަދި ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުން އެދި، ތިންފަހަރަށް ﷲ ގެ ޙަޞްރަތުން އެދޭށެވެ. (އެބަހީ ތިންފަހަރަށް އަޢޫޛު މިހެންކިޔާށެވެ.) އަދި އެމީހަކު ނިދަން އޮތް ފަރާތް ނޫން އަނެއް ފަރާތަށް އެނބުރިލާހުށިކަމެވެ.) (އެބަހީ ކަނާތް ފަރާތަށް އޮށޯވެ އޮންނަމަ ވާތްފަރާތަށް، އަދި ވާތްފަރާތަށް އޮށޯވެ އޮތްނަމަ، ކަނާތްފަރާތަށް އެނބުރިލާށެވެ.) (ޞަޙީހް މުސްލިމް 2262)
މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބުލް އަސްޤަޢު، ވާޘިލަތު ބްނުލް އަސްޤަޢުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (ހަމަކަށަވަރުން، އެންމެ ނުބައި ދޮގަކީ، އެމީހެއްގެ ބައްޕަނޫން މީހަކު އެއީ، ބައްޕަކަމުގައި ބުނުމާއި، ނުވަތަ އެމީހެއްގެ ލޮލަށް ނުފެންނަ އެއްޗެއް ފެނުނުކަމުގައި ބުނުމާއި، ނުވަތަ ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިނުވާ ބަސްފުޅެއް އެކަލޭގެފާނު ޙަދީޘްކުރެއްވިކަމުގައި ބުނުމެވެ.
މަޞްދަރު: ރިޔާޟުއްޞާލިޙީންގެ ދިވެހި ތަރުޖަމާގެ 3 ވަނަބައި، ޞަޙީހުލް ބުޚާރީ، ޞަޙީހު މުސްލިމް، ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ


