ﷲ ތަޢާލާ ތިމަންނަގެ ފާފަތައް ފުއްސަވައިދެއްވާނެކަމަށް ހިތު އަޅައިގެން ޤަސްތުގައި ފާފާ ނުކުރާށެވެ. (ދެވަނަބައި)
ﷲ ތަޢާލާއީ މީސްތަކުންނަށް ރަޙުމްކުރައްވާ އޯގާވަންތަ އިލާހެވެ. އެއިލާހުގެ ތަޢާލާގެ އޯގާވަންތަ އިލާހުކަން ޤުރްއާނުގެ އެތައް އާޔަތެއްގައި ބަޔާންވެގެން އައިސްފައިވެއެވެ. އަދި އެއިލާހު ތަޢާލާއީ ގިނަގިނައިން ފާފަފުއްސަވާ އިލާހުކަންވެސް ބަޔާންވެގެން އައިސްފައިވެއެވެ. މިކަމުގެ މާނައަކީ ނުވަތަ މިކަމުން ދަލީލުކޮށްދެނީ ހިތުހުރިހާ ގޮތަކަށް ދުނިޔޭގައި އުޅޭށެކޭ ނޫނެވެ. އަދި ފެންނަހާ ފާފަތަކަކަށް އަރައިގަންނާށެކޭވެސް ނޫނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ﷲ ތަޢާލާއީ ފާފަކުރާ މީހުންނަށް ޢުޤޫބާތް ދެއްވުމުގައިވެސް ގަދަފަދަވެގެންވާ އިލާހެވެ. އެމީހަކު ކުރި ކުށެއްގެ ސަޒާ ނުވަތަ އެމީހަކު ލިބިގަތް ކަމެއްގެ ސަޒާ އެމީހަކަށް ދެއްވާނެއެވެ. މި ލިޔުމުގައި ދެން މި ހިމަނާލަނީ ﷲ ތަޢާލާއީ ޢުޤޫބާތް ގަދަވެގެންވާ އިލާހުކަން ބަޔާންވެގެން އައިސްފައިވާ ޤުރްއާނުގެ ބައެއް އާޔަތްތަކެވެ.
ޢުޤޫބާތް ގަދަފަވުމުގެ މާނައަކީ ﷲ ތަޢާލާ ދެއްވާ ޢަޛާބުގެ ވޭންދެނެވި ކަމުގެ ވާހަކައެވެ. މިފަދަ އާޔަތްތައް ހިތަށް ގެނެސްގަނެ ވިސްނާ ފިކުރުކުރާކަމުގައިވާނަމަވެސް ފާފަތަކުން ދުރުހެލިވުމަށް އަދި ޚާއްޞަ ގަސްތުގައި އެނގިހުރެ ފާފަކުރުމުން ދުރުހެލިވުމަށް ބާރަކަށް ވެގެންދާނެއެވެ.
ﷲ ތަޢާލާއީ عقوبات ގަދަފަދަވެގެންވާ އިލާހުކަން ބަޔާންކުރައްވާފައިވާ ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތައް:-
ބަޤަރާ ސޫރަތުގެ 196 ވަނަ އާޔަތުގައިވެސް މިވާހަކަ ބަޔާންކުރައްވާފައިވެއެވެ.
وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ ﴿١٩٦﴾
މާނައީ ” އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ހަމަކަށަވަރުން، اللَّه އީ عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! “
ތަޤުވާވެރިވުމަށް (އެބަހީ ﷲ އަށް ބިރުވެތިވުމަށް) ގޮވާލެއްވުމަށްފަހު، އެއިލާހު ތަޢާލާ އެއީ ޢުޤޫބާތް ގަދަފަދަ ވެގެންވާ އިލާހުކަން އެވަނީ ވަޙީކުރައްވާފައެވެ.
އަދި ހަމަ ބަޤަރާ ސޫރަތުގެ 211 ވަނަ އާޔަތުގައިވެސް އެވާހަކަ ބަޔާންކުރައްވާފައިވެއެވެ.
فَإِنَّ اللَّهَ شَدِيدُ الْعِقَابِ ﴿٢١١﴾
މާނައީ ” ފަހެ، ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. “
ސޫރަތުލް އާލްޢިމްރާންގެ 11 ވަނަ އާޔަތުގައިވެސް އެވާހަކަ ބަޔާންކުރައްވާފައިވެއެވެ.
وَاللَّهُ شَدِيدُ الْعِقَابِ ﴿١١﴾
މާނައީ ” اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. “
މާއިދާ ސޫރަތުގެ 2 ވަނަ އާޔަތްވެސް ބައްލަވާށެވެ.
وَاتَّقُوا اللَّهَ ۖ إِنَّ اللَّهَ شَدِيدُ الْعِقَابِ ﴿٢﴾
މާނައީ ” އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ عقوبات ގަދަފަދަ ވެގެންވާ ރަސްކަލާނގެއެވެ. “
އަދި ހަމަ އެ ސޫރަތުގެ (އެބަހީ މާއިދާ) ސޫރަތުގެ 98 ވަނަ އާޔަތުގައިވެސް އެފަދައިން ވެއެވެ.
اعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ وَأَنَّ اللَّهَ غَفُورٌ رَّحِيمٌ ﴿٩٨﴾
މާނައީ ” ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަ ވެގެންވާ ރަސްކަލާނގެ ކަމާއި، ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެކަން، ތިޔަބައިމީހުން ދަންނާށެވެ! “
މި އާޔަތުގައި އެވަނީ އެ އިލާހު އެއީ ޢުޤޫބާތް ގަދަވެގެންވާ ރަސްކަލާނގެ ކަން ބަޔާންކުރެއްވުމަށްފަހު އެއިލާހީ ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެކަން ބަޔާންކުރައްވާފައެވެ.
އަދި ހަމަ އެފަދައިން އަންފާލު ސޫރަތުގެ 13 ވަނަ އާޔަތުގައިވެސް ވެއެވެ.
فَإِنَّ اللَّهَ شَدِيدُ الْعِقَابِ ﴿١٣﴾
މާނައީ ” ފަހެ، ހަމަކަށަވަރުން، اللَّه އީ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ. “
އަދި ހަމަ އަންފާލު ސޫރަތުގެ 25 ވަނަ އާޔަތާއި 48 ވަނަ އާޔަތާއި 52 ވަނަ އާޔަތުގައިވެސް ﷲ ތަޢާލާއީ ޢުޤޫބާތް ގަދަފަދަ ވެގެންވާ އިލާހުކަން އައިސްފައިވެއެވެ.
އެކަލާނގެއީ ފާފަފުއްސަވާ، ތައުބާ ޤަބޫލުކުރައްވާ އިލާހުކަން ބަޔާންކުރެއްވުމަށްފަހު، އެކަލާނގެއީ ޢުޤޫބާތް ގަދަފަދަ އިލާހުކަން ބަޔާންކުރައްވާފައިވަނީ އަންނަނިވި އާޔަތުގައެވެ. އެއީ ޣާފިރު ސޫރަތުގެ 3 ވަނަ އާޔަތުގައެވެ.
غَافِرِ الذَّنبِ وَقَابِلِ التَّوْبِ شَدِيدِ الْعِقَابِ ذِي الطَّوْلِ ۖ
މާނައީ ” (އެކަލާނގެއީ) ފާފަފުއްސަވާ، توبة قبول ކުރައްވާ، عقوبات ގަދަފަދަ، نعمة ތަކުގެ ވެރިރަސްކަލާނގެއެވެ. “
އަދި ހަމަ އެހެންމެ ޣާފިރު ސޫރަތުގެ 22 ވަނަ އާޔަތުގައިވެސް އެފަދައިން ވެއެވެ.
إِنَّهُ قَوِيٌّ شَدِيدُ الْعِقَابِ ﴿٢٢﴾
މާނައީ ” ހަމަކަށަވަރުން، އެކަލާނގެއީ، ގަދަފަދަވަންތަ، عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ.”
ޙަޝްރު ސޫރަތުގެ 4 ވަނަ އާޔަތުގަ އާއި 7 ވަނަ އާޔަތުގައިވެސް އެފަދައިން އެ އިލާހު ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
މިއީ ﷲ ތަޢާލާއީ ޢުޤޫބާތް ގަދަފަދަ ވެގެންވާ އިލާހުކަން ޞަރީޙަކޮށް ބަޔާންވެގެންވާ ޤުރްއާނުގެ ބައެއް އާޔަތްތަކެވެ. އަދި މާތް ނަބިއްޔާގެ ޙަދީޘްތަކުގައިވެސް އެ އިލާހު ތަޢާލާއަށް އުރެދޭ އަޅުތަކުންނަށް ދެއްވާ ޢުޤޫބާތާއި ޢުޤޫބާތުގެ ގަދަފަދަކަން އައިސްފައިވެއެވެ.
(ނުނިމޭ)