ﷲ ތަޢާލާ ތިމަންނަގެ ފާފަތައް ފުއްސަވައިދެއްވާނެކަމަށް ހިތު އަޅައިގެން ޤަސްތުގައި ފާފާ ނުކުރާށެވެ. (އެއްވަނަބައި)
ﷲ ތަޢާލާ އެއީ އޯގާވަންތަ އިލާހުކަމަށާއި އެއިލާހު އިންސާނުން ކުރާ އަދި އިންސާނުންނަށް ކުރެވޭ ހުރިހާ ފާފައެއް ފުއްސަވައިދެއްވާނެޔޭ ބުނެ ނުވަތަ ހިތުގައި ބާއްވައިގެން ޤަސްތުގައި ފާފަ ކުރުމަކީ ވަރަށް ނުބައިވެގެންވާ ކަމެކެވެ. އެފަދަ މީހަކު އެވަނީ އޭނާގެ ހަވާނަފްސަށް ތަބާވެގެންކަން ކަށަވަރެވެ. ހަވާނަފުސަށް ހެއްލި، ގެއްލި ހަލާކުވެގެންނެވެ. އެފަދަ މީހާ އެވަނީ ވަރަށްވެސް ނުރައްކާތެރި ފައްތަރެއްގައެވެ. އެއްވެސް ޙާލެއްގައި އިސްލާމްދީނުގައި އިންސާނުން ފާފަ ކުރުމަށް ބާރުއަޅުއްވާފައެއް ނުވެއެވެ. އެހެނަސް އިސްލާމް ދީނުގައި ހުޅުއްވައިދެއްވާފައިވަނީ ފާފަ ކުރެވޭ އިންސާނުންނަށް އެކަމުން ނުކުމެ، އަމާންކަމުގެ އައްސޭރިޔަށް ދެވޭނެ މަގެވެ.
ރަނގަޅެވެ. ﷲ ތަޢާލާއީ އޯގާވަންތަ އިލާހެއެވެ. އެއިލާހުގެ ރަޙުމަތް ހުރިހާ އެއްޗަކަށްވެސް އަދި ކަމަކަށްވެސް ތަނަވަސް ވެގެންވެއެވެ. އަދި އެއީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ. އެހެނަސް އެ އިލާހު ފުއްސަވަނީ ކޮންބައެއްގެ ފާފައެއްކަން އެނގިގަންނަންވެސް ޖެހެއެވެ. އެއިލާހު ތަޢާލާ އިންސާނާގެ ފާފަފުއްސަވާ ސަބަބުތަކެއްވެސް ވާކަން ދެނެގަނެ އެ ސަބަބުތަކުގައިވެސް ހިފަންޖެހެއެވެ.
މި ލިޔުމުގައި ﷲ ތަޢާލާ، އެއީ ގިނަގިނައިން ފާފަ ފުއްސަވާ އޯގާވަންތަ އިލާހުކަމާއި އަދި ހަމަ އެހެންމެ އެކަލާނގެއީ ޢުޤޫބާތް ގަދަފަދަ ވެގެންވާ އިލާހުކަމާއި ގަސްތުގައި ފާފަކުރާ މީހުންނަށް ހުރި އިންޒާރުގެ ވާހަކައާއި ﷲ ތަޢާލާ ފުއްސަވައިދެއްވަނީ ކޮންބައެއްގެ ފާފައެއްކަމާއި އިޚްލާޞްތެރި ތައުބާއަކުން ތައުބާވާނެގޮތް ގެނެސްދީފައިވާނެއެވެ. މި ލިޔުން ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ 10 ބަޔަކަށް ބަހައިލައިގެންނެވެ. އިންޝާ ﷲ.
އެންމެ ފުރަތަމަ މި ލިޔުމުގައި ބަލާލާނީ ” الرَّحْمَٰنِ ” އަދި ” الرَّحِيمِ ” މި ދެ ލަފްޡުގެ މާނައަށެވެ.
(1)” الرحمن” : މިބަހުގެ މާނައަކީ ތަނަވަސް ވެގެންވާ ރަޙުމަތުގެ ވެރި ފަރާތެވެ. ޢަރަބި ބަހުގެ ކަލިމަތަކުގެ ވަޒަންތަކަށް ބަލާއިރު މި ބަސް “فعلان” ގެ ވަޒަނަށް އައިސްފައިވަނީ އެހެންވެގެންނެވެ. މި ވަޒަނަށް އައުމުން ދޭހަކޮށްދެނީ ތަނަވަސްކަމެވެ.
(2)” الرحيم”: މި ބަހުގެ މާނައަކީ އެއިލާހުގެ އަޅުންގެ ތެރެއިން އިރާދަކުރައްވާ އަޅަކަށް އެއިލާހުގެ ރަޙުމަތް ފޯރުކުރައްވާ އިލާހެވެ. ޢަރަބި ބަހުގެ ކަލިމަތަކުގެ ވަޒަންތަކަށް ބަލާއިރު މި ކަލިމައިގެ ވަޒަނަކީ “فعيل” އެވެ. މި ވަޒަނަށް އައިސްފައި އޮތުމުން ދޭހަކޮށްދެނީ ކަމެއް ކުރައްވާ ކަމެވެ. ފުރަތަމަ ބަޔާންވެގެންވާ الرحمن ގެ މުރަދައަކީ އެއިލާހު ތަޢާލާގެ ޒާތުފުޅުގައިވާ ރަޙުމަތުގެ ޞިފަފުޅެވެ. އަދި ދެވަނައަށް ބަޔާންކުރެވިގެންވާ الرحيم ގެ މުރާދައަކީ އެއިލާހުގެ فعلފުޅެއް ނުވަތަ އެއިލާހު ކުރައްވާކަމެއް ކަމުގައިވާ ރަޙުމަތްލެއްވިގެންވާ މަޚްލޫޤުންގެ މައްޗަށް އެ ރަޙުމަށް ފޯރުކުރެއްވުމެވެ. ނުވަތަ ރަޙުމަތްލެއްވުމެވެ.
(3)ﷲ ތަޢާލާ އެއިލާހުގެ ނަފްސުފުޅަށް ޘާބިތުކުރައްވާފައިވާ ރަޙުމަތަކީ ޙަޤީޤީ ސިފައެކެވެ. އެއިލާހުގެ ރަޙުމަތުގެ ސިފަފުޅަށް ވާޙީއާއި ބުއްދީގެ ހެކިތަކުން ދަލީލުލިބެއެވެ. ވާޙީގެ ގޮތުން ބާލާއިރު ޤުރްއާނާއި ސުންނަތުގައި އެއިލާހަށް ރަޙުމަތުގެ ސިފަފުޅު ލިބިގެންވާކަމުގައި އެތައްތަނެއްގައި އަންގަވާފައިވެއެވެ. އަދި ބުއްދީގެ ގޮތުން ބަލާކަމުގައި ވާނަމަ މަޚްލޫޤުންނަށް ލިބޭ ކޮންމެ ނިޢުމަތަކީ އަދި މަޚްލީޤުންގެ ކިބައިން ދުރުކުރެވޭ ކޮންމެ ނުބައިކަމަކުން ދުރުކުރެވުމަކީ ﷲ ތަޢަލާގެ ރަޙުމަތުގެ އަސަރުތަކެވެ.
(ނޯޓް: ﷲ ތަޢާލާއީ ރަޙީމްވަންތަ އިލާހުކަން ބަޔާންވެގެންވާ ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތައް މި ލިޔުމުގެ “10 ވަނަބައި” ނިންމުމުގައި ގެނެސްދެވޭނެއެވެ.) އިންޝާ ﷲ.
އަޅުގަނޑުމެން ވިސްނާ ފިކުރު ކުރަންޖެހޭހާވެސް ކަމަކީ ﷲ ތަޢާލާއީ ހަމައެކަނި ރަޙީމްވަންތަ އިލާހު ނޫންކަމެވެ. އަދި ހަމަ އެހެންމެ، ﷲ ތަޢާލާއީ ޢުޤުބާތް ގަދަފަދަ އިލާހުކަންވެސް މެއެވެ. އެއިލާހަށް އުރެދޭ އަޅުތަކުންނަށް ޢުޤޫބާތްވެސް ދެއްވަވާ އިލާހެވެ. ގަދަވެގެންވާ ޢުޤޫބާތެވެ. ވޭންދެނެވި ޢަޛާބެވެ. ދުނިޔެއާއި އާޚިރަތުގައެވެ.
އެ އިލާހު ތަޢާލާ އިންސާނުން ކުރާ ފާފަތަކަށް ވަޤުތުން ޢަޛާބު ނުވަތަ ޢުޤޫބާތް ނުދެއްވުމުގެ މާނައަކީ އޭނާއަށް އެކަމުގެ ޢުޤޫބާތް ފަހުން ނުލިބުމެއްވެސް ނޫނެވެ. ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ސޫރަތުލް ފާޠިރުގެ 45 ވަނަ އާޔަތުގައި އަންގަވާފައިވަނީ މިފަދައިންނެވެ.
وَلَوْ يُؤَاخِذُ اللَّهُ النَّاسَ بِمَا كَسَبُوا مَا تَرَكَ عَلَىٰ ظَهْرِهَا مِن دَابَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰ أَجَلٍ مُّسَمًّى ۖ فَإِذَا جَاءَ أَجَلُهُمْ فَإِنَّ اللَّهَ كَانَ بِعِبَادِهِ بَصِيرًا ﴿٤٥﴾
މާނައީ ” މީސްތަކުން ހޯދައިގަތް ފާފަތަކުގެ ސަބަބުން، اللَّه، އެއުރެންނަށް (ވަގުތުން) عقوبات ދެއްވާނަމަ، ހިނގާބިނގާއުޅޭ އެއްވެސް ދިރޭ އެއްޗެއް އެ ބިންމަތީގައި ދޫނުކުރެއްވީހެވެ. އެހެނެއްކަމަކު، ކަނޑައަޅުއްވާފައިވާ މުއްދަތަކަށް އެކަލާނގެ އެއުރެން ފަސްކުރައްވަތެވެ. ފަހެ، އެއުރެންގެ އަޖަލު އައުމުން، (އެއުރެންނަށް ޖަޒާ ދެއްވާނެތެވެ.) ފަހެ، ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ އަޅުތަކުންނަށް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ. “
އެއިލާހު އެއީ ރަޙީމުވަންތަ އިލާހުކަން ބަޔާންކުރެއްވުމަށްފަހު ހަމަ ޖެހިގެން އަންނަ އާޔަތުގައި އެ އިލާހު ދެއްވާ ޢަޛާބަކީ ވޭންދެނެވި ޢަޛާބެއްކަންވެސް ބަޔާންކުރައްވާފައިވެއެވެ.
ސޫރަތުލް ޙިޖްރުގެ 49 އަދި 50 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.
۞ نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ ﴿٤٩﴾ وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ ﴿٥٠﴾
މާނައީ ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެކަމުގައި، ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު خبر ދެއްވާށެވެ! (49) އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب އެއީ، ވޭންދެނިވި عذاب އެއް ކަމަށްވެސްމެއެވެ. (50) “
(1) (2) (3) މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الفاتحة ގެ ތަފްސީރުގެ ތަރުޖަމާއިން ނަކަލް ކުރެވިފައިވާ ބައިތަކެކެވެ.
(ނުނިމޭ)