ކުޑަކުދިންވާހަކަ

ރަސްގެފާނާއި ޖާދޫގަރު

ކުޑަކުދިންގެ ވާހަކަ 49 (ރަސްގެފާނާއި ޖާދޫގަރު) ފުރަތަމަ ބައި

އެއް ސަހަރެއްގައި ނަވާބު ސާހް ކިޔާ ރަސްކަލެއް އުޅުއްވިއެވެ. މިރަސްގެފާނު ދިރިއުޅުއްވާ ގަނޑުވަރުކޮޅަކީ ވަރަށް ބޮޑު އެހާމެ ރީތި ގަނޑުވަރުކޮޅެކެވެ. މި ރަސްގެފާނުގެ އެއްމާބަނޑު ދެ ދަރިންކަލުން ތިއްބަވައެވެ. ދޮށީ ދަރިކަލުންނަށް ކިޔަނީ ނައުޖާދު ސާހެވެ. ދެވަނަ ދަރިކަލުންނަކީ ބިންބާދު ސާހެވެ.  މިދެދަރިކަލުންގެ މިޖާޒު ވަރަށް ތަފާތެވެ. ބިންބާދު ސާހަކީ ވަރަށް މަޑުމައިތިރި ހިތްހެޔޮ ދަރިކަލެކެވެ. އެއާއި ޚިލާފަށް ނައުޖާދު ސާހަކީ ބޮޑާކަމާއި ހަރުކަށި ގޮތެއް ހުންނަ ދަރިކަލެކެވެ. އެދަރިކަލުންގެ އުމުރުފުޅުން މިހާރު 15 އަހަރެވެ.

ގަނޑުވަރުން ބޭރަށް ނިކުމެ ސަހަރުގެ ޖަންގަލީގެ ތެރޭގައި ވަޒީރުންނާއި އެކު ޝިކާރަ ކުރައްވާތަން ބައްލަވާ ލައްވަން ރަސްގެފާނުގެ ހުއްދައާއި އެކު މި ދެދަރިކަލުން ބައެއް ފަހަރު ޖަންގަލީގެ ތެރެއަށް ދެއެވެ. ރަސްގެފާނު ދެދަރިކަލުންނަށް ބައްލަވައިގެން އުޅުއްވުމަށް އަންގަވާފައިވެއެވެ. އަދި އެއްވެސް އަނިޔާއެއް ލިބިލެއްވިޔަ ނުދިނުމަށް ވަނީ ވަރަށް ހަށިކަށި އަމުރުން އަންގަވާފައެވެ.

       މިހެން ގޮސް އުޅުމުގައި އެއްދުވަހަކު ވަރަށް ބިޔަ ސިންގާއެއް ގަސްތަކުގެ ތެރެއިން ނިކުމެގެން އައިސް ވަޒީރުންނާއި ދިމާކޮށްލިއެވެ. އަދި ހަމަ އެދަނޑިވަޅުގައި މިނިކާވަގެއް ވެސް ރަސްގެފާނުގެ ދަރިކަލުން ތިއްބެވި އަސްކޮޅާއި ހަމަލާދިނުމަށް އައެވެ. ބޮޑުވަޒީރު މިނިކާވަގުގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކުރަންފެށިއެވެ. އެހެނަސް ސިންގާގެ ހަމަލާއައީ މާ އަވަހަށެވެ. ކައިރީގައި ތިބި އެހެނިހެން ވަޒީރުންތައް ސިންގާއަށް ހަމަލާދޭން މަސައްކަތްކުރިއެވެ. އެކަމަކު ސިންގާ މާ ހަލުވިކަމާއެކު ފުއްމައިގެން އައިސް އަސްތަކަށް ހަމަލާދީފިއެވެ.

މި ހަމަލާތައް ދިނުމުގެ ތެރޭގައި ރަސްގެފާނުގެ ދަރިކަލުން ބިންބާދު ސާހް ބިންމައްޗަށް ވެއްޓުނެވެ. އޭރު އަސްތައް މުޅި ހިސާބުގައި އެނބުރުމުގެ ސަބަބުން އުފެދުނު ހިރަފުހުން ތަނެއް ފެންނަވަރެއް ނުވެއެވެ. އޭގެ ކުޑައިރުކޮޅެއްފަހުން ބޮޑުވަޒީރުގެ ކަނޑިން މިނިކާވަގަށް ހަމަލާދީ އެސޮރު މަރާލިއެވެ. އެއަށްފަހު ދެން ބެލީ ސިންގާ ކޮބައިތޯއެވެ.  ސިންގާ ދުވެގޮސް ޖަންގަލީގެ ތެރެއަށް ވަދެ ފިލައިފިއެވެ.

   ބިންބާދު ސާހް ފެންނާކަށް ނެތެވެ. ވަޒީރުންތައް އެކަމާ ވަރަށް ކަންބޮޑުވެ ހާސްވެއްޖެއެވެ. ރަސްގެފާނު މިކަމާ ކޯފާ އިސްކުރައްވާ ހައްދަވާނެ ގޮތެއްވެސް ނޭނގެއެވެ. މުޅި އެސަރަހައްދު އަތްފުނާ އަޅައިފިއެވެ. ބޮޑުވަޒީރަށް ފެނުނީ ބިންބާދު ސާހްގެ ހެދުންކޮޅުން ވީދިފައިވާ ފޮތިކޮޅެކެވެ. އޭގައި ލޭވެސް ހޭކިފަ ހުއްޓެވެ. ސަހަރޯއެވެ. އަނެއްކާ ސިންގާގެ ޝިކާރައަކަށް އެދަރިކަލުން ވީބާއެވެ. މިކަމާ ފިކުރު ބޮޑުވެ ވިސްނަން އިރުކޮޅަކު ގަހެއްގެ ދޮށުގައި ބޮޑުވަޒީރު މަޑުކޮށްލިއެވެ. އަދި އެހެން މީހަކަށް ނުފެންނަނީސް ބޮޑުވަޒީރުގެ ޖީބަށް ހެދުންކޮޅުގެ ވީދިފައިވާ ފޮތިކޮޅުލައި ފޮރުވިއެވެ. އަދި އަރައިގެން އައި އަސް ޖަންގަލީގެ ތެރެއަށް ދޫކޮށްލިއެވެ. ބޮޑުވަޒީރުވެސް ސިންގާގެ ޝިކާރައަކަށް ވީ ކަމަށް ހަދައި ޖަންގަލީގެތެރެއަށް ފިލަން ދުވިއެވެ. (ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close