ސިއްރު ލޯބި
މުޙައްމަދު ޒައިދު
އިނާޔާއަށް ހޭލެވުނީ ކޮޓަރީގައި އަޑުގަދަވާން ފެށުމުންނެވެ. ލޯ ހުޅުވާފައި ރީއްޗަށް ބަލާލިއިރު އާއިލާ އެންމެން ކަހަލަ ގޮތަކަށް ކޮޓަރީގައި ތިއްބެވެ. އެނދުގެ ދެ ފަރާތުގައި އިނާޔާގެ އާއިލާ މީހުންނާއި ފިރިމީހާ ހަސަނާއި، ލޯބިވާ އަންހެން ދަރިފުޅު އިމްހާ ހުއްޓެވެ. މުޅި ކޮޓަރި ޖަރީކޮށްފައިވަނީ އެކި ވަރުވަރުގެ ހަދިޔާއާއި ކުޅޭ ސާމާނުންނެވެ.
އެވަގުތު އިނާޔާގެ ބޮލުތެރޭގައި އެނބުރެމުން ސެނބުރެމުން ދިޔައީ މާޒީގެ ޚިޔާލު ތަކެވެ. އިމްހާއަށްފަހު އިތުރު ކުއްޖެއް ނުލިބޭނެ ކަމަށް ޑަކުޓަރު ބުނެފައި ވަނިކޮށް މިލިބުނު ތުއްތު ދަރިއަކީ ޖާދޫއެއްފަދަ މުޢުޖިޒާތެއް ކަމަށް އިނާޔާގެ ފިރިމީހާ ގާތު އޭނާ ބުންޏެވެ. އުފަލުގައި އެ ޢާއިލާ ދުވަސްތައް ހޭދަ ކުރަމުން ދިޔައެވެ. އިސްޖަހާލައިފާ މަތި ބަލާލިއިރު ދަރިންތައް ބޮޑު ވެގެން ހިނގާ ބިނގާވެ އުޅެން ފަށައިފިއެވެ. މީހަކު ރުޅިއަންނަ ވަރަށް އުނދަގޫވެސް އަރުވައެވެ.
ވިސްނުންތޫނުވެ ބުއްދި ދޮށީވެއްޖެއެވެ. އެއްދުވަހު އިމްހާ އައިސް ހަސަނާއެކު ފިހާރައަށް ދާން އެދުނެވެ. އޭރު ހަސަނު، ހާއިޝް ގޮވައިގެން ބޭރަށް ދާން ތައްޔާރު ވަނީއެވެ. ހާއިޝް ހުރީ ފެންވެސް ނުވަރައެވެ. ނަމަވެސް އިމްހާ ހުރީ މުޅިން ތައްޔާރަށެވެ. ހަސަނު ގާތު އެވާހަކަ ބުނުމުން ހަސަނު ބުނީ ކޮއްކޮ ގޮވައިން ދުއްވާލާފައި އައިސް އިމްހާ ގެއްދާނަން ކަމަށެވެ. އިމްހާ އެއްބަސްވެފައި މަޑުމަޑުން އިސްޖަހާލައިފާ ކޮޓަރިއަށް ދިޔައެވެ. އޭރު ހާއިޝް އިނީ ޕަބްޖީ ކުޅޭށެވެ. ދެތިން ބުރު ބުނެގެން ހަސަނުގެ ޖަވާބެއް ނުލިބުމުން އޭނާ ގޮވައިގެން ފިހާރައަށް ދިއައީ އޭނަގެ މަންމައެވެ.
ދުވަސްތައް ވޭތުވަމުން ދިޔަވަރަކަށް ހަސަނު އިމްހާއަށްދޭ އަޅާލުން ކުޑަކުރަމުން ދިޔައެވެ. އިމްހާއަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަނީ އިނާޔާއެވެ. އާދައިގެ މަތިން އެއްދުވަހު އިމްހާ ހަސަނުގެ ގާތަށް ދިޔައެވެ. ފޯނަށް ލާރިއަޅަން ރުފިޔާއެއް ލިބޭތޯއެވެ. ހަސަނު އަޅައި ނުލާ ދުރަށް ދިޔައެވެ. އިމްހާއަށް ކެތް ނުކުރެވިގެން ރޮވުނެވެ. އޭނާ ހިތުގައި އޮތް ހުރިހާ އުދާހެއް ބޭރު ކޮއްލީ ބާލިސްތަކަށެވެ. ކޮޓަރީގައި އަޑު ގަދަވާން ފެށުމުން ހަސަނު ހަޅޭލަވައިގަތެވެ. އިމްހާގެ ލޭ ކެކިގަތެވެ. ހުރިހާ ވަރެއް ބާލާލީ މޭޒުމަތީގައި އޮތް ކަޓަރުން އަތުގެ މައި ނާރަށެވެ.
އިނާޔާ އައިސް ތަޅުދަނޑިން ދޮރު ހުޅުވިއެވެ. ކަމަކު ދާކަށް ނެތެވެ. މުޅި ކޮޓަރީގައި އޮތީ ލެއެވެ. އޭރުވެސް އިމްހާގެ އަތުން ލޭ މަނާނުވެއެވެ. އިނާޔާ އަޑުން އަޑު ނަގާ ރޮއެގަތެވެ. އަވަށު މީހުންގަނޑު އެއްވެ، ވެގެން އުޅެނީ ކީއްތޯ ބެލިއެވެ. އެތާހުރި ހޭޖެހޭ މީހަކު އެންބިއުލާންސަށް ގުޅައިގެން ގެނައެވެ.
ހޮސްޕިޓަލުގައި އިމްހާއަށް ފަރުވާ ދޭން ފެށުންތާ 2 ގަޑިއިރެއްހާއިރު ތެރޭގައި އޭނާ ހޭއެރިއެވެ. އެވަގުތު އޭނާއަށް އެހީވެދޭން ހުރީ އިނާޔާ އެކަންޏެވެ. އިމްހާ އަހާލިއެވެ. “ބައްޕަ ކޮބާ؟”. ޖަވާބެއް ނައެވެ. އިމްހާ ސުވާލު ތަކުރާރު ކޮއްލިއެވެ. އިނާޔާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށިއެވެ. އިމްހާ ސުވާލު ފައްޗެއް އަމުނާލިއެވެ. “ކީއްވެތަ ބައްޕަ އެހެން އެހަދަނީ؟ ކީއްވެތަ މަންމަ އެއްޗެއް ނުބުނަނީ؟ އަޅުގަނޑު ދެކެ އެންމެން ރުޅި އަންނަނީ؟”.
“އެކަކުވެސް ކޮއްކޮ ދެކެ ރުޅިއެއް ނާދޭ” އިނާޔާ ޖަވާބު ދިނެވެ. “އަސްލު ވީ ގޮތަކީ، ހާއިޝް އެއީ އިމްހާ ލިބުން ފަހުން، ޑަކުޓަރު އިތުރު ކުއްޖަކު ނުލިބޭނެއޭ ބުނެފައި އޮއްވާ ލިބުނު ކުއްޖެއް! އެހެން ނޫނަސް އިމްހާ ތިޔައީ އިމްހާ ބައްޕަގެ ދަރިއެއް ނޫން! ތިއީ މަންމައަށް ޑަކުޓަރުން ދިން ފަރުވާއެއްގެ ތެރެއިން ކުރި ޓެސްޓަކުން ލިބުން ކުއްޖެއް! އެހެންވެ ބައްޕަ އެހާ އަޅާ ނުލަނީ! އަސްލު މަންމަ އެންމެ ލޯބިވަނީ އިމްހާ ދެކެ! ތިއީ މަންމަގެ ފުރަތަމަ ދަރިފުޅު. މަންމަ އިމްހާ ދެކެ ލޯބިވަނީ ސިއްރުން!” އިނާޔާވެސް ފަތިވަރެއް ދަމާލިއެވެ.
އެ ހުރިހާ ވާހަކައެއް ދެއްކިއިރު ހަސަނު ހުރީ އެމީހުންގެ ފަހަތުގައެވެ. ހުރިހާ ވާހަކައެއް އަޑުއިވުނެވެ. ހަސަނަށްވެސް އެއްޗެއް ވިސްނުނެވެ. އިމްހާ ގައިގާ އޭނާ ބައްދާލިއެވެ. ހާއިޝްވެސް އެތަނަށް އައެވެ. އަދި ބައްޕަ ފަރާތުން ގެއްލުނު ލޯބި ހޯދައިދޭނަން ކަމަށް ވަޢުދު ވިއެވެ. އޭގެ ފަހުން އިމްހާއަށް އަސްލު އޭނަގެ ބައްޕަ ލޯބިވާވަރު ހިތުގައި ބާއްވައެވެ. އަދި ސިއްރު ލޯތްބެއް ހިތުގައި ބޭއްވިއެވެ. ހަސަނުވެސް މެއެވެ.
(ނިމުނީ)
