2 ފެބުރުއަރީ 2023

ކުރުވާހަކަ: ސިހުރު

English

Dhivehi

ހެލޯ

ލިޔުނީ : މަރިޔަމް އީޝާ ހުސެއިން

 ކަނޑުން ނަގަމުން އައި ރާޅުތައް ހުދު ދޮންވެލި ގަނޑުގައި ލުއި ލުއިކޮށް ބޮސްދެމުން ދިޔައެވެ. ދޫނިތައް މަޑު ރާގުގައި ލަވަ ކިޔަމުން ދިޔައެވެ. އާދައިގެ ވަރަކަށް ވައި ޖެހެމުން ދިޔައިރު ހިތަށް ފިނިކަން ލިބެމުން ދިޔައެވެ. މި ހަމަހިމޭން މަންޒަރު ބަލަން ކޮންމެ ދުވަހަކުވެސް އަހަރެން އިންނަނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. މަޣްރިބް ނަމާދު ބަންގީގެ އަޑު އަހަރެން ކަންފަތުގައި ޖެހުމުން އަވަހަށް މިސްރާބު ޖެހީ ގެއަށް ދިޔުމަށެވެ.

        ގެއަށް ވަނުމާއިއެކު އައިސް އަލަމާރިން ފެންފުޅިއެއް ނަގައި ކަރުހިއްކުން ފިލުވައިލުމަށްފަހު ކޮޓަރިއަށް ދިޔައީމެވެ. އަދި ކުއްލިއަކަށް އަހަރެންގެ މެއަށް އުނދަގޫ ގޮތްތަކެއް ވެއްޖެކަން އިހުސާސް ކުރެވުނެވެ. މާ ބޮޑަށް އުނދަގޫ ނުވާތީ މާ ބޮޑުކަމަކަށް ނުހަދައި އަހަރެން މިސްކިތަށް ދިޔައީމެވެ. ނަމާދުކޮށް ނިންމައި ތެދުވިތަނާ ފަޔަށް ތަދެއް އެރިއެވެ. މަޑުމަޑުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ނަގަމުން ގެއަށް އައިސް އޮށޯވެލީމެވެ. ބައި ގަޑިއެއްހާއިރު ފަހުން ތެދުވާން ފެށުމުން އަނެއްކާވެސް  ހަމަ ކުރިންއެރި ގޮތަށް ފަޔަށް ތަދު އެރިއެވެ. މިއީ ދުވަހަކުވެސް އަހަންނަށް ވީ ގޮތެއް  ނޫންކަމުން ހިތަށް ކުޑަ ނަމަވެސް ބިރުވެރި ކަމެއް ވަނެވެ. އެހެންކަމުން ދެން އަހަރެން ގޮވީ މަންމައަށެވެ.

            މަންމަގެ ހުންނަނީ އަހަރެން އެކަނިން ކަމުން މަންމަ އަހަރެންދެކެ އަމިއްލަ ފުރާނަހާ ލޯބިވާނެއެވެ. އަހަރެންގެ އުމުރުން ހަތް އަހަރުގައި ބައްޕަވަނީ ނިޔާވެފައެވެ. ބޯޓު ދަތުރުކުރަން ގޮސް އުޅެނިކޮށް އެ ބޯޓު އަޑިއަށް ދިޔައީއެވެ. އޭގެ ފަހުން އަހަރެންނާއި މަންމަ އުޅެނީ އެކަނިންނެވެ.  އަހަރެންގެ އުމުރުން މިހާރު 21  އަހަރުވެފައިވާއިރު އަދިވެސް މަންމަ އަހަރެން ގެންގުޅެނީ ކުޑަ ކުއްޖެއް ފަދައިންނެވެ. އޮފީސް ކައިރިއަށް ނިމޭއިރު ބަލައިގޮސް ހުންނާނެއެވެ. އޮފީސް ބައެއް ކުދިން އަހަރެން ފިރިހެން ކުއްޖަކަށްވެފައި މަންމަ ބަލާ އަންނާތީވެ މަލާމާތްވެސް ކުރާނެއެވެ . އަހަރެން އަޅައެއް ނުލަމެވެ. ނަމަވެސް މަންމައާއި އެހެން މަންމައިންނާއި ތަފާތު ކަމެއް އަހަންނަށް ފާހަގަވިއެވެ. އެހެން މަންމައިން ، އެ މަންމަގެ އެންމެ ފިރިހެން ކުއްޖެއް ހުންނަ ނަމަ އެއްވެސް ކަމެއް ކުރާކަށް ނުޖައްސާނެއެވެ. ކުރާކަށް ނުވެސް ޖެހޭނެއެވެ. ކައިފިއްޔާ މޭޒުމަތީ ތަށި ބަހައްޓާފައި އަތްދޮވެގެން ދިޔަޔަސް މައްސަލައެއް ނެތެވެ. އަންނައުނު ދޮންނާކަށްވެސް ، އިސްތިރި ކުރާކަށްވެސް ނުޖެހޭނެއެވެ. ނަމަވެސް އަހަރެންގެ މަންމަގެ ވިސްނުން މުޅިން ތަފާތެވެ. ފިރިހެން ކުއްޖެއް ކަމަކު އަބަދުވެސް ބަލަން ޖެހޭނެއެވެ. އަންނައުނުވެސް ދޮންނަން ޖެހޭނެއެވެ. އަދި އިސްތިރިވެސް ކުރަން ޖެހޭނެއެވެ. ފިރިހެން ކުއްޖެއް ކަމަކު ހުރިހާކަމެއްވެސް އެނގެން ޖެހޭނެކަމަށް މަންމަ ބުނެފައިވެއެވެ.

              އަހަރެން މަންމައަށް ދެތިން ފަހަރު ގޮވާލުމުން މަންމަ އަހަރެން ގާތަށް އައެވެ. މަންމަ ބުނި ގޮތުގައި އެއީ އާންމުކޮށް އަރާކަހަލަ ތަދެކެވެ. މާބޮޑު ކަމެއް ނޫނެވެ. ބޭސް ހާކާލުމުން ރަނގަޅު ވެދާނެއެވެ. އެހެންކަމުން އަހަރެން ބޭސް ހާކައިގެން ގޮސް ފޯނު ހިފައިގެން އޮށޯތީ މިހާރު އެންމެ މަގުބޫލް ގޭމެއް ކަމަށްވާ ” ޕަބްޖީ ” ކުޅޭށެވެ. ގަޑިއެއް ހާއިރު ފަހުން ގޭމު މެދުކަނޑާލައިފައި އަހަރެން ދިޔައީ ކާށެވެ. އޭރު ތަދުގެ ކަންފުޅެއްވެސް ނެތެވެ.

              ” ވާވް ! މަންމަ ވަރެއް ނޯންނާނެ . ” ކާމޭޒުމަތީ އިން ބޮނޑިބަތް ތަށި ފެނުމުން އަހަރެންނަށް ވީ ގޮތްވެސް ނޭނގުނެވެ. އާއެކެވެ. އަހަރެންނަށް އެންމެ މީރު ކެއުމަކީ ބޮނޑިބަތެވެ.  މާމަ ގޭގައި ބޮނޑިބަތް ކެއްކިޔަސް މާމަ ކައިރީ އާދޭސް ކޮށްގެން ވިޔަސް ބޮނޑިބަތް ތަށްޓެއް ލިބޭތޯ ކޮންމެހެންވެސް އަހަރެން ބަލަމެވެ. އަސުރު ނަމާދަށް ގޮވީ އަހަރެން ކައި ނިމުންތަނާއެވެ. އެހެންކަމުން ދެން އަހަރެން ދިޔައީ މިސްކިތަށެވެ.

              އާދައިގެމަތިން އަހަރެން ހަވީރު ފުޓުބޯޅަކުޅެން ދިޔައީމެއެވެ. ކުރެވެމުން ދިޔައީ ތަފާތު އިހުސާސެކެވެ. ހިތް ބިރުގަންނަނީ އެވެ. އެންމެ ކުޑަ  އިރުންސުރެވެސް އަހަންނަކީ  ރަށުގައި ފާހަގަ ކޮށްލެވޭ މޮޅު ކުޅުންތެރިއަކަށްވެފައި ފުޓުބޯޅައަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން އިރުކޮޅަކަށްވެސް ކުޅުމާއި ދުރަށްދާކަށް ބޭނުމެއް ނުވިއެވެ. ކުޅުން ނިންމައި ގެއަށް އައި މަގުމަތީ އަހަރެން އައީ ފާރިޝް އާއިއެކުއެވެ. ފާރިޝްއަކީ އަހަރެންނާއި އެއްބަނޑުއެއްބަފާ ކުއްޖެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހާވެސް ރަނގަޅުވާނެއެވެ. އަހަރެން ހަޔާތުގެ ގިނަ ވާހަކަތަކެއް ފާރިޝްއާއި ހިއްސާކުރަމެވެ.

” ފާރިޝް ! އަހަރެންނަށް އެހެންޏާނުވާ އުނދަގޫތަކެއް ވާކަން އަހަންނަށް އެބަ ފާހަގަވޭ… މިއަދު ނަމާދުކޮށް ނިންމައިގެން ތެދުވަނިކޮށް ފަޔަށް އުނދަގޫ ގޮތަކަށް ތަދެއް އެރި ،އަދި އޭގެކުރިން މެއަށްވެސް އުނދަގޫވެސް ވި .. އެކަމަކު ފަހުން އޭގެން އެއްވެސް ގޮތެއް ނުވެ ހުރެފައި އަނެއްކާވެސް ކުޅެން ހުއްޓަ ބޮލުގަވެސް ރިއްސި މިހާރު ނުވޭ އެއްގޮތްވެސް އަދި އެނގޭތަ؟ އަހަރެންނަށް ހުރެވުން އިރުކޮޅަކާ ހިޔާލެއްގަވެސް… ލަޔާން ގޮވާލީމަ އަހަރެން ދިޔައީވެސް ސިއްސައިގެން ، ފަހުން އެއީ ކޮން ހިޔާލެއްކަމެއްވެސް ވީ ގޮތެއްވެސް ހަނދާނެއް ނެތް! ”

އަހަރެންނަށް މިއަދު ވީ ކަންކަން ހިއްސާކޮށްލީމެވެ. ފާރިޝް ވަރަށް ޝައުގުވެރި ކަމާއިއެކު އަޑު އަހަން އިނެވެ.

” އެހެންޏާ ތިކަހަލަ ކަމެއް ނުވެޔޭ ދޯ ތިބުނީ؟ ” ފާރިޝް ސުވާލު ކުރިއެވެ. ޖަވާބުގައި އަހަރެން ބޯ ޖަހާލީމެވެ.

” އަހަރެންގެ ކާފަ ކައިރިއަށް ދާންވީނުން.. އަޅެ ކާފަ ތިކަމާމެދު ދެކޭގޮތް ބަލާލަން .. ކާފަ ވަރަށް މޮޅުވާނެ.  އަހަރެން ކާފަ ކައިރީ އަހާލާފައި ހަބަރު ވާނަން އިނގޭ” މިހެން ބުނެ ފާރިޝް ގެއަށް ދިޔައެވެ.

           އާދައިގެމަތިން އިރުގެ ދޯދިތައް ރަށުތެރެއަށް ފަތުރާލިއެވެ . ބަންގީގެ އަޑަށް އަހަރެންނަށް ހޭލެވުނެވެ. ހަމައެއާއިއެކު އަވަސް އަވަސްކޮށްލައިގެން  މިސްކިތާއި ދިމާއަށް މިސްރާބު ޖެހީމެވެ. އަހަރެންގެ މަންމަވެސް އެވަގުތު ނަމާދު ކުރަން ހޭލައިގެން އުޅުނެވެ. އެހެންކަމުން އަހަރެން މަންމަ ކައިރީ ނަމާދަށް ދާ ވާހަކަ ބުނެފައި ހިނގައި ގަތީމެވެ. އަހަރެން ގެއިން ދިޔަ ގޮތާއި އަހަރެން ގެއަށް އައިއިރު ހުރި ގޮތް މުޅިން ތަފާތެވެ. މޫނުގެ ކުލަވަރު ފަނޑުވެފައި މާޔޫސްކަން ބޮޑެވެ. މިކަން އެންމެބޮޑަށް ފާހަގަވީ މަންމައަށެވެ. ގެއަށް އައި އިރުވެސް އަހަރެންނަށް މަންމައަށް އޮޅުވައެއް ނުލެވޭކަން ޔަގީން ވިއެވެ. ސަބަބަކަށް ވެފައިވަނީ އެންމެ ކުޑައިރުންސުރެވެސް އަހަރެންގެ އެންމެ ގާތް މީހަކީ މަންމަ ކަމުގައިވާތީ އަހަރެންނަށް ބަލާލާފައި މަންމައަށް ވަގުތުން އަހަރެންގެ އިހުސާސްތައް ދެނެގަންނަން އެނގޭނެތީވެއެވެ.

އަހަރެން ގެއަށް ވަންނަންދިޔަ ވަގުތަކީ މަންމަ އަތަށް އިލޮށިފަތި ހެޔޮވަރު ކޮއްލުމަށްފަހު އިލޮށިފަތި ހިފައިގެން ދޮރުމަތި ކުނިކަހަން ނިކުން ވަގުތެވެ. އެއް އަތުން ލައިގެން ހުރި ރަތްލިބާހުގައި ހިފަހައްޓައި އުނަގަނޑާވީ ދިމާލަށް އަތް ލައިގެންހުރެ ކުނިކަހަމުން ދިޔައީ ފަރިތަކަމާއި އެކުގައެވެ.

             އަހަރެން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ގޭގެ ދޮރުމައްޗަށް އެރުން ތަނުން މަންމަ އަހަންނަށް ގޮވާލައި ބުރަކަށީގައި ފިރުމާލީ ނިކަން ލޯބިންނެވެ.

” ދަރިފުޅު ނަމާދުން ފައިބައިގެން އަންނަންދެން މަންމަ މި ހުންނަނީ ، ކޮންތާކުން ތި އައީ ؟ ” އަހަރެން ގެއަށް އައުން ލަސްވުމުން މަންމަ ސުވާލު ކުރާނެކަން އެނގޭތީވެ އަހަރެން އައީ އެއަށްދޭނެ ޖަވާބެއްވެސް ތައްޔާރު ކޮށްގެންނެވެ. މަންމައަށް އޮޅުވައި ނުލެވޭނެކަން ޔަގީންވާ ހާލުވެސް އަހަރެން ބެލީ މަންމަ ދެރަނުވާނެ ގޮތެއް ހެދޭތޯއެވެ. މި ވާހަކަ އަޑު އަހާކަށް މަންމަގެ އެ މައިލަގޮނޑިއަކަށް ކެތެއް ނުވާނެއެވެ.

” މަންމާ! އަޅުގަނޑު މިއައީ ފާރިޝްމެންގެއަށް ގޮސްލާފަ . ފާރިޝް ކާފަ ކައިރިއަށް . މަންމަ އެހާ ކަންބޮޑު ނުވެބަލަ . އަޅުގަނޑުވެސް މިހާރުދެން މިހުރީ ބޮޑުވެފައެއްނުން. ” މަންމައަށް ފަސްދީގެން ހުރެ އަހަރެން ބުނީމެވެ. އަދި ބަލާލައިފައި  ވަރަށް އުނދަގުލުން ހިނިތުންވުމެއް ވެރިކޮށްލީމެވެ. އަދި ގޭ ތެރެއަށް ދިޔައީމެވެ.  އަހަރެންގެ ފަހަތުން މަންމަވެސް އައެވެ.

” ދަރިފުޅު ކީއްކުރަން ހާމިދުބެ ކައިރިއަށް ؟ ” މަންމަ ދެންވެސް ކުރީ ސުވާލެކެވެ. ” ހަމަ ގޮސްލީ މަންމާ ! ” އަހަރެން މިހެން ބުނުމުން މަންމަގެ މޫނުގެ ކުލަވަރު ބަދަލުވިކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ.

” މަންމާ ! ކިހިނެއް ވީ ” މަންމަ އިތުރަށް އެއްޗެކޭ ނުބުނުމުން އަހަރެން އަހާލީމެވެ. ” ދަރިފުޅު ހާމިދުބެ ކައިރީ ކީކޭ ކީ ގޮސް ؟ ” މަންމަ އަނެއްކާވެސް ކުރީ ސުވާލެކެވެ. މިކަމާ އަހަރެން ވަރަށް އަޖައިބުވިއެވެ. އަހަންނަށް ވީ ކަންތައް މަންމައަށް އެނގޭފަދައެވެ. ނަމަވެސް އަހަރެން މަންމައަށް ދޮގު ހަދާކަށް ގަސްތެއް ނުކުރަމެވެ.

” ބުނީމެއްނު އިއްޔެ ތަދެއް އެރި ވާހަކަ . އޭގެ ފަހުން ދެން ތަދެއް ނުވޭ ފަޔަކަށް .އޭގެ ކުރިން މެއަށް އުނދަގޫ ވި ފަހުން ނުވެ. ދެން ދިޔައީ ހަވީރު ކުޅެން . ކުޅެން އުޅުމުގެ ތެރޭގައި ނޭނގި ހިޔާލުތަކަށް ގެއްލި ހުރެވެނީ . ފަހުން ހަނދާނެއް ނުހުރޭ ވާ ކަންތަކެއް . އެހެންވެ ފާރިޝްއަށް މި ވާހަކަ ކިޔާދިނީމަ އޭނާ ބުނީ އޭނަ ކާފައާއި ވާހަކަ ދައްކާލަން ދާން .އެހެންވެ ދިޔައީ”

އަހަރެން ތެދަށް ކިޔާ ދިނީމެވެ. ނަމަވެސް މަންމަގެ މޫނުގެ ކުލަވަރަށް ބަދަލެއް ނައެވެ.

            މަންމަ ބާރު ހިނގުމެއްގައި ގެއިން ނިކުމެ މިސްރާބު ޖެހީ ހާމިދުބެ ގެއަށެވެ. އަހަރެންވެސް ފަހަތުން ދިޔައީމެވެ.  ” ފިނިފެންމާ” ގެ ކުރިމައްޗަށް ހުއްޓި ހުރެ މަންމަ އަޑުގެ ނެތްކޮޅަށް ހާމިދުބެއަށް ގޮވަން ފެށިއެވެ. މާ އިރުތަކެއް ނުވެ ގަމީހުގެ ޖީބުގެ ތެރެއިން އައިނެއް ނަގައި އަޅައިލުމަށްފަހު  ނުރައިން ފުރިފައިވާ އިސްތަށިގަނޑުގައި  އަތް ހާކަމުން ހާމިދުބެ  ނިކުތެވެ. ފާރިޝްވެސް ހާމިދުބެ ފަހަތުން ނިކުތެވެ.

” ހާމިދުބެ އަހަންނަށާއި އަހަރެންގެ ދަރިއަށް ތިހެން ތި ހަދަނީ އަހަރެން ހާމިދުބެއަށް ވަކި ކީއްކޮށްގެން އަޅެ. ނޫނީ އަހަރެންގެ ދަރިފުޅު ކީއްކުރީ ހާމިދުބެއަށް . ހާމިދުބެއާއި ގުޅުންހުރި މީހަކަށްވެސް އަހަރެމެން ގެއްލުމެއް ، އަނިޔާއެއް ނުކުރަން. ދެން ކީއްވެ ؟؟ ފުރަތަމަ އަހަރެންނަށް ، މިހާރު ދަރިފުޅަށް.” ހާމިދުބެ ނިކުން ހައިރުން މަންމަ ރޮއެރޮއެފައި ވާހަކަ ދެއްކިއެވެ.

އަހަރެންނަށް ހަމަ ރަނގަޅަށްވެސް މަންމަކީ އެއްވެސް އެއްޗެއް ފަހުމެއް ނުވިއެވެ. މަންމަ އެ ދައްކަނީ ހާމިދުބެގެ ކޮން ވާހަކައެއް ކަމާއިމެދު ސުވާލު އުފެދުނެވެ. އަދި މަންމަ އަހަރެންނަށް ސިއްރުކުރަނީ ކީއްވެބާއެވެ؟ އަހަރެންގެ ސިކުނޑީގައި އެތަކެއް ސުވާލު އުފެދުނެވެ. މަންމަ ގިސްލާ ރޯތަން ބަލަން އަހަރެންނަކަށް ނުހުރެވުނެވެ.ފާރިޝްވެސް އަހަަރެން މަންމަ ދެކެނީ ދައްތައެއް ގޮތަށްކަމުން ފާރިޝް މަންމަ ކައިރިއަށް އަންނަން ހިނގައި ގަތެވެ. ހަމަ އެވަގުތު ހާމިދުބެ ފާރިޝް އަތުގައި ހިފައި ފަހަތަށް ޖައްސާލިއެވެ. ފާރިޝްވެސް އިނީ ވާނުވާގައެވެ. އަހަރެން މަންމަގެ ކޮނޑުގައި ފިރުމަމުން ނުރޮއުމަށްބުނެ ހިތްވަރު ދިނީމެވެ.” މަންމަ ތި ދައްކަނީ ކޮންވާހަކައެއް؟ އަހަރެންނަށްވެސް ސާފުކޮށް ކިޔާދީބަލަ ! މަންމައަށްވެސް ހާމިދުބެ ….. ؟ “

އަހަރެންނަށް މަންމަ އެ ދައްކާވާހަކަ ފަހުމްވީ ދެނެވެ. ނަމަވެސް ގަބޫލުކުރަން ދަތިކަމަކަށް ވިއެވެ. އަހަރެން ވަރަށް ހިތްހަމަ ނުޖެހިފައި ހާމިދުބެއަށް ބަލާލީމެވެ. އަދި އެއަށްފަހު ފާރިޝް އަށެވެ. ހާމިދުބެ ވަރަށް ވިހަ ހިނިތުންވުމެއް އަހަންނަށް ވެރި ކޮށްލިއެވެ. އެހެންކަމުން ދެން އަހަރެން ބެލީ މަންމަ ގޮވައިގެން ގެއަށް ދެވޭތޯއެވެ. ދައްކާ ވާހަކަ އަކީ ކިހިނެއް ވެގެންދިޔަ ކަމެއްތޯ ބަލަން  ކޮންމެހެންވެސް އަހަރެން ބޭނުމެވެ . އަދި އެއީ އަހަރެންގެ ޒިންމާއެއް ކަމުގައިވެސް އަހަރެން ދެކެވެ. ސަބަބަކީ އަހަރެންގެ މަންމަ އަހަރެން އެންމެ ބޮޑަށް ބައްޕައެއްގެ ލޯބި ބޭނުންވި ދުވަހު ބައްޕަގެ ލޯބި ނުލިބިދިޔަ ނަމަވެސް އެކަން އަހަރެންނަށް އިހުސާސްކޮށްނުދީ ގެންގުޅުނީ މަންމަ ކަމަށް ވާތީއެވެ. އަދި މަންމަ އަހަންނަށް ކޮއްދެއްވާ ކަންކަމުގެ އަގު އަހަރެންނަށް ދުވަހަކުވެސް  ނުދެވޭނެ، ނަމަވެސް އަހަރެން އެކަމަށް ޝުކުރު ކުރާތީއެވެ. އަހަރެން މަންމަ ގޮވައިގެން ގެއަށް ގޮސް ސިޓިންރޫމް ސޯފާގައި މަންމަ ބޭނދުމަށްފަހު ފެން ތައްޓެއް ހިފައިގެން އައިސް ދިނީމެވެ. އެތިކޮޅެއް  ބޮއެލުމަށްފަހު ތަށި ބެހެއްޓިއެވެ. އޭރުވެސް މަންމަގެ ގިސްލުމުގެ އަޑު އަހަންނަށް އިވެއެވެ. އަހަރެން އިރުކޮޅަކު ހުރުމަށްފަހު މަންމަ ކައިރީ އެހީމެވެ.

” މަންމާ! އަހަރެންނަށް ސިހުރު ހެދީ ހާމިދުބެ ތަ؟ މަންމައަށްވެސް ހުންނަނީ ސިހުރު ހަދާފަތަ؟ އެއީ ކީއްވެގެން މަންމައަށާއި އަހަރެންނަށް ހަދަންވީ ؟ ” އަހަރެން ހިތުގައި ފުންޏަކަށް ޖެހިފައިހުރި ސުވާލުތައް ކުރީމެވެ.

” އާނ ! އެއީ ހާމިދުބެ ކުރި ކަމެއް . މަންމައަށް ހެދީ ކީއްވެ ކަމެއް ނޭނގެ. އަދިވެސް ސިހުރު ކަންތައް މަންމަގެ ހުރޭ. އެހެންވެ ދޭތެރެއިން އެހާ ބަލިވަނީ . އަބަދު އަތް އައްސިވަނީ އެހެންވެ. މަންމައަށް ސިހުރު ހަދަން އޭނާ ޖެހުން ސަބަބެއްކަމަށް އޭނާ ބުނީ އޭނާގެ ކޮއްކޮ ފަތީނާގެ ލޯބިވެރިޔާއާއި ކައިވެނި ކުރީމައެވެ. ދަރިފުޅަށް ހަދަން ޖެހުން ސަބަބެއް މަންމައަށް ނޭނގެނީ . އެކަމަކު އަދި އެކަން ހޯދާނަން. ދަރިފުޅަށް ގޮތް ވުމުގެ ކުރިން އެއްވެސް އެއްޗެއް ކެއިންތަ؟ “

މަންމަ ކިޔައިދިން ވާހަކައިން އަހަރެން އަޖައިބު ވެގެން ދިޔައެވެ. ” ލައްބަ ! އަހަރެން ފެން ބުއިން . ފެން ބުއިހައިރުން މެއަށް އުނދަގޫ ވާހެން އިހުސާސްވީ ، ދެން ނަމާދުކޮށްގެން ތެދުވި ތަނާ ފަޔަށް ތަދު އެރީ . ” ކަންތައް ވީ ގޮތް އަހަރެން ކުރު ގޮތަކަށް ކިޔާލީމެެވެ. ” އެހެންވީމަ އެ ފެން ފުޅިއަށް ހަދާފަހުރީ އެ. ” މަންމަ ބުންޏެވެ. އެ ފެންފުޅިވެސް މިހާރު ހުސްވެއްޖެއެވެ.

އެހެންކަމުން  ދެން މަންމަ ގުޅީ އަލިފުޅުބެއަށެވެ.އަލިފުޅުބެއަކީ އަހަރެންގެ ބޭބެއެއް ފަދަ މީހެކެވެ. އަހަރެންގެ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެކެވެ.

 “އަލިފުޅުބޭ ؟ މިއީ އެއްކަލަ ކޮއެހަސަނުގެ އަންހެނުން . އެނގިއްޖެ ދޯ؟ އަނެއްކާވެސް މި ގުޅާލީ ސިހުރުގެ ކަމެއްގައި . އަހަރެން ދަރިފުޅަށް މިހާރު އެއްކަލަ ހާމިދުބެ ސިހުރު ހަދައިގެން މިއުޅެނީ . ކީއްވެގެން ހަދާފަ އިން އެއްޗެއްތޯ ބަލާލަދެވިދާނެތޯ ؟ ”  މަންމަ ވަރަށް އިހުތިރާމާއިއެކު ވާހަކަ ދެއްކިއެވެ. ވެފައިވާ ދެރައިން ވާހަކަ ދައްކަން އުނދަގޫވި ނަމަވެސް ދަރިފުޅަށްޓަކައި މަގްސަދު ހާސިލްކުރެވޭތޯ ހިތްވަރާއިއެކު މަސައްކަތް ކުރިއެވެ.

” އާނ! އަހަރެންގެ މަސައްކަތް މި ފެށީ މިހާރު . ދެރަނުވޭ އަހަރެން ތިކަން ހޯދައިދޭނަން. ” މިހެން ބުނެ އަލިފުޅުބެ ފޯނު ކަނޑާލިއެވެ.

އަހަރެންނާއި މަންމައަށް ކުޑަވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. އެހެންކަމުން ދެމީހުން ވެގެން ދެން ދިޔައީ ސައިބޯށެވެ. ސައިބޮއެގެން ދެމީހުން ވެގެން ދިޔައީ ގަސް އިނދާފައިވާ ސަރަހައްދަށް ގަސްތައް ބަލާލުމަށެވެ. ބައިގަޑިއެއްހާއިރު ފަހުން މަންމަގެ ފޯނު ރިނގުވުމާއި އެކު އަވަހަށް ފޯނު ނެގިއެވެ. އެއީ އަލިފުޅުބެއެވެ.

” އައްސަލާމު ޢަލައިކުމް . އަހަރެން އެކަން ބަލާލައިފިން . އެއީ ކަލޭގެ ދަރިފުޅު އޭނާގެ ކާފަ ދަރިއަށްވުރެ މޮޅަށް ފުޓުބޯޅަ ކުޅެ އެހެންކުދިންނަށްވުރެ ކުރިއަރައިންދާތީވެ އެ ހަސަދައިގައި ހަދާފަހުރި އެއްޗެއް. އެ ބާތިލް ކުރެވިދާނެ. ” އަލިފުޅުބެ ބުންޏެވެ.   

މިވާހަކަ އިވުމުން އަހަރެންގެ ހިތަށް ހަސަދައިގެ ތޫފާނެއް އެރި ފަދައެވެ. ނަމަވެސް ރުޅި އިސްކުރުމުގެ ބަދަލުގައި އަހަރެން ބެލީ ސިހުރު ބާތިލްކޮށްލެވޭތޯ އަލިފުޅުބެ ކައިރީ ބުނެގެން އެ މަސައްކަތުގައި އުޅުމަށެވެ.އަލިފުޅުބެ ބުނި ގޮތުގައި ސިހުރު ބާތިލް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ސިހުރު ބާތިލް ކުރެވޭނެ އޮންނާނީ ދެގޮތެވެ. އެއީ ސިހުރު ހެދިމީހާ ރުހުމުގައި އޭތި ބާތިލް ކުރުން ނުވަތަ  އެ ސިހުރު ބާތިލް ކުރެވޭނެ، އެހާ ބާރު ލިބިފައިވާ ވަރުގެ މީހަކު ބާތިލް ކުރުމެވެ.

3 މަސް ފަސް ……..

އާދައިގެ  މަތިން އަހަރެންނާއި މަންމަ ހެނދުނު ހޭލައިގެން ނަމާދުކުރުމަށްފަހު ސައިބޯން ތިބީމެވެ. މަދުން ނަމަވެސް ވިދާ ގުގުރާތީ އަހަރެން އިނީ އެއްވެސް ތަނަކަށް ނުގޮހެވެ. ގުގުރާ ވިދާނަމަ މަންމަ އިންތިހާއަށް ބިރުގަންނާނެއެވެ. މަންމައާއި އަހަރެން ދައްކަމުން ދިޔައީ މަންމަގެ ކުޑައިރު ވިއްސާރަ ވެހުމުން ކަންތައް ކުރާ ގޮތުގެ ވާހަކައެވެ. ވަރަށް ޝައުގުވެރިކަމާއިއެކު އެ ވާހަކަތައް އަޑު އަހަން އިނދާ މީހަކު ސަލާމް ގޮވާލި އަޑު އިވުނެވެ. މަންމަ އަވަހަށް ބޭރަށް ނިކުމެ ކާކުތޯ ބަލާލިއެވެ. އަހަރެންވެސް މަންމަގެ ފަހަތުން ދިޔައީމެވެ. އެއީ ހާމިދުބެ އެވެ. އަހަންނާއި އަހަރެންގެ މަންމަ ދޮރު ލައްޕައި ހިނގައިގަންނަން ފެށުމުން ހާމިދުބެ ގޮވާލިއެވެ.

” ހަފީޒާ.. އަހަރެންނަށް ކުރެވުން ކަންތަކަށް މާފުކުރޭ.. އަހަރެން ހަފީޒާއަށާއި ދަރިފުޅަށް ހެދި  ސިހުރު ބާތިލް ކޮށްފިން .. މާތްﷲ އަހަރެންނަށް ހެޔޮ ވިސްނުން ދެއްވައިފި .. ދެން އަހަރެން އެ ނުބައި އަމަލުން މި އަރައިގަތީ.. ދެން ދުވަހަކުވެސް ސިހުރުގެ އަވައިގައެއް ނުޖެހޭނަން .. އަހަރެންނަށް މާފުކޮށްދީ… އަލިފުޅުބެ އަހަރެންނަށް ގުޅާފައި ދެއްކި ވާހަކަތަކުން އަހަންނަށް މިކަމުގެ ނުބައިކަން ވިސްނިއްޖެ ” ހާމިދުބެގެ އާދޭސްތައް ބަނޑުންކޮށްލިއެވެ.

އާއެކެވެ. އަހަރެންނަށް އަދި އަހަރެންގެ މަންމައަށް މިހާރު ކުރިން ވީ އެއްވެސް ގޮތެއް ނުވާތާ މަސް ދުވަސް ވެއްޖެއެވެ. މަންމަގެ އަތްވެސް އައްސިއެއް ނުވެއެވެ. ބައްޔެއްވެސް ނުވެއެވެ.އަހަރެންނަށްވެސް އޭރު ވީ އެއްވެސް ކަމެއް ނުވެއެވެ. އަހަރެން ހާމިދުބެ ގައިގައި ބައްދާލުމަށްފަހު ޝުކުރު އަދާކުރީމެވެ.އަދި އަލިފުޅުބެއަށް ގުޅައިގެން ފަށްފަށުން ޝުކުރު އަދާކުރީމެވެ.

ފާރިޝް ފެނުމުން ނުހަނު އުފާވިއެވެ. އެ ދުވަހަށްފަހު ފާރިޝްއާއި އަނގައިން ނުބުނާތާ މިއަދާއި ހަމައަށް ތިންމަސް ވާނެއެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާއާއި ވާހަކަ ނުދައްކަ ހުންނަން ޖެހުމުން ހިތަށް ވަރަށް އަސަރުކުރިއެވެ. ނަމަވެސް މިއަދު އަހަރެން ވަރަށް އުފާވެއްޖެއެވެ. މަންމަގައިގައިވެސް ބައްދާލެވުނެވެ. ހާމިދުބެއަށް ހެޔޮ ވިސްނުން ދެއްވީތީ ﷲއަށް ޝުކުރު ކުރަމެވެ.

އެދުވަހަށްފަހު އަހަރެން އުޅުނީ ވަރަށް އުފަލުގައެވެ. އަހަރެންނަކީ އެންމެން ބަލައިގަންނަ އެންމެންވެސް ފަޚުރުވެރިވާފަދަ މީހަކަށްވުމަށް މަސައްކަތް ފެށީމެވެ.

                    ______  ނިމުނީ  ______

މި ލިޔުން ކިޔާލުމުން

ގުޅޭ ލިޔުންތަށް

ކޮމެންޓް