އައިމިނަތު ރިޝްމީ
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ރަށުގެ އަތިރިމަތީ މީހުންތައް އެ ހިތްފަސޭހަ ކަމުން ހިތަށް ފިނިކަން ހޯދަން ޖޯލިފަތި ތަކުގައި ތިއްބެވެ. ކުޑަކުދީންތަށް ތަފާތު ކުޅިވަރު ކުޅުމުގައި މަސްއޫލުވެގެން އުޅުނެވެ. ޒުވާން ފުރާގެ އަންހެން ކުދީން ވެސް ގޮނޑު ދޮށުގައި ފޮޓޯ ނަގަ ނަގައި ތިއްބެވެ. ރަށުގެ ޒިޔާރަތް މަގުގެ މެދެއްހާ ހިސާބުގައި ބޮޑު ގެއެއް ހުއްޓެވެ. ރީނދޫ ކުލައިން މުޅި ގެ ޖަރީ ކޮށްފައި ވުމުން ވައްތަރީ ކެންޕޭނަށް ތައްޔާރު ކޮށްފައި އޮތް ހެންނެވެ. ރީނދޫ ކުލައިގެ ބޯގަންވިލާ ގަސްތައް ގޯތި ތެރޭގައި ހައްދާފައި ހުރި އިރު ގަހުގެ ގޮފިގަނޑު ގަނޑު ގޭގެ ފާރު ހުރަސް ކޮށް މަގުގައި ވެސް ރަސްކަން ކުރަމުންދިޔައެވެ. ގަސްތަކުން ފައިބާފައި އޮތް ބޯގަންވިލާމާތަށް ބިން މައްޗަށް އެޅިފައިވާ އިރު ވައްތަރީ ރީނދޫ ކުލައިގެ ބޯ ދޫލަ އަކާ ހެންނެވެ.
އެ ގެ ކައިރީ ހުރި ޖޯލިފަތީގައި އިން އަންހެނަކީ ފުރާ ފުރިހަމަ ވެފައިނާ ސާދާ ހަށިގަނޑެއްގެ ވެރިއެކެވެ. ރީނދޫ ކުލައިގެ އަރިފަޅިއެއްގައި އިންއިރު އޭނާގެ ބުޅި އިސްތަށިގަނޑު ވަނީ އައްސާލާފަ އެވެ. ބޯގަންވިލާ ގަހަށް ބަލަހައްޓައިގެން މަލްވިކާ އޮތް އިރު އޭނާގެ ހުސްނޫކަމާއި މަޢުސޫމުކަން ކިތަންމެ ފުރިހަމައަށްވެސް އެހެރީ ފާޅުވެ ހާމަވާށެވެ. މި މަޢުސޫމު ފުރާނަ މިވަނީ މާޒީއަށް ހިޖުރަކޮށްފައެވެ. އޭނާގެ ބޮލުތެރޭގައި އަބަދުވެސް އެބުރެމުން ދަނީ މާޒީގެ ހަދާންތަކެވެ. އޭނާގެ އުފާވެރި ދިރިއުޅުން އެފުށް މިފުށައް ޖެހިގެން އައި ގޮތެވެ.
އެއީ މީގެ 2 އަހަރު ކުރިއެވެ. މަތީ ތައުލީމު ހާސިލްކުރުމަށް ފަހު، އުމުރުން 19 އަހަރުގައި މަލްވިކާ ޒަވާޖީ ހަޔާތެއް ފެށީ ލޯބިވާ މައިޝަން އާއިއެކުގައެވެ. ވަރަށް ލޯބިވާ ފިރިއަކު ލިބުނު ނަމަވެސް ދެމީހުންގެ ދިރިއުޅުން ވަރަށް ތަފާތެވެ. މައިޝަން އަކީ ރުޅިގަދަ އަދި ފޮނި މީހެކެވެ. ނަމަވެސް މަލްވިކާ އަކީ ރުޅިމަޑު އަދި ހިތްހެޔޮ ވެސް ކުއްޖެކެވެ. އެހެންނަމަވެސް ވަރަށް އުފާވެރި ދުވަސް ތަކެއް ފާއިތުކުރަމުން ދިޔައެވެ. އެއްރޭ ދެމީހުން ފިލްމެއް ބަލަން ތިބެފައި މައިޝަން ވަރަށް ފުންކޮށް މަލްވިކާ އާ ދިމާލަށް ބަލާލިއެވެ.
” މަލް… ދެން ކޮންއިރަކުންތަ އަހަރެމެންގެ ދިރިއުޅުމަށް ތުއްތު ތުއްތު ދަރިޔަކު…..” ލަދުން ހުރެ މައިޝަން އަހާލިއެވެ.
މަލްވިކާ ލަދުރަކި ގޮތަކަށް މައިޝަން އާއި ދިމާލަށް ބަލާލައިފައި ހިނިތުންވެލިއެވެ.
އަނެއް ދުވަހު ހެނދުނު ނާސްތާ ނެގުމަށްފަހު، މަލްވިކާ ގޭތެރެ ފޮޅާ ސާފުކުރަން ހުއްޓާ މަލްވިކާ އެބުރުން އަރާފައި ވެއްޓުނެވެ. މައިޝަންގެ ހިތައް ހޫނުފެން އެއްޗެއް އެޅުންފަދައެވެ. އަވަހަށް މަލްވިކާ ގެންގޮސް ޑޮކްޓަރ އަށް ދެއްކުމުން ޑރ. މާލިކު ބުނީ ހުރިހާ ޓެސްޓް ތަކެއް ހެދުމަށެވެ. ޓެސްޓު ހެދުމަށް މަލްވިކާ ލޭ ދިނުމަށްފަހު، ޓެސްޓްގެ ނަތީޖާ ލިބެންދެން އޭ.ޑީ.ކޭ ހޮސްޕިޓަލުގައި އެ ދެމީހުން މަޑުކުރިއެވެ. ރިޕޯޓު ލިބުމާއެކު އެދެމީހުން ޑޮކްޓަރ އަށް ދެއްކިއެވެ.
” މަލްވިކާ ވަނީ ދަރިންގެ ނިޢުމަތުން މަޙުރޫމުވެފަ” ޑޮކްޓަރ އިސްޖަހައިގެން އިނދެ ބުންނެވެ. އަދި އެކަމާ ހިތްވަރު ކުރުމަށްވެސް ބުންޏެވެ.
ޓެސްޓުތަކުގެ ނަތީޖާ ލިބި، އޭނާގެ އުނގު ފަޅުނުފިލާނެކަން އެނގުނު ދުވަހަށްފަހު ފިރިމީހާގެ ލޯބި އާތްވަށް އަރައިގެން ދިޔަ ކަހަލައެވެ. ބަހަނާއަކަށް ދެއްކީ އޭނަގެ ޢާއިލާއެވެ.
“އެ މީހުންގެ ހުރި ހަމައެކަނި ދަރިއަށް ކުއްޖަކު ނުލިބިއްޖެއްޔާ ޢާއިލާގެ ކުރި އެ ހިސާބުން މަރުވީ، ދެން ނެތް ވަރިކުރުން ނޫން އިތުރު ޗޮއިސްއެއް ” ރުޅި އައިސް ގެން ހުރެ މައިޝަން ބުންނެވެ.
މަލްވިކާގެ ފިރިއަކީ، ހަމައެކަނި ދޮގުވެރިއެއް ނޫނެވެ. ފިނޑި މީހެކެވެ. އޭނާ ބޭނުންވާ ގޮތް ބުނަން ވެސް އޭނައަކަށް ނުކެރުނެވެ. މަލްވިކާދެކެ ލޯބިވަންޏާ، އޭނާ ވަރިނުކޮށް ދެ އަންބަށް މީހަކާ ނީނީ ކީއްވެގެން ހެއްޔެވެ؟ މައިޝަން ހޯދީ އޭނާ ކައިރިން ސަލާމަތް ވާނެ ބަހަނާއެކެވެ. މަލްވިކާ އާއި ކައިވެނި ކުރި ފަހުން ފިރިމީހާ މާ ލޯބިވާ މީހަކާ ދިމާވީއެވެ. އެ ކަން އޭނާއަށް އެނގުނީ ވަރިކުރިތާ ހަފްތާއެއް ވީ ފަހުންނެވެ. މައިޝަންގެ އެކުވެރިއެއްގެ ފަރާތުންނެވެ.
މަލްވިކާގެ ހިތްދަތިކަން އުފަލަށް ބަދަލުވީ އެ ހިސާބުންނެވެ. މަލްވިކާ އާއި ކައިވެނި ކުރި ނަމަވެސް، އޭނައަކީ އަހަރެންދެކެ ލޯބި ވި މީހެއް ނޫނެވެ. އޭނަ ބޭނުންވީ ދަރިއެކެވެ. އެ ކަން ނުކޮށްދެވުމުން އޭނަ އަހަރެން ދެކެ ފޫހިވީއެވެ.
”ބާރުގަދަ ލޯތްބެއް ހޯދިދާނެ ނަމަވެސް ހަޤީޤީލޯތްބެއް އޭނާއަކަށް ނުހޯދޭނެއެވެ.” ހިތާ ހިތުން މަލްވިކާ ކިޔާލިއެވެ.
ހުސްހަށިބައި ވުމުން މަލްވިކާ ބޭނުންވީ އެ ގޮތުގައި ހުންނާށެވެ. ދެވަނަ ފަހަރަށް އޭނާގެ ހިތަށް މީހަކު ފައިން އަރަން ފުރުޞަތު ނުދޭން ނިންމީމެވެ. ރަޖައެއް ފަދައިން އެކަނިވެރިކަން ގައިގައި އޮޅައިލިއެވެ.
ފުން ކަނޑެއްފަދަ ހިޔާލުތަކުން މަލްވިކާއަށް ބޭރުވެވުނީ އޭނާގެ ގާތް ރަހުމަތްތެރިޔާ ހައިކަލް ގޮވާލި އަޑަށެވެ. ލޯ ފޮހެލަމުން މަލްވިކާ ހިނގައި ގަތީ އައު ހިތްވަރެއްލައި ހަޔާތުގެ ކުރިއަށް ދާން އަޒުމް ކަނޑައަޅަމުންނެވެ.
ނިމުނީ….
