ވާހަކަ

ރަސްގެފާނުގެ ހަދިޔާ

ކުޑަކުދިންގެ ވާހަކަ 38

އެއް ސަހަރެއްގައި ވަރަށް އޯގާތެރި ރަސްގެފާނެއް އުޅުނެވެ. ރަސްގެފާނުގެ ބޮލުގައި ވަރަށް ރީތި ރަނާއި ޖަވާހިރުން ހަދާފައިވާ ތާޖެއް އަޅާފައިވެއެވެ. ރަސްގެފާނުގެ ގަނޑުވަރަކީ ވަރަށް ބޮޑު ތަނެކެވެ. އަދި ރީތި ބަގީޗާތައް ވެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. މަސްފެންގަނޑުތަކާއި ކުޅިވަރު ކުޅޭ ތަންތަން ހުރެއެވެ. ހަފްލާތައް ބާއްވާނެ ބޮޑެތި ތަންތަން ވެސް ހަދާފައި ހުރެއެވެ.

   އެއްދުވަހަކު ގަނޑުވަރުގައި ކުޅިވަރު މުބާރާތްތަކެއް ބާއްވާކަން އިޢުލާން ކުރިއެވެ. އަދި ކުޅިވަރުތައް ކުޅެ ނިމެންދެން ގަނޑުވަރުގައި ތިބުމުގެ ފުރުޞަތު ލިބޭނެ ކަން ވެސް އިޢުލާނުގައި ވެއެވެ. މި ޚަބަރު ލިބުމުން އެސަރުގައި އުޅޭ ފަޤީރުކޮއެ މި ކުޅިވަރުތަކުގައި ބައިވެރިވާން ބޭނުންވިއެވެ. އަދި ގަނޑުވަރަށް ގޮސް ބައިވެރިވާ ކުދިންގެ ލިސްޓުގައި ފަޤީރުކޮއެވެސް ނަން ނޯޓްކުރިއެވެ.

     ފަޤީރުކޮއެ ގެއަށްގޮސް އޭނާގެ މަންމައަށް މި ޚަބަރު ދިނެވެ. ފަޤީރުކޮއެގެ މަންމަ އޭނާގެ ދަބަސް ތައްޔާރުކޮށްދިނެވެ. ގަނޑުވަރަށް ދާ ދުވަސް އައުމުން ފަޤީރުކޮއެ އުފަލުން ހުރެ ގަނޑުވަރަށް ދިޔައެވެ. އޭރު އެހިސާބުގައި ވަރަށް ދިގު ސަފެއް ހަދާފައި އޮތެވެ. ފަޤީރުކޮއެ ގޮސް އެ ސަފަށް އެރިއެވެ. އޭނާގެ ތުންފަތްމަތީގައި ވަނީ އުފާވެރިކަމެވެ. ކުޅިވަރުން މޮޅުވާ ކުދިންނަށް އަގުބޮޑެތި އިނާމުތައް ލިބޭނެތީއެވެ. ކުރިވަރުތައް ފެށުމުގެ ކުރިން ހުރިހާ ކުދިންނަށް ހެނދުނުގެ ނާސްތާ ގަނޑުވަރުގައި ތައްޔާރުކޮށްފައި ހުއްޓެވެ. ތަފާތު ވައްތަރުގެ މީރު ކާނާތަކާއި އެކި ވައްތަރުގެ ޖޫސް ތަށިތައް މޭޒުމަތީގައި ހުއްޓެވެ.

     ތަރިތަކެއް ފަދައިން ބޯމަތީގައި ވިދާ ބަބުޅަމުން ދިޔަ ބޮކިތަކަށް ބަލަހައްޓައިގެން ފަޤީރުކޮއެ ހުއްޓެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ރީތި ފުރިހަމަ ތަނެކެވެ. އެހާ ތަނަވަސް ތަނެއްގައި އުޅޭނެ ގޮތް ނޭނގިފައި އެތައް ކުދިންނެއް ތިއްބެވެ. ކަންކަން ކުރަންވީ ގޮތް ބުނެދޭނެ މީހަކު ނެތްނަމަ ގިނަކަންކަން ކުރަންވީ ގޮތެއް އެކުދިންނަކަށް ނޭނގުނީހެވެ.

ޖެހިގެން އައި ދުވަހު ކުޅިވަރުތައް ފެށިއްޖެއެވެ. ވަރަށް ޖޯޝުގައި ކުޅިވަރުތައް ކުޅެމުން ދިޔައެވެ. ފަޤީރުކޮއެ ބައިވެރިވި ގިނަ ކުޅިވަރުތަކުން  އޭނާ އެއްވަނަ ހޯދިއެވެ. އޭގެ ހަފްތާއެއްފަހުން ކުޅިވަރުތައް ނިމިއްޖެއެވެ. އެނބުރި ގެއަށްދާ ވަގުތު ޖެހުނީއެވެ. ރަސްގެފާނުގެ އަތްޕުޅުން ވަރަށް ގިނަ އިނާމުތައް ފަޤީރުކޮޔަށް ލިބުނެވެ. ފަޤީރުކޮއެ ގެއަށް އައުމުން މަންމަ އެކަމާ ވަރަށް އުފާކޮށް އިނާމުތައް ކެނޑިއެވެ.  (ނިމުނީ)

ވާހަކައިގެ ޢިބްރަތް: ހިތްވަރާއެކު ކަންކަމާ ކުރިމަތި ލާށެވެ. ކާމިޔާބު ވާނެއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close