ރަސްގެފާނާއި ޖާދޫގަރު ( ތިންވަނަ ބައި)
ރަސްގެފާނާއި ޖާދޫގަރު ( ތިންވަނަ ބައި)
” މީގެން އަންގައިދެނީ ދާންވީ މަގު.” ޖާދޫގަރު ބޮޑުވަޒީރާއި ދިމާލަށް އެނބުރިލިއެވެ. ” މިކުލަވަރު ގަހެއްގައި ނުޖެހި ހުއްޓިއްޖެނަމަ މި ފުޅިން ކުޑައެތިކޮޅެއް ގަހަކަށް އަޅާ. ހަނދާން ކުރާތި! ގިނައިން ނާޅާތި. ފުޅި ހުސްވުމުގެ ކުރިން ތިޔަބުނާ ރަސްގެފާނުގެ ދަރިކަލުން ވީ ހިސާބު ހޯދާތި. އެހެންނޫނީ”
ބޮޑުވަޒީރު ވަރަށް ހަމަޖެހިލުމަށްފަހު ބުންޏެވެ. ” އަހަރެން ތިޔަކަން ކުރެވޭތޯ ބަލާނަން”.
ޖާދޫގަރު ދިން ފުޅި ހިފައިގެން ވަޒީރުގެ ދަތުރު ފެއްޓިއެވެ. ރަންކުލަ އަރާފައިވާ ގަސްތަކަށް ބަލައިގެން ހިނގަމުން ހިނގަމުން ގޮސް ބަރުބަލިވެގެން ގަހެއްގެ ދޮށުގައި ވަޒީރު މަޑުކޮށްލިއެވެ. އެވަގުތު އެހިސާބުން ބިރުވެރި އަޑުތަކެއް އިވެން ފެށިއެވެ. ގަސްތަކުން ވަކިވެ ބިޔަ ފަރުބަދައަކާއި ހަމައަށް އާދެވިއްޖެއެވެ. މިހާރު އެ އަޑުތަކެއް ނީވެއެވެ. އެކަމަކު ރަންކުލައިގެ ގަސްތައް ގެއްލިއްޖެއެވެ. ވަޒީރު ފުޅިނަގާ ބަލާލިއިރު އިނީ ކުޑަ އެތިކޮޅެކެވެ. ކުލަވަރު ގެންލުމުން ގަސްތަކަށް އަޅައަޅަ މިހާރު ފުޅި ހުސްވަނީއެވެ.
ވަރަށް ޖެހިލުންވެ ހުރެ ފުޅީގައިވާ އެންމެ ފަހު އެތިކޮޅު އެތާހުރި ކުޑަގަހަށް އެޅިއެވެ. އެހިނދު އެގަސް ރަންކުލައަށް ބަދަލުވަމުން ދިޔައެވެ. ވަޒީރު ވަށައިގެން ހޯދަމުން ދިޔައީ އެއްވެސް އިންސާނެއްގެ ހިލަމެއް ވޭތޯއެވެ.
ރަންކުލަވަރު ފެތުރިފައިވާ ގަސްތަކުގެ ކައިރިން ވަޒީރު ހިނގަމުން ގޮސް ހުއްޓުނީ ފަރުބަދައިގެ އަނެއްފަރާތުގައި އޮތް ފެންކޯރެއްގެ ކައިރިއަށެވެ. އެތަނުގައިވާ ކުޑަ ޖިފުޓިއެއް ފެނުނެވެ. އަވަސް އަވަހަށް އަތުގައި އޮތް ކަނޑި ހިފައިގެން އެތާގައި ވަނީ ކާކުތޯ ބެލުމަށް ދުއްވައިގަތެވެ. ވަރަށް ސިއްރުން އެހިސާބަށް ވަޒީރު ދިޔައެވެ. އޭރު ރަސްގެފާނުގެ ދަރިފުޅު އެތަނުގައި އަލިފާންގަނޑެއް ރޯކޮށްގެން މަހެއް ފިހަން އިންނެވިއެވެ. ވަޒީރު ފެނުމުން ބިންބާދު ސާހް ނިކަން އުފާކުރެއްވިއެވެ. އަދި ވަޒީރަށްވެސް އުފަލުން ރޮވުނެވެ. އޭނާގެ ޖާނު ސަލާމާތްވާން އޮތީ ރަސްގެފާނުގެ ދަރިފުޅު ސަލާމަތުން ގަނޑުވަރަށް ގެންދެވުނު އިރަކުންނެވެ.
ވަޒީރު ގޮސް ބިންބާދު ސާހުގެ ގައިގާ އޮޅުލައިގަތެވެ. އަދި ސަލާމަތްވި ކިހިނެތް ތޯ އާއި އެތައް ސުވާލެއް ކުރެއްވިއެވެ.
ބިންބާދު ސާހް: “އަހަރެން މިތަނުގައި ވާކަން ވަޒީރަށް އެނގުނީ ކިހިނެތް؟”
ބޮޑުވަޒީރު: ” އެއީ ވަރަށް ދިގު ވާހަކައެއް. ފުރަތަމަ ބުނެބަލަ މިތާ އެކަނިތަ ތިއުޅޭނީ؟”
ބިންބާދު ސާހް: ” ނޫން. ޖިންނީންގެ ޖަމާޢަތަކާއި އެކު.” (ދެފަރާތް ބަލާލުމަށްފަހު)
ބޮޑުވަޒީރު: “ކޮބާ މިހާރު އެބައިމީހުން؟
ބިންބާދު ސާހް: “އެމީހުންވާނީ ޖަންގަލީގެ ތެރޭގައި ޝިކާރަކުރަން ގޮސް”
” ސިންގާ ގެ ކިބައިން ކަލޭ ސަލާމަތްވީ ކިހިނެތް؟”
ބިންބާދު ސާހް: ” ސިންގާ އެއްނޫން އެއީ. އެދުވަހު އަހަރެމެންނާއި ހަމަލާދިނީ މިބުނާ ޖިންނީންގެ ޖަމާޢަތް. އެވެރިން ވަނީ ޖަންގަލީގެ ތެރޭގައި އުޅޭއިރު ޖަނަވާރުންގެ ސިފައަށް ބަދަލުވެފަ. އެމީހުން އަހަރެން ޝިކާރަކޮށްގެން ގެނެސް މިތަނުގައި އެމީހުންނަށް ޚިދުމަތްކުރުމަށް ބަހައްޓާފަ މިހުރީ.”
ބޮޑުވަޒީރު: “ދެން ކަލޭ މިތާ ހުންނަންތަ ބޭނުންވަނީ؟”
ބިންބާދު ސާހް: ” އަހަރެން މިތަނުން ސަލާމަތްވާނެ ގޮތެއް އެބައޮތްތަ؟ ޖިންނީން ވަރަށް ބާރުގަދަ ވާނެ. އެމީހުންގެ ކިބައިން ފަސޭހައަކުން ސަމާލަތެއް ނުވެވޭނެ. މިތަން އަވަހަށް ދޭ. މިހާރު އެމީހުން އަންނަން އުޅޭނެ”
ބޮޑުވަޒީރު: “އަހަރެން ކަލޭ ގޮވައިގެން ނޫނީ މިތަނަކުން ނުދާނަން. އަހަރެން މިހާދުރަށް މިއައީ ކަލޭ ހޯދަން. އެނބުރި ދާންވީ ހުސްއަތާތަ؟ އޭރު ރަސްގެފާނު އަހަރެންގެ ބޯ ކަނޑާލާނެ. މިހާރުވެސް ނޭނގެ އަހަރެން އާއިލާގެ މީހަކު ޝަހަރުގައި ދިރިހުންނާނެ ހެނެތް؟ ހުރިހިތާމައެއްގެ ބޮޑުކަމާ! (ވަޒީރުގެ މޫނުމަތީގެ ކުލަވަރު ފަނޑުވާގޮތްވިއެވެ.)
ބިންބާދު ސާހް: “ދެން ކިހިނެތް ހަދާނީ؟” ވަރަށް ދެރަވެފައި ބުންޏެވެ.
ބިޑުވަޒީރު: ޖާދޫގަރު އަހަރެންނަށް ދިން ޖާދޫގެ ފަށެއް މިއޮތީ. މިފަށް ކަރުގައި އަޅާފައި މިފަށުގައި މިވާ މުތީއަށް ފުމެލާ. އޭރުން އެއްވެސް ޖިންނިއަކަށް ކަލެއެއް ނުފެންނާނެ.”
ޖިންނީންގެ ޖަމާޢަތުގެ ތެރެއިން ބައެއް ޖިންނިތައް ފަރުބަދަ ކައިރިއަށް އާދެވުނު އަޑު އިވުނެވެ. ވަޒީރުގެ އަތުގައިވާ ބިއްލޫރި ފުޅިއަށް ފުމެލުމުން އެހިސާބުގެ ވަށައިގެން ވާ ސަރަހައްދު އެފުޅީގެ ތެރެއިން ފެނުނެވެ. އަވަސް އަވަހަށް ބިންބާދު ސާހާއި ބޮޑުވަޒީރު ގަސްބޯވެފައިވާ ފެހިކުލައިގެ ގަސްތަކުގެ ތެރެއިން ފިލައިގެން ދިއުމަށް ހިނގައިގަތެވެ. (ނުނިމޭ)
