ބޮލުގައި ހުރި ހުރިހާ އިސްތަށި ހުސްވީއެވެ!
އެއްދުވަސްވަރެއްގައި އުޅުނު މެދު ޢުމުރުފުރައިގެ ފިރިހެނެކެވެ. މި މީހަކީ، އޭނާގެ އުޅުމުގައި އަންހެންކުދިން ނުހޭނޭހެން ހީވާ އެކިކަހަލަ ޢިޝްޤީގޮތްތަކަށް އިސްކަންދީގެން އެމީހުންންނަށް ނަލަދައްކާ އުޅޭ މީހެކެވެ. މީރުވަސްދުވާ ސެންޓް ބޭނުންކުރުމާ، ރީތި ތަފާތު ކުލަތަކުން ހެދުންއެޅުމަށް އޭނާ ވަރަށް އިސްކަންދެއެވެ. އޭނާ ހުންނަނީ އަބަދުވެސް ވަރަށް ރީއްޗަށް ނަލަހެދިގެންނެވެ. ރީތި އަންހެންނުނާ އެކުގައި ގިނަ ވަގުތު ހޭދަކުރުމީ އޭނާ ވަރަށް ކުރާހިތުން ކުރާ ކަމެކެވެ. ފުދޭވަރެއްގެ އާމްދަނީއެއް ލިބޭ މީހަކަށްވުމުން އަންހެން ކުދިންނަށް ވަރަށް ޚަރަދުކުރެއެވެ. މިކަން މިހެން ހުރުމުން އެކި ޢުމުރުފުރައިގެ އަންހެނުން މީނާއަށް ހުންނަނީ އަމަށަކުވަރެއް ނޫނެވެ. އެ މީހުން ތިބެނީ އޭނާގެ ފަރާތުން ކުޑަނަމަވެސް އިޝަރާތެއް ލިބޭތޯ ބަލަބަލައެވެ. އެގޮތުން އޭނާއަކީ ވަރަށް ކާމިޔާބު ފިރިހެނެކޭ ބުނެވިދާނެއެވެ. އޭނާގެ ޢުމުރުން މިހާރު މެދު ޢުމުރަށް އެޅިއިރު ބޮލުގައި ވަނީ ނުރަޖަހަން ފަށައިފައެވެ.
މި ފިރިހެންމީހާ ރައްޓެހި އަންހެނުން ތަކުގެތެރެއިން ދެ އަންހެނަކާ އޭނާ އުޅެނީ ލޯބިން ގުޅިގެންނެވެ. މި ދެ އަންހެނުންގެ ގާތަށް އާދަކޮށް ގޮސްއުޅެއެވެ. މި ދެ އަންހެނުން ދެކެވެސް މި ފިރިހެންމީހާ ވަރަށް ހިތާވެއެވެ. އެމީހުން ރުހޭނެހާ ގޮތެއް ހެދޭތޯ އޭނާ ވަރަށް މަސައްކަތް ކުރެއެވެ. އެމީހުން ރުހޭ ގޮތަކީ އޭނާ ވެސް އެންމެ ރުހޭ ގޮތްކަމުގައި ހަދައެވެ. މި ދެ އަންހެނުން ބޭނުންވާ ގޮތް އުޑާ ބިމާހާ ތަފާތެވެ. އެހެންކަމުން، އެއިން ކޮންމެ އަންހެނަކު ރުހޭ ގޮތަކީ އޭނާ އެންމެ ރުހޭ ގޮތްވެސް މެއެވެ. މި ދެ އަންހެނުން ތެރެއިން އެކަކީ ތަންކޮޅެއް ޒުވާން ޢުމުރު މީހެކެވެ. އަނެކަކީ ތަންކޮޅެއް ދޮށީ ޢުމުރުގެ މީހެކެވެ. ދެ މީހުންވެސް ރީތިކަމުގެ ގޮތުން އަޅައި ބަލާއިރު ދާދި އެއްވަރެވެ. މިތަނުން ޒުވާން އަންހެންމީހާއީ އޮޅަލި މީހެކެވެ. ދޮށީ ޢުމުރުގެ މީހާއީ ދޮން މީހެކެވެ. ދެ މީހުންގެވެސް ހަށިގަނޑުގެ ވަނާތައް ވަރަށް ފުރިހަމައެވެ. ރީއްޗެވެ. ފިރިހެނުންގެ ހިތްތައް ލަންބުވާލާ ބާރު ވަރަށް ގަދައެވެ.
ދޮށީ ޢުމުރު އަންހެންމީހާ އެންމެ ބޮޑަށް ރުހެނީ އަދި ގަޔާވަނީ، ލޮލަށް ފެންނަފެނުމަށް މި ފިރިހެންމީހާ ތަންކޮޅެއް ޢުމުރުން ދުވަސްވެފައި ހުންނަ ގޮތަށް ފެނުމެވެ. ފިރިހެންމީހާ ޒުވާންކޮށް ފެނުމަށް އޭނާ އެއްގޮތަކަށް ވެސް ނޭދެއެވެ. އެއީ އޭނާ ރުހޭ ގޮތެވެ. މިކަން މިހެންވުމުން، މި އަންހެންމީހާ ގާތަށް އޭނާ އަންނަ ފަހަރުތަކުގުގައި އޭނާގެ ބޮލުން ކަޅު އިސްތަށި އުފުރުމަކީ އާދަކޮށް ކުރާކަމެކެވެ. އެކަމާ ފިރިހެން މީހާ ވެސް ހުންނަނީ ވަރަށް ރުހި ޤަބޫލުވެގެންނެވެ. ލޯބިވެރިޔާ ރުހޭގޮތެއް ހެދުމަކީ ނުލާހިކު ރުހެވޭ ކަމަކަށް ވުމީ ޢީޝްޤުގައި ކަންތައް ހިނގާމަގެވެ.
ޒުވާން އަންހެންމީހާ ކަންތައް ކުރާގޮތް ވަރަށް ތަފާތެވެ. އޭނާ ބޭނުންވަނީ ލޯބިވެރިޔާ އަބަދުވެސް ޒުވާންކޮށް ފެނުމެވެ. ލޯބިވެރިޔާގެ ޒުވާކަން ގެއްލި މުސްކުޅި ބޭގަނޑެއްހެން ފެންނަން އޭނާ ނުރުހެއެވެ. އެހެންކަމުން، ލޯބިވެރިޔާ ޒުވާންކޮށް ބެހެއްޓުމުގެ ބޭނުމުގައި، އޭނާގެ ގާތަށް ލޯބިވެރިޔާ އަންނަފަހަރު ތަކުގައި ލޯބިވެރިޔާގެ ބޮލުގައިހުންނަ ނުރަތައް އުފުރައެވެ. ފިރިހެންމިހާ ހުންނަނީ އެގޮތާވެސް ވަރަށްރުހި ޤަބޫލުވެގެނެވެ. އޭނާވެސް އެދެނީ ޒުވާންކޮށް ހުރުމަށެވެ. މިކަންތައް މިމަގުން ހިނގަމުންދާތާ ދުވަސްތަކެއް ވެގެން ދިއައިރު ފިރިހެންމީހާގެ ބޮލުގައިހުރި ހުރިހާ އިސްތަރި މި ދެ އަންހެނުން އުފުރާ އެއްކޮށް ހުސްވެއްޖެއެވެ. މީހާގެ ބޯ ޑިންތަލަޔަކަށް ވެއްޖެއެވެ. މިދުވަސް އައުމުން، ނަތިޖާއަކަށްވީ މި ދެ އަންހެނުން އޭނާއާ ވަކިވުމެވެ. މިހާރު އޭނާ ހުރި ސިފައަކީ އެއިން އެއްވެސް އަންހެނަކު ރުހި ޤަބޫލު ވާ ރީތި ސިފައަކަށް ނުވިއެވެ. މިހުންނަނީވެސް ވަކި ބާވަތެއްގެ ލޯބީގާ ކަންތައް ދިމާވެދާ ގޮތެކެވެ.
Ehenvany dhefuh dhegoiy meehunnah. 😂😂😂