ހާއިން-ހާރު
(ކުޑަކުދިންގެ ވާހަކަ 26)
ޖަންގަލީގައި ދިރިއުޅުނު ހިޔަޅެކެވެ. މަގު ގެއްލިގެން އެއްދުވަހަކު ހިނގަމުން ދަނިކޮށް މީހުން އުޅޭ އަވަށަކަށް އާދެވުނެވެ. އެތަނުން ދަނޑުވެރިޔަކު ގެންގުޅޭ ހިމާރަކާއި ދިމާވިއެވެ. ހިމާރު ކަރުގައި ހާރެއް އަޅާފައި އޮތެވެ. އޭރު ހިމާރު ވަރަށް ބުރަކޮށް މަސައްކަތުގައި އުޅޭތީ ހިޔަޅު ހިމާރުގެ މަސައްކަތް ނިމެންދެން މަޑުކުރިއެވެ. ހިމާރާއި ސުވާލެއް ކޮށްލުމުގެ ބޭނުމުގައެވެ. ހިމާރު ކަރުގައި އޮތީ ކޮން ހާރެއްތޯއެވެ.
ހިމާރުގެ ބުރަކަށިމަތީގައި ވަނީ ހުއި ގަސްބޮޑިތަކެކެވެ. ދަނޑުވެރިޔާ ހިމާރު ލައްވާ އެހާ ބުރަކޮށް މަސައްކަތް ކުރުވާތީ ހިމާރުގެ ހަށިގަނޑުވަނީ މުޅިން ހީނަރުވެފައެވެ. ހިޔަޅު މަޑުކޮށްލައިގެން އޮތް ވަގުތު ހިނިތަކެއް ހަކުރު ހިފައިގެން އެސޮރުމެންގެ ގެއަށް ދާތީ ފެނުނެވެ. އަދި ކުކުޅަކާއި ހުދު ހާލެއް އެސޮރުގެ ފިޔޮއްތައް ގޮވައިގެން އެތަނުގައި އޮތް ފެންގަނޑެއް ކައިރިއަށް ދާތީ ފެނުނެވެ.
ހިޔަޅުވެސް ކަރުހިއްކާތީ ފެން ބޯން ބޭނުންވެގެން ފެންގަނޑުކައިރީ މަޑުކުރިއެވެ. އެހެނަސް އެއީ ވަރަށް ހަޑި ފެންގަނޑެކެވެ.
އިރުއޮއްސިއްޖެއެވެ. ހިމާރުގެ މަސައްކަތް ނިންމާފަ ގެއަށް ދިޔައިރުވެސް ހިޔަޅު އޮތީ ފެންގަނޑު ކައިރީގައެވެ. ހިޔަޅު ހިމާރު މަތިން ހަނދާން ނެތުނީއެވެ. ހަނދުވަރު ދޭ ރެއެއްކަމުން ފެންގަނޑުގެ ތެރެއިން ހިޔަޅުގެ ރައްދުހިޔަނި ފެނުނެވެ. ހިޔަޅު އޭގެ ރައްދު ހިޔަންޏާއި ވާހަކަދައްކާތީ ހިމާރަށް ފެނިގެން އެކަމާ ވަރަށް މަލާމަތް ކުރިއެވެ. އިރުއެރުމުން ހިމާރު ބުނެދިން މަގުން ހިނގާފައި އަނެއްކާވެސް ހިޔަޅު ޖަންގަލީގެ ތެރެއަށް ދިޔައެވެ.
(ނިމުނީ)
ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދޭށެވެ!
- ހިޔަޅަށް މަގުގެއްލިގެން ނިކުމެވުނީ ކޮންތާކަށް؟
- ހިޔަޅު ހިމާރުގެ މަސައްކަތް ނިމެންދެން މަޑުކުރީ ކީއްވެ؟
- ހިޔަޅަށް ފެންގަނޑުން ފެނުނީ ކޮން އެއްޗެއް؟
- ވާހަކަގައި ހުރި ހާ އަކުރުން ފެށޭ އެއްޗިހީގެ ނަންތައް ލިސްޓްކުރޭ!
- ހިޔަޅު ފެންގަނޑުކައިރީ މަޑުކުރި ވަގުތު ފެނުނު ތަކެތީގެ ނަންތައް ލިޔޭ!