ވާހަކަ

މަންމާއޭ މިހިތުގައި ތިޔަނަމާ ތިޔަސޫރަވޭ – 21 ވަނަބައި

20 ވަނަ ބަޔާ ގުޅޭ

އަނދިރީގައި ގިނައިރު ވުމުން ރީޝްގެ ލޯ އެ އަނދިރިކަމަށް ހޭނެންފެށިއެވެ. އެއީ ކޮޓަރިއެއްފަދަ ތަނެއްކަން އޭނާއަށް އިހުސާސްކުރެވުނެވެ. އެއްވެސް މީހެއްގެ ހިލަމެއްވޭތޯ ކަނުލައި އަޑުއަހަން އޭނާ ކުރިންވެސް އިންތަނުގައި އިށީނދެލައިގެން އިނެވެ. ތަންކޮޅެއް ދުރުން ދޮރެއް ހުޅުވުނު އަޑުކަހަލަ އަޑެއް އިވިއްޖެއެވެ. އަޑުއައި ދިމާއަށް ރީޝް ބަލައިލިއެވެ. އެވަގުތު އުށްބައްތިއެއް ފަދަ އެއްޗަކުން ވާފަދަ އަލިކަމެއް އޭނާއަށް ފެނުނެވެ. މަޑުމަޑުން އެ އަލިކަން ރީޝްއާ ގާތްވަމުން ދިޔައެވެ. ވަކި ހިސާބަކަށް ގާތަށް އައުމުން އެ ބައްތި ހިފައިގެން އެ އަންނަނީ އިންސާނެއްކަމުގައި އޭނާއަށް ސިފަވިއެވެ. އުށްބައްތީގެ އަލި އެމީހާގެ މޫނަށް އެޅިފައި ހުއްޓެވެ. އޭނާ ލައިގެން ހުރީ ގަޔަށް ވަރަށް ދޫ ހެދުމެކެވެ. އިސްތަށިގަނޑު ހުރީ ފަހަތަށް އައްސާފައެވެ. މޫނަށާއި އަތަށް އަލި އެޅިފައި ހުރުމުން އެއީ ދޮން މީހެއްކަން ހާމަވެއެވެ. އޭނާ އައިސް ރީޝްއާ ވަރަށް ގާތަށް ހުއްޓުނެވެ. އަދި ސުވާލުކުރިއެވެ.  “ތިޔައީ ކޮން ކުއްޖެއް؟” އޭނާގެ އަޑުގައި އަޅައިގަތުމެއް ހުއްޓެވެ. ހީވަނީ އުމުރުން ހައެއްކަ އަހަރުގެ ކުއްޖަކު ވާހަކަދައްކާ ހެންނެވެ. ރީޝްއަށް އިނދެވުނީ އެމީހާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ބަސް ހުއްޓިފައެވެ. އެމޫނުން އޭނާއަށް ދެކެ ފަރިތަ ސިފަތަކެއް ފެންނާތީއެވެ. “ތިޔައީ ކޮން ކުއްޖެއްތަ؟ އަޅެ ވާހަކަދައްކަބަލަ! އާދޭސްކޮށްފައި ބުނަން.” އެމީހާ އަނެއްކާވެސް ސުވާލުކުރިއެވެ.

“ރީޝް. އަހަރެންނަށް ކިޔަނީ ރީޝް. ތިޔައީ އިންސާނެއްތަ؟” ރީޝް ހިތާމައާއި ހައިރާންކަމުން ފުރިގައިވާ އަޑަކުން ޖަވާބު ދިނެވެ.

“އަހަރެންނަށް ކިޔަނީ ރީޝަމް” އެމީހާ ތައާރަފް ވިއެވެ.

“ރީ… ރީޝަ… ރީޝަމް.” ރީޝް އިތުރަށް ހައިރާން ވިއެވެ. “ދައްތަ މިތާ ކީއްތިކުރަނީ؟”

“ދައްތަ މިތާ އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ. އެންމެ ފުރަތަމަ މިތަނަށް ދައްތަ އައިއިރު ވާނީ ފަސްވަރަކަށް އަހަރު.” ރީޝަމް އެހެން ބުނުމުން، ރީޝްއަށް ވަމުން އައި ހީ ޔަގީނަށް ބަދަލުވެއްޖެއެވެ. އަދި އަވަސް އަވަހަށް ތެދުވެ ދައްތާއޭ ކިޔާފައި ރީޝަމްގެ ގައިގައި ބައްދައިގަތެވެ.

“ތިޔައީ އަހަރެންގެ އެއްބަނޑު ދައްތަ. ހަމަ ޔަގީން. ފުރަތަމަ ތިޔަ މޫނު ފެނުމުން ވެސް އަހަރެންނަށް ދެކެ ފަރިތަ މޫނެއް ހެން ހީވި. މިހާރު ޔަގީން ވެއްޖެ. ދައްތާ!” ރީޝްއަށް އަނެއްކާ ވެސް ރޮވިއްޖެއެވެ. އޭނާގެ ދައްތައާ ބައްދަލުވުމުގެ އުފާ މި ލިބުނީ އޭނާގެ އާއިލާގެ އެހެން މީހުންނާއި އެކުވެރިން އޭނާއާ ވަކިވުމުގެ ހިތާމަ އިންތިހާއަށް ބޮޑުވި ވަގުތުގައެވެ. އޭނާގެ ލޮލުން އެ އޮހޮރެނީ އުފާވެރިކަމުގެ ކަރުނަކަމެއް ނުވަތަ ހިތާމައިގެ ކަރުނަކަމެއް ބުނެދޭކަށް ނޭނގެއެވެ. ރީޝަމް ވެސް އެއްއަތުން އުށްބައްތި ހިފަހައްޓާލައިގެން ހުރެ އަނެއް އަތުން ރީޝްގެ ބުރަކަށީގައި ފިރުމަމުން ގެންދިޔައެވެ. އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހޮރެމުން ދިޔައެވެ. އެތައް ދުވަހެއްގެ ފަހުން އިންސާނީ ހޫނުކަން އިހުސާސް ކުރެވުނީއެވެ. އޭނާގެ އާއިލާގެ މެމްބަރަކާ ބައްދަލުވުމުގެ އުފާ ވެސް ލިބުނީއެވެ. އޭނާގެ މަންމައާ ބައްލުވުމުގެ އުންމީދުގެ ހުޅުކޮޅު އިތުރަށް ދިއްލުނީއެވެ. މި ނުބައި ހުރަގެއިން ސަލާމަތްވާން ދެކެމުން އައި ހުވަފެނުގައި ވެސް ދެން ކުލަ ޖެހިދާނެއެވެ. އެތައް އިރަކު މިހެން ތިބުމަށްފަހު ރީޝަމްގެ ގަޔާ ރީޝް ދުރުކޮށްލިއެވެ. އަދި އެކަކު އަނެކަކަށް މޫނު ފެންނާނެހެން ބިންމަތީގައި އިށީނދެއްޖެއެވެ. ރީޝަމް ހިފަހައްޓައިގެން ހުރި އުށްބައްތިން ދެބެންގެ މޫނަށް އަލި އެޅޭނޭހެން، ތަންކޮޅެއް ދުރުގައި ބެހެއްޓިއެވެ.

ރީޝަމް އޭނާގެ މަންމައާއި އާއިލާގެ ޚަބަރުތައް އޮޅުންފިލުވަން ވަނީ ކެތް މަދުވެފައެވެ. ހަމަ އެފަދައިން މިތަނާއި އޭނާގެ ދައްތަގެ ދިރިއުޅުމާ ބެހޭގޮތުން އޮޅުންފިލުވަން އިންތިހާއަށް ބޭނުންވެއެވެ. އަދި މިހުރަގެއިން ނުކުމެ މަންމަމެންގެ ގާތަށް ދެވޭނެގޮތެއް އޮތްތޯ ބަލަން ވެސް ނުހަނު ބޭނުންވެއެވެ.

ޚަބަރުތައް އޮޅުންފިލުވުމުގައި އިސްނެގީ ރީޝަމްއެވެ.

“އަހަރެން މިތަނަށް ގެނެސް ހައްޔަރުކޮށްގެން މި ގެންގުޅެނީ ކޮންބައެއްކަން ކޮއްކޮއަށް އެނގޭތަ؟” ރީޝަމްއާ ބެހޭގޮތުން ރީޝްއަށް އެނގެނީ ކިހާވަރަކަށްތޯ އޮޅުން ފިލުވުމުގެ ގޮތުން އެހިއެވެ. މަންމަ ރީޝްއަށް ކިޔައިދީފައިވާ ވާހަކަތައް ކުރުގޮތަކަށް ރީޝް ކިޔައިދިނެވެ.

“އަހަރެމެން އުޅެނީ ހަށިރައްކަލަކަށް ކަރުގައި ރަންފަށެއް އަޅައިގެން.” ރީޝް އެހެން ބުނެފައި އޭނާގެ ކަރުގައި އޮންނަ ރަންފަށް ރީޝަމްއަށް ދައްކާލުމަށްޓަކައި އޭނާގެ ކަނދުރާގައި އަތް ކާއްތާލިއެވެ. އަދި ފަށުގައި އަތް ނުޖެހުމުން ކަރުވަޅާއި ބޮނބިފަޅީގައި ވެސް އަތްކާއްތީލިއެވެ. އެވަރުން ވެސް އެފަށުގައި އަތެއް ނުޖެހުނެވެ. “ދައްތާ! އަހަރެންގެ ރަންފަށް! މާތްކަލާކޯ! އެފަށް ކޮބައިބާ؟ މަންމާ….!” އެރަންފަށް އޭނާގެ ކަނދުރާގައި ނެތްކަން އޭނާއަށް އެނގުމުން ވަރަށް ކަންބޮޑުވިއެވެ. އަދި ވަރަށް ހިތާމައިން އަނެއްކާ ވެސް ރޮވޭގޮތް ވެއްޖެއެވެ. ރީޝަމް ވަރަށް މަސައްކަތުން ރީޝް ހަމައަކަށް އެޅުވިއެވެ.

“އެކަމަކު ކިހިނެއް؟” ރީޝްގެ ސިކުނޑީގައި އެނބުރެންފެށީ ސުވާލުތަކުގެ ފުނިވަރެކެވެ. އަދި އޭނާއާ އެފަށް ވަކިވާނެ ސަބަބަކާ މެދު އޭނާ ވިސްނަން ފެށިއެވެ. “ދައްތާ! އަހަރެންނަށް ހީވާ ގޮތުން ރާޅާއޮޅާލިވަގުތު…” ރީޝަމްގެ ހަނދާނަށް އެހިނދުކޮޅު އައެވެ. “އަހަރެން އަޑިޔަށް ދަމައިގަތީ. ގާތަކުގެ ތެރޭގައި ދެމެމުން ދިޔަ ވަގުތު… ގަލެއްގައި އެފަށް އަޅައިގަތީ… ދެމެމުން ދިޔަ ބާރުމިނުގައި އެފަށް ކެނޑުނީ… ދައްތާ! އެރަންފަށް ކެނޑުނީ.” ރީޝްގެ މޫނުގައި ދެއަތް އަޅިއެވެ. އޭނާއަށް ގިސްލެވެން ފެށިއެވެ. ރީޝަމްއަށް ޖެހުނީ އަނެއްކާ ވެސް ރީޝް ހަމައަކަށް އެޅުވުމަށް އެތައް މަސައްކަތެއް ކުރާށެވެ.

“ކޮއްކޮ މިތަނަށް ގެނައީ ކާކު؟” ރީޝަމް އޮޅުންފިލުވަން ބޭނުންވިއެވެ.

“މާއިޝް. އެކަމަކު…. މާއިޝް ކީއްވެބާ…؟” ރީޝް ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. “އަސްތާ! އެއީ މާއިޝްބާ؟ އޭނާ ހުރީ މާއިޝްގެ ސިފައިގައި. އެކަމަކު… އޭނާ ހުރީ ތަންކޮޅެއް ދުރުގައި. އަހަރެން އޭނާއާ ގާތްވެލަން އުޅުމުން ވެސް އޭނާ…. ދައްތާ! މިހާރު އަހަރެންނަށް ހީވަނީ އެއީ މާއިޝްއެއް ނޫން ހެން. ޔަގީން. އެއީ މާއިޝްއެއް ނޫން. ދައްތާ! އެއީ އުނައިޝް! އެހެންވިއްޔާ އުނައިޝް ވެސް އެއީ ޖިންނިއެއްތާ!” އަމިއްލަ އަމިއްލައަށް ވާހަކަދައްކާ ފަދައަކުން ރީޝް ވާހަކަދައްކަމުން ގެންދިޔައެވެ. އެއަށްފަހު އޭނާއާއި މާއިޝް އަދި ނިއަމްއާއި އުނައިޝްގެ ގުޅުމުގެ ވާހަކަތައް ކުރުގޮތަކަށް ރީޝަމްއަށް ކިޔައިދިނެވެ.

“ދައްތައަށް ވެސް މިހާރު ޔަގީން. އެއީ އުނައިޝް” ރީޝަމްއަށް ފެންނަ ގޮތް ހާމަކުރިއެވެ.

“ދެން އަހަރެމެން މިތަނުން ސަލާމަތެއް ނުވާނެތަ ދައްތާ!” ރީޝްއަށް އުންމީދު ގެއްލެމުން ދިޔައެވެ. އެކަމާމެދު އެއްވެސް އެއްޗެއް ރީޝަމް ނުބުނެއެވެ. ދައްތައާއެކު އަންނާށޭ ބުނެފައި ރީޝަމް ކޮޅަށް ތެދުވިއެވެ. އަދި ރީޝް ވެސް ކޮޅަށް ނެގިއެވެ. ރީޝަމް އުއްބައްތި ހިފައިގެން ހިނގައިގަތެވެ. ރީޝް އޭނާގެ ފަހަތުން ހިނގަމުން ދިޔައެވެ. ރީޝަމް ގޮސް ވަނީ ކޮޓަރިއެއްފަދަ ތަނަކަށެވެ. ތަފާތު ވައްތަރުގެ ފިލާ ކޮޅުތަކެއް ބޭނުންކޮށްގެން ހަދާފައި ހުރި އައްޓެއް އެތާނގައި ހުއްޓެވެ. އަދި ފިލާގަނޑެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުރި މޭޒެއް ވެސް އެތާނގައި ހުއްޓެވެ. ލޯޝަނާއި ސެންޓް އަދި ބޮޑީ ސްޕްރޭ ފަދަ ރީތިވާ ސާމާނު އެ މޭޒުގައި އަތުރާފައި ހުއްޓެވެ. އަދި ކުޑަވަރެއްގެ މޫނުބަލާ ލޯގަނޑެއް ވެސް އޮތެވެ. ބޮލުގައި އަޅާ ބުރުހަކާއި ފުނަލެއް ވެސް އޮތެވެ.

“މީ ދައްތަގެ ނިދާ ކޮޓަރި. މިތާ މިހުރީ ހައްތަހާ ވެސް ދައްތަ އަމިއްލައަށް ހޮވައިގެން ގެނެސްފައި ހުރި ތަކެތި. މިހިރަ ރީތިވާ ސާމަނުތަކަކީ ވެސް އެކި ދުވަސްމަތިން ދައްތަ ހޮވާފައި ހުރި ތަކެތި. ދައްތައަށް ލިބެނީ މިރަށަށް ތަފާތު ބޭނުންތަކުގައި އަންނަ މީހުން ދޫކޮށްފައި ދާ އަންނައުނާއި އެހެނިހެން ސާމާނު. ދައްތަ ބެލެހެއްޓުމާ ހަވާލުވެގެން ހުންނަނީ ޒަމާލިކް ކިޔާ ޖިންނިއެއް. ކޮންމެ ދުވަހަކު ވެސް ދައްތަ ފާޚާނާއަށް ދިޔުމަށާއި ފެންވެރުމަށް މިތަނުން ބޭރަށް ނެރޭނެ. މިހިރަ ރީތިވާ ސާމާނަކީ އެގޮތަށް އަތިރިއަށް ގޮސް އަންނަމުން ހޮވާތަކެތި. އަންނައުނާއި އެހެނިހެން ތަކެތި ވެސް ލިބެނީ އެގޮތަށް ބޭރަށް ނުކުމެވޭ ވަގުތު. މިގޮތަށް އުޅެއުޅެ މިހާރު ދައްތައަށް މީ އާދައިގެ ކަންކަން.” ރީޝަމްގެ އެވާހަކަތަކުން ވެސް ރީޝްއަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. ނަމަވެސް މިފަހަރު ލޮލަށް ޖަމާވާން މަސައްކަތްކުރި ކަރުނަތައް އޮހޮރިގަތުމުގެ ކުރިން ވަރަށް ހިތްވަރުކޮށްފައި ދިރުވާލިއެވެ.

ދެބެން ވާހަކައިގައި ތިއްބާ އިރުއަރައި ރަށުތެރެ އަލިވިއެވެ. މިހާރު އެދެބެން ތިބި ކޮޓަރިއަށް ވެސް ހިސާބަކަށް އަލިކަން ފާއްދާލާފައި ވެއެވެ.

“ދައްތަ ޚިޔާލެއް ދެންތަ؟ ކޮއްކޮ ޖެހޭނެ މިކަމުގައި ވަރަށް ހިތްވަރުގަދަވާން. އިރުކޮޅަކުން ދައްތަ ބޭރަށް ނެރެން ޒަމާލިކް އަންނާނެ. ކޮއްކޮއަށް ބޭރަށް ނުކުމެވިއްޖިއްޔާ ކޮއްކޮގެ ރަންފަށް ހޯދަން ކޮއްކޮއަށް ދެވިދާނެ. އަހަރެމެންގެ ނަސީބު ރަނގަޅިއްޔާ ފަހަރެއްގައި އެފަށް ލައްގާފައި ވެސް އޮވެދާނެ. އެފަށް ކޮއްކޮގެ އަތުގައި އޮންނަހާ ހިނދަކު އެމީހުންނަށް ކޮއްކޮއަށް ގޯނާއެއް ނުކުރެވޭނެ. އެކަމަކު ކޮއްކޮ މިހާރު ނިކުތަސް މަންމަމެން ތިބި ތަނަށް ދިޔުން އެއްގޮތަކަށް ވެސް ބުއްދިވެރިއެއްނޫން. ކޮއްކޮއަށް މަންމަމެނާ ހިސާބަށް ނުދެވެނީސް ޒަމާލިކުގެ އަތްދަށުވެއްޖިއްޔާ މިހާރު މިކުރެވޭ އުންމީދުގެ ވާފަށް ވެސް ކެނޑި ވިއްސި ވިހާލިވީ.

އަވަހަށް ކޮއްކޮގެ ހެދުން ދައްތައަށްދީ. ޒަމާލިކް އަންނަންވާއިރަށް އަހަރެމެން ތިބެންވާނީ ބަދަލުވެފައި.”

ދެބެން ވެގެން އެކަކުގެ ހެދުން އަނެކަކު ލައިގެން އަވަސްއަވަހަށް ބަދަލުވިއެވެ. ޒަމާލިކް ކޮންމެ އެއްޗެކޭ ކީ ނަމަވެސް އެއްވެސް ޖަވާބެއް ނުދިނުމަށް ރީޝަމް ނަސޭހަތް ދިނުމަށްފަހު، ރީޝް ފުރަތަމަ މިތަނަށް ވެއްދި ދޮރުގެ ކައިރީގައި ބޯދަށަށް އަތް ލައިގެން ކުރުގެޅިގެން ރީޝަމް އޮށޯވެލައިގެން އޮތެވެ. ރީޝަމްގެ ނިދާ ކޮޓަރީގެ ނިދާއަށީގައި ރީޝް އިށީނދެގެން އިނެވެ. އަދި ޒަމާލިކްގެ އިންތިޒާރުގައި ދެބެންވެގެން ވަގުތުތައް ގުނަމުން ދިޔައެވެ. މާކަ ގިނަ އިރުތަކެއް ނުވެ ރީޝަމް ނިދާ ކޮޓަރިއަށް ޒަމާލިކް އައިސް ބޭރަށް ނުކުތުމަށް އެންގިއެވެ. ‘ރީޝަމް’ ވަރަށް ކިޔަމަންތެރިކަމާއެކު ކޮޓަރިން ބޭރަށް ފުރަތަމަ ފިޔަވަޅު އެޅިއެވެ. ފުރަތަމަ ވެސް ނުކުމެވުނީ ޖަންގަލީގެ ތެރެއަށެވެ. ރީޝަމް ލަސްލަހުން ފިޔަވަޅުތައް އަޅަމުން ޖަންގަލިތެރެއިން ހިނގަމުން ދިޔައެވެ. އަދި ރާޅުގެ އަޑު އަންނަ ދިމާލަށް ހިނގުން ބަދަލުކޮށްލިއެވެ. ކުޑަ ތަންކޮޅަކަށް ހިނގިތަނާ އެމީހުން ރާޅާއަޅަން ދިޔަ މަގު ފެނުނެވެ. އަދި އިރުގެ މިސްރާބަށް ބެލުމަށްފަހު ފުއްޓަރުކަމަށް ގަބޫލުކުރެވުނު ކޮޅަށް ހިނގައިގަތެވެ. 

(ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close