ކުޑަކުދިންވާހަކަ

ރަސްގެފާނާއި ޖާދޫގަރު (6 ވަނަ ބައި)

ރަސްގެފާނާއި ޖާދޫގަރު (ހަވަނަ ބައި)

އެވަގުތު ބިންބާދު ސާހް ޖާދޫގެ މުތީއަށް ފުމެލުމަށްފަހު އުދުހޭ ބާޒަކަށް ސިފަބަދަލުވުމަށް ބުންޏެވެ. ވަގުތުން އޭނާ ބާޒަކަށް ބަދަލުވިއެވެ. އަދި ފުރޭތަ ވަށައިގެން އެނބުރެން ފެށިއެވެ. ފުރޭތަގެ އަނގައިން އަލިފާން ބޯޅައެއް ބާޒާއި ދިމާލަށް ފޮނުވާލިއެވެ. ހަމައެގޮތަށް ބާޒުގެ އަގައިންވެސް ގަނޑުފެނުގެ ބޯޅައެއް ރައްދުގައި ފޮނުވަމުން ގެންދިޔައެވެ. ދެފަރާތުގެ ހަނގުރާމަ ވަރަށް ހޫނު ވެއްޖެއެވެ. އެވަގުތު އެޚަބަރު އަސް ޖާދޫގަރަށް ދިނެވެ. ޖާދޫގަރު އޭނާގެ އަވަށުގައި އުޅޭ ޖިންނީންގެ ތެރެއިން އެންމެ ވަރުގަދަ 3 ޖިންނި ބިންބާދު ސާހަށް އެހީވުމަށް ފޮނުވިއެވެ.

އެ ޖިންނިތައް ސަހަރުން ނިކުމެގެން އެހިސާބަށް ދިޔައިރު ފުރޭތަ ވަނީ މުޅިން ބަލިކޮށްލާފައެވެ. އޭރު ބިންބާދު ސާހް އިނީ ބާޒުގެ ސޫރައިން ބިންބާދުގެ ސޫރައަށް އަލުން ބަދަލުވެ އަހަށް ސަވާރު ވެގެންނެވެ. ފުރޭތަ ކޮބައިތޯ ސުވާލުކުރުމުން ބުނީ ފުރޭތަ މިހާރު އޭގެ އަސްލު ސޫރައަށް ވަނީ ބަދަލުވެފައެވެ. އެދިމާލުގައި ހުރި އުސް ފަރުބަދައެއްގެ މައްޗަށް ވެއްޓިފައި ވާކަމަށް ބުންޏެވެ. ޖިންނިތައް ގޮސް ބެލިއިރު އެ ފުރޭތަވަނީ އެއްފަޅި ރީތި އަންހެން ކުއްޖަކަށް އަނެއްފަޅި ބިރުވެރި ޖިންނިއެއްގެ ސޫރާގައެވެ. ޖާދޫގަރު ފޮނުވި ޖިންނިތައް މި އަންހެން ޖިންނި ކުޑަކޮށްލުމަށްފަހު ބިއްލޫރި ފުޅިއަކަށް ލިއެވެ.

މި އަންހެން ޖިންނީގެ އުނދަގުލުން ސަލާމަތްވުމުން ބިންބާދު ސާހް އުދުހޭ އަހުގައި އެމީހުން ކުރިން ދާން އުޅުނު އޭނާގެ ބައްޕަގެ ސަހަރަށް ދިއުމަށް އުދުހިގަތެވެ. ޖިންނިތައް އެ އަންހެން ޖިންނި ގެންގޮސް އެމީހުންގެ ގަނޑުވަރުގައި ބަންދުކުރިއެވެ.

ސަހަރަށް ދެވުނު އިރު ކަންތައް ވެފައި އޮތީ ބިންބާދު ސާހަށް ހުވަފެނުން ފެނުނު ގޮތަށެވެ. އަވަށުގައި ދިރިއުޅޭ މީހުންގެ ފަރާތުން ޚަބަރުތައް ލިބިއްޖެއެވެ. ބައްޕަ އަވަހާރަވުމުން އެކަމާ ބިންބާދު ސާހް ނިކަން ހިތާމަކުރިއެވެ. މިހާރު ބައްޕަގެ ރަސްކަންވަނީ ބޭބެއަށް ލިބިފައެވެ. އެހެންކަމަން ހުވަފެނުގައި ކަންކަން ވީ ގޮތާއި އެއްގޮތަށް ކަންކަން ވެދާނެކަމަށް ފަރުވާތެރިވެ ވިސްނައިގެން ބިންބާދު ސާހް ހުއްޓެވެ. ފުރަތަމަވެސް ގަނޑުވަރަށް ދިއުމުގެ ބަދަލުގައި ބޮޑުވަޒީރުގެ އާއިލާ ކޮބައިތޯ ބެލިއެވެ. އެމީހުން ހޯދަން ސަހަރުތެރެއަށް ނިކުމެބެލި ބެލުމުން އެނގުނީ ސަހަރުގައި ނެތްކަމެވެ. އެމީހުން ދިރިއުޅޭނެ ކަމަށް ބޮޑުވަޒީރު ކިޔަދިން ގެ ހުރީ ފަޅަށެވެ. ވަށައިގެން ހުރި ގެތަކުގެ މީސްތަކުން ކުރެ ސުވާލު ކުރުމުން އެނގުނީ އެމީހުންވަނީ ގަނޑުވަރުގެ ސިފައިން ކޮންމެވެސް ތާކަށް ގެންގޮސްފަ ކަމަށެވެ.

އެކަމާ ފިކުރު ބޮޑުވެފައި ގަހެއްގެ ހިޔަލުގައި ބިންބާދު ސާހު އަސްމަތީގައި މަޑުކުރިއެވެ.

އަސް: “ގަނޑުވަރަށް ނުގޮސް ދެން ވާކަށް ނެތް! “

ބިންބާދު ސާޙް: ” މި ސަހަރުގެ ތަންތަން ބެލުމަށްވުރެ ސީދާ ގަނޑުވަރަށް ގޮސް ވަޒީރުގެ އާއިލާވީ ކޮންތާކުތޯ ބެލުން ދެން އޮތީ”

އަސް: ” ކަލޭ ތިޔަދައްކާ ވާހަކަތައް ބޭބެ ގަބޫލުކުރާނެ ހެން ހީވޭތަ؟”

ބިންބާދު ސާހް: ” ޤަބޫލުކުރާނެ. ބޭބެ އަހަރެން ދެކެ ވަރަށް ލޯބިވާނެ. އަހަރެން ކަންވީގޮތް ރަނގަޅަށް ކިޔަދީފިނަމަ ޤަބޫލުކުރޭނެ” އޭނާ ވަރަށް ޔަޤީންކަމާއެކު ބުންޏެވެ.

އަސް: “ތިހެންވީއިރު މަޑުކުރުމުގެ ބޭނުމެއް ނެތް. އަވަހަށް ހިނގާ ދަމާ!”

މިހެންބުނެ ގަނޑުވަރާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ގަނޑުވަރުގެ ރަސްގެފާނަކަށް ހުންނެވި ބިންބާދު ސާހުގެ ބޭބެއަށް އޭނާގެ ކޮއްކޮ ފެނުމާއި އެކު އެއީ ކާކުކަން އެނގިއްޖެއެވެ. ނިކަން އުފަލުން އައިސް ކޮއްކޮގެ ގައިގައި އޮޅުލައިގަތެވެ. އަދި ވަރަށް ކަމޭ ހިތްތަވާ ޙާލުއަހުވާލު އޮޅުންފިލުވާ ހެދިއެވެ. ބިންބާދު ސާހް އޭނާ ގެއްލުނު ދުވަހުން ފެށިގެން އެދުވަހުގެ ނިޔަލަށް ކަންވީ ގޮތް ބޭބެއަށް ކިޔައިދިނެވެ. އަދި ވަޒީރުގެ އާއިލާ ޖަލުން ސަލާމަށް ކޮށް އެނބުރި އެމީހުން ދިރިއުޅޭ ގެއަށް ފޮނުވިއެވެ. ބޮޑުވަޒީރު ދިރިދުނިޔޭގައި ހުންނަވާ ވާހަކަ އެންގިއެވެ. އަދި ވަރަށް އަވަހަށް ޖިންނީންގެ ކިބައިގެން ސަލާމަތްކޮށްގެން އެނބުރި ސަހަރަށް ގެންނާނެކަމަށް ވަޢުދުވިއެވެ.

ބިންބާދު ސާހުގެ ވާހަކަތައް އިޖާބަ ދިނުމުގެ ގޮތުން ރަސްގެފާނު އޭނާގެ ސިފައިންނަށް މި ނުބައި ޖަނަވާރުންނާއި ހަނގުރާމަ ކުރުމަށް ދިއުމަށް ތައްޔާރުވުމަށް އެންގިއެވެ. އެހެންނަމަވެސް އަދި ކުޑަދުވަސްކޮޅަކު ގަނޑުވަރުގައި މަޑުކުރުމަށް އެދުނެވެ. އެއީ ބޮޑުބޭބެގެ ދަރިއެއްގެ ކައިވެނީގެ ހަފްލާއެއް އޮތީމައެވެ. އެކަން ނިމުމުން ޖެހިގެން އަންނަ ހަފްތާގައި ބިންބާދު ސާހާއި އެކު ބޭބެ ނައުޖާދު ސާހް އެ ޖާދޫގަރުގެ ސަހަރަށް ބޮޑުވަޒީރު ސަލާމަށް ކުރުމަށް ދާން އެއްބަސްވިއެވެ.

ކޮންމެއަކަސް ބިންބާދު ސާހް ދަތުރުކޮށްފައި އައި އަހަކީ ޖާދޫތަކެއް ލިބިފައިވާ އަހެއްކަމެއް ނޭނގޭ މީހުން ގަނޑުވަރުގައި ގިނައެވެ. އެހެންކަމުން އަހުގެ ކައިރިއަށް އައިސް ދައްކާ ބައެއް ވާހަކަތަކުން އަސް މަޑުމަޑުން ހީލަ ހީލަ އޮވެއެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު ރަސްގެފާނުގެ ބޮޑުވަޒީރަކަށް ހުރި މީހާ ނައުޖާދު ރަސްގެފާނާއި ދެކެވުނު ވާހަކައެއް ޖާދޫގެ ހުދު އަސް އަޑުއަހަފިއެވެ.

ބޮޑުވަޒީރު: “ރަސްގެފާނުގެ ރަސްކަން ބޭނުންވެގެން މީހަކު އެބައުޅުއްވާ ކަން އެނގިވަޑައިގަންނަވާތޯ؟”

ރަސްގެފާނު: ” ނޫން. ނުދެނަހުރިން. ތިޔައީ ވަރަށް ބޮޑު މޮޔައަކު ނޫނީ ނުވިސްނާނެ ކަމެއް”

ބޮޑުވަޒީރު:” އެއީ ރަސްގެފާނުގެ ކޮއްކޮ ބިންބާދު ސާހް. އެނާ މިހާރު އެ ހަނގުރާމަ ކުރަން އުޅޭ ސަބަބަކީ އެއީ. ހަނގުރާމާގައި ރަސްގެފާނު ގަތުލުވުމުން ދެން ރަސްކަމަށް އިސްވެވަޑައިގަންނަވާނަމޭ ހިތާ އެއުޅުއްވަނީ” މިފަދަ ވާހަކަތަކުން ރަސގެފާނުގެ ހިތަށް ހަސަދަވެރިކަން ވައްދާ ކޮއްކޮއާއި މެދު ފިތުނަވެރިން އުފެއްދިއެވެ.

ރަސްގެފާނު: “ތިޔަހެން ތިޔަކަން ވިޔަކަ ނުދޭކަން އޭނާ މިހާރު ކޮބާ؟ އޭނާ ހައްޔަރުކުރަން ސިފައިން ފޮނުވާ”

މި ވާހަކަތައް އަޑުއަހާފައި އަސް ނިކަން އަވަހަށް ކުޑަކުޑަ ދޮންދޫންޏަކަށް ބަދަލުވެގެން ބިންބާދު ސާހުގެ ކޮޓަރިކޮޅަށް ދިއުމަށް އުދުހެން ފެށިއެވެ.

އޭރު ސިފައިން ރަސްގެފާނުގެ އަމުރަށް ބިންބާދު ސާހު އުޅޭ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ. ދޮންދޫނިގޮސް ބިންބާދު ސާހަށް މި ވާހަކަތައް ކިޔައިދިނުމުން ފުރަތަމަ ގަބޫލެއް ނުކުރިއެވެ. ނަމަވެސް ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލާލިއިރު ސިފައިން ނިކަން ހަލުވި ކަމާއެކު އަންނާތީ ފެނުމުން އެކަން ގަބޫލު ކުރެވުނެވެ. އެވަގުގުތު ޖާދޫގެ މުތީގައި އޭނާ އަތުން ފިރުމާލިއެވެ. ހަމަ އެހިނދު ސިފައިން އައިސް ކޮޓަރީގެ ދޮރު ހުޅުވިއެވެ. (ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close