ކުޑަކުދިންގެ ވާހަކަ: ދަހިވެތި ސާދާގަރުގެ 30 ރުފިޔާ
ކުރީ ޒަމާނެއްގައި ދަހިވެތި ސާދާގަރަކު އުޅުނެވެ. އޭނަގެ ހުރިހާވެސް އެއްޗަކީ ފައިސާއެވެ. މީނާގެ ދަހިވެތިކަން ބޮޑުވެގެން ދިޔަދިޔައިނުން ގޮސް އަތުގައި ހުރި ހުރިނަމަ މުދަލެއް ވިއްކާ ފައިސާއަށް ބަދަލު ކުރިއެވެ. އެފައިސާތައް ފޮރުވައިގެން އުޅޭތާ ލައްކަ ޒަމާން ވީފަހުން އެއްދުވަހަކު މި ސާދާގަރު އަތުން ރުފިޔާ ތަކެއް ގެއްލިއްޖެއެވެ. ވަރަށް ގިނަ ތަންތައް ހޯދާހޯދާވެސް މި ރުފިޔާތަކެއް ނުފެނުނެވެ. ލެވުނު ތަނެއް ނޭންގުނެވެ.
މިކަމާ ހަދާނެގޮތެއް ނޭންގިގެން ސާދާގަރުގެ އެންމެ ގާތް ރައްޓެހި މީހާގެ ގާތަށް ދިޔައެވެ. ރައްޓެހި މީހާގެ ގާތަށްގޮސް އެއްކަލަ ރުފިޔާތަކުގެ ވާހަކަ ކިޔައިދިނެވެ. އެކަމާ ވަރަށް ދެރަވި ވާހަކައާއި، އެފައިސާތައް ފެނޭތޯ އެތަން މިތަން ހޯދިއްޖެކަމާއި، ހީވާގޮތުން އެވާނީ މަގުމައްޗަށް ވެއްޓިފައިކަމަށްވެސް ރައްޓެހިމީހާގެ ގާތުގައި ބުންޏެވެ.
ކޮންމެއަކަސް މިވާހަކަތައް ދެއްކުމަށްފަހު ސާދާގަރު އެގެއިން ދިޔަފަހުން ރައްޓެހިމީހާގެ އަންހެން ދަރިފުޅު ބޭރުން އައިސް ގެއަށް ވަނެވެ. ދަރިފުޅު ވަދެގެން އައިގޮތަށްއައިސް ބައްޕައަށް ދިއްކޮށްލީ ބޮނޑިބޮނޑި ކޮށްލައިފާ އޮތް ރުފިޔާތަކެކެވެ. “ބައްޕާ މިއޮތީ އަޅުގަނޑު އައިއިރު ކޮންމެސް މީހަކު އަތުން މަގުމައްޗަށް ވެއްޓިފައި އޮތް ރުފިޔާތަކެއް މީ ކާކު އެއްޗެއްކަން ނޭންގޭތީ އަޅުގަނޑު މިގެނައީ ބައްޕައާއި، ހަވާލުކުރަން .” ދަރިފުޅު ބުންޏެވެ. ގުނާލި އިރު އޭގައި އޮތީ 30 ރުފިޔާއެވެ.
މިއީކޮން ފައިސާއެެއްކަން ރައްޓެހިމީހާ އަށް ހަމަ ވަގުތުން އެނގިއްޖެއެވެ. އެހެންވެ އޭނާ އެފައިސާތައް ސާދާގަރު ކަލޭގެއަށް އަމާނާތް ތެރިކަމާއެކު ފޮނުވާލިއެވެ.
ސާދާގަރު ކަލޭގެއަށް ފައިސާތައް ލިބުމުން ބާރަށް ހިނގާފާ ރައްޓެހި މީހާގެ ގެއަށް އަނެއްކާ އަތުވެއްޖެއެވެ. އައިސް ބުންޏެވެ. މިފައިސާތަކުން ފައިސާ މަދެވެ. މަގޭއަތުން ގެލުނީ 40 ރުފިޔާއެވެ. މީގާ އެކަމަކު މިއޮތީ 30 ރުފިޔާއެވެ. އެެހެންވީމާ ކަލޭގެ ދަރިފުޅު މިވަނީ މިފައިސާތަކުން 10 ރުފިޔާ ބޭނުން ކޮށްފައެވެ. މަށަށްވާނީ އެބައި އަނބުރާ ހޯދައިދޭށެވެ.
ރައްޓެހިމީހާ ދަރިފުޅާ ސުވާލުކުރިއެވެ. ދަރިފުޅު ބުނީ އެފައިސާ ތަކުން އެންމެ ލާރިއެއްގައިވެސް ނުޖެހޭކަމަށެވެ. އަދި ނުވެސް ގުނާ ގެނައިގޮތަށްގެނެސް ބައްޕައަށް ހަވާލުކުރީ ކަމުގައެވެ. ދެން ރައްޓެހިމީހާ ސާދަގަރު ކަލޭގެ ގާތުގައި މިވާހަކަބުނުމުންވެސް ސާދާގަރު ކަލޭގެ މިކަމެއް ޤަބޫލެއް ނުކުރިއެވެ. އޭނާ ހަމަ ބުނަނީ 10 ރުފިޔާ މަދުކަމަށާއި، އެ މަދުވި ފައިސާ ހޯދައިދޭން ޖެހޭނެކަމަށެވެ.
މަދުވި 10 ރުފިޔާ ދޭން ރައްޓެހިމީހާ އެއްބަސްވިއެވެ. އެކަމަކު އޭނާ ބުނީ މިއަދު މިހާރު މިވަގުތު ދެވެން ނެތްކަމެވެ. އޭނާއަށް 10 ރުފިޔާ ހަމަލިބޭއިރަށް ދޭނެކަމަށްވެސް ރައްޓެހިމީހާ ސާދާގަރު ކަލޭގެ ގާތުގައި ބުންޏެވެ.
ނަމަވެސް ސާދާގަރު ކަލޭގެ މިކަމާ ހިތްހަމަނުޖެހިގެން ދިޔައީ ކޯޓަށެވެ. ޤާޟީ ކައިރިއަށް ގޮސް މައްސަލަ ޖެއްސީއެވެ. މިކަމަށް އިންސާފެއް ހޯދައިދިނުމަށް އެދުމުން މައްސަލަ ބަލަން ފެށިއެވެ. ރައްޓެހިމީހާއާއި، ދަރިފުޅާއި، ސާދާގަރު ކަލޭގެ ކޯޓަށް ހާޒިރު ކުރިއެވެ. ޤާޟީ ސުވާލުކުރަން ފަށައިފިއެވެ.
ފުރަތަމަ ސުވާލުކުރީ ސާދާގަރު ކަލޭގެއާއެވެ. ސާދާގަރު ކަލޭގެ އަތުން ގެއްލުނީ ކިހާފައިސާއެއްތޯ ސުވާކުރިއެވެ. އޭނާ ޖަވާބު ގައި ބުނީ އޭނާއަތުން ގެއްލުނީ 40 ރުފިޔާކަމުގައެވެ.
ދެން ޤާޟީ ސުވާލުކުރީ އަންހެން ކުއްޖާއާއިއެވެ. އަންހެން ކުއްޖާއަށް މަގުމަތިން ހޮވުނީ ކިތައް ރުފިޔާތޯ ސުވާލުކުރިއެވެ. އެކުއްޖާ ބުނީ އެކުއްޖާ އެރުފިޔާތައް ނުގުނާކަމަށާއި ، ގެނައިގޮތަށްގެނެސް އޭނާގެ ބައްޕައަތަށް ދިނީކަމަށެވެ.
ދެން ސުވާލުކުރީ އަންހެން ކުއްޖާގެ ބައްޕަ ( ސާދާގަރުކަލޭގެ ގެ ރައްޓެހިމީހާ ) އާއެވެ. އޭނާބުނީ އެފައިސާތައް ގުނާލިއިރު އޭގައި އޮތީ ބަރާބަރު 30 ރުފިޔާކަމުގައެވެ.
ޤާޟީ މައްސަލަ ނިންމައިފިއެވެ. ހުކުމް ކަނޑައަޅައިފިއެވެ. ޤާޟީ ހުކުމް އިއްވަމުން ބުނީ އަންހެން ކުއްޖާ މަގުމަތިން ހޮވިފައިސާއަކީ ސާދާގަރުކަލޭގެ އަތުން ގެއްލުނު ފައިސާ ކަމުގައި ސާބިތު ނުވާކަމަށެވެ. ސަބަބަކީ ސާދާގަރު ކަލޭގެ އަތުން ގެއްލުނީ 40 ރުފިޔާ ކަަމަށްވުމެވެ. އެ ސާޅީސް ރުފިޔާ ކޮންމެވެސް މީހަކަށް ފެނިގެން ކޯޓަށް ގެނައިދުވަހަކުން ސާދާގަރު ކަލޭގެއަށް އެފައިސާ ދެއްވާނެކަމަށްވެސް ޤާޟީގެ ހުކުމްގައި ބަޔާން ކުރިއެވެ. އެހެންވީމާ މި 30 ރުފިޔާ ލިބި ދެވޭނީ ފައިސާ ހޮވި ކުއްޖާއަށް ކަމަށްވެސް ޤާޟީ ގެ ހުކުމްގައި ވެއެވެ.
މިގޮތަށް ޝަރީޢަތް ނިމުމުން ސާދާގަރު ކަލޭގެ ވަރަށް ދެރަވެެއްޖެއެވެ. އަސްލު ޙަޤީޤަތުގައި އެކަލޭގެ އަތުން ގެއްލުނީ 30 ރުފިޔާއެވެ. އެހެންނަމަވެސް މިއީ އިތުރަށް 10 ރުފިޔާ ހޯދަން އުޅެގެން ލިބުނު ލަނޑެކެވެ. ދެން ޤާޟީ ގާތުގައި އަނެއްކާވެސް އޭނާ ބުނެފިއެވެ. އެއީ އަޅުގަނޑު ދޮގުހަދައިގެން އިތުރަށް ފައިސާ ހޯދުމުގެ ބޭނުމުގައި 40 ރުފިޔާ ގެއްލުނީ ކަމަށް ބުނެވުނީއެވެ. އަޅުގަނޑު އަތުން ގެއްލުނީ 30 ރުފިޔާއެވެ. ވީމާ އެފައިސާ އަޅުގަނޑަށް ހޯއްދަވައި ދެއްވާށެވެ.
ޤާޟީ ޖަވާބު ދެއްވިއެވެ. ކޯޓުން މައްސަލަ ނިމުނީމާ އެ މައްސަލަ އަނބުރާ ބަދަލުކުރެވޭނެ އުޞޫލެއް އަދި މިކޯޓަކުޤާއިމް ވެފައެއް ނެތެވެ. ކަލޭ ކުރިން ދޮގުނުހަދާ 30 ރުފިޔާކަަމަށް ބުނިނަމަ ކިހާރަގަޅުވީސް ހެއްޔެވެ. އެހެން ބުނިނަމަ އެފައިސާ ލިބުނީ ކަލެއަށެވެ. ދެން ތިޔަކަމުގައި ކުރެވޭނެ ކަމެއްނެތެވެ. މައްސަލަ ތިއޮތީ ނިމިފައެވެ.
ނިމުނީ
