މަންމާއޭ މިހިތުގައި ތިޔަނަމާ ތިޔަސޫރަވޭ – 23 ވަނަބައި
އަހަންމައިދީމެންގެ އިންތިޒާރުގައި ކެންތެރިކަން ކުޑަވެފައި ޙަސީނާމެން ތިއްބެވެ. މިހާރު އިރު އޮއްސެން ކައިރިވަނީއެވެ. އޮއްސެމުން ދިޔަ އިރު، އުދަރެހާ ކަރިވީ ވަރަކަށް ހަސީނާގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. އެންމެން ވެސް ބަލަމުން ދިޔައީ ރަށުތެރެއަށް އެރެން އޮންނަ މަގާ ދިމާލަށެވެ. ޙަސީނާގެ ނުތަނަވަސްކަން ކުޑަކުރެވޭތޯ ނިއަމް މަސައްކަތްކުރަމުން ދިޔައެވެ. އެހެން ތިއްބާ އަހަންމައިދީމެން ތުނޑިޔަށް ނުކުމެއްޖެއެވެ. އެމީހުންނާ އެކު ދެ އަންހެންކުދިން ތިބުމުން ޙަސީނާމެންގެ ހައިރާންކަން އިންތިހާއަށް ދިޔައެވެ.
ޙަސީނާއަށް ބުނަން ނޭނގޭފަދަ އިހުސާސްތަކެއް ވަމުން ދިޔައެވެ. އަނެއްކާ އެއީ ރީޝަމްއެއް ނޫންބާއެވެ. އޭނާ ހިތާހިތާ ސުވާލުކުރަމުން ދިޔައެވެ. އެއީ ރީޝަމްއާއި ރީޝްއަށް ވޭތޯ ހިތުގެ އަޑިން ދުޢާކުރެވެމުން ދިޔައެވެ. އަހަންމައިދީމެން ޙަސީނާމެންގެ ގާތަށް އަތުވެއްޖެއެވެ. ދެ އަންހެން ކުދިން ތިބީ ޙަސީނާއަށް ބަލަހައްޓައިގެންނެވެ. ދެކުދިންގެ ލޮލުން ވެސް ކަރުނަ އޮހޮރެނީއެވެ. އެތަން ފެނިފައި ޙަސީނާއަށް ވެސް ރޮވިއްޖެއެވެ.
“މިތިބީ ޙަސީނާގެ ދެދަރިން. އޭގެތެރެއިން ރީޝްއަކީ ކޮބާ؟ ރީޝަމްއަކީ ކޮބާ؟” އަހަންމައިދީގެ އަޑުގައި ވަނީ އޯގާތެރިކަމާއި ހިތްހަމަޖެހުމެވެ. ޙަސީނާ ފަހަރަކު ކުއްޖެއްގެ މޫނަށް ބަލަމުން ގެންދިޔައެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު ދެކުދިންގެ ކޯތާފަތަށް ނަޒަރު ހިންގާލިއެވެ. ރީޝަމްގެ މޫނުގެ ކަނާތް ފަރާތުން ކަންފަތާ ދިމާލުގައި ކުޑަ ލަފެއް ހުންނާނެއެވެ. އާދައިގެ ބަލާލުމަކުން އެލަފު ފާޅެއް ނުވާނެއެވެ. އެކަމަކު ޙަސީނާ އެއީ މައިމީހާ ކަމުން ދަރިންގެ ހުރިހާކަމެއް ވެސް އެނގޭނެތާއެވެ!
“މަގޭ ރީޝަމް!” ހިތާމައާއި މައިވަންތަކަމުގެ ޖަޒުބާތު އެކުލެވިފައިވާ އެ ގޮވާލުމުގައި އެތައް އަސަރެއް އެކުވެފައި ވެއެވެ. ދެބެންގެ ތެރެއިން އެކަކުގެ ގައިގައި ޙަސީނާ އޮޅުލައިގަތެވެ. ދެމައިންގެ ލޮލުން ވެސް އެތައް އިހުސާސަކާ އެކުވެފައިވާ ކަރުނައިގެ ސައިލެއް ބަންޑުން ވަނީއެވެ. މައިވަންތަކަމުގެ މި ވަރުގަދަ ޖަޒުބާތުން އެތާ ތިބި އެންމެންގެ ލޯތަކުން ވެސް ކަރުނަ ހިލުވާލިއެވެ. އެހެން ނުވާނެ އެއްވެސް ސަބަބެއް ނެތެވެ.
ދެމައިން ދެން ދުވަހަކު ވެސް ވަކި ނުވާން އަޒުމު ކަނޑައަޅައިގެން ތިބި ފަދައެވެ. މި ހިތްގައިމު މަންޒަރު ބަލަން އެތާތިބި އެންމެން ވެސް ތިބީ ހަމަހިމޭންކަން ވެރިކުރުވައިގެންނެވެ. އެކެކި އުތުރިއަރާ މާތް އެލޯތްބަށް ހުރަސްއަޅާކަށް އެކަކު ވެސް ބޭނުމެއް ނުވެއެވެ. އެހެން ކަމުން ރީޝް ވެސް އެމަންޒަރު ބަލަން ފެންކަޅިވެފައި ހުރީއެވެ. އޮއްސެމުން ދިޔަ އިރު ވެސް އެތަން ދެކެން ބޭނުންވި ފަދައެވެ. ވިލާކޮޅެއް ހުރަސްވުމުން ވެސް އަވަސް އަވަހަށް އެވިލާކޮޅުގެ ނިވަލުން ނުކުތެވެ. އަދި މައިވަންތަކަމުގެ އެ ޖާދުވީ މަންޒަރުގެ ތެރެއަށް އެންމެފަހުގެ ދޯދިކޮޅު ފޮނުވާލަމުން ވަދާއީ ސަލާމެއް ފޮނުވާލުމަށްފަހު މަޑުމަޑުން ގޮސް އުދަރެހާ ނިވާވިއެވެ.
ރީޝް އައިސް އަހަންމައިދީގެ އަތުގައި ހިފައިގެން ގޮސް ޙަސީނާގެ ގާތުގައި މަޑުކޮށްލިއެވެ. އަދި ޙަސީނާއާއި ރީޝަމްގެ ގައިގައި ބައްދާލިއެވެ. އަހަންމައިދީ އައިސް ޙަސީނާގެ ފުރަގަހުން ބައްދާލިއެވެ. އުފާވެރި މަންޒަރެކެވެ. އުދަރެހުގައި ހުރި ރަންކުލައިގެ ދަޅަތަކުގެ ތެރެއިން އެމަންޒަރު ސިފަވަނީ ލޯތްބާއި ކުލުނުގެ ދިރިހުރި ރަމްޒެއްގެ ގޮތުގައެވެ. އެވަގުތު ހިތްތަކަށް އަސަރުކުރުވާ ފަދަ މަޑުމޮޅި އަޑަކުން ރީޝަމް ލަވައެއް ކިޔަމުން ގެންދިޔައެވެ. “މަންމާއޭ މިހިތުގައި ތިޔަ ނަމާ …”
ވަގުތުގެ ނާޒުކުކަމާއެދު އެމީހުން ވިސްނަން ބޭނުން ނުވާ ކަހަލައެވެ. އެކަމަކު މާއިޝް އެކި ފަރާތްފަރާތަށް ބަލަމުން ގެންދިޔައެވެ. އަންނަން އުޅޭ ބިރުވެރި ތޫފާނުގެ އަސަރުތައް އޭނާއަށް އިހުސާސްވަމުން ދިޔައެވެ. އެހެންކަމުން އޭނާގެ ހަގީގަތް ހާމަކުރުމުގެ ވަގުތު ކުޑަތަންވެއްޖެ ކަމުގައި އޭނާއަށް ވިސްނުނެވެ.
ތުނޑީގައި ތިބި އެންމެންގެ ސަމާލުކަން މާއިޝް ހޯދިއެވެ. އަދި އޭނާގެ ހަގީގަތް ކުރުގޮތަކަށް ކިޔައިދިނެވެ. ރީޝްގެ އާއިލާއަށް އޭނާ ކުރާ އިހުތިރާމާއި ގަދަރެވެ. އެއާއިލާގެ ސަލާމަތަށްޓަކައި ކުރަމުންދާ މަސައްކަތެވެ. މިވަގުތުގެ ނާޒުކުކަމެވެ. އަދި އެންމެ ފަހުން މާއިޝްގެ ދަރިފަސްކޮޅާއި އުނައިޝްގެ ދަރިފަސްކޮޅާ ދެމެދު ހަނގުރާމައެއް ފެށެން އުޅޭ ކަމުގެ ބިރުވެރި އަދި އެހާމެ ނުރައްކާތެރި ޚަބަރު ވެސް ދިނެވެ. އެ ޚަބަރު އިވުމުން އެންމެން ވެސް ހާސްވެ ކަންބޮޑުވިއެވެ. ވަކިން ޚާއްސަކޮށް ޙަސީނާއެވެ. އެހާ ދުވަސްކޮށްފައި ރީޝަމް ފެނުމަށްފަހު، އޭނާއަށް ލޯބި ނުދެވި މިދުނިޔެއާ ވަކިވެދާނެތީއެވެ. ނަމަވެސް މިހާރު ދެން މާތް ﷲ އާ ވަކީލުކޮށްގެން ތިބުން ފިޔަވާ ކުރެވޭނެ އިތުރުކަމެއް ނެތްކަން ޙަސީނާއަށް އެނގެއެވެ.
“އަހަރެން ދިރިހުރިހާ ހިނދަކު ފެހިކުލައިގެ އައްޔެއް މިރަށުގެ އުތުރުކޮޅުން މައްޗަށް އަރާފައި ހުންނާނެ. އެއަލި ގެއްލިއްޖެ ނަމަ އަހަރެން ދުނިޔެއާ އަލްވަދާއުކީ ކަމުގައި ބަލާ. އުނައިޝް މޮޅުވެއްޖެނަމަ ނޫކުލައިގެ އައްޔެއް މިރަށުގެ ދެކުނު ކޮޅުން މައްޗަށް އަރާފައި ހުންނާނެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އަހަރެން ރީޝްމެން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރާނަން. މާތް ﷲ އާ ވަކީލު. އަހަރެންނަށް ކާމިޔާބު ލިބުނު ނަމަވެސް މިރަށުގައި ނުތިބެ އަވަހަށް ރަށުން ފޭބޭތޯ ބަލާތި. ރީޝް! ހިތާމަ ނުކުރާތި. އަހަރެން މި ވަކިވަނީ އަބަދަށްޓަކައި. އަހަރެންނަށް ކާމިޔާބު ލިބުނަސް ދެން ރީޝްއާ ބައްދަލުކުރުމުގެ ފުރުސަތެއް ނުލިބޭނެ. އަހަރެން ރީޝް ދެކެ އިންތިހާއަށް ލޯބިވޭ.” މާއިޝް އެންމެ ފަހުގެ ވަސިއްޔަތް ކުރުމަށްފަހު އެމީހުންގެ ލޯތަކަށް ޣައިބުވިއެވެ.
އަހަންމައިދީ އަވަސް އަވަހަށް ޖީބުން ފޯނުނަގައި ލޯންޗްގެ ކެޕްޓަނަށް ގުޅިއެވެ. އަދި ވީ އެންމެ އަވަހަކަށް ތޮޅެންދުވަށް އައުމަށް އެންގިއެވެ. ކައިރި ރަށަކުން ދުއްވާ އެއްޗެއް ލިބޭތޯ ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ރޭވެ އަނދިރިވެފައި ވުމުން އެއްވެސް އުޅަނދެއް ތޮޅެންދުވަށް އަންނާކަށް އެއްބަހެއް ނުވިއެވެ.
ތުނޑީގައި ތިބި މީހުން ޖަމާއަތުގައި މަޣުރިބު ނަމާދާއި އިޝާނަމާދު އެއްކޮށް ކުރިއެވެ. އަދި ދަންނަހާ ހެޔޮ އެއްޗެއް ކިޔުމުގައި އެންމެން ވެސް ބިރުން ސިހިސިހި ތިއްބެވެ.
މާލަސްތަކެއް ނުވެ ރަށުގެ ދެކޮޅުން ދެ އަލި ދިއްލާލައިފިއެވެ. ކޮންމެ އައްޔެއް ވެސް ވަނީ ލޮލުކޮޅަށް ނުފެންނަހާ މައްޗަށް ގޮސް އޮބާފައެވެ. ހަނގުރާމަ ފެށެން ކުޑަތަން ވަނީކަން އެންމެންނަށް ވެސް އެނގުނެވެ. އެމީހުން ސަލާމަތްވެދާނެ ކަމުގެ އެއްވެސް އުންމީދެއް މިހާރު އެއްވެސް މީހަކު ނުކުރެއެވެ. ފަސް އަންހެނުން ތިބީ އެކަކުގެ އަތުގައި އަނެކަކު ހިފަހައްޓާލައިގެންނެވެ. ހަމަ އެފަދައިން އަހަންމައިދީގެ ގާތުގައި އަނެއް ދެ ފިރިހެނުން ވެސް ކުރާނެކަމެއް ނެތިފައި ދެކޮޅު ހޯދާލަ ހޯދާލަ ތިއްބެވެ.
މާކަ ގިނައިރެއް ނުވެއެވެ. ހަނގުރާމައިގެ ފުރަތަމަ ހަމަލާ، ތުނޑީގައި ތިބި މީހުންނާ ދިމާލަށް އަންނަތަން ފެނުނެވެ. ކަޅު ވިލާގަނޑެއް ފަދައިން ދުރުން ފެނުނު ނަމަވެސް ގާތަށް އައުމުން އެއީ ކުދިކުދި ސޫފިތަކެއް ކަން އެންމެންނަށް ވެސް އެނގުނެވެ. އެސޫފިތައް ފަތުއަޑު ކިޔާފައި އެބައާދެއެވެ. ސަލާމަތްވާން ކުރެވޭނެ ކަމެއް ނެތިފައި ރީޝްމެން ތިއްބެވެ. މިހާރު އެސޫފިތައް ވަރަށް ގާތަށް އަތުވެއްޖެއެވެ. އެވަގުތު ރީޝްމެން އެންމެންގެ ވަށައިގެން ވަށްބުރެއް އެޅުނުތަން އެމީހުންނަށް ފެނުނެވެ. އަދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެމީހުންގެ ވަށައިގެން ބިއްލޫރި ފާރެއް ލެވިއްޖެއެވެ. އެފާރު ފުރިހަމަވީއިރު އެއްކަލަ ސޫފިތައް އައިސް ބިއްލޫރި ގުންބެއްހެން ހުރި ފާރުގައި އައިސް ޖައްސަން ފަށައިފިއެވެ. އެތަކެތި ގިނަކަމުން މިހާރު އެތެރޭގައި ތިބިމީހުންނަށް ބޭރު ފެންނަވަރެއް ނޫނެވެ. އެއިން ކޮންމެ ސޫތްޕެއްގައި ތޫނު ދަތްތަކެއް ހުއްޓެވެ. އެދަތްތަކުން ބިއްލޫރިގަނޑުގައި ކާއްތާ އަޑާއި އެ ސޫފިތަކުގެ ތޫލި ގޮވުމުގެ އަޑު ނޫން އެހެން އަޑެއް މިހާރަކު ނީވެއެވެ.
(ނުނިމޭ)