އަސްދޫންޏާއި ޒުވާރިގަސް
އެއްސަހަރެއްގައި އުޅުނު ވަރަށް ރީތި އަސްދޫންޏެކެވެ. އެދޫނީގެ ތިން ދަރިން ގޮވައިގެން ފެންގަނޑު ކައިރިއަށް ދިޔައިއިރު ފެންގަނޑު ތެރޭގައި އޮތީ ކަނޑާލާފައި އޮތް ޒުވާރި ގަހެކެވެ. ޒުވާރިގަސް ފެނުމާއެކު އަސްދޫނި ވަރަށް އުފަލުން ޒުވާރިގަހާއި ކައިރިވެލިއެވެ. ބަލައިލިއިރު ގަހުގައި ދޮންވެފައި އޮތް ޒުވާރިގަނޑުވެސް ހަމަ ރީތިކޮށް އޮތެވެ. އެއްވެސް ގެއްލުމެއް ލިބިފައެއް ނެތެވެ.
ކުދި އަސްދޫނި ދޫނިތައްވެސް އެސޮރުމެންގެ މަންމަގެ ފަހަތުން ފެންގަނޑުގެ ތެރެއަށް އެރެނީއެވެ. އަސްދޫނީގެ ދަރިންނަށް މިއަދު ކާނެ އެއްޗެއް ފަސޭހަކަމާއެކު ލިބުނީތީ އަސްދޫނި ވަރަށް އުފާވިއެވެ. މަންމަ އަސްދޫނި ބުންޏެވެ. “ދަރިފުޅުމެންނޭ! އަވަހަށް މި ޒުވާރިތައް ކާށެ. އެހެން ނޫނީ ފެންގަނޑުގައި އުޅޭ މަސްތަކާއި އެހެން ދޫނިތަކަށް މި ޒުވާރިތައް ފެނި ކާލަފާނެ. އޭރުން ދަރިފުޅުމެން ކާނެ އެއްޗެއް ނުލިބި ދާނެ”.
މަންމަގެ ބަސްއަހައިގެން ކުދި އަސްދޫނިތައް ޒުވާރިތައް ކާންފެށިއެވެ. އެތަނުން އެއް އަސްދޫނި ޒުވާރި ފުށްތަކުން ބައެއް ފުއް ފޮރުވިއެވެ. އަދި އެސޮރުމެން ދިރިއުޅޭ ހިސާބަށް ދިއުމަށްފަހު އެ އޮށްތައް ވަޅުލިއެވެ. ދުވަސްކޮޅެއް ފަހުން އެހިސާބުގައި ޒުވާރި ގަސްތަކެއް ފެޅިއެވެ. މިކަމާ މަންމަ އަސްދޫނި ވަރަށް އުފާކޮށް ކުޑަ އަސްދޫނީގެ ބުއްދި ރަނގަޅުކަމަށް ތަޢުރީފްކުރިއެވެ.
ދުވަސްތަކަށްފަހު ގަސްތައް ބޮޑުވެ ޒުވާރިގަނޑު އައިސްފިއެވެ. މިހާރު އަސްދޫނިތައް އިންތިޒާރު ކުރަމުން ދަނީ ޒުވާރިތައް ދޮންވާނެ ދުވަހަކަށެވެ . އޭގެ 16 ވަރަކަށް ދުވަސް ފަހުން ޒުވާރިތައް ދޮންވެ ފައްކާވެއްޖެއެވެ. ނަމަވެސް ޒުވާރިތައް އެ އަސްދޫނިތަކަށް ލިބޭގޮތެއް ނުވިއެވެ. އެހިސާބަށް ޝިކާރަކުރަން އައިސް އުޅުނު ބަޔަކަށް ޒުވާރިގަސްތައް ފެނި އެހުރިހާ ޒުވާރިގަނޑުތަކެއް ކަނޑައިގެން ހިނގައްޖެއެވެ. އަސްދޫނީގެ މަންމަ މިކަމާ ވަރަށް ހިތާމަކުރިއެވެ. ގަސް އިންދުނު ހިސާބު ރަނގަޅު ނޫންކަމަށް މަންމަ އަސްދޫނި ބުންޏެވެ. އެއީ ފެންގަނޑުތަކަކީ އާންމުކޮށް ހުރިހާ ޖަނަވާރާއި އިންސާނުން އައިސްއުޅޭ ތަންތަން ކަމަށްވެފައި އެހިސާބުން ރަނގަޅު ކާނެ އެއްޗެއް ލިބޭނަމަ އެކަކުވެސް އެ އެއްޗެއް ދޫނުކޮށްލާނެ ކަމަށް މަންމަ އަސްދޫނި ކުޑަ އަސްދޫނިތަކަށް ނަސޭހަތްދިނެވެ. ކަންކަން ކުރުމުގެ ކުރިން މަންމަމެންގެ ލަފަޔާއި މަޝްވަރާހޯދުމަކީ އަދި މާ ބުއްދިވެރި ގޮތެއް ކަމުގައި މަންމަ އަސްދޫނި ބުންޏެވެ.
ޢިބްރަތް: ކަންކަން ކުރުމުގެ ކުރިން ހުރިހާ ގޮތަކަށްވެސް ރަނގަޅަށް ވިސްނާށެވެ.