ކުޑަކުދިންވާހަކަ

ޏަވިޔަނިން – ޏަމްޏަމް

ކުޑަކުދިންގެ ވާހަކަ 39

މާއިންގެ ބައްޕަ މާލެއިން އައި ދުވަހު ހަދިޔާއަކަށް ކުޑަ ގަހެއް ގެނެސް ދިނެވެ. މާއިން އެގަސް އިންދީ ގޯތިތެރޭގައި ހަދާފައިވާ ބަގީޗާ ތެރޭގައެވެ. އެއީ ކޮންކަހަލަ ގަހެއް ކަމެއް މާއިންއަކަށް ނޭނގެއެވެ. މާއިން ހީކުރީ އެއީ ވަރަށް ރީތި މާގަހެއް ކަމަށެވެ. ދުވަހެއް ދުވަހަކަށް ގަސް ހެދެމުން ބޮޑުވަމުން ދެއެވެ. ފަތަކަށް ފަހު ފަތެއް ވެއްޓެއެވެ. އިތުރު ކުރި ޖަހާގަސް ހެދި ބޮޑުވަމުން ދާތީ މާއިން ހުރީ ވަރަށް އުފަލުންނެވެ. އެތައް ދުވަހަކަށް ފަހު ގަސް ނިކަން ބިޔަވެ، ގަހުގެ ގޮފިތައް ގޯތިތެރެއަށް ފެތުރިއްޖެއެވެ. މާއިން ވަރަށް ގިނައިން އެއީ ކޮން ކަހަލަ ގަހެއްތޯ މަންމައާއި ސުވާލުކޮށް ހަދައެވެ.

       އެއްދުވަހަކު މާއިންގެ ބައްޕަ އެގަހުގައި އުނދޯންޔެއް އެލުވަ ދިނެވެ. މާއިން އުނދޯލި ހެއްލަމުން ލަވަކިޔާ ހަދައެވެ. ” މަންމަ.. މިއީ ކޮން ކަހަލަ ގަހެއްތަ؟ މި ގަހުގައި މަލެއްވެސް ނާޅަ. މޭވާ އެއްވެސް ނާޅާ… ؟ މާއިންގެ ހިތުގައި އަބަދުވެސް ގަހާއި މެދު އުފެދިފައިވާ ސުވާލުތައް މަންމައާއި ކުރެއެވެ. ” ދަރިފުޅާ! ގަހުގައި  އަދި މާ އަޅާވަރަށް ގަސް ބޮޑު ނުވަނީކަމަށް ވެދާނެ. ކަންކަމަށް ކެތްތެރިވާން ދަސްކުރަންވާނެ.” މަންމަ މާއިންނަށް ވިސްނައިދިނެވެ. “އެކަމަކު މަންމާ! ހާދަ ދުވަހެކޭ… މިހާރު މި ގަސް ކިހާ ބޮޑުތަ؟ މީއަނެއްކާ މޭވާ އަޅާ ގަހެއްބާ؟” މާއިން ޝަކުވާ ކޮށްލިއެވެ. ” މަންމައަކަށްވެސް ނޭނގެ ތީ ކޮން ކަހަލަ ގަހެއް ކަމެއް. ދަރިފުޅު ތިހާ ލޯބިން މި ގަސް ހައްދާތީ މަންމަ ގަސް ކަނޑާނުލާ މި ބަހައްޓަނީ.. “

ގުޅުންހުރި ލިޔުންތައް

       އޭގެ ހަ ވަރަކަށް މަސް ފަހުން، ގަހުގައި މާ އަޅަން ފެށިއެވެ. އަދި މޭވާވެސް އެޅިއެވެ. މޭވާތައް ދޮންވުމުން މާއިންނަށް ބަލާކަށްނުހެރެވުނެވެ. މަންމައާއި ސިއްރުން މޭވާ ބިންނަން މާއިން ގަހަށް އެރިއެވެ. އަދި މޭވާ ކަމުން ކަމުން ޏަމްޏަމް ކިޔާ އަޑު ލައްވަން ފެށިއެވެ. މަންމައަށް މާއިން ގަހުގައި އޮތްތަން ފެނިފައި ނިކަން ހާސްވިއެވެ. އަދި ގަހުން ފޭބުމަށް އެދުނެވެ. ގަހުން ފައިބަން އުޅުމުގެ ތެރޭގައި މާއިންގެ ފައި ކައްސާލައިގެން ގަހުން ވެއްޓުނެވެ. މަންމައަށް މާއިން ހިފެހެއްޓޭ ގޮތެއް ނުވިއެވެ. މާއިންގެ ބޯ ފަޅައިގެން ދިޔައެވެ. އަދި ފައި ހަލާކުވިއެވެ.

     އޭގެފަހުން މާއިން އެގަހަކަށް ނާރައެވެ. މޭވާ ބިންނަންވީމަ މަންމަ ކައިރީ ބުނަނީއެވެ. މާއިން އެގަހަށް ޏަމްޏަމް ގަހުގެ ނަމުން ނަންދިނެވެ. އެއީ އެގަހުގައި އަޅާ މޭވާ މީރުވެއެވެ.  (ނިމުނީ)

ވާހަކަ ކިޔުމަށްފަހު ސުވާލުތަަކަށް ޖަވާބު ދޭށެވެ!

  1. މާއިންގެ ބައްޕަ މާލެއިން ގެނެސްދިނީ ކޮން އެއްޗެއް؟
  2. މާއިން ގަސް އިންދީ ކޮންތާކު؟
  3. މާއިން މަންމަ ގާތު ޝަކުވާ ކުރަނީ ކީއްވެ؟
  4. މާއިން މޭވާ ކަމުން ލައްވަނީ ކޮން އަޑެއްތަ؟
  5. މާއިން އިންދި ގަހުގައި އެޅި މޭވާ އަށް ކިޔަނީ ކޮންނަމެއް؟
  6. މި ވާހަކައިން ދަސްވި ރަނގަޅު ކަމަކީ ކޮބާ؟

ޖަވާބު:

  1. ކުޑަ ގަހެއް
  2. ބަގީޗާ ތެރެގައި
  3. ގަހުގައި އެއްވެސް މަލެއް އަދި މޭވާ އެއް ނާޅާތީ
  4. ޏަމްޏަމް
  5. ޏަމްޏަމް
  6. (ހ) ކެތްތެރިވާން (ށ) ނުކުރެވޭ ކަންކަމުގައި މަންމަގެ އެހީ ހޯދުން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close