އެލޯބި…..
ޢަމީޝާ އިސްމާޢީލް
ދިއްލާފައި ހުރި ފަނޑުފަނޑު އުއްބައްތީގެ އަލިން މި ކުޑަ ކޮޓަރިއަށް ކޮންމެވެސް ވަރެއްގެ އަލިކަމެއް ވެއެވެ. މި ދަންވަރުގެ ހަމަހިމޭންކަމަށް ދިރުމެއް ގެނެސްދެނީ ގޮވާލާ ކުދި ކުދި ސޫފާސޫފީގެ އަޑުންނެވެ. މަދިރީގެ ކަށިތައް ހަރަމުން ދިޔައިރުގައިވެސް އަހަރެންގެ ގައިގައި ހިރިލާނެހާ ހިތްވަރެއްވެސް ނެތެވެ. ޅަކުއްޖެއް ފަދައިން ފަހައްޖެހި އެދުގައި އޮތްއިރު ދެމިޔަކަނުން ހުއްޓުމެއް ނެތި ކުޅު ފައިބަމުން ދެއެވެ. ކުއްލިއަކަށް އިވުން ބާރު އަޑާއެކު، އަހަނަށް އަޑުނެތްކޮޅަށް ރޯންފެށުނެވެ.
“ހަހަހަ ކަލޭ ހީނުކުރައްޗޭ އެހާ ފަސޭހައިން ސަލާމާތް ވެވޭނެއޭ،” އަހަރެންގެ ކަރުން އެހާ ބާރަށް އަޑުނުނިކުތް ކަމުގައިވީ ނަމަވެސް އަޑުނުކުތް ވަރަކުން ހަޅޭލަވައިގަތީމެވެ. އަހަރެންގެ އަޑަށް އަހަރެންގެ ލޯބިވާ މަންމަ އަތުވެއްޖެއެވެ.
“ދަރިފުޅާ ކިހިނެތްވީތަ؟ ދަރިފުޅާ މަންމަ ކައިރިގައި ބުނެބަލަ، އަނެއްކާވެސް އެމީހާ އުދަނގޫ ކުރަނީތަ؟”
މީގެ 6 މަސް ކުރިއެވެ. އިރުއޭގެ ވާޖިބު އަދާކޮށް ރޭގަނޑުގެ ހިމޭން އަނދިރިކަން ދުނިޔެމައްޗަށް ވެރިވެއްޖެއެވެ. އަހަރެން އަދައިގެ މަތިން ބޭރަށް ނުކުތީ މަންމަ ކައިރީގައި މިދަނީ ޝާނީމެން ގެއަށޭކިޔާފައެވެ. ގެއިން ނުކުމެގެން، ވަލުތެރެއިން ވަދެގެން ތުނޑިއަށް ފޭބީމެވެ. އަހަރެންގެ އިންތިޒާރުގައި އަހަރެންގެ ލޯބިވެރިޔާ ރާއިފް ހުރީ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައެވެ. 32 ދަތް އަތްމައްޗަށް ލައިގެން، ދެފައި ބިންގަނޑުގައި ތަޅަމުން ގޮސް ރާއިފް ގައިގައި ބައްދައި ގަނެވުނުއިރު އުފަލުން ހުރެވުނު ތަންވެސް ނޭނގުނެވެ. އަހަރެމެން ދެމީހުންވެސް އިންތިހާއަށް ލޯބިވެއެވެ.
އެހެންރޭތަކެކޭ އެއްފަދައިން މިރޭވެސް އަހަރެން ގެއަށް އައިސް ވަންއިރު ގަޑިން 12 ޖަހާބޮޑުވެއްޖެއެވެ. ގެއަށް އަހަރެން ވަނުމާއިއެކު، ސުވާލުން ފުރިފައިވާ މޫނަކާއެކު، އަހަރެންގެ މަންމަ އަހަރެންނާ ދިމާލަށް ބަލަންހުއްޓެވެ. ފަސް ޖެހުމެއްނެތި އަހަރެންގެ ހިތުގައި އޮތް ދޮގުތައް މަންމަގެ ކުރިމަތީގައި ބަންޑުންކޮށްލީމެވެ. ކޮޓަރިއަށް ދުވެފައި ގޮސް ވަނީމެވެ.
އަހަނަށް ހޭލެވުނީ އަހަރެންގެ ފޯނު ރިންގްވާ އަޑަށެވެ. އޭރު ގަޑިން ދަންވަރު 2 ޖެހީއެވެ.އޭރުވެސް ރާއިފް ގުޅަނީއެވެ. އަހަރެން ފޯނު ނެގީމެވެ. ރާއިފް ވަރަށް ދެރަވެފައި މިވަރަށް މިގުޅަނީ މިސްވާތީ ކަމަށް އަދި ބައްދަލުވާން ބޭނުންވާ ވާހަކަ ބުނުމާއެކު، އަހަރެންގެ ހިތް ބާރު ބާރަށް ތެޅިގަތެވެ. ސަބަބަކީ އަހަރެން މިރޭވެސް އޭނާގެ ކައިރީގައި ހުރެފަ ގެއަށް އައީ 12 ވެސް ޖެހިފަހުންކަމަށް ވާތީއެވެ. ނަމަވެސް އިތުރަށް އެއްވެސް ސުވާލެއް ނުކޮށް އަހަރެން ރާއިފްމެންގެ ގެއަށް ދިޔައީމެވެ.
އަހަރެން ގެއަށް އައިގޮތަށް އަހަރެން ބޭނުންނުވިޔަސް އަހަނަށް ވަރަށް ބައިވަރު ކަންތައްތަކާ ވިސްނަން ފެށުނެވެ. އެ ހާސް ކަމުގެ ތެރޭގައި ވަނިކޮށް އަހަނަށް ސިހުމެއް ގެނައީ ބިރުވެރިކޮށް ފިރިހެނެއްގެ ހުނުމުގެ އަޑު އިވުމުންނެވެ.
“ކަލެއަށް މިއޮތް ހުރިހާ ދުވަހު ތި ދެވުނީ އަހަރެންގެ ކައިރިއަށް، ހަހަހަ…”
އެވަގުތު އަހަންނަށް ފެނުނީ އެއް ލޯ ނެތް، ބޮލުގައި ބޮޑު ތިންދަޅު، ހަންގަނޑު އަދާފައި ހުރި ބިޔަ އެއްޗެއް ގަޔާ ދިމާލަށް އަންނަ ތަނެވެ. އަހަރެން ކުއްލިއަކަށް ހޭނެތުނެވެ.
އެދުވަހުން ފެށިގެން މިޔަދާ ހަމަޔަށްވެސް އަހަރެން އިންނަނީ ނުކުޅެދޭ ކުއްޖެއް ފަދައިން މޮޔަވެފައެވެ. މިއީ އެޖިންނީގެ ފަރާތުން ލިބިފައިވާގެއްލުމެވެ. މިވޭނުގައި އަހަރެންހަޔާތުގެ ދުވަސްތައްގުނަމުން ދިޔައީމެވެ.
ނިމުނީ
