ޔަނާލް
މަރިޔަމް ޢީޝާ ހުސެއިން
އިރުގެ އަލިކަން ރަށުތެރެޔަށް ފަތުރާލީ ހީވެސް ނުކުރާހާ އަވަހަށެވެ. އެރި އިރާއެކު ރަށުތެރެޔަށް ކުދިބޮޑު އެންމެން ނުކުތީ ކުނިކަހާށެވެ. ފުރާވަރު ކުދިން ތިބީ ކުޅޭށެވެ. ރަފާވެސް އިލޮށިފަތި ހިފައިގެން ނުކުތީ ކުނިކަހާށެވެ. ކަޅުކުލައިގެ ބިޑި ހެދުމުގައި އެއް އަތުން ހިފަހައްޓައިގެން ފަރިތަކަމާއެކު ކުނި ކަހަމުން ދިޔަ އިރު އިރުކޮޅަކާ ރަފާގެ ފަން ދިގު އިސްތަށިގަނޑު ސަމާސާ ކޮށްލައެވެ. މީހަކު ރަފާއަށް ވަރަށް ބަލާހެން ހީވާ ފަހަރުވެސް މަދެއް ނޫނެވެ. ނަމަވެސް ކާކުތޯ ބަލާލަން އެނބުރޭ އިރު އެކަކުވެސް ނުހުރެއެވެ. ރަަފާއަށް ފާރަލަނީ ކާކުބާ؟
ގަޑިން 8 ޖެހުމާއެކު އެންމެންވެސް ރަށުތެރެ ސާފުކޮށް ނިންމާފައި ގެއަށް ދިޔައެވެ. ރަފާވެސް އެ އެންމެންނާއި އެއްވަރަށް މަޑު ހިނގުމެއްގައި ހިނގައިގަތީ އެކަނިން ގެއަށް ނުދާންވެގެންނެވެ. ގެއަށް އައިސް ވަދެ ރަފާ އަވަސްވެގަތީ މަންމައަށް އަތްގާތް ކޮށްލަދޭށެވެ. ކުޑަކޮށް ވަރުބަލި ކަމެއް ހުރި ނަމަވެސް ހުރިހާ ކަމެއް އެއްކޮށް ނިންމާލާފައި ނޫނީ ނުދާން ރަފާ ހުރީ ނިންމައިގެންނެވެ.
ރަފާއަކީ މަންމަ އަކާއި ބައްޕަގެ ހަަމަ އެކަނި ދަރިފުޅެވެ. މުއްސަނދި އާއިލާއަކަށް ނިސްބަތް ވުމުން ރަފާއަށް އެއްވެސް ކަމަކަށް ދައްޗެއް ނުވެއެވެ. ސްކޫލު ނިމުމާއެކު ރަފާގެ ހުވަފެނަކީ ނަރުހަކަށް ވުމެވެ. ނަމަވެސް، ރަފާއަށް އަދި ނަރުސްކަން ކިޔަވަން މާ އަވަސްކަމުގައި ބުނެ މަންމަ ކަައިރީގައި މަޑުކުރީއެވެ. އާއިލާ އެންމެން ސައިބޮއެ ނިމުމުން ރަފާގެ ބައްޕަ ޒާހިރު ދިޔައީ އޮފީހަށެވެ. މަންމަ ކޮޓަރިއަށް ވަނީ އެބަ އަންނަން ކަމުގައި ބުނެފައެވެ. އެހެންކަމުން ރަފާ އަވަސްވެގަތީ ތަށިތައް ނަގައި ސާފު ކުރާށެވެ. މަންމަ އައުން ލަސްވުމުން ރަފާ ހިނގައިގަތީ ކޮބައިތޯ ބަލަން މަންމަގެ ކޮޓަރިއަށެވެ. ފެނުން މަންޒަރުން ރަފާގެ ނޭވާ ހިނދު ކޮޅަކަށް ހުއްޓުން ކަހަލައެވެ. ބިންމައްޗަށް ވެއްޓިފައި އެ އޮތީ މަންމައެވެ. އަވަހަށް ގޮސް މަންމަ ނޭވާ ހިނގާތޯ ބަލާލިއެެވެ. ނަރުހަކަށް ވާން ބޭނުންވި ހިސާބުން ފެށިގެން ރަފާ އެކި ގޮތްގޮތުން އެކަމާއި ބެހޭ ގޮތުން ކަންކަން ހޯދައެވެ. އެހެންކަމުން ރަފާއަށް މަންމައަށް ވީ ކަންތައް އެނގޭކަށް މާވަގުތެއް ނުނެގިއެވެ. އާއެކެވެ. ރަފާގެ ފުރާނައަށްވުރެވެސް ލޯބިވާ މަންމަ މިދުނިޔެއާއި އަލްވަދާޢު ކީއެެވެ. ރަފާގެ ރުއިމުގެ އަޑަށް ކައިރީ ގެއެއްގައި އުޅޭ ހަލީމާ ކިޔާ މީހަކު އައެވެ. އަދި އަވަހަށް ޒާހިރުއަށް ގުޅައި ހަބަރު ދިނެވެ.
މަންމަގެ ކަށުކަމާކެމީގެ ކަންތައް އެއްކޮށް ނިމުމުން ރަފާވެސް ގެއަށް އައެވެ. ބައްޕައާއެކު އެވެ. ރަފާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނެގިމަޑުވެފައި ހުރެވެނީ މޮޔައެއް ފަދައިންނެވެ. އެއްވެސް ދިރުމެއް ނެތް ފަދައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ލޯބިވާ މަންމަ ވަކިވެ ދިޔުމުން ދެރަނުވާނީ ކާކު ހެއްޔެވެ؟
މިއަދަކީ މަންމަ ރަފާއާއި ވަކިވެ ދިޔަތާ އެއް އަހަރު ވީ ދުވަހެއެވެ. ރަފާވެސް މިހާރު ހަމައަކަށް އެޅިއްޖެއެވެ. ނަމަވެސް ގޭތެރެ ވަރަށް ފަޅެވެ. ދޭތެރެއިން ދޭތެރެއިން ހަލީމާ ގެއަށް އަންނާނެއެވެ. ނަމަވެސް މިއަދު ރަފާމެންގެއަށް އައީ ހަލީމާ އެކަންޏެއް ނޫނެވެ. ހަލީމާ އާއެކު ފިރިހެން ކުއްޖެއްވެސް އައެވެ. ބަލާބެލުމަށް 17 އަހަރުހެން ހީވެއެވެ. ރަފާއަށް މި އަހަރު އެވީ ކިރިޔާ 18 އަހަރެވެ.
” ރަފާ! މިއީ ޔަނާލް .. ބައްޕަގެ އެދުމުގެ މަތިން ޔަނާލް ހުންނާނީ ދެން މިގޭގަ.. މިއީ … މިއީ .. ” ހަލީމާގެ އަނގައިން ދެން އޮތް ބައެއް ނުނިކުތެވެ.
ހަލީމާ ބުނަން އެ އުޅެނީ ކީކޭ ކަމެއް ޚުދު ރަފާއަކަށް ނުވިސްނުނެވެ. ނަމަވެސް ބޮލުގައި އެތަކެއް ޝަކުވާއެއް އުފެދުނެވެ. ހަލީމާ ގެއިން ނިކުންނަން ހިނގައިގަތް ވަގުތަކީ ޒާހިރު އައިސް ގެއަށް ވަން ވަގުތެވެ.
” ހަލީމާ ! ތި އައީދޯ އެ ސޮރު ގޮވައިގެން .. ދަރިފުޅާ ރަފާ . ދޭބަލަ ޔަނާލް އަށް ރޫމް ދައްކަން. ރޫމް 3 ގައި ޔަނާލް އުޅޭނީ ” ޒާހިރު މިހެން ބުނުމާއެކު ރަފާ އަވަސްވެގަތީ ބައްޕަ ބުނި ގޮތަށް ޔަނާލްއަށް ކޮޓަރި ދައްކާށެވެ.
ޔަނާލް އަށް ކޮޓަރި ދައްކާފައި ބޭރަށް ނިކުތް ވަގުތު ހަލީމާއާއި ޒާހިރު ތިބީ ވަރަށް ބޮޑު ވާހަކައެެއްގައެވެ. ދާން ނުދާން ހުރެފައި ރަފާ ބައްޕަ ކައިރިއަށް ދިޔަައީ ޔަނާލްގެ މަޢުލޫމާތެއް ލިބޭތޯއެެވެ. އޭރު ޔަނާލްވެސް ރަފާގެ ފަހަތުން ދަބަސް ބަހައްޓާފައި އައެވެ.
” ޔަނާލް ދަރިފުޅާ އާދެބަލަ ” ޒާހިރު ، ޔަނާލްއަށް ދަރިފުޅުގެ ނަމުން މުޚާތަބު ކުރުމުން ރަފާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
“ކީއްވެބާ ޔަނާލަށް ބައްޕަ ދަރިފުޅާ އޭ ކިޔާފަ އެ ގޮވީ” ރަފާ ހިތާހިތާ ކިޔާލިއެވެ.
ބައްޕަ ދިޔައީ ޔަނާލް ގޮވައިގެން ބޭރަށެވެ. އެހެންކަމުން ރަފާ އަށް ޔަނާލްގެ މާ ބޮޑު ހަގީގަތެއް އެނގޭ ގޮތެއް ނުވިއެވެ. އެ ދުވަސްފަހުން ޒާހިރު އާދަޔާ ޚިލާފަށް ބިޒީ ވާން ފެށިއެވެ. ޔަނާލްވެސް ގޭގައި އުޅޭ ވަގުތު މަދުވާން ފެށިއެވެ. ޒާހިރު ގެއަށް އަންނަނީވެސް ރަފާއަށް ނިދޭ ފަހުންނެެވެ. ޔަނާލްވެސް ހަމަ މިހެންނެވެ. އަނެއް ދުވަސް ހެނދުނު ރަފާއަށް ހޭލެވޭއިރުވެސް މީގެން އަކަކުވެސް ފެންނާކަށް ނުހުރެއެވެ. އެހެންކަމުން ރަފާ އޭނާގެ ބައްޕައާއި ކުރަން ބޭނުންވި ސުވާލުތައްވެސް ކުރެވޭ ދުވަހެއް ނައެވެ. ގެއަށް އައި މީހެއްގެ ސަބަބުން ބައްޕަގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފިކަން ރަފާއަށް ފާހަަގަ ވިއެވެ. އެހެންކަމުން ރަފާ ނިންމީ މިކަންތައް އަމިއްލައިން ކޮންމެވެސް ގޮތަކުން އޮޅުން ފިލުވާށެވެ. އެހެންކަމުން އެރޭ ކަންތައް ކުރަންވީ ގޮތް ވިސްނާފައި ކޮޓަރިއަށް ދިޔައެވެ.
އެރޭ ދަންވަރު 2 ޖެހިއިރުވެސް ރަފާ ހުރީ ނުނިދައެވެ. ބައްޕަ އާއި ޔަނާލްއަށް ފާރަލާށެވެ. 2ގަޑި ބައި ވަނިކޮށް ގޭގެ ދޮރު ހުޅުވުން އަޑު ރަފާއަށް އިވުމާއެކު މަޑުމަޑުން ދޮރު ހުޅުވާލީއެވެ. ބައްޕަގެ ފަރާތުން އިވުނު ބަސްތަކަކީ ދުވަހަކުވެސް އިވޭނެ ކަމަށް ހީކުރި ބަސްތަކެއް ނޫނެވެ.
” ދަރިފުޅާ ޔަނާލް . ބައްޕައަށް ހީވަނީ ދެން ރަފާއަށްވެސް ހުރިހާ އެއްޗެެއް ކިޔައިދޭންވީހެން . އަބަަދަކު މިހެންނެއް ނޫޅެވޭނެނުން . ރަފާއަށްވެސް ރަފާގެ ކޮއްކޮއެއް ހުންނަކަން އެނގެން ޖެހޭނެ. އަދި ބައްޕަ ރަފާގެ މަންމަ މަރުވުުމުގެ ކުރިން 2 އަންބަށް ޔަނާލް މަންމަައާއި ކައިވެނި ކުރި ވާހަކަވެސް އެނގެން ޖެހޭނެ . ” ޒާހިރު ޔަނާލް ކައިރީ ދެއްކި ވާހަކަ އަޑު އަހަން ރަފާގެ ކުޑަކުޑަ ހިތަކަށް ކެތެއް ނުވިއެވެ.
ރަފާ ބާރަށް ރޮމުން ދޮރު ހުޅުވާލިއިރު ކުރިމަތީގައި ޔަނާލް އާއި ޒާހިރު ތިއްބެވެ. ޒާހިރު ރަފާއަށް ބަލާލާފައި އިސް ޖަހާލީ ލަދުންނެވެ. ރަފާއަށް މިކަންތައް ސިއްރު ކުރެވުނީތީއެވެ. ރަފާގޮސް އޭނާގެ ބައްޕަ ގައިގައި ބައްދައިގަނެގެން ރޯން ފެށިއެވެ.
” ބައްޕައަށް މަޢާފުކުރޭ ދަރިފުޅާ .. މަންމަ މި ދުނިޔެއާއި ވަކިވެގެން ދިޔައިރުވެސް ބައްޕައަށް ޔަނާލް މަންމައާއި ހުންނާނީ ކައިވެނި ކޮށްގެން .އެއީ މަންމަގެވެސް ހުއްދަ އާއެކު . ދަރިފުޅު ވިހެއުމުގައި ދިމާވި ކަމަކާހުރެ މަންމައަށް އިތުުރު ދަރިއަކު ނުލިބޭނެކަމަށް ޑަކްޓަރު ބުނި . އެހެންވެ މަންމަ ބޭނުންވީ ބައްޕަ އެހެން މީހަކާ ކައިވެނި ކުރަން އަދި ބައްޕަ ދަރިއަކީ މަންމަގެވެސް އަމިއްލަ ދަރިއެއްފަދައިން ދެކިގެން އެންމެން އެއްކޮށް އުޅެން . ނަމަވެސް ޔަނާލްމެން ރަށަށް އަންނަން ފުރަން އުޅެނިކޮށް މަންމަ ނިޔާވީ . ދަރިފުޅު ކުޑަކޮށް ރަނގަޅުވެލީމަ އަންނަން މަޑުކޮށްގެން ތިބީ އެހެންވެ. ” ޒާހިރު ކެތްކޮށްފައި ހުރިހާ ވާހަކައެއް ކިޔައިދިނެވެ.
ރަފާ ކިތަންމެ ދެރަވެފައި ހުރި ނަމަވެސް ބައްޕައަށް މަޢާފު ކުރިއެވެ. އަދި އަމިއްލަ ކޮއްކޮއެއްފަދައިން ޔަނާލްއާއެކު އުޅުނެވެ. ރަފާގެ އެކަނިވެރިކަން މުޅިން ފިލައިގެންެ ދިޔައީ ޔަނާލްގެ ސަބަބުންނެވެ. ޔަނާލްއަކީ ، ރަފާގެ މަންމަގެ ދަރިއެއް ނޫންނަމަވެސް ރަފާގެ އެއްބަނޑު އެއްބަފާ ކޮއްކޮފަދަ މީހެކެވެ. އެހެންކަމުން އެންމެން އެކުގައި އުފާވެރި ހަޔާތެއް ފެށުމަށް އަޒުމްކަނޑައެޅިއެވެ.
