ޔަމަނުގެ މައުސޫމާ
މި ވާހަކައަކީ އަލް މަރުޙޫމް ސައިކުރާ އިބްރާހިމް ނައީމްގެ “ޔަމަނުގެ މައުސޫމާ” މި ޅެމުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކަ އަޅުގަނޑު ކިޔުންތެރިންނާއި ހިއްސާކޮށްލަން ބޭނުންވި އެއް ސަބަބަކީ ދިވެހި އެއްވެސް ސައިޓަކުން މިވާހަކަ ކިޔާލަން ނުލިބުމާއި ގުޅިގެންނެވެ..މިއީ ޅެންބަހުން އަލް މަރުޙޫމް ސައިކުރާ އިބްރާހިމް ނައީމް ގެނެސްދީފައިވާ ވާހަކައެއްކަމުން، މި ވާހަކަ ހަޤީޤީ ހާދިސާއަކީ ކޮބައިކަން އަޅުގަނޑަށް ދެނެގަންނަށް އުނދަވިއެވެ. އެހެންނަމަވެސް އުނިއިތުރު ކުރުމެއް ނެތި އެބޭފުޅާގެ ޅެމުގައިވާ ހުރިހާ ކުލައަކާއި އަސަރުތަކެއް ވާހަކައިން ކިޔުންތެރިންގެ ސިކުނޑިތަކަށް އިހްސާސް ވުމަކީ އަޅުގަނޑުގެ އުއްމީދެވެ. މިއީ ދިގު ވާހަކައެއްކަމުން ސިލްސިލާއެއްގެ ގޮތަށް ގެނެސްދިނުމަށް ގަސްތުކުރަމެވެ.
++++++++++++++++++++++++++++++++++++++++++++++
މިއީ އަހަރެންގެ ހަޔާތުގެ ހާދިސާއެވެ. މި ހާދިސާގައި އޮތީ ރުއިން ނޫން ދެން ކޮންކަމެއް ހެއްޔެވެ؟ އަހަރެން މިވަނީ މިހާލުގައި އެއްވެސް އައްސޭރިއެއްނެތި އޮޔާދާ މީހަށްވެފައެވެ. މާޒީގެ ހިރަފުސް އަހަރުތައް މަތިން ހަނދާން ނެތިގެންދާނެ ހެއްޔެވެ؟ “ރީގަލް” ގެ ގޮނޑިބަރިމަތިން އަހަރެން ހަނދާން ނުނެތޭނެކަން ޔަޤީނެވެ. ލައްކަ ދުވަހު ބަލާހިތުން ދުޢާކުރި “ނާޒްނީން” ފިލްމު މިހާރު އަޅުވާފަ އެހުރީ “ރީގަލް” ސިލްވަރުގެ ސްކްރީނުގައެވެ. “ކޮންމެވެސް ގޮތަކުން މި ފިލްމު ސާއިރާއާއި ގުޅޭނެ.” އަހަރެންގެ އެކުވެރި މާގުރެޓް ސަމާސާ ރާގެއްގައި ބުންޏެވެ.
“ޕްރަދީޕް ބަތޮލަކަށް އުޅޭ ކޮންމެ ފިލުމެއް ބަލާލުމަކީ އަހަރެން ގެ ޠަބީޢަތުގައި ލިބޭ އުފަލެއްކަމަށް ދެކެން.” އަހަރެން އެވަގުތު ކައިރީގައި އިން އެކުވެރިޔާގެ ކަންފަތްދޮށުގައި މަޑުމަޑުން ބުނެލީމެވެ. އަހަރެމެން ފިލްމުގެ ތެރެއަށް ގެއްލިފައި ތިއްބާ ކުއްލިއަކަށް ކޮންމެވެސް މީހަކު އައިސް ސުވާލުކޮށްލިއެވެ. “ތިޔަ ބަރިން ތަންކޮޅެއް އަހަރެމެންނަށް ލިބިދާނެހެއްޔެވެ؟” އާއެކޭ ބުނުމުގެ ކުރިން އަހަރެން އެއީ ކާކުތޯ ބަލައިލިރު އެއީ، ނޫނެކޭ ނުބުނެވޭވަރުގެ އަސަރުގަދަ ތިންކުދިންނެވެ.
“ދާއިމީ އިންނެވުމަކަށް ވިއްޔާ ގަބޫލޭ” އަހަރެންނާއި މާގްރެޓާއި ދެމީހުންނަށް އެއަޑުން ބުނެވުނެވެ. އެތިންކުދިންގެ ތެރެއިން މެދަށް އިން ޒުވާން ކުލައަލި ހަށިގަނޑެއް ލިބިފައިވާ ކުއްޖާ އޭނާ އިންތަނުން ތެދުވުމާއެކު އަހަރެން އިސްޖަހާލީމެވެ. އެވަގުތު އޭނާ ނުހަނު އުނދަގޫ ކަމާއެކު މަޢާފަށް އެދުމުން، ނުދަންނަކަމަށް ހަދައި މަޑުމަޑުން އަހަރެން އިނީމެވެ.
“އަހަރެންގެ ނަމަކީ ޝާހިދު” އޭނާ މިހެން ބުނެ ނުނިމެނީސް އަހަރެންވެސް މިއީ ސާއިރާއޭ ކިޔާ ތަޢާރަފްވެލީމެވެ. އެވަގުތު އަހަރެންނަށް ކުރެވުނީ ޕެރިހުގެ ހަވީރެއްގައި ހިނގާލަން ލިބުން ކަހަލަ އުފާވެރި އިހްސާސެކެވެ. ދެމީހުންވެސް އެކަކު އަނެކެއްގެ މަޢުލޫމާތު އޮޅުންފިލުވާ ހެދީމެވެ.
އަހަރެން އެއްޗެކޭ ނުބުނެ މަޑުން އިންނަ ކޮންމެ ހިނދަކު އޭނާ ކޮންމެވެސް ރާގެއް ތުނބުން ފުމެލާނެއެވެ. މިކަހަލަ އެކިއެކި ސަމާސާއާއި އުނދަގޫތަކުން އަހަރެންގެ ހިތުގެ ލޭހިނގުމަށް ބަދަލެއް އަންނަކަން އިހްސާސްކުރެވުނެވެ. މާނަފުން ކުދިކުދި ބަސްތައް އޭނާ އަހަރެންނަށް އަމާޒުކުރަން ފެށުމާއެކު، މާގުރެޓް އެތަނުން ތެދުވެގެން ކޮންމެވެސް ތަނަކަށް ހިނގައްޖެއެވެ. އެވަގުތު އަހަރެމެންނަށް ލިބުނީ ކޮޅެއްނެތްފަދަ މިނިވަންކަމެކެވެ. ވާނުވާ ނެނގި އެހެންތިއްބާ ފިލްމު ނިމިއްޖެއެވެ.
އަހަރެމެން ގެއަށް ދާން ނިކުމެ ކާރެއް ފެންނަން ނެތުމުން ޓެކްސީ ސެންޓަރަށް ގުޅަން އުޅެނިކޮށް ޝާހިދުގެ ޖަޒުބާތީ އަޑުން މިއޮތީ ކާރެކޭ ކިޔާ ގޮވާލިއަޑުއިވުނެވެ. މޫނުމަތިން ދައްކަމުން ދިޔަ ރުޅިވެރިކަން ދޫކޮށްލުމަށްފަހު، ޝާހިދުގެ ކާރަށް އެރުމަށް މާގުރެޓް މަޑުމަޑުން އަހަރެން ގާތު ބުންޏެވެ. ލޯބީގެ އާރުތައް އުތުރި އަރައިގެން ދާފަދައިން، އެރޭގެ އެދިގުމަގުތަކުން ދަތުރުކުރި ރާސްތާވެސް ކުރުވިކަހަލައެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ތިންހަތަރު ގަޑިއިރުގެ އެދިގު ދަތުރުގައި އަހަރެން އިނީ ޝާހިދުގެ ކައިރީގައެވެ. އެންމެފަހުން އެލޯބީގެ އެތާރީޚީ ދަތުރު ނިމުމަކަށް އައީ ޝާހިދުގެ އަތުން ކޮށްލި ވަރުގަދަ ސަލާމުންނެވެ.
ދެމީހުންގެ ދެމެދުގައި ވި ސިއްރުތައް ރޭގަނޑުގެ ކަޅުފޮއި އަނދިރިކަމަށްވެސް ސިއްރުކޮށް ފޮރުވައިދިނީ އެނާގެ މޫނާ ތުންފަތުންކަން ޔަޤީނެއެވެ. ވަކިވެގެން ދިއުމުގެ ކުރިން އޭނާގެ ދުލުން އަސަރާއެކު އިއްވާލި ލަފުޒުން އަހަރެންގެ ހިތް އެކިތަނުން ފޮތިކޮށް ޒަޚަމްކޮށްލި ފަދައެވެ.
ޝާހިދުގެ ހާލަކީ ކޮބައިތޯއެވެ. އެރޭ އޭނާ ނިކުތީ ހުސްއަތާ ހުރެ ލޯބީގެ ދަތުރެއް ކުރާ އިންސާނެތް ފަދައިންނެވެ. ނަމަވެސް ތަޤުދީރު އެރޭ އޭނާގެ އުއްމީދުގެ ހުޅުކޮޅު ދިއްލާލަދިނެވެ. ޝާހިދަކީވެސް އޭނާގެ ހިތް އެދޭ މަންޒިލެއް ހޯދަން ނިކުން މުސާފިރެކެވެ. މަންޒަރެއްގެ ތެރެއިން ހިޔަންޏެއްފަދައިން ޝާއިރާ ވަނިކޮށް ޝާހިދަށް ފުރަތަމަ ފެނުނީ މީގެ ތިން އަހަރު ކުރިންނެވެ. ތިންސަތޭކަ ސަތާރަ ނަންބަރު ބަހުގެ ފަހަތު ގޮޑިބަރިންނެވެ. ޝާއިރާ ފެނުމާއެކު އޭނާގެ ހިތް ހުއްޓި ހުރިހާ ހިއްސުތަކަށް ލޯބީގެ އަސަރުކުރުވީ ހަމަ އެންމެ ސިކުންތަކުންނެވެ.
އެވަގުތުން ފެށިގެން އޭނާގެ ހިތުގައި ބޭއިޚްތިޔާރުގެ ސުވާލުތަކެއް އުފެދުނެވެ. ކޮންފަދަ ރީތި ގުލްޝަނެއްގައި ފޮޅިފައިވާ ކޮން ކަހަލަ، ކޮން ނަމެއް ކިޔާ އަދި ކޮން އެޑްރެހަކުން ލިބޭނެ މަލެއް ކަމާއިމެދުގައެވެ. އޭނާގެ މުޅި ހަޔާތުގެ ދަތުރުގައިވެސް އިތުރު އެހެން މަންޒިލަކަށް މިސްރާބު ބަދަލުނުކޮށް ދަތުރުގެ ސަމުގާކަމުގައި ޝާއިރާ ހެދިއެވެ. އޭނާއަށް އެކިއެކި ދިމަދިމާލުން ހުށަހެޅުންތަކާއި ސިގްނަލްތައް ލިބެމުން ދިޔައިރުވެސް، އެއިން އެއްވެސް އިޝާރާތަކަށް އިޖާބަ ނުދީ ކެތްތެރިވީ އޭނާގެ ހިތުގައިވާ ލޯތްބާއި ޝާއިރާގެ ހަނދާންތަކުންނެވެ. ތަޤްދީރުގައި އެއްވެސް މީހަކަށް ދެރަގޮތެއް ނުވާނެކަމަށް ވިސްނައިގެން ތިން އަހަރު ވަންދެން އޭނާ އިންތިޒާރުކުރިއެވެ.
މިރެއަކީ މި ދިގު އިންތިޒާރަށް ނިމުން ނެގުވި ރެއެވެ. މިއީ އިއްތިފާޤެއްކަން ޔަޤީނެވެ. މާމުއި ހަނދުވަރުގެ މޫސުމުގެ ފެށުމެއްކަމަގައި މިރޭ ވެގެންދާނެއެވެ. ދެން މިރޭ އިތުރު ވަޢުދުތަކެއް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެނަސް ވަކިވުމުގެ ކުރިން ސާހިދު ނިކަން ލޯބިން ބުނެލިއެވެ.
” ތިޔަ ދިއްކޮށްލި ހިތް ހިފައިގެން ސާއިރާގެ ހުވަފެންތައް ދުށުމަށް މިދަނީ”
(ނުނިމޭ)
**** **** ***

ތިއީ ވަރަށް ރަގަޅު މަސައްކަތެއް.. ދިވެހި ބަހުން ކިޔަވާ ކުދިންނަށާއި، ކޯސްތައް ހަދާ ކުދިންނަށް ފައިދާކުރާނެ މަސައްކަތެކެވެ.
އެކަމަކު ތިޔަފަދަ ޕްރޮފެޝަނަލް މަސައްކަތެއް ކުރައްވާއިރު އިމްލާ ކުށްތަކާއި ބަސްމަޤާއި އަދި ޖުމުލަ ތަކުގެ އެތުރުމަށް ސަމާލުކަންދިނުމަކީ ތިޔަ މަސައްކަތް ޢާއްމުން ބަލައިގަތުމުގައި އިތުބާރު ބޮޑުވެގެންދާނެ ކަމެއްކަމުގައި ދެކޭތީ ހިއްސާކޮށްލީއެވެ.
ވާﷲ އައުޡަމް