ވާހަކަ

ދޮންފުތު (ދެވަނަ ބައި)

 ޤާސިމް އެދުރުބެ ގެއާއި ދިމާއަށް މިސްރާބު ޖެހީ ވެގެން އުޅޭ ކަންތައް ހިނގާ ދިޔަ ގޮތް ބަލަންވެގެންނެވެ. އެކަން ވަކި ކޮޅެއްގައި ޖެހޭނެ ކަމަށް އުއްމީދުކޮށްގެންނެވެ.

ޤާސިމް: “އައްސަލާމް އަލައިކުމް” އެދުރުބެ ގޭ ދޮރުމައްޗަށް އެރުމަށްފަހު ކަރުކެހިލާފައި ގޮވާލިއެވެ.

ކުޑަރުކޮޅެއް ފަހުން އެދުރުބެ ގޭތެރެއިން ބޭރަށް ނިކުންނަމުން ސަލާމް ބަލައިގަތެވެ.

” ވައަލައިކުމް ސަލާމް… އަހާ ޤާސިމްބެ ކޮން ވަޑާމެއް މިގަޑީގައި. އެތެރެއަށް ވަންނަވާ” ވަރަށް މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަމުން ގޮސް ގޭތެރެއަށް ވަދެ އެދުރުބެ އަތުން ސޯފާއަށް އިޝާރާތް ކޮށްލީ އިށީއިނުމަށް ބުނަމުންނެވެ.

ގާސިމް: “މިގަޑީގައި ގޭގަ އެއްވެސް މީހަކު ގޭގަ އެބައުޅޭތަ؟”  ގޭތެރެއަށް ބޯ ދިއްކޮށްލުމަށްފަހު އެކި ފަރާތް ފަރާތް ބެލަމުން ވަރަށް ސިއްރުން ބަލައިލުމަށްފަހު ބުންޏެވެ.

އެދުރުބެ: ” ކިހިނެތްވީތޯ؟ މިގަޑީގައި ނޫޅޭ އެކަކުވެސް.. ކަމަކުތަ ތިޔަދުރުވީ؟”

 ޤާސިމް: ” މިއުޅެނީ ބަޔަކުމީހުން މަގޭ އަދީމްއާއި ބެހޭގޮތުން ވާހަކަތަކެއް ދައްކާތީ.. އެސޮރު އެކަހަލަކަމެއް މިހާރު ކުރާނެ ހެނެއް ހިޔެއް ނުވޭ”.  ވަރަށް ޔަޤީން ރާގެއްގައި ޤާސިމް ބުނެލިއެވެ.

” އެސޮރު އަނެއްކާ ކީއްކުރީތަ؟” ވަރަށް ހައިރާންކަމާއެކު އެދުރުބެ ސުވާލުކޮށްލިއެވެ.

ޤާސިމް: ” އެސޮރު ސިނގިރޭޓް ބުއިކަމަށް ތުއްތު ބުންޏޯ.. އެއީ ހަމަރަނގަޅަށްވެސް އެސޮރުކުރިކަމެއް ކަން ބަލަން ބޭނުންވަނީ. އަހަރެމެން ކައިރީ އެސޮރު ބިރުން ތެދުހަދަން ނުކެރިދާނެ. އެކަމަކު މަށަށް ޔަޤީން އެދުރުބެ ކައިރީ އެސޮރު އެކަމެއް ކުރިއްޔާ ކުރި ވާހަކަ ބުނެދާނެ. އަޅެ އެއީ ކިހިނެތް ހިނގި ކަމެއްތޯ ސުވާލުކޮށްލާފައި ގާސިމްބެއަށް ޚަބަރެއް ވެލައްޗޭ.”  އެދުރުބެއާއި ކައިރިވެލާފައި މަޑުމަޑުން ބުނުންޏެވެ.

އެދުރުބެ: ” ތިޔަކަމާ ހާސްނުވޭ! އެކުދިން އެދުރުބެއަކަށް އެއްވެސް ކަމެއް ސިއްރެއް ނުކުރާނެ. އަކުރުން އަކުރަށް.. އަލިފުން ޔާ އަށް ހާއިން ޗަވިޔަންޏަށް އޭއިން ޒެޑަށް ކިޔައިދޭނެ….”  ވަރަށް ޔަޤީން ކަމާއެކު ވަރަށް ޖޯޝުގައި ބުނެލިއެވެ.

 އިރުއޮއްސި މުޅި ދުނިޔެ ރަތްވިލާތަކުން އަނދިރިކޮށްލައިފިއެވެ. ނަމާދުން ފައިބައިގެން އެދުރުބެގެއަށް ޤުރުއާން ކިޔެވުމަށް ކުދިންތައް އެކިއެކި ވާހަކަގައި ހިނގާފައި ދާތީފެނެއެވެ.                

އޭގެ ސާޅިހަކަށް މިނެޓް ފަހުން ޤުރުއާން ކިޔަވަދީ ނިންމާލުމަށްފަހު ކުދިންތައް ގެއަށް ދިއުމަށް އެދުރުބެ ބުންޏެވެ. އެހެންނަމަވެސް ނަޖީދު އާއި އަދީމް މަޑުކޮށްލުމަށް އެދުރުބެ އަތުން އިޝާރާތް ކޮށްލިއެވެ. ކުދިންތައް ނިކުތުމުން އެދުރުބެ ދެކުދިން ކައިރިއަށް ގެނެސް ވާހަކަ ދައްކަން ފެށިއެވެ.

” އަދީމްމެންނާ ކުޑަ ވާހަކައެއް ދައްކާލަން ބޭނުންވެގެން މަޑުކޮށްލާށޭ ބޭބެ މިބުނީ.” ވަރަށް އޯގާތެރިކަމާއެކު އެދުރުބެ ވާހަކަ ދެއްކިއެވެ.

” އެއީ އަނެއްކާ ކޮންވާހަކައެއްތޯ؟ އަޅުގަނޑުމެންނަށް ހަދިޔާއެއް ލިބެނީތަ؟” ހައިރާންކަމާއެކު އަދީމް ސުވާލުކުރިއެވެ.

” ހަދިޔާއެއްވެސް ލިބިދާނެ. އެކަމަކު ފުރަތަމަ އެދުރުބެއަށް ދޮގުނުހަދާ ސީދާ ތެދަށް ތިޔަކުދިން ހުރިހާ ވާހަކައެއް ކިޔަދީ.” އެދުރުބެ ނިކަން ހަމަޖެހިލިއެވެ.

” އެދުރުބެ އަނެއްކާ އަޅުގަނޑުމެންނަށް އެދުރުބެ ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުނީތަ؟” ވަރަށް އަދަބުވެރިކަމާއެކު ނަޖީދު ޖަވާބު ދިނެވެ.

” އެދުރުބެ އަށް ތިޔަދެކުދިން ސިނގިރޭޓް ބުއިކަމަށް ޚަބަރު ލިބިއްޖެ. އެއީ ކިހާވަރެއްގެ ޙަޤީޤަތެއް އެކުލެވޭ ވާހަކައެއްތަ؟ ”  އެދުރުބެގެ  މޫނުމަތިން ފެންނަން ހުރީ ސުވާލުއުފެދޭ ފަދަ ޝުއޫރުތަކެކެވެ.

” ސިނގިރޭޓޭ.. އެއީ ކޯއްޗެއް… ” ވަރަށް ހައިރާންކަމާއެކު ނޭނގޭ ކަމަށް ހަދާފަ ވަރަށް ދަމާލާފަ އަދީމް ބުންޏެވެ.

“އެހެންވިއްޔާ ބުނެބަބަލަ. މުންނާރު އަވަށުގައި ހުރި ފަޅުގެއަކަށް ވަނިންތަ؟” ވަރަށް ހައިރާންކަމާއެކު އެދުރުބު އަނެއްކާވެސްް ސުވާލުކުރިއެވެ.

“ތިޔަކިޔާ މުންނާރު އަވަށަށް ނުދާތާވެސް މިހާރު އަހަރެއް ވެދާނެ. ތިޔަވާނީ ބަޔަކު އަޅުގަނޑުމެން ކަމެއްގައި ބައްދާލަން ކިޔައިގެން އުޅޭ ފަތިވަރަކަށް. އެހެންނޫނަސް އެދުރުބެޔަށް އެނގެއެއްނު އަޅުގަނޑުމެން ތިޒާތުގެ ގޯސް ޢަމަލެއް ނުކުރާނެކަން.” ވަރަށް މަކުރުވެރި ރާގަކަށް ނަޖީދަށް ބަލާލުމަށްފަހު ވަރަށް ދެރަވާކަމަށް ހަދަމުން އެދުރުބެއަށް  އަދީމް ޖަވާބު ދިނެވެ.

” ތިޔަކުދިން އެދުރުބެއަށް ދޮގުނަހަދާނެކަން އެނގޭ! ތިޔަކުދިންނަށް ވަރަށް ބޮޑަށް އިތުބާރުކުރަން. އެކަމަކު އެއްފަހަރުވެސް މަކަރެއް ހަދައިފިނަމަ ދެން ދުވަހަކުވެސް ތިޔަކުދިން ބުނާ އެއްޗެއް ޤަބޫލެއް ނުކުރާނަން.” ވަރަށް އޯގާތެރިކަމާއެކު އެދުރުބެ ވާހަކަ ދެއްކިއެވެ.

އަދީމް: ” އަޅުގަނޑުމެން މަކަރެއް އަދި ދޮގެއްވެސް ނުހަދާނަން. އަޅުގަނޑުމެންނަށް އިތުބާރުކުރޭ!. ދެން އަޅުގަނޑުމެން ދިޔަޔަސް އެންމެ ރަނގަޅުދޯ”  ގޮޑިން ދެތުވަމުން ހިނގައިގަންނަމުން އަދީމް އެދުރުބެއަށް ބަލައިލިއެވެ. އަދި ޝުކުރުވެރިކަމާއެކު ހިނިތުންވެލިއެވެ.

އަދީމްގެ މައިންބަފައިންގެ ލޮލުގައި އަނދުނެއް އެޅިގެންދިއެވެ. އެދުރުބެ ޤާސިމް އާއި ބައްދަލުވެ އެކަން ވީ ގޮތް ކިޔައިދިނެވެ. އެދުރުބެ ދެއްކި ހުރިހާ ވާހަކައެއް ޤާސިމް ހުރީ ހިތުން ރުހުމުން ގަބޫލުކޮށްގެންނެވެ. (ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close