ޔަމަނުގެ މައުސޫމާ( ދެވަނަ ބައި)
އަތްބަލާ މީހަކަށް އަހަރެންގެ އަތް ދެއްކުމުން އެނގުނު އެއްޗަކީ އަހަރެންގެ އަތުގެ ޗާޓްގައިވެސް ވަނީ ޝާހިދުކަމެވެ. އޭނާ އެއީ ފަރިވަމުން ފޮޅެމުން އަންނަ މަލެއް ނަމަ އަހަރެން މިއީ، އެމަލުގެ ކަރުގަނޑުގެ މަޤާމުގައި އިން އުފާވެރި މީހެކެވެ. ރޭދުވާ ބަދަލުވެގެން ދާކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އެއަށްވުރެ މާ ފޮނި އިންތިޒާރެއްގައި އަހަރެން ހުރީމެވެ. މާބޮނޑިއެއް ނޫނީ ކޮންމެވެސް ލުއި ސެންޓެއް ނޫނީ މެސެޖެއް ނުލިބޭ ދުވަހެއް ފާއިތުވެގެން ދަނީ މަދުފަހަރަކުއެވެ. ލިބެމުން ދިޔަ ސަންޑޭގެ ޕިކްނިކު ދަތުރުތަކުގެ ދަޢުވަތުން ކުލަޖެހުމުން ދިޔައީ އެންގޭޖުމަންޓުގެ މަންޒަރުގައެވެ. އަހަރެމެން މިހެން ބައްދަލުކުރި ބައްދަލުވުމަކުން އެއްފަހަރަކު ނިންމީ ކޮންމެވެސް ކޯރެއްގެ އައްސޭރިއަކަށް ގޮސް ހިތްއުފާކޮށްލުމަށެވެ
އެގޮތުން އަހަރެމެން ދިޔަ ކޯރުގެ އައްސޭރިއަކީ މީހުން ހިތްއުފާވާ ފަދަ ހިތްގައިމު ރީތި ތަނެކެވެ. އެކިކަހަލަ އަވިކުޑަތަކުގެ ދަށުގަޔާއި ރީތި މޫދާއި ގޮނޑުދޮށުގައި މީހުންތައް މަސްހުނިވެފައިވާ މަންޒަރު މާދުރަށް ފެނެއެވެ. އެތަނަށް ވެރިވެފައިވާ ރީތި މޫސުމުގެ ފުރިހަމަކާއި އެއްވަރަށް ޝާހިދުގެ ލޯތްބާއި އޯގާތެރިކަންވެސް އަހަރެންނަށް ލިބުނެވެ. ހެނދުނު އެރިއިރު، އުދަރެހުން ގޮސް މެންދުރުގެ ދިލަހޫނަށް އެނބުރު އިރުވެސް އަހަރެމެން އެތަން ދޫކޮށްފައި އަންނަހިތެއް ނުވިއެވެ. ތަޤްދީރުގައި ކަންތައް ވާނެ ގޮތެއް އެކަކަށްވެސް ނޭނގެއެވެ. ނޭނގިތިއްބާ ބަދުނަޞީބުގެ އުދަރެހުން އިރު ނިވާވެއްޖެއެވެ.
ޔަމަނުގައި ރަސްކަން ކުރައްވަން ތަޚުތުގާ އިންނަވާ ޒުވާން ޝާހުލްޔަމަން ފަޚްރުވެރިކަމާއެކު އެތަނަށް ވަޑައިގަންނަވާތީ ފެނުނެވެ. އަދި އަރިހުގައި ހުރި ޚާދިމަށް ތިޔަހަރީ ފަހެ ކާކުހޭ ނިކަން މަޑުމަޑުން އެއްސެވި އަޑާއި މަންޒަރު އަހަރެން ދުށީމެވެ. އެ ހިސާބުން ފެށިގެން އަހަރެންގެ ބޮލުގައި ރިއްސާލިއެވެ.
އޭގެ ދުވަސްކޮޅެއް ފަހެވެ. ޖާދޫއެއްގެ ސިހުރެއް ފަދައިން ފެތުރިފައިވާ ހަނދުވަރުގެ ތެރެއަށް އަހަރެންނާއި ޝާހިދު ވަނީ ހަމަރަނގަޅަށްވެސް ފޯވެފައެވެ. އަހަރެމެންތިބީ ގޭގެ މިނިވަން ބެލްކަނީގައިއެވެ. އަހަރެމެން ދައްކަމުން ދިޔަ ވާހަކަތަކަށް ހެކިވުމަށް ހަނދުވެސް ލޯބީގެއުޑުގައި ހުއްޓިގެން ހުރި ކަހަލައެވެ. އަންނަ ހަފްތާ ނުނިމޭނީސް ކައިވެނިރުމަށް ކަނޑައެޅީވެސް އެރެއެވެ. ނޭނގިތިއްބާ އެރޭވެސް ނިމިގެންދިޔައީ ފަތިސްވުމުންނެވެ.
ދުވަސްތައް މިފަދަ އުފަލާއި ލޯބީގެ ފޮނިމީރުކަމުން ދެހިތަށް އާރޯކަން ގެނެސްދެމުން ވަގުތުތައް ފާއިތުވަމުން ދިޔައެވެ. އެފަދަ އަމާން ދުވަހަކަށް އިރުއެރީ ޝާހުލްޔަމަންގެ ފަރާތްޕުޅުން އައި ރީތި އަގުބޮޑު ކާޑެއް އަހަރެންނަށް ލިބޭނެ ކަމަށް އުއްމީދުކޮށްގެން ހުއްޓައެއް ނޫނެވެ. ކާޑުގައި ޚުދުސާހު އެދިވަޑަގަނެފައިވަނީ ބާތުޑޭ ޕާޓީއަކަށް އަހަރެން އެކިއްލާއަށް ދިއުމަށެވެ. އަދި އޭގައިވާ ޝާހުލްޔަމަންގެ ފޮޓޯފުޅާއި ކުރެހުންތައް ފެނިފައި އަހަރެންގެ ހިތުގައި ގޮތްނޭނގޭ ޝައްކުތަކެއް އުފެދެމުންދިޔައެވެ. މަންމައާއި ބައްޕަ މިޚަބަރު އަޑުއަހާއިފައި ކޮންމެހެންވެސް އެތަނަށް ދިއުމަށް އެދުނެވެ. އަހަރެން ލައްކަ ގިނަ ބަހަނާތައް ދައްކަން ފެށުމުން އެންމެފަހުން، މިއީ އަހަރެންނަށް ލިބޭ ޝަރަފެއް ކަމުގައި ބުނެ މަންމަމެން އެކަން ކުރުމަށް މަޖުބޫރުކުރިއެވެ.
ގަނޑުވަރަށް ދިއުމުގެ ކުރިން ޝާހިދުގެ ގޭގެ ކައިރިޔަށް ފުރަތަމަ ކާރު މަޑުކުރީމެވެ. އޭނާއާއި ބައްދަލުވި ހިނދު އަހަރެންނަށް ނިކަން ބާރަށް ރޮއިގަނެވުނެވެ. ހަމައެހިނދު ދެމީހުންވެސް އެކީގައި އެތަނަށްވެއްޓުނެވެ. އަހަރެންނަށް ވާނުވާ ނޭނގި އިރުކޮޅަކު އެތަނުގައި އޮއެވުނެވެ. ވާން އުޅޭގޮތާއި މެދު ބިރުހީވުމުން ނިކަން ދެރަވެ ރޮއިފާބުނީމެވެ.
“އަހަރެންގެ ހުރިހާ އުފަލެއް ދޫކޮށްލުމަށްފަހު މި ނިކުންނަނީ ޝާހިދުގެ ތެދުވެރި ވަފާތެރި ލޯތްބާއި އެކުގަ”.
މިއިން ކޮންމެ ލަފުޒެއްވެސް އަހަރެންގެ އަގައިން ނިކުތީ ލައްކަ ހިތްމަތުންނެވެ. ކުޑައިރުންސުރެ ދުވަހަކުވެސް މިފަދަ ރުއިމެއް އަހަރެން ތަޖުރިބާއެއް ނުކުރަމެވެ. ޝާހިދުވެސް ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ. ތަނެއްގައި ބަހައްޓާފައި ހުރި މުށިބުދެއްހެން ހުރި ޝާހިދު މިހާރު ސިފަވަނީ ކަށުކަމާކެމީގެ ކަންކަން ކުރަން ލަސްވެފައި ވާ މައްޔިތެއްހެންނެވެ. ފިނިވެފައި ހުރި ޝާހިދުގެ މޫނަށް ސިއްރުން ސަލާމެއް ކޮށްލެވޭތޯ އަހަރެން އެވަގުތު ބެލީމެވެ. އިތުރަށް މަޑުކުރެވެން ނެތްވާހަކަ ބުނުންވީ އަހަރެންނަށް ކުރެވުނު އެންމެ ފަހުގެ ސަލާމަށެވެ. (ނުނިމޭ)
