ރިޕޯޓް

ލުތުފީ މާލެ ގެނެސްފި، އޭނާ ފެނުނުއިރު ހީކުރިވަރަށްވުރެ މާ ސްމާޓް

“ލުތުފީއަކީ ބަލިމީހެއް، އެއީ ޢުމުރުން ހަތްދިހަ ނުވަތަ އަށްޑިހައަހަރު ވެފައިވާ މުސްކުޅިއެއް، އޭނަ ދެން ރަނގަޅުވާނީ މަޢާފުދީފަ ދޫކޮށްލިއްޔާ” ނޮވެމްބަރު 3، 1988ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގައި އެޙަމަލާގައި ކުށެއްނެތް 19 ދިވެހިން ޝަހީދުކޮށް އެތައްބަޔަކު ޒަޚަމްކޮށް، އެތައްބަޔަކު ރަޙީނުކުރުމުގެ އިސް މޭސްތިރިޔާ ހ. ހާޖަރާގޭ ބާޣީ އަބްދުﷲ ލުތުފީ އާއި ބެހޭގޮތުން ޢިއްޒަތްތެރި ބައެއް މަޖްލިސް މެމްބަރުންވެސް ވިދާޅުވަމުން ދިޔައީ މިފަދައިބާރާތްތަކެކެވެ.

ދިވެހިންގެ ޙަމްދަރުދީގެ ވަކިމިންވަރެއްނެތް މިންގަނޑުން ކިރައި، މިންކުރުމަށްފަހު ބައެއް ޢާއްމުރައްޔިތުންވެސް މިފަދަ ޚިޔާލުތަކެއް ސޯޝަލް މީޑިއާގައިވެސް ފާޅުކުރަމުން ދިޔައެވެ. ހަމައެފަދައިން އެހެންބައެއް މީސްމީހުންބުނީ ލުތުފީއަކީ ޤައުމުދުށް އެންމެ ނުރައްކާތެރި އެންމެބޮޑު ބާޣީ ކަމަށާއި، އޭނާއަށް ޙައްޤުވާއަދަބު ތަންފީޒު ކުރެވެންޖެހޭނެކަމަށެވެ.

ކޮންމެއަކަސް ޚިޔާލަކީ ތަފާތު އެއްޗެކެވެ. އިންސާފާ ނާއިންސާފުވެސް ބިނާވަނީ އެބައެއްގެ ފިކުރާ ޚިޔާލާ ވިސްނުމުގެ މައްޗަށް ބަރޯސާވެގެންނެވެ. މިއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ޤާނޫނުތަކާއި، ޤަވާއިދުތަކަކީ އެތަކެތި އުފައްދާބަޔަކު އެކަމަށް ޚާއްޞަ ފޮތްތަކެއްގައި ލިޔެ ރައްކާކުރެވިފައިވާ ތަކެއްޗެވެ.

ގުޅުންހުރި ލިޔުންތައް

މިރިޕޯޓްގައި އަޅުގަނޑުގެ އަސްލު މަޢުޟޫއަކީ އަދި މިއެއް ނޫނެވެ. ދައްކަން މިއުޅޭވާހަކައަކީ 1988 ނޮވެމްބަރ 3 ވަނަ ދުވަހު ދިވެހިންގެ ގިނަބަޔަކަށް ލުތުފީ ފެނުނު ފަހުން މިވީ 31 ހަކަށް އަހަރުދުވަހުގެ މުއްދަތުގައި ލުތުފީއަށް އައިބަދަލުގެ ވާހަކައެވެ. ލުތުފީވަނީ ޢާއްމު ލޯތަކުން ދިގުމުއްދަތަކަށް އެކަހެރިވެފައެވެ. ޖަލުގައި ހުރިއިރު ބަޔަކަށް ލުތުފީ ފެނުނު ނަމަވެސް ޢާޢްމުރައްޔިތުންގެ ގިނަ ބަޔަކަށް އޭގެ ފަހުން ލުތުފީވަނީ ގެއްލިފައެވެ.

ލުތުފީ ގެއްލުނު ފަހުން އަލުން އަނބުރާ ޢާއްމުންނަށް މިފެނުނީ 9 ޖޫން 2019 ވީ އަންގާރަދުވަހުގެރޭ ، މިރެއެވެ. ލުތުފީ ޢާއްމުންނަށް ފެނުމުގެ ކުރިން ގިނަބަޔަކު ހީކުރީ ލުތުފީހުންނާނީ ވަރަށްބޮޑަށް މުސްކުޅިވެފައި ކަމަށެވެ. އެހެން ހީކުރެވިފައިވަނީ ލުތުފީގެ ތަސްވީރު ގިނަބައެއްގެ ސިކުނޑީގައި ކުރެހިފައިވަނީ މީޑިއާތަކުން ޢާއްމު ކުރަމުންއައި ހަމައެކަނި ފޮޓޯކަމުގައިވާ “ބޯބަލައިފައި އާދައިގެޓީޝާޓެއްލައިފައި” ހުންނަ ލުތުފީގެ ކުރީގެފޮޓޯއެކެވެ. އެހެން އެއްވެސް ފޮޓޯގަނޑެއްހާ ހިސާބުވެސް މީޑިއާ އަށްވެސްތިލަވެފައި ނެތުމުން އަޅުގަނޑުމެންނަށް އެފަދަގޮތަކަށް ތަޞައްވުރު ކުރެވުނީ ކަމަށްވުން އެކަށީގެންވެއެވެ.

އާއެކެވެ. ލުތުފީ ޢާޢްމުންނަށް މިރޭ ފެނިފައިވާއިރު ލުތުފީފެނުނީ ހީކުރިގޮތާއި، މާބޮޑަށްވެސް ތަފާތުކޮށެވެ.   އޭނާ ފެނުނީ ވަރަށް ސްމާޓްކޮށެވެ. ގަޔަށްބާރު ޓީޝާޓެއްލައި، ނިތްގަނޑަށް ދިގު ތޮތްޕެއް އަޅާފައި ، ބެކްޕެކެއް އަޅުވާލައިފައި ވަރަށް ހަމަޖެހިލައިފައިހުރި މީހެއްގެ ގޮތުގައެވެ. އެއީ އަސްލު ލުތުފީ ބާއޭ ނުވަތަ އެހެން މީހެއްބާއޭވެސް ހިތަށްއެރިއެވެ. އޭނާގެ މޫނުމަތިންވެސް އެއްވެސް ކަހަލަ ހާސްކަމެއްވެސް ނުފެނެއެވެ. އަދި އެބުނާ ބަލިމީހެއްގެ އެއްވެސް ނިޝާނެއްވެސް އޭނައިގެ ފުށަކުން ނުފެނުނެވެ.  އަދި ނުވިތާކަށް އަޅާފައިހުރި އަވިއައިނު ދަތްދޮޅިއާއި ހަމައަށް ތިރިކޮށްލައިފައި ހުރިއިރު ހީވަނީ ޢުމުރުން 30 ނުވަތަ 40 އަހަރުގެ މީހެއް ހެންނެވެ.

މިއީ އަޅުގަނޑުމެންނަށް ލުތުފީ ސިފަކުރެވުނު ގޮތެވެ. މިޒަމާނަށް ބަލާއިރު މިނޫން ގޮތަކަށްވެސް އެހެންބަޔަކަށް ސިފަކުރެވުމަކީ ހައިރާންވާންޖެހޭކަމެއް ނޫނެވެ.

ލުޠުފީ ރާއްޖެގެންނައީ އެމިރޭޓްސް ފްލައިޓް އީކޭ 653 އިންނެވެ. އޭނާ ގެންނައީ ފުލުހުންގެ ޓީމެއްގެ ބެލުމުގެ ދަށުންކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ. އަދި ރާއްޖެ ގެނައުމާއެކު އޭނާގެމައްޗަށް ތަންފީޒުކުރަމުންދާ ޖަލުޙުކުމް ފުރިހަމަކުރުމަށްޓަކައި އޭނާމިހާރު އެވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ޙަވާލުކޮށްފައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް މިދިޔަ މެއި މަހުގެ 1ވަނަ ދުވަހު ލުތުފީ އަމިއްލަ އަށް ޙާޒިރުވެ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އެކަމުގެ މަޢުލޫމާތު ޢާންމުނުކޮށް ސަރުކާރުން އޮތީ ގިނަދުވަސްތަކެއް ވަންދެން ސިއްރުކޮށްފައެވެ.

ރައީސް ވިދާޅުވެފައިވަނީ ލުޠުފީ ރާއްޖެ ގެނައުން، މިހާތަނަށް ލަސްވީ އޭނާއަކީ ފިލައިގެން އުޅޭ މީހަކަށްވާތީކަމަށެވެ. އަދި ސްރީލަންކާގައި ހިނގި ބޮންގޮއްވުމުގެ ހާދިސާއާއި ލުޠުފީއާ އެއްވެސް ގުޅުމެއްވޭތޯ ސްރީ ލަންކާ ސަރުކާރުން ބަލަން ބޭނުންވުމުގެ ސަބަބުން އޭނާ ގެނައުމުގައި ލަސްތަކެއް ދިމާވީކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ.

ލުޠުފީ ހުރީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައިކަމާއި އޭނާއަށް ވީއައިޕީ ޚިދުމަތް ލިބޭކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑޫވުން ފާޅުކުރަމުންނެވެ. ނަމަވެސް ރައީސް ވިދާޅުވީ ލުޠުފީ ހުރީ އެމްބަސީގައި ނޫންކަމަށާއި، އޭނާހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close