ސިޔާސަތުގެ އަތްމަތީ ތަރުޖަމާ!
ރާއްޖޭގެ ސިޔާސީ މަސްރަހުގެ މެދުއުޑުގައި މިވަގުތު ފިޔަޖަހަމުންދާ ޚަބަރުތަކަށް ބާލާއިރު ތެދުޚަބަރަކީ ކޮބައިކަން، ބަލާނީ ކޮންޓީވީއެއްކަން، ރަނގަޅު ޚަބަރެއް ފަތުރަނީ ކޮންނޫހަކުންކަން އަދި ރަނގަޅު ވާހަލަފުޅެއް ދައްކަވާ ސިޔާސީ ބޭފުޅަކީ ކޮބައިކަން ނޭގޭ ހިސާބަށް ޚަބަރުފަތުރާ ވަސީލަތްތަކުން ޚަބަރުތަށް އޮޅުވާލާ ސުރުހީއެއް ޖެހުމަށްފަހު ކަމުގެ ހަގީގަތް އޮޅޭފަދަ ގޮތްގޮތަށް ޚަބަރުކިޔަމުން، ލިޔަމުން ދާތީ ގަބޫލުކޮށްފަ ނުކުރާނީ ކޮންވާހަކައެއްކަން ޔޯލަކޮށްވެސް މީހަކަށް ބުނަން ނޭގޭހިސާބަށް މިރާއްޖޭގެ ހަބަރު ފެތުރުމުގެ ހާލަތު މިވަނީ ބޮއްސުން ލާފައެވެ. އެހެންކަމަށް ވުމުން، ހަބަރު ތަކުގެ ތެދުހަގީގަތް ކަށަވަރުނުވިއަސް ބުނަންޖެހެނީ މިރާއްޖޭގެ ޚަބަރުތަށް މިވަގުތު އޮލަވެފައި މަޖަލެވެ. އަދި ހަމަ އެހާމެ ފޮންޏެވެ.
ހޯމަދުވަހުގެ ރޭ މެންދަންވެގެން ދިޔައިރު ނޫސްތަކުގެ ފަލަސުރުހީން ފެނިގެން ދިޔައީ ލަންކާގަ ހުންނަ އެމްބަސީގެ ތެރޭގައި 1988 ވަނަ އަހަރު ރާއްޖެއަށްދިން އުދުވާނީ ހަމަލާގެ މޭސްތިރި ގ.ހާޖަރަގޭ އަބުދުﷲ ފުތުފީ ފިއްލަވާގެން އެމްބަސަޑަރ ކޮޓަރިކޮޅުގައި ދިރިއުޅުއްވާ ކަމަށް އުމަރުނަސީރު ވިދާޅުވި ވާހަކަފުޅެވެ.
އުމަރު ނަސީރަކީ ސިޔާސީގޮތުން ދެއުޅިއެއްނުވާ، ސާބިތު ނުހިފޭ ވާހަކަފުޅު ދައްކަވާ ބޭފުޅަކަށްވާތީ މިވާހަކައަށް ރައްޔިތުން އެހާބޮޑަށް ސަމާލުކަން ދެއްވިކަމަށް ލިޔެވޭކަށްނެތެވެ. އެކަމަކު ޖެހިގެން އައިރޭ މި މައްސަލާގައި ޕޮލިހުން އެވަނީ އަބުދުﷲ ލުތުފީ ހައްޔަރުގައި ހުރިކަމަށް އިއުތިރާފުވެ ބަޔާން ނެރެފައެވެ. މިހިރީއޭ އަޅުގަނޑު މިދަންނަވާ ވާހަކަތަކަކީ! މިހެން މިކަން ހިނގާދިޔާމަ އަބުދުﷲ ލުތުފީއާއި ބެހޭގޮތުން މޯލްޑިވުސް ޕޮލިސް ސަވީސްއިން ނެރުނު ބަޔާނަށްވުރެން އުމަރުނަސީރު ދެއްކެވި ވާހަކަފުޅު ތެދުކަމުގައި ގަބޫލް ކުރެވިދާނެއެވެ.
އެކަމެއްގެ މުހިންމު ވަގުތު އެކަމަކާއި ގުޅޭ ރަނގަޅު މައުލޫމާތު ދައުލަތުގެ ކަމާއިބެހޭ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދެން ޖެހެއެވެ. ރަނގަޅު މައުލޫމާތު ރަނގަޅު ވަގުތު ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުން ރައްޔިތުންނަށް ފޯރުކޮށް ނުދެއްވީމަ، ދެން އެމައުލޫމާތު އެހެން މީހެއްގެ ފަރާތުން ރައްޔިތުންނަށް އެތައްދުވަހެއްގެ ފަހުން އަޑުއިވޭއިރު، އެމީހަކު އެމައުލޫމާތެއް ރައްޔިތުންނާއި ހިސާބަށް ފޯރުކޮށްދެނީ އެމީހަކަށް އެންމެ ރީތިގޮތަށްކަން ކޮށާމަށާ ހެދުމަށްފަހުގައެވެ.
ރައްޔިތުންގެ ވެރިކަމެއް ކުރުމަށް ރައްޔިތުން ހޮއްވަވާ ރައީސުލް ޖުމުހޫރިއްޔާ، އެބޭފުޅާގެ ވެރިކަން ތަރުތީބު ކުރެވި ސަރުކާރުގެ ހުރިހާ ގުނަންތަކެއް އަތުރާލާ ރައްޔިތުންނަށް ވެފައިވާ ވައުދުތަށް ފުއްދުމަށް، ސަރުކާރު ހިންގުމަށް ތައްޔާރު ނުވެވެނީސް އިދިކޮޅުގައި ތިއްބެވި ސިޔާސީ ބޭފުޅުން އެސަރުކާރަކަށް ވާޑުވިދާޅުވެ ޖަވާބުދާރީ ކުރުވުމަށް ކަމަށްބުނެ ފާޅުގައި އެ ސަރުކާރަކާއި ދެކޮޅަށް މަސައްކަތްކުރާތަން މިދަނީ ފެންނަމުންނެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވާ ގޮތުންނަމަ ޑިމޮކްރަސީގެ ޅަފަތުގައި ސަރުކާރުތަށް ފެށިގެން އަންނަ އިރު ރައީސުލްޖުމުހޫރިއްޔާ ސަރުކާރު ހިންގަން ފަށައިގަތުމުގެ ކުރިން ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނަމުގައި ފާޅުގަ އިދިކޮޅަށް ސިޔާސީ ބޭފުޅުން ނުކުންނެވުމުގެ ބޭނުމަކީ އެ ވެރިކަމެއްގެ މެދުނުޖެހެނީސް ވެރިކަން ވައްޓާލެވޭނެ ކޮންމެވެސް މަގެއް ހޯދުމެވެ. ނުވަތަ ފަހި ބަގާވާތަކަށް ތައްޔާރު ވުމެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބުނާގޮތުން ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެކަމަކު ސިޔާސީ ބޭބޭފުޅުންގެ ފުށުން ފެނިގެންދަނީ އެހެން މަންޒަރެކެވެ. މިކަން މިހެން އޮތަސް އިދިކޮޅުގައި އޮންނަ ސިޔާސީ ޕާޓީތަކުގެ ވެރިން ދެކިލައްވާގޮތް ތަފާތުވެއެވެ. އެބޭފުޅުން ގަބޫލް ކުރައްވާގޮތުގައި ދިވެހިވެރިކަމުގެ ހުރިހާބާރެއް ފެށިގެން އަންނަނީ، ނުވަތަ ދެމި އޮންނަނީ އިދިކޮޅުގައި އޮންނަ ބޮޑު ސިޔާސީ ޕާޓީއެއްގެ ބަސްމަގު ބައްޓަންކުރާ ގޮތެއްގެ މައްޗަށެވެ. ނުވަތަ އެ ވާހަކައެއް އުފަންވާން ޖެހޭނީ ތެދަސް އަދި ދޮގަސް ތިމަންނާމެން ބޭނުންވާ ޓީވީ ޗެނަލަކުން އެވާހަކައެއް ފަތުރާގޮތަށް ކަމުގައެވެ.
ރައްޔިތުން އެއޮތްލޯބިން ހޮއްވަވާ ރައީސުލް ޖުމުހޫރިއްޔާ ރައްޔިތުންގެ ހަނީމޫނު ދުވަސްތަށް ނިމުމުގެކުރިން ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާއި ދޭތެރޭގައި ޝައްކާއި، ވަހުމުނެތަސް، އިދިކޮޅުގައި އޮންނަ ސިޔާސީ ޕާޓީ އެއްގެ އެންމެ ފުރަތަމަ ކަމަކަށްވެފައި އޮންނަނީ ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭގައި ޝައްކާއި ވަހުމު އުފެއްދުމެވެ. ނުވަތަ ސަރުކާރާއި ދޭތެރޭގައި ރައްޔިތުން ނަފުރަތު ކުރާނެ ކޮންމެވެސްމަގެއް އުފަން ކުރުވުމެވެ.
ރާއްޖެ ނޫނަސް އެ އިރަކު އޮންނަ ސަރުކާރަކާއި އިދިކޮޅަށް ރައްޔިތުން މަގުމައްޗަށް ނުކުމެ ޑިމޮކްރަސީއަށް ވެރިކަން ފުރޮޅާލި ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން އިދިކޮޅުގައި އޮންނަ ސިޔާސީ ޕާޓީ އާއި ސަލާމަތީ ބާރުތަށް ގުޅިގެން ބަގާވާތްކޮށް ގައުމުތަށް ޙަރާބުގެ މަގަށް ގެންގޮސްފައި ވާކަމީ ހަގީގަތެކެވެ. މިއަދު ދިވެހިރާއްޖެ މިދެކޭ ސިޔާސީ ހަލަބޮލި ކަމުގެ އެއްސަބަބަކީވެސް ޑިމޮކްރަސީގެ ޅަފަތުގައި މި ގައުމު އޮއްވަ ސަލާމަތީ ބާރުތަށް ގުޅިގެން ގެނެވުނު ބަގާވާތް ކަމުގައި ލިޔަންޖެހެއެވެ. މިއީ ވަރައްބައިވަރު ވާހަކައެވެ.
ކޮންމެ ގޮތެއްގައި ނަމަވެސް މި ގައުމަކީ ހަމައެކަނި ސިޔާސީ ބޭފުޅުންގެ ގައުމެއް ނޫނެވެ. ރައްޔިތުންގެ ޓެކުސް ފައިސާއިން ސިޔާސީ ޕާޓީތަށް ހިންގަން އަހަރަކު އެތަށް މިލިޔަން ރުފިޔާއެއް ނަގައިގެން ރައްޔިތުންނާއި، ސަރުކާރާ ދޭތެރެޖެއްސުން ފިޔަވާ މާބޮޑުކަމެއް ދިވެހިރައްޔިތުންނަށް އިދިކޮޅުގައި އޮންނަ ސިޔާސީ ޕާޓީން ކޮށްދެއްވާ ތަނެއް އަދި އަޅުގަނޑަކަށް ނުފެނެއެވެ.
މި ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ފުރަތަމަ ރައީސުލް ޖުމުހޫރިއްޔާ އަކީ ރައީސް މުހަންމަދު ނަޝިދެވެ. ރައްޔިތުންގެ ހަލާލު ވެރިކަމެއް ކުރަމުން ދަނިކޮށް ސިޔާސީ އިސްފަރާތްތަށް އިސްވެ އޮވެ، ސަލާމަތީ ބާރުތަކުގެ އެހީގައި ރައީސް ނަޝީދުގެ ވެރިކަން ބަގާވާތަކުން ވައްޓާލީއެވެ. ދެން ރައްޔިތުން އިންތިހާބު ކުރި ވެރިޔަކީ ރައީސް އަބުދުﷲ ޔާމީނެވެ. ރައީސް އަބުދުއްﷲ ޔާމީނުގެ ވެރިކަން މެދުނުޖެހެނީސް ވައްޓާލަން ހަމަ އެއްކަލަ ސިޔާސީ ބޭބޭފުޅުން މެދުނުކެޑި ދިޔައީ މަސައްކަތް ކުރައްވަމުންނެވެ. މިފަހަރު ސަލަމަތީ ބާރުތަކުން ސިޔާސީ ބޭބޭފުޅުން ދެންމެވި ގުއިރޯނުގައި ޖެހިވަޑައި ނުގަތް ސަލާމަތީ ބާރުތަކުން ބަގަވާތް ކުރުމަށް އެއްބާރު ނުލައްވާ ރައްޔިތުންނާއި، ގައުމުގެ މަސްލަހަތު އިސްކުރެއްވީތީ ދިވެހިގައުމު ބަގަވާތަކުން ސަލާމަތްވީއެވެ.
މިދެންނެވިމަގަށް މި ރާއްޖޭގެ ކަންކަން ހިނގާގޮސްފައި ވީތީވެ، މިކަންކަން ތަކުރާރު ނުވާނެ ގޮތެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްގެ ގޮތުގައި ނޫނީ އަޅުގަޑެއް ނުދެކެމެވެ. މިދެންނެވި ހުރިހާ ސަބަބުތަކެއް އެހެން ހުރުމުން، ދިވެހިވެރިކަމާއި ދޭތެރޭގައި، ދިވެހިން ނިދިން ހޭލާގެން މެނުވީ ސިޔާސީ ދޮގު މައުލޫމާތު ފަތުރާ ބެބޭފުޅުންގެ ފަރާތުން މިގައުމު ސަލާމަތެއް ނުކުރެވޭނެއެވެ.
އަޅުގަނޑަށް ގަބޫލްކުރެވުނު ގޮތުގައި އަޅުގަނޑު މެންގެ ލޮބުވެތި މި ދިވެހިގައުމަށްޓަކައި އިންސާނާ ރަންގަޅު ވާންޖެހޭ ކޮންމެސް ހިސާބެއް އޭނާގެ ސިޔާސީ ހަޔާތުގަ އަންނަންއެބަ ޖެހެއެވެ. ސިޔާސީ ބޭނުންތަކުގައި ތިމާ ދުނިޔޭގައި ހުރިހާތައްދުވަހަކު ރައްޔިތުންނަށް ކަންކަން އޮޅުވާލާ ތިމާބޭނުންހާ ކަމެއްކުރެވޭގޮތަށް ސިޔާސީ މަސްރަހު ބައްޓަން ކުރެވިގެން ނުވާނެއެވެ. އަދި ހަމަ އެފުރުސަތު އެ ފަރާތަކަށް ދިވެހިރައްޔިތުން ދެއްވާގެންވެސް ނުވާނެއެވެ. މި މަގަށް ދިވެހިރައްޔިތުންގެ ވިސްނުން ބަދަލުވި ދުވަހަކުން މެނުވީ ސިޔާސީ ބޭބޭފުޅުންގެ ގުއިރޯނުން ދިވެހިގައުމާ، ދިވެހިން ސަލާމަތެއް ނުވާނެއެވެ.