ރައްޔިތުން މަޖިލީހުގެ ފަހު ޖަލްސާ އަންނަ ހޯމަދުވަހު – އިނާޔަތްތައް ފާސްކުރެވޭނެބާ؟
މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖްލީހުގެ އެންމެ ފަހުޖަލްސާ މިމަހުގެ 29 ގައި ބާއްވަން މަޖްލިސްގެ ރައީސް ނިންމަވާފައިވާއިރު ، ރައްޔިތުންގެ މަޖްލިސްގެ މެމްބަރެއްގެ ދައުރު އަދާކޮށްފައިވާ މީހަކަށް ލިބިދޭންޖެހޭކަމަށް ބުނާ އިނާޔާތްތައް އެޖަލްސާގައި ފާސްކުރެވޭނެބާއެވެ.
މަޖިލިހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ތިން ބިލެއް ވަނީ މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހަޅުއްވާފައެވެ.
އެގޮތުން، މުސްތަފާ ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ކޮންމެ މީހަކަށް އެއާޕޯޓުން ވީއައިޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން ވާނެ ކަމަށް ބުނެފަ އެވެ.
ލަތީފް، އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހެއްގައި ވަނީ މަޖިލިހުގެ މެމްބަރުން ބޭނުންވާ ނަމަ، ހެލްތު އިންޝުއަރެންސް ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި އުމުރުން 18 އަހަރު ނުވާ އުފަން ކުދިން ބައިވެރިކުރަން ވާނެ ކަމަށެވެ. އަދި، އެ މީހުން ބައިވެރިކުރާ ނަމަ، އިންޝުއަރެންސް ޕްރިމިއަމް ދައްކާނީ އެމީހަކު އަމިއްލަ އަށް ކަމަށް ބިލްގައިވެ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ހެލްތު އިންޝުއަރެންސް ލިބޭނީ މެމްބަރުންނަށް އެކަންޏެވެ
މަޖިލިހުގެ ކޮންމެ މެމްބަރަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ހަމަޖައްސަން ވާނެ ކަމަށް ބިލްގައި ބުނެފައިވާ އިރު، އެ ޕާސްޕޯޓު ހެދުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަން ވާނީ އެ މެމްބަރަކު އަމިއްލަ އަށް ކަމަށް ބިލްގައިވެ އެވެ.
ލަތީފް ހުށަހެޅުއްވި އިސްލާހުގައި ވަނީ މެމްބަރުންނަށް މާލީ އިނާޔަތް ލިބޭނީ އެ މެމްބަރަކު މަޖިލިހުން ވަކިވާ ހިސާބުން ކަމަށެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން މެމްބަރުންނަށް މާލީ އިނާޔަތް ލިބޭނީ އެ މެމްބަރަކު މަޖިލިހުން ވަކިވުމަށް ފަހު، އަދި އެ މެމްބަރެއްގެ އުމުރުން 55 އަހަރު ފުރޭ ފަހުންނެވެ.
މިއިސްލާޙްތައް ފާސްކުރުމާ އެމްޑީޕީގެ ގިނަމެމްބަރުން ދެކޮޅު ހަދަމުންދާއިރު ދެން އޮންނަ މަޖްލިސް ޖަލްސާއެއްގައި މިއިސްލާޙްތައް ފާސްވާނެބާއޭ މިއީ ރައްޔިތުންގެ މެދުގައި އުފެދޭ ސުވާލެކެވެ.
މިއިސްލާޙްތައް ފާސްވެއްޖެނަމަ އެކަން ވެގެންދާނީ މުޅިދުނިޔޭގައިވެސް މިފަދަ އަމިއްލަ އެދުންވެރިކަން ބޮޑު އިސްލާޙްތަކެއް ޕާލަމެންޓެއްގައި ފާސްކުރި ފުރަތަމަފަހަރަށެވެ.



