ރިޕޯޓް

“ކަނޑޫދޫ މިރުސް” އަތްފޯރާވަރަށްވުރެ މާ މައްޗަށް

އެންމެންވެސް ޤަބޫލުކުރާ އެއް ޙަޤީޤަތަކީ އެންމެ ރަހަމީރު ދިވެހި މިރުހަކީ ކަނޑޫދޫ މިރުސް ކަމެވެ. އަދި އެންމެ ގިނަދުވަހު ތާޒާކަންމަތީ ނުބައިނުވެ ބެހެއްޓެނީވެސް ބައެއް މީހުން ބުނާގޮތުން ނަމަ ކަނޑޫދޫ މިރުހެވެ. އެންމެންވެސް ކަނޑޫދޫ މިރުސްހޯދަން އެ އެޅެނީ އެހެންވެގެން ކަމަށްވެދާނެއެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް މިރުސް ހައްދާ ތ. ކަނޑޫދޫ “ކަނޑޫދޫމިރުސް” މަޝްހޫރީ ހަމައެކަނީ މާލެއަކުނޫނެވެ. މާލޭ މާރުކޭޓުގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ކަނޑޫދޫ މިރުހުގެ ވާހަކަ މަޝްހޫރެވެ. ދިވެހި ސުފުރާގެ ކުޅިރަހަ ހެޔޮވަރުކޮށްދޭ ކަނޑޫދޫ މިރުހަކީ ދިވެހިންގެ ފޭވަރިޓޭ ބުނުމަކުން މުޅީންދޮގަކަށް ނުވޭނެއެވެ.

ބާޒާރުގައި ކަނޑޫދޫ މިރުހަށް އަބަދުވެސް ޑިމާންޑު ބޮޑެވެ. އެހެންކަމުން ދުވަހެއްދުވަހަކަށް އެ މިރުހުގެ އަގުވެސް ދަނީ މައްޗަށް އަރަމުންނެވެ. މިހާރު މިދުވަސްކޮޅު ކަނޑޫދޫ މިރުސް ކިލޯއެއް އުޅެނީ 800 ރުފިޔާ އާއި، 900 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. މިއީ ދިވެހިރާއްޖޭގައި މިރުހުގެ ބާވަތްތައް ވިއްކަމުންދާ އާއްމު އަގުތަކަށް ބަލާއިރު ބޮޑު ޢަދަދެކެވެ. ގިނަބަޔަކު ބުނާގޮތުންނަމަ ކަނޑޫދޫ މިރުސް މިހާރު އެހެރީ އަތްފޯރާވަރަށްވުރެ މަތީގައެވެ.

ކުރިއަށް އޮތީ ރަމަޟާން މަހަށްވުމާއެކު، ޑިމާންޑު އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ. ރޯދައަށް ދެ ހަފްތާ އަށް ވެފައިވާއިރު ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު އުފުލެމުންދާ ސަބަބެއްކަމަށް މިރުސްވިއްކާ ފަރާތްތަކުން ބުނަނީ ސަޕްލައި ދަށް ވުމުގެ ސަބަބުކަމުގައެވެ.  

މާރުކޭޓްގައި މިހާރު ކަނޑޫދޫމިރުސް ކިލޯއެއް 800 ރުފިޔާއަށް ލިބެންހުރިކަމުގައިވިޔަސް ގިނަ މީހުން ބުނާގޮތުގައި ކުރިއަށް އޮތްތަނުގައިވެސް މިރުހުގެ އަގު ދާނީ އުފުލެމުންނެވެ. ސަބަބަކީ ހޫނުގަދަ ވުމުގެ ސަބަބުން މިރުސް ހައްދަން ދަތިވުމެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާރުކޭޓްގައި މިހާރު ހުރީ އަދި ރޯދަމަހަށް ޚާއްޞަކޮށްގެން ކަނޑުދޫން ގެންނަ މިރުހެއްނޫނެވެ. ކަނޑޫދޫ ރައްޔިތުން މިހާރުވަނީ މިރުސް ދަނޑުތަކުގައި އާ ގަސް ޖަހާ ރޯދަ އަށް ހާއްސަކޮށްގެން މިރުސް ހައްދަން ފަށާފައެވެ.  

މިރުސް މޫސުމުގައި މިރުސް ހައްދައިގެން އެވްރެޖުގޮތެއްގައި ކަނޑޫދޫ ދަނޑުވެރިންނަށް މަހެއްގެ މައްޗަށް ހަރަދު ކެނޑުމަށްފަހު 15،000 ރުފިޔާގެ އާމްދަނީ އެއް ލިބޭކަމަށް ވެއެވެ.

މިރުހުގެ އަގު އުފުލެމުން ދިއުމާއެކު މީސްމީޑިއާގައި ބައެއް ފަރާތަކުންދަނީ އެކަމާ އެކިއެކި ޝުޢޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި ފޭސްބުކް ސްޓޭޓަސް އެއްގައި މީހަކު ލިޔެފައިވެއެވެ.

“ބޮޑަށް އަގުހެޔޮވީތޯ؟ ނޫނީ އަގުތައް ސޯލިހު ވީތޯ؟ މިދިޔަ އަހަރު ރޯދަމަހު މިރުސްކިލޯއެއްގެ އަގު 500 ރުފިޔާއަށް ހުރެގެން އިދިކޮޅުފަރާތްތަކަށް ކުޅިނުވެގެން ތެޅިފޮޅުނީ. މިއަހަރުގެ މިއަދު މިރުސްކިލޯއެއްގެ އަގު 700ރ، 800ރ އަށް. މިހާރު މިރުސްކިލޯއެއްގެ އަގު އެޖެންޑާގައި ނެތީތޯ؟ ރޯދަމަހު 1000ރުފިޔާއަށް”

ކޮންމެއަކަސް ރޯދަމަހާދިމާކޮށް ކޮންމެ އަހަރަވެސް ޢާއްމު ދިރިއުޅުގައި ބޭނުންކުރާ ކާބޯތަކެތީގެ އަގު އުފުލި އަދި އޭގެ އިތުރުން އެތަކެތި ނުލިބޭ ހިސާބަށް ދާއިރު މިފަހަރު ދިވެހި މިރުހުގެ އަގުވެސް މިވަނީ އަތްފޯރާވަރަށްވުރެ މައްޗަށް އަރާފައެވެ. ޢާއްމު ނިކަމެތި ދިވެހި ރައްޔިތު މީހާ އަބަދުވެސް އެދިއެދި ހުންނާނީ ހެޔޮއަގުގައި ކޮންމެ މުދަލެއްވެސް ލިބޭނެ ދުވަހެއްގެ އުންމީދުގައެވެ.

ހަމައެއާއި އެކު ދިވެހި ދަނޑުވެރިޔާ އަބަދުވެސް ބަލާނީ އޭނާގެ ބުރަމަސައްކަތުން އުފެއްދޭ މުދާކޮޅު ވީހާވެސް ބޮޑުއަގުގައި ވިއްކާލައިގެން ލިބޭ އާމްދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުކުރެވޭތޯ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close