ދިރާގުގެ މިދިޔައަހަރުގެ އަހަރީ ޢާއްމު ޖަލްސާ މިމަހުގެ 25 ބާއްވަން އެކުންފުނިން ނިންމައިފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނީގެ 30 ވަނަ އޭޖީއެމް ބާއްވަން ހަމަޖައްސާފައި ވަނީ 25 ވަނަ ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސްގައެވެ.
މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން އިންފިނިޓީ ޑޮޓްއެމްވީ މެދުވެރިކޮށް ރަޖިސްޓްރީކޮށް ނުވަތަ އިންވެސްޓާ ރިލޭޝަން އެޓް ދިރާގު ޑޮޓްކޮމް ޑޮޓްއެމްވީއަށް އީމެއިލް ފޮނުވައިގެން ވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
އެ ކުންފުނިން ބުނީ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
އެ ކުންފުނިން އޭޖީއެމް މިމަހުގެ 25 ވަނަ ދުވަހު ބާއްވާއިރު، ދިރާގުގެ ހިއްސާދާރުންނަށް، މިދިޔަ އަހަރުގެ ވިޔަފާރިން ސާފު ފައިދާގެ ގޮތުގައި ލިބުނު 905 މިލިއަން ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން މިދިޔަ މަހު ނިންމާފައިވެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މީގެ ކުރިން ވަނީ، މިދިޔަ އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.96ރ. ގެ ރޭޓުން 452.9 މިލިއަން ރުފިޔާ ބަހައިފަ އެވެ. އަދި ފަހު ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.95ރ. ގެ ރޭޓުން ޖުމްލަ 452.2 މިލިއަން ރުފިޔާ ބެހުމުން، ހިއްސާދާރަކަށް މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 11.91ރ. ޖެހޭނެ އެވެ.
ދިރާގުން އާއްމުންނަށް ހިއްސާ ވިއްކި ފަހުން ކޮންމެ އަހަރަކު ހިއްސާދާރުންނަށް، ފައިދާގެ 100 ޕަސެންޓް ބަހަ އެވެ. އެ ކުންފުނިން ހިއްސާގެ ފައިދާ ބަހަނީ ދެބަޔަކަށް ބަހާލައިގެންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...