ޚަބަރު

ރާއްޖެއާއި ސްރީލަންކާ ދެމެދު ގުޅިގެން މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެއްޖެ

ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެއްޖެއެވެ.

ދެޤައުމުގެ ދެމެދު ބޭއްވި ރަސްމީ ވާހަކަތަކަށްފަހު ދެޤައުމުގުޅިގެން ނެރުނުބަޔާނެއްގައި ވަނީ މިހާރަށްވުރެ އިތުރު ދާއިރާތަކުން، ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށާއި އަދި އެއްބަސްވުންތަކަކާ ހަމައަށް އާދެވިފައިވާކަމަށް ބަޔާންކޮށްފައެވެ. އެގޮތުން ސިޔާސީ ރޮނގުންނާއި، އިޤްތިޞާދާއި، އަދި ސަޤާފީ ރޮނގުންނާއި، ދެޤައުމުގެ ސުލްހައާއި ސަރަޙައްދުގެ ސުލްހައަށް މަސައްކަތްކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެޤައުމުގެ ލީޑަރުންވަނީ އެއްބަސްވެވަޑައިގެންފައެވެ.

އޭގެ އިތުރުން ވިސާގެ އިތުރު ލުއިގޮތްތަކެއް ފަހިކޮށްދިނުމަށާއި، ވިޔަފާރީއާއި އިޤްތިޞާދު އަދި އެނޫން ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ދެޤައުމުންވަނީ އެއްބަސްވެފައެވެ.

ދެޤައުމުން މިގޮތަށް އެއްބަސްވެފައިވަނީ ރާއްޖެއާއި ސްރީލަންކާގެ އިސްވެރިންގެ ދެމެދު މިއަދު ބޭއްވި ރަސްމީ ވާހަކަތަކުގައެވެ. މި ވާހަކަތަކުގައި ރާއްޖޭގެ ވަފްދުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނަވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި ސްރީލަންކާގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެޤައުމުގެ ރައީސް މައިތިރިޕާލަ ސިރިސޭނާއެވެ. އަދި ދެޤައުމުގެ ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދެ ޤައުމުގެ ދެމެދު ކުރިއަށްގެންދިޔަ ވާހަކަތަކުގައި ޒުވާނުން ބާރުވެރިކޮށް ކުރިއަރުވުމާއި، ސިއްޙަތާއި، ތަޢުލީމާއި، ހުނަރު އިތުރުކުރުމާއި އަދި އެނޫންވެސް ދެޤައުމަށް ފައިދާވާނެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވާކަމަށް ބަޔާނުގައިވެއެވެ.

އަދި ދެޤައުމުގެ ވެރިންވަނީ ދެޤައުމު ގުޅިގެން އެއްބާރުލުން ދިނުމާއި ދެޤައުމުގެ ފައިދާއަށް މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޝަންގެ ހަތަރުވަނަ ބައްދަލުވުން މިއަހަރު ސްރީލަންކާގައި ބޭއްވުމަށްވެސް އެއްބަސްވެފައެވެ. ދެބޭފުޅުންގެ މަޝްވަރާތަކުގައި ދެޤައުމުގެ ރައްޔިތުން ވިޔަފާރިއާއި ސަޤާފީގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

އަދި ވިސާގެ ކަންތަކުގައި ލުއިދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ޚާއްޞަކޮށް ސްރީލަންކާގައި ކިޔަވާ ދިވެހި ދަރިވަރުންނާއި، އެދަރިވަރުންގެ ބެލެނިވެރިންނަށް ދިގު މުއްދަތަކަށް ވިސާ ދޫކުރެވޭނެ ގޮތްތަކާއި ވިޔަފާރީގެ ވިސާ ފަހިކުރުމަށް މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ސްރީލަންކާއަކީ އަބަދުވެސް ރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވެދެމުން ގެންދާ ޤައުމެއްކަން ފާހަގަކުރައްވައި ސްރީލަންކާ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close