މީހުންގެ ސަމާލްކަން ކުއްލިއަކަށް ދަމައިގަނެ އަނެކުންނަށް ސިހުންގެނުވާ ކަހަލަ މޮޅަތިބަސްތައް ކުއްލިއަކަށް ބުނެލުމަކީ ވަރަށް މަދުމީހަކަށް މެނުވީލިބިފައިވާ ހުނަރެއް ނޫނެވެ. ނަމަވެސް ނ.ލަންދޫ އުފާ އަލްފާޟިލް އަޙްމަދު ނަދީމް (ނަދިމްބެ) އަކީ ކުއްލިއަކަށް މީހުންގެ ސަމާލްކަން ދަމައިގަނެ، ސިހުން ގެނުވާފަދަ މޮޅަތި ބަސްތައް ބުނެލުމުގެ ހުނަރު ގުދުރަތުން ދެއްވާފައިވާ ޒުވާނެކެވެ.

ނަދިންބެގެ ބަސްތައް ވައިރަލްވެ ވައިގައި ހިފުން އަވަސް

އަބަދުވެސް ރައްޓެހި ރަޙްމަތްތެރިންނާއި އެކު ގާތްގުޅުމެއް ބާއްވަމުން އަންނަ ނަދިންބެގެ ފަރާތުން ކުއްލިއަކަށް އިވޭ ބަސްތަކަކީ މިއަދު ވަރަށްބޮޑަށް ވައިރަލްވެ، ވައިގައި ހިފާފައިވާ ބަސްތަކެކެވެ. މީގެ ތެރެއިންވެސް ކަންތައްތައް މާބޮޑުކޮށްލައިގެން ނުވަތަކަންތައްތަކުގައި ހައްދުންނައްޓާ ހިސާބަށް ދާވާހަކަބުނުމަށް ނަދިމްބެ ބޭނުންކުރަން ފެށި “ތަންކޮޅެއް މަތިވެއްޖެ” މިބަސް މިއަދުވެފައިވަނީ ގިނަ ޒުވާނުންގެ އެންމެގިނައިން ބޭނުންކުރާ ބަހަކަށް ވެފައެވެ. ހާއްޞަކޮށް ޒުވާނުން ގްރޫޕް ހަދައިގެން ކަންތައްތައް ކުރާއިރު ނުވަތަ ކުޅިވަރުކުޅޭއިރު ނަދިމްބެގެ ފަރާތުން އިވޭ މިފަދަ ބަސްތައް ބޭނުން ކުރާލެއް ވަރަށް ގިނަކަން ފާހަގަކުރެވެއެވެ. ހަމަ މިއާއިއެކު ނަދިމްބެގެ ފަރާތުން އިވޭ އާދަޔާ ޚިލާފް ބަސްތަކަކީ މިއަދު އުމުރުން ދުވަސްވީ މީހުންގެ ވެސް އަތްމަތީބަހަކަށް ވެފައިވާ ބަސްތަކެކެވެ.

ނަދިމްބެގެ ގައިގައި މިވާ އާދަޔާ ޚިލާފް ހުނަރު ފާހަގަ ކުރެވޭ ނަދިމްބެގެ އެންމެ ގާތް އެކުވެރިން ފާހަގަ ކުރާގޮތުގައި ނަދިމްބެގެ ވާހަކަތަކަކީ އަޑުއަހާލަން ފަސޭހަ އަދި އޮޅުމެއްނެތި ވަރަށްސާފް ވާހަކަތަކެވެ. އަދި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ނަދިންބެގެ ފަރަތުން އާދަޔާ ޚިލާފް ބުނުންތައް އަޑުއިވެމުންދާކަން އެފަރާތްތަކުން ފާހަގަކުރެއެވެ.

ނަދިމްބެ އެނގެނީ ކިހާ މިންވަރަކަށްތަ؟

ނ.ލަންދޫއަށް އުފަން އަޙްމަދު ނަދީމް (ނަދިމްބެ) އަކީ ނ.ލަންދޫގެ ޒުވާން ދަރިއެއް ނަމަވެސް މިއަދު ނ.އަތޮޅުގެ އިތުރުން މުޅިރާއްޖެއަށް މަޝްޙޫރު ނަމެކެވެ.  ކުއްލިއަކަށް މޮޅެތި ބަސްތައް ބޭނުންކުރާ ޒުވާނެއްގެ އިތުރުން ކުޅަދާނަ މޮޅު އިސްލާމްޓީޗަރެއްގެ ގޮތުގައެވެ. ހަމައެހެންމެ ދީނީ ޖަމްޢިއްޔާއެއްގެ ހިންގުންތެރި ރައީސެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން ތެލިސީމިޔާ ކުދިންނަށް  ޤަވާއިދުން ލޭ ހަދިޔާކުރާ ޑޯނާއެއްގެ ގޮތުގައެވެ. ދުރުތާ ރައްޓެހިންނާ ގާތްގުޅުމެއް ބާއްވާ މިތުރެއްގެ ގޮތުގައިވެސް މެއެވެ.

އެންމެ މަޤްބޫލްމުދައްރިސް

މިއަދު ނަދިމްބެ ފާހަގަ ކުރެވިފައިވަނީ ނަދިމްބެ މަސައްކަތް ކުރައްވާ ލަންދޫ ސްކޫލުގެ އެންމެ މަޤުބޫލް އަދި އެންމެ ކަމިޔާބު އެއް މުދައްރިސްގެ ގޮތުގައެވެ.

ނަދިމްބެގެ ތަޢުލީމީ ހަޔާތް ފައްޓަވާފައިވަނީ ލަންދޫސްކޫލުންނެވެ. ލަންދޫ ސްކޫލުން ގްރޭޑް 7 ފުރިހަމަ ކުރެއްވުމަށްފަހު ސާނަވީ ތަޢުލީމް ޙާޞިލްކުރެއްވީ ހުޅުމާލޭ ޤާޒީ ސްކޫލުންނެވެ. އެސްކޫލުން ގްރޭޑް 10 ނިންމެވުމަށްށްފަހު ކުރީގެ ކުއްލިއްޔަތުލް ދިރާސާތުލްއިސްލާމިއްޔާ (މިހާރުގެ އިސްލާމިކް ޔުނިވަސިޓީ) އާއި ގުޅިވަޑައިގެން އިސްލާމް މުދައްރިސްކަމުގެ ކޯސް ފެއްޓެވުމަށްފަހު އެމްއެންޔޫގެ ފެކަލްޓީއޮފް ޝާރީޢާ އެންޑް ލޯއިން ބެޗްލާސް އޮފް ޓީޗިންގ އިސްލާމް އިން އޮނާރ ސެޓްފިކެޓް ހާސިލްކުރައްވާފައެވެ.

2015 ވަނަ އަހަރު ލަންދޫ ސްކޫލުގެ އިސްލާމް މުދައްރިސްކަމުގެ ވަޒީފާއަށް ވެންނެވި ނަދިމްބެވަނީ ވޭތުވެދިޔަ އަހަރު އެސްއެސްސީ އިމްތިހާނަށް ކިޔަވައިދެއްވި ހުރިހާ ކުދިން ފާސްކޮށް 100 ޕަސެންޓްގެ ރެކޯރޑެއް ހައްދަވާފައެވެ. އަދި 10 ދަރިވަރުން އެސްއެސްސީ އިސްލާމް ޓެސްޓް ހެދިއިރު އެއްކުއްޖަކަށް ސީ ފާސްލިބުނުއިރު އަނެއް 9 ދަރިވަރުން ވަނީ ބީ އާއި އޭ އަދި އޭ ސްޓާރ ހޯދާފައެވެ.

ކިޔަވައި ދެއްވުމުގައި ނަދިންބެ ފާހަގަ ކުރެވިފައިވަނީ ހުރިހާ ދަރިވަރުންނާއި ވެސް ވަރަށް ގާތްގުޅުމެއް ބާއްވަވާ، ފުޅާދާޢިރާއެއްގައި ދީނީ ޝިޢާރު ފާޅުކުރައްވާ ހުރިހާ ބެލެނިވެރިންގެ އިޙްތިރާމާއި ލޯބި ހާސިލް ކުރައްވާފައިވާ މުރާލި މުދައްރިސެއްގެ ގޮތުގައެވެ.

ޒުވާނުންގެ އެންމެގާތް ރަޙްމަތްތެރިޔާ

ނަދިމްބެ ފާހަގަކުރެވިފައިވަނީ އެންމެހާ ޒުވާނުންނާ ގުޅޭ، އަދި ވަރަށް ގާތްގުޅުމެއް ބާއްވަވާ ޒުވާނުންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައެވެ. ޚާއްޞަކޮށް ދީނީ ކަންތައްތައް އޮޅުން ފިލުވައި ދެއްވުމުގައި ނަދިމްބެއަކީ އެންމެހާ ޒުވާނުންގެ އެންމެ ގާތް އުސްތާޒެވެ. އަދި ޒުވާނުންނަށް ދިމާވާ ތަފާތު ކަންތައްތައް ހައްލުކުރުމުގައި ނަދިމްބެއަންނަނީ އަމިއްލައަށް އިސްނަގައިގެން މުހިއްމު ދައުރެއް އަދާކުރައްވަމުންނެވެ.

ނަދިމްބެ މަންމަ އާއި ބައްޕައާއެކު

ޢާއިލީ ގުޅުން ދެމެހެއްޓުމގައި ނަދިންބެއަކީ އޭނާގެ މަންމަ އާއިބައްޕަ ފަރާތުގެ ޢާއިލާގެ އިތުރުން ނަދިންބެގެ އަންހެނުންގެ ޢާއިލާގެ އެންމެންނާއިވެސް ވަރަށް ގާތްގުޅުމެއް ބާއްވަވާ ޢާއިލާގެ އެންމެގެ ހާލުވެސް ވަރަށް ގާތުން ބައްލަވާ ޢާއިލާގެ މީހަކަށް ކަމެއް ދިމާވެއްޖެ ނަމަ  އެކަމެއް ހައްލުކުރުމަށް ގަދަ އަޅާ މަސައްކަތްކުރާ ނަމޫނާ ޒުވަނެކެވެ.

އިޖުތިމާޢީ މަސައްކަތުގެ އެންމެއިސް އެއްމޭސްތިރިޔާ

ލަންދޫގައި މިވަގުތު ރަސްމީކޮށް ރަޖިސްޓަރީކުރެވިގެން ހިންގަމުން ގެންދާ ހަމަ އެކަނި ޖަމްއިއްޔާ ކަމަށްވާ ލަންދޫއިސްލާމިކް ފްރަންޓް ފޮރ އެޑިޔުކޭޝަން (ލައިފް) ޖަމްއިއްޔާގެ ހިންގުންތެރި ރައީސަކީ ނަދިމްބެއެވެ. ނަދިމްބެގެ ރައީސްކަމުގައި ލަންދޫގައި ހުރި ދެމިސްކިތުގައި ކާޕެޓް ދޫލަ އެޅުމުގެ އިތުރުން ލަންދޫގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުވުމުގެ މަޤްޞަދުގައި ދީނީ ޝިއާރުތައް ހިމެނޭ ގިނައަދަދެއްގެ ބޯޑުތަކެއްވަނީ ލަންދޫގެ މީހުންއުޅޭ އެކިއެކި ސަރަހައްދުތަކުގައި ހަރުކޮށްފައެވެ. އަދި ނަދިމްބެގެ ރައީސްކަމުގައި ރާއްޖޭގެ ނަންމަޝްޙޫރު ދީނީ އިލްމްވެރިންނެއް ލަންދޫއަށް ގެނެސް ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތައްވަނީ ހިންގާފައެވެ. އަދި ކުރިއަށްވެސް ވަރަށް ގިނަ ޕްރޮގްރާމްތައް ރޭވިފައިވަކަމަށް މަޢުލޫމަތު ލިބިފައި ވެއެވެ.

މީގެ އިތުރުން ލަންދޫގެ ތަރައްޤީއާއި ކުރިއެރުމަށް ހިންގޭ ތަފާތު ހަރަކާތްތަކުގައި ނަދިމްބެ އަންނަނީ ޢަމަލީގޮތުން ބައިވެރިވަމުންނެވެ. އަދި ނަދިމްބެގެ ލައިފް ޖަމްޢިއްޔާ އިސްވެއޮވެ މިފަދަ އެތައް ޙަރަކާތްތަކެއް ލަންދޫގައި ހިންގާފައިވެސް ވެއެވެ.

ފުޓްބޯޅައިގެ ބޮޑެއް

ލަންދޫ ސްކޫލްގެ މުވައްޒަފުންނާ ދަރިވަރުންނާ ދެމެދު ކުޅެވުނު ފުޓުބޯޅަ މެޗްގެ ތެރެއިން ފޮޓޯ: ލަންދޫ ސްކޫލް

ނަދިމްބެއަކީ ފުޓްބޯޅަކުޅުމާއި ފުޓްބޯޅަބެލުމުގެ އިތުރުން ރާއްޖެ އާއި ދުނިޔޭގެ ނަންމަޝްހޫރު ކުޅުންތެރިންގެ ބޮޑު ފޭނެކެވެ. ހާއްޞަކޮށް ރާއްޖޭގައި އުފެދުނު އެންމެ މޮޅުކުޅުންތެރިޔާ ޢަލީއަޝްފާޤް (ދަނގަޑޭ) އަށް ނުހަނު ސަޕޯރޓްކުރާ ސަޕޯރޓަރކެވެ. އަދި ދުނިޔޭގެ އެންމެ މުއްސަނދިކުލަބު ރިއަލްމެޑްރިޑްގެ މެޗުތައް ޤަވާއިދުން ބަލަމުން އަންނަ އެޓީމުގެ ބޮޑު ފޭނެކެވެ. ކުރިން ރިއަލްއަށް ކުޅުނު މިހާރު އިޓަލީގެ ޔުވެންޓާރސްއަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ތަރި ކުރިސްޓިއާނޯ ރޮނަލްޑޯއަށް އިންތިހާއަށް ސަޕޯރޓްކުރާ އޭނާގެ ސަޕޯރޓަރެކެވެ. އެކުވެރިންނާއެކު މިހާރުވެސް ޤާވާއިދުން ފުޓްބޯޅަ ކުޅެމުން އަންނަ ފުޓްބޯޅައިގެ  ޑިސިޕްލިންގ ދަމަހައްޓާ ޑިސިޕްލިންގ ކުޅުންތެރިއެއްވެސް މެއެވެ.

އަބަދުވެސް ދިވެހިވަންތަކަން އިސްކުރާ ޒުވާނެއް

ނަދިމްބެގެ އެންމެގާތް އެކުވެރިން ސިފަކުރާގޮތުގައި ނަދިމްބެއަކީ އަބަދުވެސް ދިވެހިވަންތަ ސިފަތަކަށް ލޯބިކުރާ ދިވެހި ލޭހިނގާ ދިވެހި ދަރިއެކެވެ. ނަދިމްބެގެ އެންމެގާތް އެކުވެރިޔާގެ ގޮތުގައި ދެކޭ ނަދިމްބެއާއިއެކު އެންމެ ގިނަދުވަހު ކިޔަވަން އުޅުނު ނ.ލަންދޫ ކީރަންމާގޭ ޢަބުދުﷲ ޝަމީޢު އާއި އަދި މިއަދު ނަދިންބެގެ އެންމެ ގާތް އެކުވެރިންގެ ގޮތުގައި ފާހަގަކުރާ “ނާރެސްޓީމު”ގެ މެމްބަރުންވެސް ފާހަގަކުރާ ގޮތުގައި ނަދިމްބެއަކީ އަބަދުވެސް ދިވެހިވަންތަ ކަމަށް ލޯބިކުރާ ޒުވާނެކެވެ. ހާއްޞަގޮތެއްގައި ނަދިމްބެއަށް އެންމެ ކަމުދާ ކެއުމެއްގެ ގޮތުގައި ދިވެހިންގެ އެންމެ މަޤްބޫލް ކެއުންކަމަށްވާ ކަރުދިޔައާއި ބަތް އަދި ކުރުނބާފަނި ފާހަގަކުރައްވައެވެ. ގިނަގިނައިން ޕިކުނިކް ދިއުމަށް ޝަޢުޤުވެރިވާ ނަދިމްބެ ޕިކްނިކް ގޮސްވެސް އެންމެބޮޑަށް ކާންބޭނުންވަނީ ދިވެހިވަންތަ ކެއުންތައްކަން ފާހަގަ ކުރައްވައެވެ. ހޮބީއެއްގެ ގޮތުގައި ފޮތްކިއުމަށް ޝަޢުޤުވެރިވާ ނަދިންބެ އެންމެ ކުރާހިތްވާ އެއްކަމަކީ މަސްވެރިކަމަށްވުމީވެސް ނަދިމްބެގެ ހިތުގައި ދިވެހިވަންތަ ސިފަ އަށަގެންފައިވާ ކަމުގެ ހެއްކެކެވެ.

ނަމާދު ނުކުރާނަމަ ކޮންމެ މީހަކުދެކެވެސް ރުޅިއަންނާނެ

ނަދިންބެއަކީ ކޮންމެ އުމުރުފުރައެއްގެ ކޮންމެ މިޒާޖެއްގެ މީހަކާއިވެސް ގުޅޭ، ހިތްހެޔޮ އޯގާތެރި  މަޑުމައިތިރި ޒުވާނެކެވެ. ލަންދޫގެ ޒުވާނުންގެ އިތުރުން ހަރުކުލައިގެ މީހުންވެސް ދީނީގޮތުން އޮޅުން އަރާފަދަކަމެއް ދިމާވެއްޖެނަމަ ނަދިމްބެގެ އެހީތެރިކަން ހޯދަމުން އަންނައިރު ނަދިމްބެ ފާހަގަ ކުރެވެނީ ކެނޑިނޭޅި ހުރިހާ އެންމެންނަށްވެސް ނަމާދަށް ދިއުމަށް ހަނދާންކޮށްދޭ އަދި އެއްވެސް ނަމާދެއްނާޅާ ބަރާބަރަށް ނަމާދަށް މިސްކިތަށްދާ ދީނީ ކަންތައްތަކަށް ޚާއްޞަ ސަމާލްކަމެއްދޭ ލަންދޫގެ އެންމެންގެ އުސްތާޒެއްގެ ގޮތުގައެވެ. ނަދިމްބެގެ ކިބައިގައި ރުޅިވެރިކަމުގެ ސިފަ ނެތް ނަމަވެސް ޤަވާއިދުން ބަރާބަރަށް ނަމާދު ނުކުރާނަމަ އެންމެ ގާތް މީހާއަށްވެސް ނުރުހުންތެރިކަން ދައްކާ ދީނީ އަޅުކަންތަކަށް ފަރުވާތެރި ސުންނަތް ދިރުވާ ޢާލާކުރާ ޒުވާނެއްގެ ގޮތުގައެވެ.

 ކުރިމަގަށްކުރާ އުއްމީދު

މިއަދު ނަދިމްބެއަކީ ޒިންމާދާރުފިރިއެއްގެ އިތުރުން ދެ ޢާއިލާއެއް ބެލުމުގެ ޒިންމާ އަދާކުރަމުން އަންނަ ނަމޫނާ ޒުވާނެކެވެ. ކުރިމަގަށް ނަދިމްބެ ކުރާއުއްމީދުތައް ބަޔާންކޮށްދެމުން ނަދިމްބެ ފާހަގަކުރެއްވި ގޮތުގައި މާސްޓަރސް ފެންވަރަށް ކިޔެވުމަކީ ވަރަށް ކައިރި މުސްތަޤްބަލެއްގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއެކެވެ. ހަމަ މިއާއެކު ރާއްޖޭގެ އެންމެ ތާރީޚީ އެއްރަށްކަމަށްވާ ހއ. ދިއްދޫ އަށް ޒިޔާރަތް ކޮށްލުމާއި ދުނިޔޭގައިވާ އެންމެ މުޤައްދަސް އެއް ރަށްކަމަށްވާ މަދީނާއަށް ދިއުމަކީވެސް ނަދިންބެ ދެކެމުން އަންނަ ހުވަފެނެކެވެ.

އެއް ކޮމެންޓް

  1. އަސްލުގައި ނަދިންބެ ފާހަގަ ކޮށްލެވެނީ ކުއްލި ޖަވާބު ދިނުމަށް. އެއީވެސް ހުނަރެއް.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close