ހެނދުނުގެ ނާސްތާގައި 55949 ދަރިވަރުން ނުހިމެނޭ ބެލެނިވެރިންގެ ކަންބޮޑުވުން އިންތިހާ
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމަނާފައިވާ ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް އެޑިއުކޭޝަން މިނިސްޓްރީން 2019 ވަނަ އަހަރު ފަށާއިރު އެޕްރޮގްރާގައި ހިމަނާފައި ވަނީ 25 ސްކޫލަކުން 14720 (ސާދަ ހާސް ހަތްސަތޭކަ ވިހި) ދަރިވަރުންނެވެ.
ނާރެސް އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަޒްދާ މުޙައްމަދު ވިދާޅުވީ 2019 ވަނަ އަހަރު ސަރުކާރުގެ ސްކޫލްތަކުގައި ތަޢުލީމް ޙާޞިލް ކުރުމަށް މިހާތަނަށް ޖުމްލަ 70669 (ހަތްދިހަ ހާސް ހަސަތޭކަ ފަސްދޮޅަސްނުވަ) ދަރިވަރުން ރަޖިސްޓްރީ ވެފައިވާ ކަމަށެވެ. ނަމަވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް މިއަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިދުވަސްވަރަކީ މުޅި ދުނިޔެއެކޭ އެއްގޮތަށް މުޅި ރާއްޖޭގައި ވެސް އިންސާނީ ޙައްޤު ތަކުގެ ވާހަކަ އާއި، ވަކިން ޚާއްޞަ ކޮށް ކުޑަކުދިންގެ ޙައްޤު ތަކުގެ ވާހަކަ ނުހަނު އަޑު އަރުކޮށް ދައްކަމުންދާ ދުވަސްވަރެކެވެ. މުޖުތަމަޢުގެ ތެރޭގައި ކުދިންގެ މެދުގައި ތަފާތު ކުރުުން ތައް ގެންގުޅޭ ވާހަކަ އާއި، ޢާއިލާ ތަކާއި، އަދި ހަމަ އެހެންމެ ސްކޫލް ތަކުގެ މާހައުލުގައިވެސް މަދުން ނަމަވެސް ދަރިވަރުންގެ މެދުގައި އެކިން ގޮތްގޮތައް އެކި މިންވަރަށް ތަފާތު ކުރުންތައް ގެންގުޅޭ ކަމުގެ ޝަކުވާ އަކީ ރާއްޖޭގައި ވެސް ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާ އެކެވެ. ހަމަ އެހެންމެ މިދުވަސް ވަރަކީ ކުޑަކުދިންގެ ޙައްޤު ތަކަށް މަސައްކަތް ކުރަމުން އަންނަ އަމިއްލަ ޖަމުޢިއްޔާ ޖަމާއަތް ތަކުން ވެސް މިކަންކަން ހުއްޓުވުމަށް ޓަކައި އާއްމު ރައްޔިތުންނާއި، ދައުލަތުގެ މުއަސްސަސާ ތަކުގައި ޚިދުމަތްތައް ފޯރުކޮށްދޭން ތިބި ފަރާތްތައް ހޭލުންތެރި ކުރުމަށް ނުހަނު ގިނަ ޕްރޮގްރާމް ތަކެއް ހިންގަމުންދާ ދުވަސް ވަރެކެވެ.
ސުވާލަކީ މިފަދަ ޕްރޮގުރާމެއް ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒް ކޮށްގެން ފަށާއިރު 55949 (ފަންސާސް ފަސްހާސް ނުވަސަތޭކަ ސާޅިސްނުވަ) ދަރިވަރުން އެކަހެރި ވާގޮތައް ފަށަން ނިންމީ ކީއްވެތޯ ކުރެވޭ ސުވާލެވެ. ރާއްޖޭގެ މުޖުތަމަޢު އަކީ ކުޑަ ކުޑަ މުޖުތަމައު އަކަށް ވީއިރު އެއް ސްކޫލެއްގައި ހނގާ ކަންކަމާއި ޙަރަކާތްތައް އަނެއް ސްކޫލެއްގެ ދަރިވަރުންނަށް ނޭގި ނުދާނެ އެވެ. ކަންމިހެން ހުރިއިރު މިކަމުގެ ސަބަބުން ނާސްތާ ދިނުމުގެ ޕްރޮގްރާމް އަމާޒް ނުކުރެވި މިވާ 187 ސްކޫލުގެ ފަންސާސް ފަސްހާސް ފަސްސަތޭކަ ސާޅީސް ނުވަ ދަރިވަރުންނަށް ނަފްސާނީ ގޮތުން ކުރާނެ އަސަރުތައް ދެނެ ގަތުމަށް ކަމާއިބެހޭ ވުޒާރާތަކުން ކިހާވަރެއްގެ ދިރާސާއެއް ކުރިތޯ މިއީ މިވަގުތު ކޮށްލަން ރަނގަޅު ސުވާލެކެވެ. މިކަމާއި ގުޅޭގޮތުން ނަފްސާނީ ދާއިރާގެ ތަޖްރިބާ ކާރު ބޭފުޅަކު ނަންނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ފަށާއިރު ވަކި ސްކޫލްތަކެއް ހިމަނައި ވަކި ސްކޫލް ތަކެއް ނުހިމަނާ ފެށުމަކީ ނުހަނު ހިތާމަ ކުރައްވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ނާސްތާ ދިނުމުގެ ޕްރޮގުރާމްގައި ހިމަނާފައި ނުވާ ސްކޫލްތަކުގެ ދަރިވަރުންނަށް ނަފްސާނީ ގޮތުން އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް އެއް ސްކޫލައްވުރެ ގިނަ ސްކޫލް ހުންނަ ރައްތަކާއި ސިޓީތަކުގައި އަސަރުކުރާ ނިސްބަތް އިތުރުވެގެން ދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އަބަދުވެސް އިވެމުން ދަނީ ސަރުކާރުގެ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ އަތޮޅު ތަކަށް ނިސްބަތްވާ ސްކޫލް ތަކާއި ގްރޭޓަރ މާލެ މިކިޔާ ސަރަޙައްދުގައި ހިމެނޭ ސްކޫލް ތަކުގެ މެދުގައި ސަރުކާރުތަކުން ގެންގުޅޭ ތަފާތު ކުރުން ތަކުގެ ވާހަކައެވެ. އެގޮތުން ނާސްތާ ދިނުމުގެ ޕްރޮގްރާމް ގައިވެސް މިތަފާތު ކުރުން މިވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ހުޅުމާލެ އަދި ވިލިމާލެ ނުހިމަނާވެސް ހަމަ އެކަނި މާލެއިން ތިން ސްކޫލެއް ވަނީ ވަނީ ހިމަނާފައެވެ. އެހެންނަމަ ވެސް އާބާދީގެ ތަފާތައް ބަލައި މިއީ ދެކޮޅަށް ވެސް ބަހުސް ކުރެވިދާނެ މަޢުޟޫ އެކެވެ. ނަމަވެސް ޔަޤީން ވާކަމަކީ ޢިމާރާތްތަކުން ފެށިގެން ގެން ގޮސް ވަޞީލަތްތައް ފޯރުކޮށް ދިނުމާއި ބަޖެޓް ދިނުމުގައި ވެސް ހުރިހާ ސަރުކާރަކުން ވެސް އެކި މިންވަރުގެ ތަފާތު ކުރުން ތައް ގެންގުޅޭ ކަމެވެ.
ނާސްތާ ދިނުމުގެ ޕްރޮގްރާމްގައި 25 ސްކޫލެއް ހިމަނާ ފަށާނެ ދުވަސް އިޢުލާން ކުރުމާއެކު މިނިންމުން ކަމުނުދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައާއި ނޫސްތަކުގައި މިކަމާއި ގުޅިގެން ގެނެސްދީފައި ޚަބަރުތަކަށް ފާޑުކިޔައި ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ސަރުކާރުގެ ހުރިހާ ސްކޫލްތަކެއް ނުހިމަނާ ފަށަން ނިންމި ނިންމުމަކީ ގިނަ ރައްޔިތުން ވަކިން ޚާއްސަކޮށް ބެލެނިވެރިން ރަތަށް އެރި ނިންމުމެއްކަން ފޭސްބުކުގެ ގިނަ ޕޯސްޓްތަކުން ވެސް ހާމަވެގެން ދެއެވެ.
މިދިޔަ ހަފްތާގައި އެޑިއުކާޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެބައްދަލްވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ނާސްތާދިނުމުގެ ޕްރޮގްރާމް އަންނަ އަހަރު މިފަށަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި 25 ސްކޫލެއްގައިކަމަށާއި އެންމެ އަވަސް ވެގެން ވެސް ހުރިހާ ސްކޫލެއްގައި ފެށިގެންދާނީ 2020 ވިހިވަނައަހަރު ކަމަށެވެ. ނާސްތާ ދިނުމުގެ ޕްރޮގްރާމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ 100 ދުވަހުގެ ވައުދުގައި ހިމަނާފައިވާ ޕްރޮގްރާމެކެވެ. މިވައުދަކީ ރައްޔިތުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައިވާ އެވަޢުދެއް ހަމަ އެހެންމެ ދަރިވަރުންގެމުސްތަޤުބަލުގެ އުއްމީދު ތަކާއި ގުޅިފައިވާ ވަޢުދެކެވެ. އުއްމީދަކީ ރައްޔިތުންގެ ހުރިކަންބޮޑު ވުންތަކަށް ވީއެންމެ އަވަސް ފުރުޞަތެއްގައި ހިތްހަމަ ޖެހުމެއް ހޯދައިދީ ސަރުކާރުގެހުރިހާ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ހަމަހަމަކަން ޤާއިމްވެގެން ދިއުމެވެ.
