ރާއްޖޭގެ ތަރައްޤީ ބިނާވެފައި އޮތީ ހަމައެކަނި ވެރިރަށް މާލެއަށް ނޫން ކަމަށާއި، ރަށްރަށުގައި ވިޔަފާރީގެ ބޮޑެތި ފުރުޞަތުތަކެއް އެބަހުރި ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގެ ހަވާސާގައި ބޭއްވި "ރަށްވެހި ތަރައްޤީ" އިންވެސްޓްމަންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީއަކުން އިސްނަގައިގެން ބޭއްވި މިފަދަ ފުރަތަމަ ފޯރަމަކީ، އެމްޑީޕީގެ ޕްރޮޖެކްޓްސް އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލްތަކުން ވަނީ ރަށްރަށުގައި އިންވެސްޓް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން 40 އަށްވުރެ ގިނަ ޕްރެޒެންޓޭޝަން ހުށަހަޅާފައެވެ.
ފޯރަމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި ހުރިހާ މަޝްރޫޢެއް ހިންގަންވާނީ ކައުންސިލްތަކަށް ފުރިހަމަ ބާރުދީގެން ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ހުރަސްތަކެއް ކުރިމަތިވި ނަމަވެސް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކައުންސިލްތަކުން ފަސްނުޖެހި މަސައްކަތް ކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ އިތުބާރު އެމްޑީޕީއަށް ލިބޭނީ ސިޔާސީ ޒުވާބުތަކުން ނޫން ކަމަށާއި، ރައްޔިތުންނަށް ޢަމަލީ ގޮތުން ނަތީޖާ ދައްކައިދީގެން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...