ރާއްޖޭގެ ރިސޯޓުތަކުން ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރުން ލާޒިމްކުރާ ބިލު ތަސްދީޤުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ ފުރިހަމަ ޙައްޤުތަކާއި އިޤްތިޞާދީ ޢަދާލަތާ ގުޅޭގޮތުން ވަރުގަދަ ވާހަކަފުޅުތަކެއް ދައްކަވާފިއެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓުތަކަކީ މުޅި ދައުލަތާއި ރައްޔިތުންގެ ޙިއްޞާއެއް އެކުލެވޭ ވަސީލަތްތަކަކަށްވާތީ، ވަކި ބަޔަކު މުއްސަނދިވެ، އާންމު ރައްޔިތުން ދަތިހާލުގައި އުޅެންޖެހޭޖެހުން ނިމުމަކަށް އަންނަންޖެހެއެވެ.
ޑޮލަރު މާރުކުރުމުގެ މިންވަރު އިތުރުކުރުމުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލައި، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ހުއްޓާލުމަށް ބައެއް ވިޔަފާރިވެރިން އެމަނިކުފާނަށް މެސެޖު ކުރެއްވިކަން ރައީސް ހާމަކުރެއްވިއެވެ. ނަމަވެސް، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި އެއްވެސް ދޫދެއްވުމެއް ނުދެއްވާނެ ކަމަށާއި، ބަޖެޓު ކުޑަކޮށް، ރައްޔިތުންނަށް ދޭންޖެހޭ ޙައްޤު މިންވަރު ނުދީ ހިފެހެއްޓުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ބާޒާރުގައި ޑޮލަރު ލިބުން ދަތިވެ، ދިވެހި ރުފިޔާގެ އަގު ދަށްވަމުންދާ މައްސަލައަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން ތަސްދީޤުކުރެއްވި މި ބިލުގެ ސަބަބުން ވިޔަފާރިތަކަށް ދަތިތަކެއް ނުފޯރާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި ރިސޯޓުތަކުން ލިބޭ އާމްދަނީން ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤު މިންވަރު ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ އިސް ޒިންމާ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...