ޚަބަރު ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ދަނޑުވެރިންގެ ނަފާ އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ: ރައީސް މުއިއްޒު

ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ދަނޑުވެރިންގެ ނަފާ އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ: ރައީސް މުއިއްޒު

ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ދަނޑުވެރިންގެ ނަފާ އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ: ރައީސް މުއިއްޒު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދަނޑުވެރިކަމުގެ ސިނާއަތުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ދަނޑުވެރިންނަށް ލިބޭ އާމްދަނީ އާއި ނަފާ އިތުރުވާނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަޒުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ގައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ހާއްސަ މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް ގައުމީ ފެންވަރެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި ދަނޑުވެރިން ކުރަމުންދަނީ އަގުހުރި މަސައްކަތްތަކެކެވެ. އަދި ބޭރުން ތަކެތި އެތެރެކުރާ މިންވަރު މަދުކޮށް، ތިމާވެއްޓާ އެކަށޭނަ އުސޫލުތަކުން އަމިއްލަ ގައުމުގައި ކާބޯތަކެތި އުފެއްދުމަކީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލާ ސީދާ ގުޅިފައިވާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުންނާއި ދަތުރުފަތުރުގެ ދަތިތަކުން ސަލާމަތްވުމަށް ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، މި ސިނާއަތު ފުޅާވުމުން ގައުމުން ބޭރުވާ ބޭރު ފައިސާ ހިފެހެއްޓި، އަތޮޅުތަކުގެ ރަށްރަށުގައި ވަޒީފާގެ އާ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށް ވިދާޅުވެ، ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތައް އެތެރެނުކޮށް ރާއްޖޭގައި ހައްދައިގެން މާރުކޭޓުތަކަށް ނެރެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އެންމެހައި ދަނޑުވެރިންނަށާއި، އެ ފަރާތްތަކުގެ އާއިލާތަކުގެ އިތުރުން މި ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ދުވަހުގެ އިހުލާސްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ފާހަގަކުރަނީ ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ހާއްސަކޮށްފައިވަނީ ގައުމުގެ ކާބޯތަކެތީގެ ޔަގީންކަން ދެމެހެއްޓުމަށާއި އިގުތިސާދު ވަރުގަދަކުރުމަށް ދަނޑުވެރިން ކުރާ ބުރަ މަސައްކަތްތައް ބަލައިގަނެ އަގުވަޒަންކުރުމަށެވެ. މީގެއިތުރުން ދަނޑުވެރިކަމަށް މީހުން އަހުލުވެރިކުރުވައި، ޒަމާނީ ވަސީލަތްތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތް ކުރިއެރުވުމަށް ބާރުއެޅުމަކީ ވެސް މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު އެއް މަގުސަދެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދަނޑުވެރިކަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.