ޚަބަރު

ސިނގިރޭޓް ކޮންޓެއިނަރު ވަގަށްނެގި މައްސަލަ: 4 މީހަކު ހައްޔަރު، އިތުރު ތަހުގީގުތައް ކުރިއަށް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު މިރޭ ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގެ ތަހުގީގުތައް މިހާރުވެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.

މި ސިނގިރޭޓް ކޮންޓެއިނަރު ވަގަށް ނަގާފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވިފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 09 ވަނަ ދުވަހުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއް ފުރުން މަނާ ކުރެވިފައިވާ ކަމަށާއި، ބައެއް އުޅަނދުތަކާއި ތަންތަން ބަލައި ފާސްކުރެވިފައިވާ ކަމަށެވެ. މިރޭ ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިއަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިސް މުވައްޒަފަކާއި އިތުރު މީހަކު ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެއް މިރޭވެސް ދަނީ ކުރިއަށެވެ. ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން، އިތުރު މައުލޫމާތު އާންމުކުރަމުން ގެންދާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close