ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަހައްދުގައި ތާރު އެޅުމަށް ތައްޔާރުވެއްޖެ

މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ބާޒާރުމަތީ ސަރަހައްދު ނުވަތަ ސެގްމެންޓް 2 ގައި ތާރު އެޅުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ހިމެނޭ މި މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ހެދުމުގެ މަސައްކަތް މިހަފްތާގައި ފެށުމަށް ހަމަޖެހިފައިވެއެވެ.
އެމްޓީސީސީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ބާޒާރުމަތީ މަގުގެ ސަބް-ބޭސް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އޭބީސީ ފަށަލަ އެޅުމާއި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާތެރޭ ފަށާނެ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ. މަގުބައްތި ޖެހުމާއި ސައިން ބޯޑުތައް ބެހެއްޓުންވެސް މި މަސައްކަތާ އެކު ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރިއެވެ.
ބާޒާރުމަތީ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެމްޓީސީސީން މީގެ ކުރިންވެސް ވަނީ ހާމަކޮށްފައެވެ. މި ސެގްމެންޓުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްގީކުރެވޭނެއެވެ.
މި މަސައްކަތް ނިމުމުން ބާޒާރުމަތީ ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މުޅި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.


