ޚަބަރު

މިނިވަން ފަނޑިޔާރު ގެއެއް އޮތުމަކީ ޒަމާނީ ޑިމޮކްރެސީއެއް އޭގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިންމު އެއް ރުކުން – ރައީސް

މިނިވަން ފަނޑިޔާރު ގެޔެއް އޮތުމަކީ ޒަމާނީ ޑިމޮކްރެސީއެއް އޭގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިންމު އެއް ރުކުންކަމަށާއި އަދި އެފަދަ ޑިމޮކްރެސީއެއްގެ ތެރެއިން ރައްޔިތުންގެ ވެރިކަމެއް ކުރާ އިރު ރައްޔިތުންނާ އެންމެ ރައްޓެހި ވާން ޖެހޭނީ ފަނޑިޔާރުގެ ކަމަށް ރައީސް އިބްރާހިމް މިހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ޞޯލިޙް މިހެން ވިދާޅުވީ ގަޟާއީ އާ އަހަރުގެ މަސައްކަތް ފެށުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުންގެ ވެރިކަމެއް ކުރާ އިރު، ރައްޔިތުމީހާއާ އެންމެ ރައްޓެހި، އަދި އެންމެ ގާތުން ހިދުމަތްދޭ ތަނަކަށް ވާން ޖެހޭނީ ފަނޑިޔާރުގެކަމަށެވެ. އަދި އެތަންތަނުގެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނަންވާނީ ކޮންމެ މީހަކަށް ވެސް ފަސޭހައިން މައްސަލަ ހުށަހެޅޭ ގޮތަށްކަމަށްވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބަކީ ރައްޔިތުމީހާ ފަނޑިޔާރުގޭގެ ދޮރުގައި ޓަކި ދޭނީ އޭނާގެ ހައްގެއް ހޯދުމަށްޓަކައި ކަމަށްވާތީކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ފަނޑިޔާރު ގެޔަކީވެސް ދައުލަތުގެ ދެން ހުރި ބާރުތައް ފަދައިން ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭ ތަނެއް ކަމަށެވެ.

އެމަނިކުފާނު މިރޭ، ވިދާޅުވީ، ފަނޑިޔާރު ގެޔަކީވެސް ބިނާކުރަނިވި ފާޑުކިޔުމަށް ތަރުހީބޫދޭ ތަނަކަށް ވާން ޖެހޭ ކަމަށެވެ. އަދި އެގޮތަށް ކަންތައްތައް ކުރާ ނަމަ ފަނޑިޔާރުގެ ސީދާ މަގަށް އަޅުވަން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ކޮންމެ އިންސާނެއްގެ ހަޔާތުގައިވެސް އެ މީހެއްގެ ނަޒާހަތްތެރިކަން އިމްތިހާނުވާ ދަނޑިވަޅުތައް އަންނާނެ ކަމަށްވެސް ރައީސް މިރޭ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަދު ރައްޔިތުން ކުރާ އެންމެ ބޮޑު އުންމީދަކީ ފަނޑިޔާރުން ނުފޫޒުތަކުން އެއްކިބާވެ ތިބެ، އަދުލުވެރިކަމާ އެކު އަދުލުއިންސާފު ގާއިމް ކުރާނެ ކަމުގެ އުންމީދު ކަމުގަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close