މިހާރުވެސް ކުށެއްގެ ގޮތުގައި އޮތްކަމެއް އަލުން އިސްލާހް ކުރުމުން ކަމަކުނުދޭ – ޝައިޚް ޢަލީ ޒާހިރު
މިހާރުވެސް ކުށެއްގެ ގޮތުގައި ޤާނޫނުލް ޢުޤޫބާތުގެ 617 ވަނަ މާއްދާގައި އޮތް ކަމެއް އިތުރު އިސްލާޙެއްގެ ގޮތުގައި ހުށައެޅުމަކުން ރައްޔިތުންގެ ކަންބޮޑުވުން ފިލައިގެންދާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ ކަމަށް މަޝްހޫރު ދީނީ ޢިލްމްވެރިޔާ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނާ ދެކޮޅަށް އުޅޭ މީހަކާ ދިމާލަށް ތިޔައީ ދީނާ ދެކޮޅު މީހެކޭ ބުނުމަކީ ކުށަކަށް ހަދައި، ދީނަށް ފުރައްސާރަ ކުރެވޭ ގޮތަށް ޤާނޫނުލް ޢޫޤޫބާތަށް އިސްލާޙު ގެންނާތީ އެކަމާ ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރުމުން އެއިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް، އެކަން ޙައްލު ކުރުމުގެ ނަމުގައި މިހާރުވެސް ކުށެއްގެ ގޮތުގައި ޤާނޫނުލް ޢުޤޫބާތުގެ 617 ވަނަ މާއްދާގައި އޮތް ކަމެއް އިތުރު އިސްލާޙެއްގެ ގޮތުގައި ހުށައެޅުމަކުން ރައްޔިތުންގެ ކަންބޮޑުވުން ފިލައިގެންދާނެ ކަމަކަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.
ޝައިޚްގެ ޓްވީޓްގައިވަނީ ބަންޑާރަ ނައިބްގެ އޮފީހުން ނެރުއްވި ނޫސްބަޔާންވެސް ހިއްސާކުރައްވާފައެވެ.
އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރު ވެސް އެކުލެވޭ ކުށެއް ކަމުގައިވާ “އިސްލާމްދީނާ އިދިކޮޅު އަމަލުތައް” އިތުރަށް ތަފްސީލު ކުރުން ކަމަށެވެ.
އެގޮތުން އެ ކުށުގެ އަމަލުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލުތައް ވަކިވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާން ކުރުމަށް ޓަކައި އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް އެ ބިލުގައި ހިމަނާފައި ވާނެ ކަމަށެވެ.
އޭގެ ތެރޭގައި މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫން ވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން ވެސް އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ބަޔާން ކުރުމަށް އެ ބިލުގައި ވަނީ ހުށަހަޅާފައެވެ.
ދީނީ ޢިލްމުވެރިންނާއި، ޢާއްމުރައްޔިތުންގެ ގިނަބަޔަކު މިކަމާގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދަނީ މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި އެމީހާއަކީ ކާފަރެކޭ ބުނުމަކީ ކުށެއް ގޮތުގައި ކަނޑައަޅަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހާ ގުޅިގެންނެވެ.
ކަންބޮޑުވުން ފާޅުކުރައްވާ ބޭފުޅުންގެ ޝަކުވާއަކީ ދީނަށް ފުރައްސާރަ ކުރުމަކީ މި ރާއްޖޭގައި އާންމު ވެފަވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކުށް ކުރާ މީހުންނަށް ހުކުމެއް ތަންފީޒު ނުކުރާ އިރު މިފަދަ އިސްލާހެއް ގެނައުމަކީ ދީނަށް ފުރައްސާރަ ކުރާ މީހުންގެ އަމަލުތަކަށް ހިތްވަރު ލިބޭނެ ކަމެއް ކަމުގައެވެ. އަދި އެފަދަ މީހުން ހައްދުންނެއްޓި ފުރައްސާރަކުރުން އިތުރުވެގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.
ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ.
ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

